ހަވަނަބައި . . .
އަދި އަހަރެންނަށް އޮތީ ދެ ގޮތެއް ކަމަށާއި، އެއްގޮތަކީ ގޯތިން ބައެއް ވިއްކާލައިގެން ލޯނުދެއްކުން ކަމުގައި ބުންޏެވެ. އަދި އަނެއް ގޮތަކީ ދިގު މުއްދަތަކަށް އެހެން ބަޔަކަށް ގޯތި ކުއްޔަށް ދީގެން ފައިސާ ދައްކަމުން ދިޔުން ކަމަށާއި، ބެންކުން އެގޮތަށް ރުހޭ ނަމަ އެއީ މާ ފަސޭހަ ގޮތެއް ކަމަށް ބުންޏެވެ.
މުޙައްމަދުގެ އެހީތެރި ކަމަށް އިންތިހާ އަށް ޝުކުރުވެރިވާ ޙާލު އަހަރެން ނިންމީ އަހަރެންގެ ބޮޑު ގޯތިން ބައެއް ވިއްކާލައިގެން ރިބާ ލޯނުން ވީ އެންމެ އަވަހަކަށް ސަލާމަތް ވުމަށެވެ. އަދި އެވާހަކަ މުޙައްމަދާ ޙިއްޞާ ކުރުމުން އޭނާވެސް އެގޮތާއި ރުހުނެވެ. އަދި ހިއްވަރު ކުރުމަށާއި ﷲ އަށް ގިނަ ގިނައިން ދުޢާ ކުރުމަށް ނަސޭޙަތްތެރި ވިއެވެ.
ގޯތީގެ އެއްބައި ވިއްކާލުމުގެ މަސައްކަތް ވެސް އަހަރެން ޙަވާލު ކުރީ މުޙައްމަދާއެވެ. އެހެން ނަމަވެސް ގޯތީގެ ރަޖިސްޓްރީ ބެންކުގައި އޮތުމާއި ކޯޓުގައި ގޯތީގެ މައްސަލަ އޮތުމުން ގޯތި ގަތުމަށް ހުށަހެޅި ބައެއް ފަރާތްތަކުން ފަސްޖެހުނެވެ. މިކަން ޙައްލުވީ ބެންކަށް ފައިސާ ދައްކައި ބެންކުން ގޯތީގެ ރަޖިސްޓްރީ ނެގުމަށް ފަހު ގޯތީގެ ބައެއް ވިއްކާލައިގެން ލިބޭ ފައިސާއިން ދަރަނި އަދާކުރާނެ ކަމަށް ހުވާކޮށްގެން ޙައްމަދުގެ އެހީތެރި ކަމާއި އެކު އޭނާގެ ރައްޓެހި ވިޔަފާރިވެރިއެއްގެ އަތުން ދަރަންޏަށް ފައިސާ ކޮޅެއް ލިބުމުންނެވެ. އަދި އެފައިސާ ބެންކަށް ދެއްކުމުން ބެންކުން މުޙައްމަދުގެ މައްސަލަ އަނބުރާ ގެނެސް ރަޖިސްޓްރީ ދޫކޮށްފި އެވެ.
މިހާރު އަހަރެން ބޭނުން ނަމަ މުޙައްމަދަށް ކެހި ދީފައި ގޯތީގެ ރަޖިސްޓްރީ ހިފައިގެން ފިލައިގެން ދެވިދާނެ އެވެ. އެހެން ނަމަވެސް އަހަރެންނަކީ މިހާރު މުޙައްމަދުގެ ބެލުމުގެ ދަށުން ދީނުގެ ކަންކަމާއި ކީރިތި ޤުރުޢަން ކިޔަވަން ދަސްކުރަމުން ގެންދާ އަދި ރަސޫލާ ( ސޢވ ) ގެ ސުންނަތަށް ލޯބި ކުރާ މީހެއް ކަމުން އެއްވެސް މީހަކަށް ދެރައެއް ގެއްލުމެއް ދިނުމަކީ މިހާރު އަހަންނަށް ކުރަން ކެރޭވަރުގެ ކަމެއް ނޫނެވެ.
ކޮންމެ އަކަސް މުޙައްމަދުގެ ދީލަތި އެހީތެރި ކަމާއި އެކު އަހަރެންގެ ގޯތީގެ ހަތަރު ބައިކުޅަ އެއްބައި ވަރުގެ ކުޑަ ތަންކޮޅެއް ވިއްކާލައިގެން މުޙައްމަދުގެ ރައްޓެހި ވިޔަފާރިވެރިޔާގެ އަތުން ނެގި ދަރަނި ޚަލާސް ކޮށްފީމެވެ. އަދި ބޭނުން ޖެހިފައި ވަނިކޮށް އަހަންނަށް ދިން އެހީތެރި ކަމަށް ޓަކައި އޭނާ އަށް ހަދިޔާ އެއްގެ ގޮތުން އަހަރެން ދިން ލައްކައެއްހާ ރުފިޔާ މުޙައްމަދު މެދުވެރިކޮށް އޭނާ އަހަންނަށް ރައްދު ކުރިއެވެ. އޭނާގެ ވެސް ބަހަކީ މުޙައްމަދުގެ ވެސް ބަހެވެ. މުސްލިމުންނަކީ އަޚުން ތަކެކެވެ. އެކަކު އަނެކަކަށް ބޭނުން ޖެހިފައިވާހިނދު އެހީތެރި ނުވުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ.
މިހާރު އަހަރެންގެ އަތުގައި ގިނަ ޢަދަދެއްގެ ފައިސާ އެބަހުއްޓެވެ. އަދި ﷲގެ ރަޙުމަތާއި އެކު އަހަރެންގެ ގޯތި ވެސް މިވަނީ ސަލާމަތް ވެފައެވެ. މިހާރު އަހަންނަށް ދުނިޔެ ދަސްވެއްޖެ އެވެ. ކުރީގެ އަހަރެންގެ ރަޙުމަތްތެރިންނަށް އަނެއްކާވެސް އަހަރެން ފެންނާން ފަށައިފި އެވެ. އެހެނަސް އަހަންނަށް މިހާރު އެމީހުންނެއް ނުފެނެއެވެ. މިހާރު އަހަންނަކީ ސުންނަތަށް ލޯބިކުރާ ﷲގެ އަމުރު ތަކަށް ފުރިހަމަ އަށް ތަބާވާ ޤަވާޢިދުން ނަމާދު ކުރާ މުސްލިމެކެވެ. މިހާރު އަހަންނަށް މި ވަނީ މި ހުރިހާ ދުވަހު އަހަންނަށް ގެއްލިފައިވާ އުފާވެރިކަން ލިބިފައެވެ. މިއޮއް ހުރިހާ ދުވަހަކު އަހަރެން ގެއްލިގެން ހޯދަމުން މި ގެންދާ އެއްޗަކީ މިއީކަން މިހާރު އަހަންނަށް އެނގިއްޖެ އެވެ. އޭގެ އުފަލާއި އަރާމަކީ ދުނިޔޭގެ އަރާމަށް ވުރެ މާ ހިތްގައިމު އުފާވެރި ކަމެކެވެ.
ކޮންމެ އަކަސް މުޙައްމަދުގެ ސަބަބުން އަހަރެންނަށް ލިބެމުން ދިޔަ އެހީތެރި ކަމަށް ކޮންމެވެސް ބަދަލެއް ދޭން އަހަރެންގެ ހިތް އެދޭތީ ބައި މިލިޔަން ރުފިޔާ ކޮތަޅަކަށް އަޅާލައިގެން މުޙައްމަދަށް ނޭނގި އެގެއަށް ދިޔައީ އެ ހަދިޔާ މުޙައްމަދުގެ އަންހެނުންނާއި ޙަވާލު ކުރުމަށެވެ. އެހެން ނަމަވެސް އެގެޔަށް ވަދެ ސަލާން ގޮވާލުމާއި އެކު ސަލާމް ބަލައިގަނެ ބޯދިއްކޮށްލި ކުއްޖާ އަށް އަހަރެންގެ ނަޒަރު އަމާޒު ވުމަކީ އަހަރެންގެ ކުށެއްވެސް ނޫނެވެ. އެހެން ނަމަވެސް ފުރަތަމަ ނަޒަރާއި އެކު އަހަރެން ގަނޑުވި ކަހަލަ އެވެ. ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައި އަހަންނަށް ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެ އެވެ. ކުއްލި އަކަށް އަހަންނަށް ހަރަކާތެއް ކޮށްލެވުނީ އެތެރެއިން އަންހެނަކު ދަރިފުޅާ ކާކު ހޭ ގޮވާލި އަޑަށެވެ. އެ ކުއްޖާ ވެސް ފާޑަކަށް ރަކިވެފައި ހުރެގެން ބައްޕަގެ ރައްޓެއްސެކޭ ބުނެ އެތެރެއަށް ދެމިގަތެވެ.
ނުނިމޭ . . .
ކޮމެންޓް (0)
ލޯޑް ކުރަމުން...