ރިޕޯޓް

މިއަދަކީ ޤައުމީ ދުވަހެވެ.

ލިޔުނީ: ހުސެއިން ސާލިމް

މިއަދަކީ އިސްލާމީ ކަލަންޑަރުން ރަބީއުލް އައްވަލް މަހެއްގެ ފުރަތަމަ ދުވަހެވެ. މީގެ އެތައްސަތޭކެ އަހަރެއްގެ ކުރިން ހަމަ މިދުވަހު އަޅުގަނޑުމެންގެ ތެރެއިން ހިތްވަރު ހުރި، ދީނާ ވަތަނަށް ލޯބިވާ މަދުބަޔަކު ނުކުމެ ވަނީ އޭރު ދުނިޔޭގައި އޮތް ބޮޑު އެއް ބާރާ ދެކޮޅަށް ބޮޑު ޖިހާދެއް ކޮށްފައެވެ. އާދެ މި ދަންނަވަނީ މުހައްމަދު ތަކުރުފާނާއި، އެބޭފުޅާގެ އެކުވެރިން ކުރެއްވި މަތިވެރި ޖިހާދުގެ ވާހަކައެވެ.

ރާއްޖެއަކީ އަސްކަރީ ގޮތުން ބަލިކަށި، އަދި އާބާދީގެ ނިސްބަތުން ދުނިޔޭގު ގިނަ ޤައުމުތަކަށްވުރެއް މާ މަދު މީސްކޮޅެއް އުޅޭ ޤައުމަކަށް ވީ ހިނދުވެސް ދިވެހި ރާއްޖެ، ބައެއްގެ އަޅުވެތި ކަމުގައި އެންމެ ގިނަ ދުވަހު ތިބެންޖެހުނީ އެންމެ 15 އަހަރު ދުވަހެވެ. މި ދަންނަވާ ކަޅު 15 އަހަރުގެ ފެށުން އައިސްފައިވަނީ މީގެ 453 އަހަރު ކުރިން، ޕޯޗުގީޒުންގެ ބަޔަކު ރައްޖެ އަރާ އޭރު ދިވެހި ރާއްޖޭގެ ރަސްގެފާނު ޝަހީދުކޮށްލާ، ދިވެހި ދައުލަތް އެމީހުންގެ އަތްދަށަށް ގެންދިޔަ ހިސާބުންނެވެ.

ދިވެހި ދިދަ އަނެއްކާވެސް، މިނިވަންކަމުގެ ޖައްވެއްގާ ވިހުރުވިގެން ދިޔައީ، މުހައްމަދު ތަކުރުފާނާއި، އޭނަގެ އެކުވެރިން 1573 ވަނަ އަހަރު ޕޯޗުގީޒުންނާ ދެކޮޅަށް ކުރި މަތިވެރި ޖިހާދުގެ ސަބަބުންނެވެ. ޕޯޗުގީޒުންގެ މުނާފިޤު ރޭވުންތަކުގެ ސަބަބުން "ވަޅޯވަމުން" ދިޔާ އިސްލާމް ދީނުގެ ކުރިތަކަކަށް އާރޯކަމެއް ގެނުވީ މުހައްމަދު ތަކުރުފާނުންގެ މި މަތިވެރި ޖިހާދެވެ.

ނަމަވެސް މިއަދު އަޅުގަނޑުމެންގެ ހާލަކީ ކޮބައިތޯއެވެ؟ ޤައުމީ ދުވަސް އައިސް ދާއިރުވެސް އަޅުގަނޑުމެންނަށް މިތިބެވެނީ ޕާޓީގެ ރޫހުގައި، ޤައުމަކަށް އަންނާނެ އެންމެ އުފާވެރި އެއްދުވަހުގެ މަތިން ޣާފިލުވެފައެވެ. ފެންނަމުން މިދާ ބޮޑު މަންޒަރަކީ، އަޅުގަނޑުމެން ދިވެހިންގެ ޖޯޝާއި، ރޫހަށް ދިރުން ގެނެސްދޭ ފެއްސާއި، ރަތާ ހުދުގެ ބަދަލުގައި ރީނދުލާއި، ނޫކުލައިން މުޅި މަގުތައް ފުރާފައިވާ މަންޒަރެވެ. ތިމާމެންގެ ޤައުމުދެކެ ލޯބި ވުމަކީ މީތޯއެވެ؟ "ފުރަތަމަ ޤައުމެވެ. ޕާޓީ އޭގެ ފަހުން" ނޭ ބުނާ ބުނުމުގެ މުރާދަކީ މީތޯއެވެ؟

ދިވެހީންނަށް އެމީހުންގެ ދީނާ، ޤައުމު، ﷲގެ ރަހުމަތާއެކު އަނބުރާ މިނިވަންކޮށްދިން އެ މަތިވެރި އަބްޠޯލުންގެ މަތީން އަޅުގަނޑުމެން ހަނދާން ނެތުނީތޯއެވެ؟ ނުވަތަ އެކަމުގެ މަތީން ހަނދާންކުރަން ބޭނުން ނުވަނީތޯއެވެ؟ މުހައްމަދު ތަކުރުފާނާއި، އެބޭފުޅާގެ އެކުވެރިން އެކުރެއްވި ޖިހާދަކީ ދިބާ ރުހޭ ކަމަކަށް ނުވަނީތޯއެވެ؟ ނުވަތަ މިނިވަންކަމަށް ވުރެއް އަޅުވެތިވުން ތިބާގެ ކުރިމަތީގައި އަގުބޮޑީތޯއެވެ؟ މިއީ އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް، މިއަދު އަމިއްލަ ނަފްސާކޮށްލުން ރަނގަޅު ސުވާލުތަކެކެވެ.

އަޅުގަނޑު އެދެނީ، މުހައްމަދު ތަކުރުފާނާއި، އެބޭފުޅާއާއެކު 1573 ވަނަ އަހަރުގެ މިދުވަހު ޖިހާދު ކުރެއްވި އެންމެހާ ބޭފުޅުންގެ ފުރާނަފުޅަށް މާތް ﷲ ރަހުމަތްލަށްވާ، އެބޭފުޅުންނަށް އަލްފިރްދައުސުލް އަޢްލާ މިންވަރުކޮށްދެއްވުމެވެ. އަދި، މިޤައުމު އަޅުވެތިކަމުގެ ވަޅަކަށް ވެއްޓިގެން ދާ ކޮންމެ ހިނދެއްގައި، އިސްލާމް ދީނާ، ދިވެހި ވަޠަނަށްޓަކައި ޖިހާދުކުރުމަށް ތައްޔާރަށްތިބި "މުހައްމަދު ތަކުރުފާނުން" ތަކެއް މި ފަސްގަނޑުގައި ލެއްވުމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް