އަޖާއިބުވާވަރުގެ ވާހަކައެކެވެ. ހިތުހިރި ގޮތަކަށް ހިތުހުރިތާކަށް ހިތުހުރި ބަޔަކަށް އަމާޒުކޮށް ޣައްޒާއަށް ހަމަލާތައް ދެނީއެވެ. ކަނޑުމަގުންނާއި އެއްގަމު މަގުންނެވެ. މަތީން ނާއި މިސައިލްތަކުންނެވެ. އެއަށްފަހު މިބުނަނީ އެއީ ހަމާސް ޖަމާއަތާ ދެކޮޅަށް ދޭހަމަލާ ތަކެއް ކަމުގައެވެ. ނުވަތަ ހަމާސް ޖަމާއަތުން ދޭ ރޮކެޓް އުދުވާނުތަކާ ދެކޮޅަށް ނުވަތަ ހަތިޔާރު ރައްކާކޮށްފައިވާ ތަންތަނަށް ފޮނުވާ ހަމަލާ ތަކެއްކަމުގައެވެ. ދުނިޔޭގެ މީޑިއާ ކޮންޓްރޯލް ކުރަމުންދާ ޒަޔަނިސްޓް ޔަހޫދީންގެ މިވާހަކަ ޤަބޫލުކުރާ ވަރަށް ގިނަބަޔަކު ވެއެވެ.
އެހެންކަމުން ޒަޔަނިސްޓުންގެ މިލާއިންސާނީ ހަމަލާތަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. 8 ޖުލައި 2014ގައި ފެށިގެން މިއަދަށް 24 ދުވަސް ވެފައިވާ މި ލާއިންސާނީ ހަމަލާތަކުގައި 1360 އަށްވުރެ ގިނަމީހުންވަނީ ޝަހީދުކޮށްލެވި ފައެވެ. އޭގެތެރޭގައި 315 ށް ވުރެގިނަ ކުޑަކުދީން ހިމެނެއެވެ. އަދި އަންހެނުންނާއި މުސްކުޅީންނާއިއެކު ޝަހީދުކޮށްލެވުނު %80 މީހުންނަކީ އާއްމުންނެވެ.
މިހާތަނަށް 7340 ށް ވުރެގިނަ މީހުން ހަނގުރާމާގައި އަނިޔާލިބިފައިވާއިރު އޭގެތެރޭގައި 2300 ށް ވުރެގިނަ ކުޑަކުދީން ހިމެނެއެވެ. އެއީ ގާތްގަޑަކަށް އަނިޔާ ލިބިފައިވާ މީހުންގެ ތިންބައިކޮށް އެއްބައެވެ. އެވަރަކުން ނިމުނީކީ ނޫނެވެ. ހައްދުފަހަނަ އަޅާފައިވާ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޝަހީދުވި/މަރުވި މީހުންގެ ތެރޭގައި އެހީފޯރުކޮށްދޭ ޖަމާޢަތްތަކުގެ މުއައްޒަފުންނާއި، ނޫސްވެރީންނާއި، އެމެޖެންސީ ހާލަތުގައި ހަރަކާތްތެރިވާ ޞިއްޙީދާއިރާގެ ފަރާތްތައް ހިމެނެއެވެ. ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް އަމާޒުކޮށް ދޭ ހަމަލާތަކުގައި މިހާގިނަ އާއްމުންނާއި ކަމާނުގުޅޭމީހުން ޝަހީދުވާނެ ބާވައެވެ؟
ޝައްކެއްވެސް ނަތެވެ! އެހަމަލާތަށް އަމާޒުކުރާ ތަންތަނަށް ނަޒަރު ހިންގާލުމުން އިތުރަށް މިވާހަކައިގެ ހަޤީޤަތް ހާމަވާނެއެވެ. ފާއިތުވި 24 ދުވަހު ތެރޭގައި ޒަޔަނިސްޓް ޔަހޫދީން ހަމަލާ އަމާޒުކޮށްފައިވާ ތަންތަނުގެ ތެރޭގައި 4000 ށް ވުރެގިނަ އާއްމުންގެ ދިރިއުޅޭ ގެޔާއި 40 ށް ވުރެގިނަ މިސްކިތް ހިމެނެއެވެ. 135 ށް ވުރެގިނަ ސްކޫލާއި 25 ހޮސްޕިޓާ ނުވަތަ ޞިއްޙީ ހިދުމަތް ފޯރުކޮށްދޭ ބިނާތައް ހިމެނެއެވެ. މީގެއިތުރުން ހާލުގައި ޖެހިފައިތިބޭ ނިކަމެތިން ދިރިއުޅޭ ރެފިއުޖީ ކޭމްޕްތަކަށާއި އާއްމުން އެއްވެއުޅޭ ޕާކުތަކާއި ބީޗްފަދަ ތަންތަނަށް ވަނީ ހަމަލާ ދީފައެވެ. އަދި ނޫސް އެޖެންސީތަކާއި އެހީދެ ޖަމާޢަތްތައް ތަކަށް ވަނީ ހަމަލާ ދީފައެވެ. ފެން ޕްލާންޓް ތަކަށާއި ޣައްޒާގައި ހުރި ހަމައެކަނި އިންޖީނުގެއަށްވެސް އަނިޔާވެރި ޔަހޫދީ ސިފައިން ވަނީ ހަމަލާ ދީފައި އެވެ. މިހެންގޮސް ކިޔާ ކޮޅަކުންލާކަށް ނެތެވެ.
އާއެކެވެ! މިލާއިންސާނީ ހަމަލާތައް ދިރާސާކޮށްފި ކޮންމެ މީހަކަށް، ބަލައިފި ކޮންމެ މީހަކަށް، އެއީ މުސްލިމަކަށްވިއަސް ޣައިރު މުސްލިމަކަށްވިއަސް ޤަބޫލުކުރާނެ ހަޤީޤަތަކީ މިއީ ހަމާސް ޖަމާއަތަށް އަމާޒުކޮށް ދޭ ހަމަލާތަކެއް ނޫންކަމެވެ. މިއީ ޣައްޒާގައި ދިރިއުޅެމުންދާ ހިއްވަރުގަދަ ރައްޔިތުން ނެތިކޮށްލުމަށް ދޭ ހަމަލާ ތަކެއްކަމެވެ. ލާއިންސާނީ ޒަޔަނިސްޓުންގެ ސިޔާސީ ބައެއް ލީޑަރުން ބުނާގޮތުގައި ޣައްޒާގައި ތިބީ އެމީހުންގެ އަދުއްވުންނެވެ. ޣައްޒާ ރައްޔިތުންގެ ލެޔަކީ ޒަޔަނިސްޓުންނަށް ހުއްދަ އެއްޗެކެވެ. ޣައްޒާ ރައްޔިތުން ދިރިއުޅޭ ގެތަކަކީ ތަޅައި ސުންނާފަތި ކުރަންޖެހޭ ތަންތަނެވެ. އަދި ކޮންމެ މަންމައަކީ މަރަންޖެހޭ މީހެކެވެ. އެއީ 'ޓެރަރިސްޓުން' އުފަންކުރުވާ މީހުނެވެ.
އަނިޔާވެރި ޒަޔަނިސްޓުން ހިންގަމުން އެގެންދާ ލާއިންސާނީ ގަތުލުއާމު ކުރިއަށް އެދަނީ މިދެންނެވިފަދަ ލީޑަރުންގެ ވިސްނުމާއި އެއްގޮތަށެވެ. ހަމާސް ޖަމާޢަތުގެ ރޮކެޓްތަކުގެ ވާހަކައަކީ އެމީހުން ކުރާ ލާއިންސާނީ އަމަލުތަށް މަތިޖަހައި ފޮރުވުމަށް ބޭނުންކުރާ ވާހަކަތަކެކެވެ. ހަޤީޤަކީ،މި ލާއިންސާނީ އަނިޔާވެރިކަމަކީ މިއީ މިއަދަކު ފެށިކަމެއް ނޫނެވެ. ހަމާސް ޖަމާޢަތް ވުޖޫދައް އައުމުގެ މާކުރީން ފަށާފައިވާ އަނިޔާވެރި ކަމެކެވެ. ހައްދުފަހަނަ އަޅާފައިވާ ޒަޔަނިސްޓުންގެ މައިގަނޑު ބޭނުމަކީ ފަލަސްތީނަށް އަރައި، ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ގެދޮރުންނެރި، ރަހީނުކޮށްއަޅުވެތިކޮށް ޝަހީދު ކުރުމަށްފަހު ފަލަސްތީނުގެ މުޤައްދަސް ބިންތަކަށް ވެރިވެގަތުމެވެ. އެމީހުންގެ އެމަސައްކަތާއި ދެކޮޅުހަދާ ކޮންމެ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެކެވެ. ޓެރަރިސްޓެކެވެ. ނެތިކޮށްލާން ޖެހޭމީހެކެވެ.
ޚިޔާލު