ފަލަސްތީން ދަރިކޮޅު އެމެރިކާގެ "ކުޑަކުޑަ ޓެރަރިސްޓް"ގެ ވާހަކަ

މިއީ ހަޤީޤީ ވާހަކައެކެވެ. ދާދިފަހުން އިޒްރޭލް ސިފައިން ފަލަސްތީންގައި އެމެރިކާގެ ޕާސްޕޯޓް ގެންގުޅޭ ކުޑަ ކުއްޖެއް ކަމަށްވާ ތާރިޤް ހައްޔަރުކޮށް އަނިޔާކުރި ވާހަކައެވެ.

ސުހާ އަދި ސަލާހްގެ ދަރި ތާރިޤް އަކީ އުމުރުން 15 އަހަރުގެ ކުއްޖެކެވެ. އެމެރިކާގެ ޔުނިވަރސަލް އެކެޑެމީ އޮފް ފްލޮރިޑަރ ހައި ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ މިކުއްޖާ ފަލަސްތީނަށް ޒިޔާރަތްކުރީ މަންމައާއި ބައްޕަ އަދި 2 ދައްތައާއި އެކު ޗުއްޓީއެއްގައެވެ. އެމެރިކާގައި ބޮޑުވި މިކުއްޖާގެ މައިންބަފައިން އެމެރިކާއަށް ހިޖުރަކުރީ 1996 ވަނަ އަހަރުގައެވެ. އެއާއިލާއިން ފަލަސްތީނަށް 11 އަހަރުގެ ތެރޭގައި ކުރި މިއީ ފުރަތަމަ ދަތުރެވެ. ތާރިޤްގެ ހަޔާތުގައި ފަލަސްތީނަށް އައި މިއީ ފުރަތަމަ ފަހަރެވެ.

އެމެރިކާގައި އުޅެ ބޮޑުވި ތާރިޤް ފަލަސްތީނަށް އެނބުރި އައުން ވެގެންދިޔައީ ވަރަށް ބޮޑު އުފަލަކަށެވެ. އާއިލާއާއި ބައްދަލުވެ ގުޅުން ބަދަހިވުމަކީ ތާރިޤް އަބަދުވެސް ކުރަމުން އަންނަ އުންމީދެކެވެ.

ތާރިޤްގެ އުފާވެރި ދަތުރަށް ގުޑުން ގެނުވީ ތާރިޤްގެ ބޭބެ މުހައްމަދުގެ މަރުގެ ޚަބަރުންނެވެ. އިޒްރޭލުގެ ތިން ކުދިން ގެއްލިގެން ހޯދުމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ހިންގި ބޮޑު އޮޕަރޭޝަނުގެ ތެރޭގައި ތާރިޤްގެ ބޭބެ ވަގަށް ގެންގޮސް ހަށިގަނޑުގައި އަލިފާންޖަހައި ބޮޑުބައެއް ފިއްސާލުމަށް ފަހު މަރާލާ މަގުމައްޗަށް އެއްލާލި ހާދިސާ ވެގެންދިޔައީ ތާރިޤްއަށް ލިބުނު ފުން ހިތާމައެކެވެ. އިޒްރޭލުގެ އަނިޔާވެރިކަމުގައި ތާރިޤްގެ އާއިލާގެ މެމްބަރަކު މަރުވެގެން ދިއުމުން ތާރިޤްއަށް ކެތެއް ނުވިއެވެ. ތާރިޤްގެ ބޭބެ މުހައްމަދުގެ އުމުރުން އަދި މިވީ 16 އަހަރެވެ.

މުހައްމަދު ގެ ޖަނާޒާއަށް ތާރިޤް ދިޔައީ ވަރަށް ދެރަވެ ހިތާމަކުރާ ހާލުގައެވެ. ވަގަށް ނަގާ ދިރިހުއްޓާ އަލިފާން ޖަހާ އަންދާލި ބޭބެއަށް އެންމެ ފަހުގެ އަލްވަދާއު ކިޔުމުގެ ގޮތުންނެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މިޖަނާޒާ ކުރިއަށް ދިޔައިރު އިޒްރޭލުގެ ސިފައިން ދިޔައީ ފޯރި މަރަމުންނެވެ. ޖަނާޒާގެ މުޒާހަރާއަކަށް ބަދަލުވެ ސިފައިންނާއި ދެކޮޅަށް އިހުތިޖާޖު ކުރަން ފެށުނެވެ. ހަވީރު ވަގުތަށް އެޅުނުއިރު އިތުރަށް މަޝްރަހު ހޫނުވެ ކުއްލިއަކަށް އިޒްރޭލުގެ ސިފައިން މީހުންގެ ތެރެއަށް ވަދެގަނެ ތާރިޤް ހައްޔަރު ކުރިއެވެ.

މީހުންގަނޑުގެ ތެރެއިން "ތާރިޤް" ވަކިން އަތުލައިގަނެ ގެންދިޔައީ އެއްވެސް ރަހުމަތް ނެތިއެވެ. އިޒްރޭލުގެ ސިފައިންގެ އާދައިގެ މަތިން އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތް ހާލުގައެވެ.

އިޒްރޭލުގެ 2 ސިފައިން ވެގެން ތާރިޤްއަށް އަނިޔާކުރަންފެށިއެވެ. ބިންމަތީގައި ބޭއްވުމަށްފަހު ފައިންނާއި އަތުން ތަޅާ ހެދިއެވެ. އެއްވެސް ބަލާލުމެއް ނެތި އަނިޔާކުރިއެވެ. ތާރިޤް ރޮމުން ދިޔަ އަޑު އިޒްރޭލްގެ ރަހުމެތް ނެތް ސިފައިންނަށް އިވޭ ކަމަކަށް ނުވިއެވެ. ހިތްފުރޭ ވަރަށް އަނިޔާ ކުރުމަށްފަހު އިޒްރޭލުގެ ސިފައިންގެ ބެލުމުގެ ދަށަށް ދެފަޔާއި ދެ އަތުގައި ހިފައިގެން ދަމާފައި ގެންދިޔައެވެ. އަދި އެވަގުތު އެތަނަށް މޫނު ނިވާކޮށްގެން އިތުރު ސިފައިންގެ މީހެއްވެސް އައިސް ތާރިޤްއަށް އަނިޔާ ކުރަންފެށިއެވެ. ތަޅަމުން ދަމަމުން ކުޑަ ކުޑަ ތާރިޤް ގެންދިޔައީ ސިފައިންގެ ބެލުމުގެ ދަށަށެވެ.

ތާރިޤް އިޒްރޭލުގެ އަނިޔާވެރި ސިފައިން ހައްޔަރު ކުރީ "ޓެރަރިސްޓް"އަކަށް ވީމައެވެ. "ކުޑަ ކުޑަ ޓެރަރިސްޓް" ހައްޔަރުކޮށްފައިވާއިރު ސިފައިން ކުރި އަނިޔާތަކަށް ދަނީ ފަރުވާ ހޯދަމުންނެވެ. އިޒްރޭލް ސިފައިން އަނިޔާ ކުރި މި"ކުޑަ ކުޑަ ޓެރަރިސްޓް" އަކީ އެމެރިކާގެ ޕާސްޕޯޓް އޮތް ރައްޔިތަކަށް ވީތީ އާންމު ފަލަސްތީން ކުދިންނަށް ނުދޭހާ ސަމާލުކަން ދުނިޔެއިން ދަނީ ދެމުންނެވެ. "ކުޑަ ކުޑަ ޓެރަރިސްޓް" ނުވަތަ ތާރިޤް ސިފައިންގެ ބެލުމުގެ ދަށުގައިވާއިރު ތާރިޤް ހައްޔަރު ކުރެވުނު މައްސަލައެއް އިޒްރޭލަކަށް ނުދެއްކެއެވެ. ހަމަ އެކަނި ބުނެވެން އޮތް އެއްޗަކީ އެއީ "ކުޑަ ކުޑަ ޓެރަރިސްޓް" އެއް ކަމެވެ.

ތާރިޤްއަށް އިޒްރޭލުގެ ޖައްބާރު ސިފައިންގެ ފަރާތުން ލބުނު އަނިޔާތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އަދި އިޒްރޭލުގެ އަނިޔާވެރިކަމުން މިނިވަންވުން މިންވަރު ކުރައްވާ އެއަނިޔާވެރިންގެ އަނިޔާއަށް ތާރިޤްއަށް ކެތްތެރިކަން ދެއްވާށިއެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.