ރާއްޖޭގެ ޚަބަރު ﷲ ނަޞްރު ދެއްވަނީ ޙައްޤުގެ މަގުގައި ސާބިތުކަމާއެކު ޖިހާދުކުރާ ފަރާތްތަކަށް: ޑިފެންސް މިނިސްޓަރު

ﷲ ނަޞްރު ދެއްވަނީ ޙައްޤުގެ މަގުގައި ސާބިތުކަމާއެކު ޖިހާދުކުރާ ފަރާތްތަކަށް: ޑިފެންސް މިނިސްޓަރު

ﷲ ނަޞްރު ދެއްވަނީ ޙައްޤުގެ މަގުގައި ސާބިތުކަމާއެކު ޖިހާދުކުރާ ފަރާތްތަކަށް: ޑިފެންސް މިނިސްޓަރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ﷲ ނަޞްރު ދެއްވަނީ ޙައްޤުގެ މަގުގައި ސާބިތުކަމާއެކު ޖިހާދުކުރާ ފަރާތްތަކަށް ކަމުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ނެރުނު ޚާއްޞަ ސަޕްލިމެންޓަށް ދެއްވި ޚިޠާބުގައެވެ.

މި ޚިޠާބުގައި، މިދުވަހަކީ ދިވެހިންނަށް މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވި މަތިވެރި ނަޞްރަށް ޝުކުރުވެރި ވާންވީ ދުވަސް ކަމަށާއި، އެފަދަ ދުވަހެއް ތަކުރާރުވެގެން އަޔަ ނުދިނުމަށްޓަކައި ހުރިހާ ރައްޔިތުން އެއް ޢަޒުމެއްގައި މަސައްކަތް ކުރަންވީ ދުވަސް ކަމުގައެވެ. އަދި ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާއިން ޢިބުރަތް ހާސިލުކޮށް، ޤައުމީ ސަލާމަތަށް ދޭންޖެހޭ އަހުމިއްޔަތުކަން ކުޑަނުކޮށް ކުރިއަށް ދިއުމަށް ޢަޒުމް ކަނޑައަޅަންވީ ދުވަސް ކަމަށާއި، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ނަޞްރު ދެއްވަނީ ޙައްޤުގެ މަގުގައި ސާބިތުކަމާއެކު ޖިހާދުކުރާ ފަރާތްތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބު ކުރިއަށް ގެންދަވަމުން، މި ޤައުމުގައި ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި ބިރުވެރިކަމާއި ނާމާންކަމުން ޤައުމު ސަލާމަތްކޮށް، މިނިވަން ޤައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ. އަދި ބައިބައިވުމާއި ފަސާދަޔާއި ޓެރަރިސްޓް ޢަމަލުތަކުން މި ޤައުމު ސަލާމަތް ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަމަށްވެސް ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

'' ދިވެހިންނަކީ ކުރިމަތިލާންޖެހުނު ކޮންމެ ނުރައްކަލަކާވެސް ފަސްނުޖެހި ކުރިމަތިލައި، ދީނާއި ޤައުމުގެ ޙައްޤުގައި ތެދުވެފައިވާ ބައެކެވެ. 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ކުރިމަތިވުމުންވެސް ދިވެހިންވަނީ އެއްބައެއްގެ ގޮތުގައި އެއްބައިވަންތަކަމާއެކު ދީނާއި ޤައުމުގެ ޙައްޤުގައި ތެދުވެ އަގުހުރި ޖިހާދެއްކޮށް ކާމިޔާބު ހޯދާފައެވެ. އެދުވަހު ދިވެހި ސިފައިން ދައްކައިދިނީ ހިތްވަރާއި ޢަޒުމުގެ ލާމަސީލު ނަމޫނާއެކެވެ.'' ޑިފެންސް މިނިސްޓަރގެ ޚިޠާބުގައިވެއެވެ.

އެމަނިކުފާނުގެ ޚިޠާބު ކުރިއަށް ގެންދަވަމުން، ދިވެހިންގެ އެއްބައިވަންތަކަމާއި، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ސުލްޙަވެރިކަން ނަގާލުމަށް ބޭނުންވާ ބަޔަކު މިއަދުވެސް ތަފާތު ރޭވުންތައް ރާވަމުންދާނެކަން އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމަށާއި، ޤައުމު ހަލަބޮލިކޮށް، ޤައުމުގައި ބިރުވެރިކަން އުފައްދަން އެފަދަ ފަރާތްތަކުން ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކުން ކޮށްފާނެ ކޮންމެ ނޭއްގާނީ ޢަމަލަކަށް، ދީނާއި ޤައުމު ދެކެ ލޯބިވާ ދަރިން، ޚާއްޞަކޮށް ޤައުމީ ދިފާޢީ ބާރު އޮންނަންވާނީ ފިސާރި ރަނގަޅަށް ތައްޔާރުވެގެން ކަމުގައިވެސް ޑިފެންސް މިނިސްޓަރގެ ޚިޠާބުގައި ގޮވާލެއްވިއެވެ.

1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ދުޝްމިނުން ދެމުންދިޔަ ބާރުގަދަ ޙަމަލާތަކުން ސިފައިންގެ މައި މަރުކަޒު ދިފާޢުކޮށް، ދުސްމިނުން ފަހަތަށް ޖައްސައި، ޤައުމުގެ މިނިވަންކަން ދިފާޢުކުރި ހިތްވަރުގަދަ ސިފައިންނަށް ޙައްޤުވަނީ ޝުކުރާއި ތަޢުރީފު ކަމަށާއި، އެދުވަހުގެ އެ ބިރުވެރިކަމާއި ނާމާންކަމުގެ ވަގުތުގައި ދިވެހި ރައްޔިތުން ދައްކުވައިދިން އެއްބައިވަންތަކަމާއި ސަރުކާރަށާއި ސިފައިންނަށް ކުރި މަތިވެރި އިތުބާރަށް ޙައްޤުވަނީ އައްސަރިބަހާ ސާބަސް ކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންނަކީ އެދުވަހު މާތްﷲ އަޅުގަނޑުމެންނަށް ދެއްވި ނަޞްރަށް ޝުކުރުވެރިވާ ބަޔަކުނަމަ އެގޮތުގައި އަޅުގަނޑުމެންގެ ކަންތައްތައް މިއަދުވެސް އަދި މާދަމާވެސް ދަމަހައްޓަން ޖެހޭ ކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.