އިއްޔެ ޖެހި ބާރު ބިރުވެރި ގުގުރި އާއި އެކު އެތައް ބަޔަކު ގަދަ ނިދިން ހޭލައްވާލިއެވެ. ޢާއްމު ކޮށް މާލޭގައި އެންމެންހެން ގަދަ ނިދީގައި ތިބޭ ހެނދުނުގެ އެ ހިތްގައިމު ވަގުތު ބިރުވެރި ނުރައްކާތެރި ވަގުތު ކޮޅަކަށްވީ ޖެހި ބާރު ގުގުރި އާއި އެކު ދިރާގުގެ ފޯނު ޚިދުމަތް ކެނޑުމަކުން އެކަންޏެއް ނޫނެވެ. ނުވަތަ ޓީވީއެމްގެ ޓްރާންސްމިޝަން މެދުކެނޑުމަކުން ވެސް ނުމެ ނޫންމެއެވެ. އެތައް ބަޔަކު ބިރުން ވިރިވިރި ތިބިއިރު ޅަދަރީންތައް ރޮއެ ހޭރެނީ އެވެ. އެހެނަސް މިއަދު އެހީތެރިކަން ފޯރުކޮށްދެވޭނީ ފަހެ ކާކަށް ހެއްޔެވެ؟
މި ދެންނެވީ އިއްޔެ މާލެއަށް ޖެހި ބާރު ގުގުރިއަކުން ތަންކޮޅެއްގެ ވާހަކަ އެވެ. މިއިން ދުވަހަކު ވެސް ﷲ ހަނދުމަ ނުވާ އެތައް ބަޔަކަށް އިއްޔެގެ ގުގުރިން ވަނީ ފުން އަސަރު ތަކެއް ކުރުވާފައެވެ. ތިމާމެންގެ އާރެއް ބާރެއް ނެތް ކަމާއި ނިކަމެތިކަން ސުނާމީއަށްފަހު މާލޭގެ ރައްޔިތުންނަށް ހަނދާން އާކޮށްދިނީވެސް އިއްޔެގެ ބާރު ގުގުރި އެވެ.
ވިސްނަވާށެވެ! މިއީ އެންމެ ގުގުރި އަކުން ތަންކޮޅެއްގެ ވާހަކަ އެކެވެ. ދުނިޔޭގެ ބައެއް ޤައުމު ތަކުގައި މެދުނުކެނޑި ބޮޑެތި ތޫފާނު ތަކާއި އެކު އެތައް ހާސް މޭލެއްގެ ބާރުމިނުގެ ވަޔާއި އެކު އޭގެ އިންތިހާ އަށް އަޑުގަދަ ހޮނު ގުގުރި ޖަހަޖަހާ އޮންނަ އިރުވެސް މާތް ﷲ ގެ ރަޙުމަތްފުޅުން މި ޤައުމުގެ ރައްޔިތުންނަށް އެފަދަ ހިތްދަތި ކަމާއި ކެކުޅުމާއި ވޭނެއް ތަޙައްމަލު ކުރަން ނުޖެހުމަކީ ﷲ ދެއްވި ކިހާ މަތިވެރި ނިޢުމަތެއް ތޯއެވެ!
ރާއްޖެ އަންނަ ބޭރުގެ ބައެއް ނޫސްވެރިންނާއި ބައެއް ފަތުރުވެރިންގެ އިތުރުން ބާެރު ޤައުމު ތަކުގައި ތިބި ރައްޓެހިންނާއި ބީރައްޓެހިންވެސް ދިވެހިންނަށް ﷲ ދެއްވި ނިއުމަތްތަކާއި މެދު އަންތަރީސް ވެއެވެ. އެމީހުން ދިވެހި ރާއްޖެ ސިފަކޮށްދިނުމަށް އެދުމުން އެއީ ކަނޑުގެ ސަތަޙައިން ފެށިގެން އެންމެ މީޓަރެއްގެ މައްޗަށް އުފުލިފައި އޮންނަ ޖަޒީރާ ޤައުމެކޭ ބުނާއިރަށް ބޮޑުދިޔައިގައި ކޮންމެ ދުވަހަކު ރާއްޖެ ކަނޑު އަޑިއަށް ޣަރަޤު ނުވޭތޯ ސުވާލު ކުރެއެވެ. ނޫނެކޭ ބުނުމުން އެންމެ މީޓަރެއްގެ މަތީގައި ވަށައިގެން ކަނޑު އޮންނައިރު އުޅެން ބިރު ނުގަންނަނީ ކީއްވެތޯ އާއި މި ރަށްތައް ބޮޑުދިޔައިގައި އަޑިއަސް ނުގޮސް އޮންނަނީ ކީއްވެގެން ކިހިނެއްތޯ އަހާ އުޅެއެވެ.
މިފަދަ ކަންކަމާއި ޣައިރު މުސްލިމުން ވިސްނާލާ މިންވަރަށް ވެސް އަޅުގަނޑުމެންނަށް ވިސްނާލެވޭ ނަމަ ﷲ ދެއްވާފައި މިވަނީ ކިހާ މަތިވެރި ނިޢުމަތް ތަކެއްކަން ވިސްނައި ގަނެވިދާނެއެވެ.
އެހެނަސް މި ނިޢުމަތް ތާ އަބަދަށް ދެމިގެން ނުދިޔުމަކީ މިއަދުގެ މުޖުތަމަޢުން ފެންނަމުންދާ މަންޒަރު ތަކަށް ބަލާއިރު ވުން ކައިރި ކަމެކެވެ. ﷲގެ ޢަޒާބާއި ކޯފާ އަންނަ ހިނދު ލަހެއް ފަހެއް ވުމެއް ނޯވެއެވެ. އެކަލާނގެއީ ނިކަމެތި މަދިރި އަކުން މަތިވެރި ބޮޑު ކަލެއް ކަމަށް ދަޢުވާ ކުރަމުން ގެންދިޔަ ރަސްކަލަކަށް ޢަޒާބު ދެއްކެވުމަށްފަހު ގެންދެވި އިލާހެވެ.
އެކަލާނގެއީ ފިރުޢައުނާއި ހާމާނާއި ޤާރޫނު ޣަރަޤު ކުރެއްވި މަތިވެރި އިލާހެވެ. ﷲ ވަނީ އެކަލާނގެ ކޯފާއިން ސަލާމަތްވުމުގެ މަގު އެކަލާނގެ އަޅުތަކުންނަށް ދައްކަވާފަ އެވެ. އެއީ އެކަލާނގެ އަށް ފުރިހަމައަށް ކިޔަމަން ގަނެ އީމާންވެގެންނެވެ. އެފަދަ އީމާންތެރި ކަމެއް ލިބިފައިވާ މީހަކު ނަމަ މަރަކީ އޭނާ އާއި ކޮންމެ ވަގުތަކުވެސް ބައްދަލު ވެދާނެ އެއްޗެއްކަން ދަނެ އެ މަރަށް ތައްޔާރުވެގެން ހުރެއެވެ. އެފަދަ މީހުންނަކީ މަރުގެ ސަކަރާތުގެ ވަގުތުގައި ވެސް ހިނިތުން ވުމާއި އުފާވެރި ކަމާއި އެކު ދުނިޔެ ދޫކުރާ މީހުންނެވެ.
އަޅުގަނޑުގެ ދުޢާ އަކީ އަޅަމެންގެ ތެރެއިން ނުބައި ފާފަ ކުރާ ބޮޑެތި ފާފަވެރިންގެ ނުބައިކަމުން ﷲގެ ޢާއްމު ކޯފާއެއް މި ދިވެހި ޤައުމަށް ނުފޮނުއްވުމެވެ. އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާ ހެޔޮ ރަޙުމަތް ލައްވާ އަޅަމެންގެ ތެރެއިން މަގު ގެއްލިފައި ތިބި ފަަރާތްތަކަށް ތެދުމަގު ދެއްކެވުމެވެ!
ކޮމެންޓް (0)
ލޯޑް ކުރަމުން...