ކޮލަމިސްޓް ހުސްނުކުރެވޭ އާސަންދަ

ހުސްނުކުރެވޭ އާސަންދަ

ހުސްނުކުރެވޭ އާސަންދަ

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އާސަންދައިގެ ދަށުން ކުރެވޭ ބޭސްފަރުވާ އަކީ ހުސްވުމެއްނެތް އެއްޗަކަށް ހެދުމުގެ ވަޢްދަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެމްޕޭން ވަޢްދުތަކުގެ ތެރޭގައި ހިމެނޭ ވަޢްދެކެވެ. އަދި ކެމްޕޭން ދުވަސްވަރު އެންމެ ގަދައަށް ދެއްކި އެއްވާހަކައަކީ ވެސް ހުސްނުވާ އާސަންދައިގެ ވާހަކައެވެ. އެ ވާހަކަ ވެގެންދިޔައީ ރައްޔިތުންނަށް ވަރަށް ފޮނި އުއްމީދުތަކެއް ގެނެސްދިން ވާހަކައެކެވެ. ބޭސްފަރުވާއަށް ކުރަންޖެހޭ ޚަރަދު ސަލާމަތްވާނެތީއެވެ. ނުވަތަ ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތިގެން ސަލާންޖަހަން ނުޖެހޭނެކަމަށް އުއްމީދު ކުރެވޭތީއެވެ. ކޮންމެއަކަސް ހުސްނުވާ އާސަންދައިގެ ވަޢްދާއިއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެއެވެ. އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހާއި ގުޅުވައިގެން ހުސްނުވާ އާސަންދަ ތައާރަފު ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ހުސްނުވާ އާސަންދަ ތައާރަފު ކޮށްދެއްވީ ރައީސް ޔާމީން އެވެ. އެރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ "މިއީ ހުރިހާ އުމުރެއްގެ ހުރިހާ ގިންތިތަކެއްގެ މީހުންނަށް އަރުވާ ހަދިޔާއެއް. މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް އަރުވާ ހަދިޔާއެއް. މީހާގެ ހިތުގެ ތެރޭގައި ހިނގާ ކުލައަކަށް އަޅުގަނޑުމެން ނުބަލާނަން. ކޮންމެ ފިކުރެއްގައި ހުއްޓަސް ކިޑްނީ ބަދަލު ކޮށްދޭނަން،" ވަަރަށް ހިތްހަމަޖެހޭ އުފާވެރި ޚަބަރެކެވެ.

އާސަންދައިގެ ޚިދުމަތް ބައްޓަން ކުރެވިފައިމިވާ ގޮތުން އެއަށް ކިޔަންޖެހެނީ ހުސްނުވާ އާސަންދައެއް ނޫނެވެ. ހުސްކުރެވެން ނެތް އާސަންދަ އެވެ. ހުސްވާނީ ޚިދުމަތް ލިބިގެންނެވެ. އާސަންދައިގެ ޚިދުމަތަކީ އެހާ ފަސޭހައިން ލިބޭ ޚިދުމަތެއްނޫނެވެ. ހުސްނުވާ އާސަންދަ އަށް ވަނީ އެހެންވީމަ ކަމަށްވެސް ވެސް ވެދާނެއެވެ. އިތުރަށް ފައިސާ ދައްކަން ނުޖެހި އާސަންދައިގެ ޚިދުމަތްލިބޭ ތަންތަން ކަމަށްވާ އަތޮޅު ހޮސްޕިޓަލު ތަކާއި ޞިއްޙީ މަރުކަޒުތަކުގައި އެކަށީގެންވާ ފަރުވާއެއް ލިބޭކަށް ނެތެެވެ. އެހެންވީމާ އެފަދަ ތަންތަނުން ޚިދުމަތް ހޯދައިގެން އާސަންދަ ހުސްވާނެ ގޮތެއްނެތެވެ. ދެންއޮތީ މާލެ އައުމެވެ. ސަރުކާރު ހަސްފަތާލުން ޑޮކްޓަރަށް ދެއްކުމަކީ ތަކުލީފު ބޮޑު ކަމެކެވެ. ނަންބަރެއް ހޯދަން ކުރަންޖެހޭ މަސައްކަތް ވަަރަށް ބޮޑެވެ. ހޭދަވާ ވަގުތު އިންތިހާއެވެ. ރާއްޖެތެރެއިން މާލެ އަންނަ މީހަކަށް މާލޭގައި ހޭދަކުރަންޖެހޭ ދުވަސްތަކާއި ކުރަންޖެހޭ ޚަރަދަށް ބަލާއިރު އެއީ ކުރެވޭވަރުގެ ކަމެއްނޫނެވެ. ދެންއޮތީ ޕްރައިވެޓް ކުލިނިކުތަކެވެ. އެފަދަ ތަންތަަނުގެ ތެރޭގައި އާސަންދައިގެ ޚިދުމަތް ލިބޭ ތަންތަން ވަރަށް މަދެވެ. ނަތީޖާއެއްގެ ގޮތުން އާސަންދަ ލިބޭ ތަނަކުން ޑޮކްޓަރަށް ދެއްކުމަކީ ވަރަށް ދަތި ކަމެކެވެ. ބައްޔަށް ޝިފާއެއް ލިބެންއޮތީ އާސަންދަ ނުލިބުނަސް ފަރުވާ ހޯދަިގެންނެވެ. އެހެންވީމާ ޑޮކްޓަރަށް ދައްކައިގެން އާސަންދަ ހުސްވާނެ ގޮތެއްނެތެވެ. އާސަންދަ ލިބެންނެތް ތަނަކުން ދައްކާ ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީއަށް އާސަންދައިން ބޭސްލިބޭނެ ގޮތެއްވެސް ނެތެވެ. ބޭސް ލިބެެނީ ހަމައެކަނި އާސަންދައިގެ ޚިދުމަތްދޭ ތަންތަނުގެ ލެޓަރ ހެޑުގައި ލިޔެފައި އޮންނަ ބޭސްސިޓީއަށެވެ. އެހެންވީމަ އާސަންދައިގެ ދަށުން ބޭސް މި ލިބެނީ ބަލިމީހާ އަކަށް ނޫނެވެ. އާސަންދައިގެ ދަށުން ޚިދުމަތްދޭ ތަންތަނުގެ ލެޓަރހެޑަށެވެ. ބޭސްގަނެގެން ވެސް އާސަންދަ ހުސްވާން ނެތީތާއެވެ. އަނެއްކާވެސް ހަމަ ހުސްކުރެވެން ނެތް އާސަންދައެވެ.

ކުރިން އާސަންދައިގެ ދަށުން ޚިދުމަތް ދެމުން އައި، މިހާރު އެ ޚިދުމަތް ހުއްޓާލާފައިވާ ކުލިނިކެއްގައި މަސައްކަތް ކުރައްވާ ޑޮކްޓަރަކު ވިދާޅުވީ، އާސަންދަ ޚިދުމަތް ހުއްޓާލަން ޖެހުނީ އާސަންދައިގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެންސްޕާއިން ފައިސާ ލިބޭލެއް ލަސްކަމުން ކަމުގައެވެ. މާލޭގެ ބިމާއި ބިމުގައި ކޮށްފައި ހުންނަ އިމާރާތްތަކުގެ ކުލި އިންތިހާއަށް ބޮޑެވެ. ކުލިނިކު ހިންގަނީ ވެސް މިދެންނެވި ފަދަ ބޮޑުއަގުގައި ތަންތަން ކުށްޔަށް ހިފައިގެންނެވެ. ވީއިރު އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށްފަހު، އެ ޚިދުމަތްތަކަށް ސަރުކާރުން ދައްކަން ޖެހޭ އަގު ނުލިބި ލަސްވާ ކަމަށް ވައްޏާ ކުލިނިކު ހިންގާފަރާތަށް އެ ޚިދުމަތް ދެވޭނެ ގޮތެއް ނުއޮންނާނެއެވެ. ސަބަބަކީ ތަނުގެ ކުށްޔާއި މުވައްޒަފުންގެ އުޖޫރައާއި ކަރަންޓާއި ފެނަށް ދައްކަންޖެހޭ އަގަކީ، އާސަންދައިގެ ދަށުން ދިން ޚިދުމަތްތަކަށް ފައިސާ ލިބުނު ދުވަހަކުން ދައްކާގޮތަށް ފަރުޖައްސާލެވެން އޮންނަ ކަމެއްނޫނެވެ. ކުލިނިކު ހިންގާ ފަރާތަކުން އާސަންދައިގެ ޚިދުމަތް ފޯރުކޮށް ނުދެނީ މި ސަބަބާއި ހުރެ ކަަމަށް ވެދާނެއެެ. އާސަންދައިގެ ދަށުން ޚިދުމަތް ނުލިބޭކަމަށް ވައްޏާ، ބަލިމީހާއަށް ޖެހޭނީ ލިބެންއޮތް ގޮތަކަށް ޚިދުމަތް ހޯދާށެވެ. އާސަންދަ އޮންނާނީ އޮންނަތާގައެވެ. ހުސްވުމެއްނެތިއެވެ. އާސަންދައިގެ ޚިދުމަތް ނުލިބޭ ތަނަކުން ޑޮކްޓަރަށް ދެއްކުމުން ހަދަންޖެހޭ ޓެސްޓްތައް، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން ހެއްދުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ. އެކަން ކުރުމަށްޓަކައި އެކަމަށް ކަނޑައެޅިފައިވާ ވަކި ކިއުއެއްގައި ހުންނަން ޖެހެއެވެ. ދާދިފަހުން މިފަދަ ކިއުއެއްގައި 34 މިނިޓް ކޮށްޅަށް ހޭދަކޮށްލީމެވެ. އެންމެ ފުރަތަމަ ޖެހެނީ ޕްރައިވެޓް ކުލިނިކުން ލިޔެދިން ޓެސްޓްތައް އައިޖީއެމްއެޗްގެ ފޯމެއްގައި ލިޔާށެވެ. ފޯމް ބަދަލުކޮށްދިނުމާއި މެމޯ ހަދައިދިނުން އާއްމުކޮށް މެމޯ ހަދައިދޭ ކައުންޓަރުން ކޮށްދޭނަމަ ނަންބަރެއް ނަގައިގެން އެތަނުގައި އިށީނދެ އިނދެވުނީހެވެ. އާސަންދަ ހުސްވިއަ ނުދިނުމަށް ޚިދުމަތް ހޯދަން ދަތި ކުރަނީ ކަމަށްވެސް ވެދާނެއެވެ.

ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް، ރާއްޖެއިން ބޭރަށް ފޮނުވައި ދިނުމަކީ ވެސް އާސަންދައިގެ ހިމެނޭ ޚިދުމަތެކެވެ. މިވެސް ލިބިގަންނަން އުނދަގޫ ޚިދުމަތެކެވެ. ބޭސްފަރުވާ ހޯދުމަށް ގައުމުން ބޭރަށްދާ މީހާ އަށް ހުންނާނެތަނަކާ ކައިބޮއެ އުޅެވޭނެ ގޮތެއްވެސް އޮންނަން ޖެހެއެވެ. އާސަންދައިން ލިބެނީ ފަރުވާ ހޯދުމަށް ގައުމުން ބޭރަށް ދާ މީހާ، ފަރުވާ ހޯދާނެކަމަށް އެންސްޕާއަށް ހުށަހަޅާ ހަސްފަތާލަކުން ލިބެންހުރި ޚިދުމަތެކެވެ. ހަސްފަތާލުގެ ފާމަސީގައި ނެތް ބޭހެއްވެއްޖެއްޔާ ގަންނަން ޖެހެނީ އަމިއްލަ ޚަރަދުގައެވެ. އާސަންދަ އޮންނާނީ ހުސްކުރެވޭނެ ގޮތެއް ނެތިއެވެ.  އާސަންދައިން ޚިދުމަތް ލިބިގަތުމުގައި ދަތި އުނދަގޫތަކެއް ހުރުމާއި އެކުވެސް އާސަންދަ ޚިދުމަތަށް އެދޭމީހާ އެކަމަށް އެދެނީ ފަދައަކުންކުރެ ފަދައެއް ނެތިގެންނެވެ. " ހުސްނުވާ އާސަންދައިގެ ތެރެއިން މި ޚިދްމަތް ލިބިގެންދާނީ. ދެވަނަ ފަރާތަކަށް ދިވެހި ރައްޔިތުން ފައިސާ ހޯއްދަވާކަށް، ޚިދްމަތަށް އެދި، ވަޑައިގަންނަވާކަށް ނުޖެހޭނެ." "ހުސްނުވާ" އާސަންދަ ތަޢާރަފު ކުރުމަށް ބެއްވި ހަފުލާގައި ރައީސް ޔާމީން ވިދާޅުވެފައިވެއެވެ. ނަމަވެސް ގައުމުން ބޭރަށް ފަރުވާ ހޯދަންދާ މީހާއާއި ޕްރައިވެޓް ކުލިނިކުތަކުން ޑޮކްޓަރ ލިޔެދޭ ސިޓީއަށް ބެސްނަގަން ޖެހޭ މީހާ އަށް އަދިވެސް އޮތީ ހަމަ ސަލާންޖެހުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.