ތައާރަފް:
ދިވެހިރާއްޖޭގެ ތާރީހު ދިރާސާކުރާ އެއްވެސް ދަރިވަރަކަށް ޕިރާޑަކީ ކާކުކަން އޮޅުވަޑައިގެންފައެއް ނޯންނާނެއެވެ. ޕިރާޑަކީ ފަރަންސޭސިވިލާތުގެ ލަވާލްއަށް އުފަންވި މަޝްހޫރު ސައްޔާހެކެވެ. ޕިރާޑަށް ރާއްޖެ އާދެވުނީ އޭނާ ދަތުރުކުރަމުންދިޔަ “ކޯބިން” ނަމަކަށް ކިޔާ ނައު ބ. ގޮއިދޫ ފަރަށް އުރުމުންނެވެ. ޕިރާޑު ފާހަގަ ކުރެވިފައިވަނީ 17 ވަނަ ގަރުނުގައި ރާއްޖޭގައި ކަންތައްތައް ހިނގިގޮތުގެ އެންމެ ތަފްސީލީ ތާރީހީ މައުލޫމާތު ލިޔުއްވި ބޭފުޅާގެ ގޮތުގައެވެ. ދިވެހިރާއްޖެއާއި ބެހޭގޮތުން ޕިރާޑު ލިޔުއްވި ފޮތުގައި ރާއްޖޭގެ އޭރުގެ ހާލަތާއި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ވަރަށް ރަނގަޅަށް ބަޔާން ކޮށްދީފައިވެއެވެ. މިލިޔުމުގައި އަޅުގަނޑު ގެނެސްދޭން ގަސްތުކުރަނީ ދިވެހިރާއްޖެއާއި ބެހޭގޮތުން ޕިރާޑު ލިޔުއްވި “ދަ ވޮއެޖް” މިފޮތުގައި ރާއްޖޭގެ ދީނީކަންތައްތައް ހުރިގޮތް ކަމަށް ލިޔެފައިވާ “ބައެއް” މައުލޫމާތު ތަކެވެ.
ނަމާދު ވަގުތުތަކާއި ގުޅޭގޮތުން ޕިރާޑު ލިޔުއްވައިފައި ވެއެވެ:
“ފަތިސްނަމާދު ފިޔަވައި ކޮންމެ ދުވަހަކުވެސް ހަތަރުފަހަރު އެބައިމީހުން މިސްކިތައް ދެއެވެ. އެއީ މެންދުރުވާއިރާ، މެންދުރުފަހު 3 ޖަހާއިރާ، އިރުއޮއްސޭއިރާ އަދި ރޭގަނޑު 10 ޖަހާއިރެވެ. މިއިން ކޮންމެ ފަހަރަކުމެ އެބައިމީހުން ބައިގަޑިއެއްހާއިރު މިސްކިތުގައި ތިބެއެވެ. އަންހެނުން އެއްގޮތަކަށްވެސް މިސްކިތު އެތެރެއަކަށް ނުވަންނާނެއެވެ. އެހެންވެގެން މަތީގައިބުނި ފަސްވަގުތު އެބައިމީހުން ނަމާދުކުރާނީ ގޭތެރޭގައެވެ. ކަންމިހެން ހުރިނަމަވެސް ހުކުރުދުވަސް ފިޔަވައި އެހެންދުވަސްދުވަހަށް ފިރެހެނުން ކޮންމެހެން މިސްކިތަށް ނުދިޔަޔަކަސް އެންމެ ރަނގަޅެވެ. އެބައިމީހުންގެ ގޭގައި ނުވަތަ އެހެންވެސް ތަނެއްގައި ދުޢާއާއި ނަމާދު ކުރެވިދާނެއެވެ.
މީހަކާމެދު އޭނާއީ އެއްގޮތަކަށްވެސް ނަމާދު ނުކުރާ މީހެއްކަމުގައި މަޝްހޫރުވެއްޖެނަމަ އެއްވެސް މީހަކު އޭނާޔާއެކު ކެއުމުގެ މަޖްލިސްއެއް ނުކުރާނެއެވެ. އަދި އެހެންވެސް އެކުވެރިކަމުގެ ގުޅުމެއް ނުބަހައްޓާނެއެވެ. އެބާވަތުގެ މީހުންނާއިމެދު އެބައިމީހުން ބުނަނީ އެއީ ރަނގަޅު މުސްލިމަކު ނޫނެވެ. މިސަބަބާހެދި އެބައިމީހުން އެންމެންހެން ނަމާދުކުރެއެވެ. މަސައްކަތުގައި އުޅޭ ވަގުތަކަސް ހިލޭ ހުންނައިރަކު ނަމަވެސް މިބުނިގޮތްމަތީން އެކަންތައް ކުރާންޖެހެއެވެ. އެހެންވީއިރު އެފަސްފަހަރަކީ އެބައިމީހުންގެ ވަގުތުންދެވޭ ބަރު ޓެކްސްއެކެވެ.”
ފަތިސްނަމާދާއި ގުނޫތާއި ގުޅޭގޮތުން ޕިރާޑް ލިޔުއްވައިފައި ވެއެވެ:
“ކޮންމެ ދުވަހަކަށް ފަޖުރުލުމާއެކު އެބައިމީހުން މިސްކިތަށް ދެއެވެ. މިއީ އަޅުކަމުގެ އިތުރުން އެބައިމީހުންނަށް ވެފައި އޮންނަ ޔަގީނެއްގެ މަތީން ކުރާކަމެކެވެ. އެމީހުންގެ ބަހުގައި މިބިމަކީ ފަތިއެއްޗެކެވެ. ވަށްއެއްޗެއްނޫނެވެ. އެ ފަތި ބިން ވަށައިގެން ލޯފާރެއް ހުރެއެވެ. އޭގެ ބޭރުގައިވާ ބޮޑު ފެންގަޑު އައިސް މިބިން ފޮރުވާނުލާ އޮވެވެނީ މިބުނި ފާރުގެ ސަބަބުންނެވެ. ދެން އިންސާނިއްޔަތާއި އެންމެ ބޮޑު ދުޝްމިނު ޝައިޠާން ރޭގަނޑު ހުންނަނީ އެފާރު ކައިރީގައެވެ. އަދި އެއިން ބާގަޑެއް ހެދުމަށް މަސައްކަތް ކޮށްކޮށެވެ. މިހެންގޮސް ފަޖުރަށްލާއިރު އެފާރުން ބާގަޑެއް ހެދުމަށް އޮންނަނީ ތައްޔާރުވެފައެވެ. އެހެންވެގެން 15 އަހަރުންމަތީގެ ހުރިހާ ފިރެހެނުން ފަތިހު މިސްކިތަށްގޮސް ނަމާދުކޮށް ޤުނޫތު ކިޔާނެއެވެ. އެންމެ ރެޔަކުވެސް އެކަން އެހެން ނުކުރީވިއްޔާ މިދުނިޔެ ހަލާކުވެދާނެއެވެ.” (ނޯޓް: މިއަދުވެސް އަޅުގަނޑުމެންގެ މުޖުތަމައުތަކުގައި ބައެއްމީހުން މިފަދަ ގަބޫލުކުރުންތަކަށް ތަބާވެ ހަމައެކަނި ފަތިސްނަމާދުުގައި ގުނޫތު ކިޔައެވެ. އަޅުގަނޑުމެން ބަލަންޖެހޭނީ ސުންނަތުގައި ވާގޮތެވެ. ކާބަފައިން ކަންތައް ކުރެއްވި ގޮތަކީ ސުންނަތާއި ހިލާފު ގޮތެއް ނަމަ އެގޮތެއް ދޫކޮށްލަން ޖެހެއެވެ. އެހެނީ ދީނުގެ ތެރެއަށް އަލަށްވަންނަ ކޮންމެ ކަމަކީ ބިދުއައެކެވެ.)
ދިވެހި ފިރެހެނުންގެ ތުނބުޅިއާއި ބެހޭގޮތުން ޕިރާޑް ލިޔުއްވައިފައިވެެއެވެ:
“އެބައިމީހުން ދެފާޑަކަށް ތުނބުޅި ބަހައްޓައެވެ. މީގެތެރެއިން އެއްވައްތަރެއްގެ ތުނބުޅި ބެހެއްޓުމުގެ އަމުރު އޮންނަނީ ވަކިބަޔަކަށެވެ. އެއީ، ފަނޑިޔާރުން، ނާއިބުން ކަތީބުން، މުދިމުންނާއި އަދި ޙައްޖުވެ މަދީނާވެގެން ތިބި މީހުންނަށެވެ. މިބައިމީހުންގެ ތުނބުޅީން އެއްގޮތަކަށްވެސް، އިސްތަށްޓެއް ނުކަޑައި ދިގުވީ ވަރަކަށް ދިގުކުރަނީއެވެ. އެކަމަކު، ބައެއްމީހުން ދަތްދޮޅީގެ ތިރިން، ކަރުދޮށުން ބާލައެވެ. އަދި ދެތުންފަތުގެ ތިރިންނާއި، މަތީންވެސް ހިސާބަކަށް ބާލައެވެ. އެގޮތަކީ، އެބައިމީހުން ކައިބޮއިހަދާ އެއްޗެއްގައި އިސްތަށްޓެއް ޖެހުމަށްވުރެ ވަކިބޮޑަށް އެބައިމީހުން ފަކުރުގަންނަ ނަޖިސް އެއްވެސް އެއްޗެއް މުޅި ދުނިޔޭގައިވެސް ނޯންނާނެއެވެ. އަނގައިގެ ވަށައިގެންވާ އިސްތަށިތައް ކޮށަނީ އެހެންވެގެންނެވެ. އެބައިމީހުން، ކާތަށީގެ ތެރެއިން ގިރާ އިސްތަށްޓެއް ފެނިއްޖެނަމަ އެތަށީގައިވެސް ދެން އަތެއް ނުލާނެއެވެ. އެއަށްފަހު އޭނާ ހުންނާނީ ނުކައެވެ. މިގޮތަށް އިސްތަށި ފެންނަ ބަތްތަށީގައި، އެހެން މީހަކަށްވެސް އަތްލާކަށް ނުކެރެއެވެ. މިއީ އަހަރެން ކިތަންމެ ފަހަރަކު ދުށް މަންޒަރެކެވެ.”
ނުނިމޭ
ކޮމެންޓް (0)
ލޯޑް ކުރަމުން...