މީހަކު ފާޚާނާ ކުރާކަން ނުވަތަ ނުކުރާކަން މިހާރު އަނެކާއަށް އެނގޭނީ ހަމައެކަނި ފާޚާނާ ކުރިމީހާ ބުނުމުންނޭ ބުނެވިދާނެއެވެ. ނަމަވެސް މިކަމަކީ ދާދިފަހަކާ ޖެހެންދެން ވެސް ރަށްފުށުގައި ސިއްރުނުވެ އޮންނަ ކަމެކެވެ. ގޭގޭގައި ފާޚާނާ ނުހުންނާތީއެވެ. ރަށްރަށުގެ ގޮނޑުދޮށުގައި އެކަމަށް ޙާއްޞަވެފައި އޮންނަ ސަރަހައްދު ތަކަށް އެ މުހުތާދުގައި އައިސް ގޮސްވެ އުޅޭ މީހުން އެކި ވަގުތު ތަކުގައި ފެންނާތީއެވެ. މިދެންނެވި ޒަމާނަށް ބަލާއިރު ޢާއްމުކޮށް މީހުން ފާޚާނާ ކުރުމަށް ގޮނޑުދޮށަށް ހިނގާތަން ފެންނަނީ ފަތިހު ނުވަތަ ހެނދުނުއެވެ. ނަމަވެސް ރޯދަމަސް ފެށުމާއެކު ގިނަމީހުންގެ ޝެޑިއުލް ބަދަލުވާކަން ފާހަގަ ކުރެވެއެވެ. އެދުވަސްވަރު ރޯދަމަހު އެންމެ ފޯރި ހުންނަ ކަމަށް ބެލެވެނީ ދެނަމާދު ދޭތެރެއޭ މިކިޔާގަޑި ނޫންނަމަ އިރުދަމޭ މިކިޔާ ވަގުތެވެ. މިގޮތަށް ބަދަލުވުމުގައި ދެ ސަބަބެއް އެބައޮތެވެ. އެއް ސަބަބަކީ ރޯދަމަހު މީހުންގެ ކެއުން ބުއިމަށް އަންނަ ބަދަލާއިއެކު ފާޚާނާ ކުރަންޖެހޭ ގަޑިވެސް ޠަބީޢީ ގޮތުން އެގޮތަށް ބަދަލުވުމެވެ. ދެވަނަ ގޮތަކީ ދުވާލު ފާޚާނާ ކޮށްފިނަމަ ގޮހޮރުން ކޭތަކެތި ހުސްވެ ރޯދަޔަށް މީހާ ވަރުބަލި ވެދާނެ ކަމަށް ކުރިން ހީވެފައި އޮންނަ އޮތުމުގެ ސަބަބުން ގަސްތުގައި ކެތް ކޮށްލައިގެން ހުރުން ނުވަތަ އެގޮތައް ގަޑި ސެޓު ކުރުމެވެ. އަޅުގަނޑު މިލިޔުމުގައި ކޮންމެވެސް ވަރަކަށް ބަލާލެވޭތޯ މިއުޅެނީ ފަހުން މިދެންނެވި ގޮތުގެ މައްޗަށެވެ.
ރޯދަމަހު ދުވާލު ފާޚާނާކުރުމުން މީހާއަށް ބަނޑުހައިކަން އިހްސާސްވުމަކީ ވެދާނެ ކަމެކެވެ. ރޯދައަކީ ރޯދަ ހިފާ މީހާއަށް ބަނޑުހައިކަން އިހްސާސް ވާންޖެހޭ ކަމަކަށް ވުމާއިއެކު އެކަމުގައި އެއްވެސް މައްސަލައެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެމެވެ. ނަމަވެސް ރޯދަމަހު ދުވާލު ފާޚާނާ ނުކޮށް ހުރުމުން ރޯދަހިފަން މީހުންނަށް ފަސޭހަ ވާކަމަށް ހީވެފައި ވާނަމަ އެއީ ކުށް ހީއެކެވެ. މިދެންނެވީ ފާޚާނާ ކުރަން ހާޖަތް ޖެހުމުން ގަސްތުގައި އެކަން ނުކުރާން ހުރުމުގެ ވާހަކައެވެ. އެކަމަކީ އެކަމުން މީހާއަށް އިތުރު އެހެން ވޭންތައް ތަޙައްމަލު ކުރަން ނުޖެހި ނުދާނޭ ކަމެއްކަން ކަށަވަރެވެ.
ކުރިއާއި މިހާރުވެސް ބައެއްމީހުންނަށް ހީވެފައި އޮންނަނީ ބޮޑުކަމު ދިއުމުގައި ހަށިގަނޑުން ބޭރުވަނީ ބަނޑުގައި އެއިން މީހާގެ ހަށިގަނޑަށް ހަކަތަ ލިބިލިބި ހުންނަ ކާނާ ކަމުގައެވެ. ނަމަވެސް އިންސާނުންގެ ކެއުންބުއިމުގައި ހަޖަމުގެ ތަފާތު މަރުހަލާ ތަކެއް ވާއިރު ހަށިގަނޑަށް ހަކަތަ ލިއްބައި ދިނުމުގެ މަރުހަލާއާއި ބޮޑުކަމުދާ ނަޖިސް ރައްކާކުރެވިފައި ހުންނަ މަރުހަލާއަކީ ތަފާތު ދެ މަރުހަލާއެކެވެ.
ކާތަކެތީގެ ތެރޭގައި ހަރު އަދި މަޑު ތަކެތި ހުންނަ ފަދައިން ތަފާތު ސައިޒުގެ ތަކެތިވެސް ހުރެއެވެ. މިތަކެތި “ކޭހޮޅި” ނުވަތަ ވައިނޮޅީގެ ތެރެއަށް ދިއުމުގެ ކުރިން ދަތްތަކުގެ އެހީގައި އެދަތުރަށް އެކަށޭނަ ހިމުން މިނަކަށް ކުދި ކޮށްލެވެއެވެ. ކާ ތަކެތީގެ މިދަތުރުގެ ފުރަތަމަ މަންޒިލަކީ ބަނޑެވެ. ބަނޑުގައިވެސް ހިނގަމުންދާ މަސައްކަތަކީ ހަޖަމުގެ މަސައްކަތެވެ. ކާތަކެތީގައި ހުންނަ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ކުޑަގޮހޮރުގެ ތެރެއިން ހަށިގަނޑަށް ދަމައިގަނެވޭ ވަރަށް ބަނޑުގައި އެތަކެތި ފެނާއިއެކު ހަޖަމު ކުރެވެއެވެ. އެއާއި އެކު މިތަކެތީގެ ދެވަނަ މަރުހަލާއެއް އަނެއްކާ ވެސް ފެށެއެވެ. އެއީ ކުޑަގޮހޮރުގެ ދަތުރެވެ. މިއީ މިތަކެތީގެ އެންމެ މުހިންމު މަރުހަލާއެވެ. ހަށިގަނޑުގެ ތަފާތު ދިޔަވަރު ތަކަކާއި ފެނާއި އެކު ހަޖަމު ވަމުންދާ ކާތަކެތި ގާތްގަނޑަކަށް ވިއްސަކަށް ފޫޓުގެ ދިގުމިން ހުންނަ ކުޑަގޮހޮރުގެ ތެރެއިން ބޮޑުގޮހޮރާއި ދިމާލަށް މަޑުމަޑުން ދަތުރު ކުރަމުން ދާއިރު އޭގައި ހުންނަ ހަށިގަނޑަށް ބޭނުންވާ ބައިތައް ލޭގެތެރެއަށް ނެގެމުން ދާނެއެވެ. އަދި ލޭގެތެރޭގައި ހުންނަ ބޭކާރުބައި ފޭއްދެމުންދާ ވޭސްޓް ނުވަތަ ނަޖިހުގެ ތެރެއަށް ފޮނުވަމުން ގެންދެއެވެ. ދެން އޮންނާނީ އެންމެ ފަހު މަރުހަލާއެވެ. އެއީ ބޮޑުގޮހޮރުގެ މަރުހަލާއެވެ. މި މަރުހަލާއާ ހަމައަށް ކޭތަކެތި ވާސިލު ވާއިރު އެތަކެތި ހުންނާނީ ފުރިހަމަ ނަޖިހަށް ބަދަލުުވުމުގެ މަގުމަތީގައެވެ. އޭގައި އިތުރަށް ހަށިގަނޑަށް ނަގަންޖެހޭ މާއްދާތަކެއް މިމަރުހަލާގައި ނުހުންނާނެއެވެ. މި މަރުހަލާގައި ބޮޑުގޮހޮރުގެ ރޯލަކީ އެ ތަކެތި ހަށިގަނޑުން ބޭރު ކޮށްލުމަށް ޓަކައި ނަޖިސް ފައްކާކޮށް ރައްކާ ކުރުމެވެ. އެތަކެތި ބޭރުވުމާއި ހަމަޔަށް ރައްކާ ކުރެވިފައި ހުންނަނީ ބޮޑުގޮހޮރުގެ އެންމެ ފުލުގައެވެ. އެހެންކަމަށް ވުމާއެކު މިތަކެތި ފަހަތުން އަންނަ ވޭސްޓްތަކާ ގޮހޮރުގައި އުފެދޭ ނުވަތަ އުފައްދާ ގޭސްތަކުގެ ސަބަބުން ނުވަތަ ޠަބީޢީގޮތުންވެސް ފިއްތަމުން ދާނެއެވެ. މިގޮތަށް ގޮހޮރުގެ މަތިން އަންނަ ވޭސްޓާއި ގޭހުގެ ޕްރެޝަރ ގޮހޮރުގައި ވަކިވަރަކަށް މައްޗަށް ދިޔުމުން ފާޚާނާއަށް ދިޔުމުގެ އިހްސާސްތަށް މީހާގެ ޠަބީޢަތަށް ވެރިވެއެވެ. މިފުރިހަމަ ނިޒާމުން އެއިހްސާސް މީހާއަށް ނަގުލު ކުރެވޭ ހިނދު އެކަމަށް އިހުމާލު ވެއްޖެނަމަ ގޮހޮރުގެ ތެރޭގައި ދައުރު ވަމުންދާ ގޭހުގެ ސަބަބުން އޭނާއަށް އިތުރު އުނދަގޫ ތަކެއް ފޯރުން ނޫންކަމެއް ނުވާނެއެވެ. އަދި މިގޮތަށް ޢަމަލު ކުރުމުން ބަނޑުހިކުމާއި ގޮހޮރުގައި ފާރުހެދުން ފަދަ ނުރައްކާތަކާއި ވެސް ބައެއް ފަހަރު ކުރިމަތިލާން ޖެހިދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...