ބޭނުންވާ ތަކެތި:
1 ކިލޯ ބޯވަމަސް (ހަންދެމުމަށްފަހު ރަނގަޅަށް ފެނުކައްކާފަ)
3 ލުނބޯލުގެ ހުތް
ލޮނު، އަސޭމިރުސް
1 ގިތެޔޮ މިރުސް
1 ލޮނުމެދު (ކޮށާފައި ނުވަތަ ޗޮޕް ކޮށްފައި)
2 ފިޔާ
2 ބަށި
2 ކެރެޓް
3 ކެޕްސިކަމް (ރިހަމިރުސް) އޮށްނަގާ ސާފުކޮށްފަ
2 ބެލް ޕެޕަރ (ބޮޑުމިރުސް) އޮށްނަގާ ސާފުކޮށްފަ
ހައްދަވާނެ ގޮތް:
- ފުރަތަމަ ކައްކާފައި ހުރި ބޯވަމަސްކޮޅު އަރިހުރަހަށް ތުނިކޮށް ކޮށާލައްވާށެވެ. އެއަށްފަހު ރިހަމިރުސް އަދި ބޮޑުމިރުސް އަދި ކެރެޓް، ބަށި 1 އިންޗި ހުންނަވަރަށް ކޮށާލުމަށް ފަހު ލޮނުކޮޅެއް އަޅައިގެން މޮޑެލާށެވެ. އެއަށްފަހު ތަވައެއް އުނދުން މައްޗަށް އުދުމަށް ފަހު ރަނގަޅަށް ކުލަ އަރަންދެން ހަނާކޮށްލާށެވެ.
- ދެން ފިޔާ އަދި ގިތެޔޮމިރުސް ތަންކޮޅެއް ތުނިކޮށް ކޮށާލުމަށް ފަހު ލޮނުމެދުކޮޅާއި ލުނބޯ ހުތާއި ލޮނު، އަސޭމިރުސް އަޅައލގެން ރަނގަޅަށް ފިޔާކޮޅުން ދިޔަ ނުކުންނަ ވަރަށް މޮޑެލައްވާށެވެ. ދެން ބޯވަ މަސްކޮޅުވެސް އެޅުއްވުމަށް ފަހު އަނެއްކާވެސް ރަނގަޅަށް މޮޑެލައްވާށެވެ. އެއަށްފަހު ހަނާ ކޮށްފައި ހުރި ތަރުކާރީކޮޅު ވެސް އެޅުއްވުމަށް ފަހު މަޑުމަޑުން މޮޑެލައްވާށެވެ.
މިހާރު ތިޔަ ހުރީ ހަނާކުރި ތަރުކާރީ ބޯވަ ސަޓަނި ރަނގަޅަށް ތައްޔާރު ކުރެވިފައެވެ.
ދެން އަވަހަށް ކާން ފަށާށެވެ! މިހެން ބުންޏަސް ރޯދަވެރިން ކާންވާނީ މަޣްރިބު ނަމާދު ވަގުތު ބަންގި ގޮވުމުން ނެވެ.
މި ރެސިޕީ އަކީ ގެއެއްގައި ހިސާބަށްވުރެ ބޯވަ ގިނަވެ ބޯވަތައް އަޅާފައި ހުރި އައިސް އަލަމާރި ހަލާކު ވެއްޖެނަމަ އެ ބޯވަ ތަކުގެ ބޭނުން ހިފަން ވަރަށް ރަނގަޅު ރެސިޕީ އެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...