ކޮލަމިސްޓް ރޯދަމަހާއި ޤުރުއާން ފްލޭޝް

ރޯދަމަހާއި ޤުރުއާން ފްލޭޝް

ރޯދަމަހާއި ޤުރުއާން ފްލޭޝް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޝައްކެއް ނެތްގޮތުގައި ކީރިތި ޤުރުއާނާއި މި ބަރަކާތްތެރި ރަމަޟާންމަހާއި ވަނީ ނުހަނުބޮޑަށް ގުޅި ލާމެހިފައެވެ. އެގޮތުން އެ ޤުރުއާން ބާވައިލެއްވިފައި ވަނީ ލައިލަތުލް ޤަދުރި ވިލޭރޭގައެވެ. އެއީ މި ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން ވަންހަނާ ކުރެއްވިގެންވާ ފަހުދިހައިގެ އޮނަހިރި ރެއެއްކަމުގައި ސުންނަތުން ސާބިތުވެއެވެ. އީމާންކަމާއި އިޙްލާޞްތެރިކަމާއި އެކު އެރޭގެ ދަރުމަ އެދިގެން މަސައްކަތްކޮށް އެރޭގައި ރޭއަޅުކަންކުރި މީހާއަށް އެފަދަ އެއްހާސް މައްސަރުގެ ރޭއަޅުކަން ކުރިހާ ޘަވާބާޢި ދަރުމަ ދެއްވާނެ ކަމަށް މާތް ﷲ ކީރިތި ޤުރުއާނުގައި އަންގަވާފައިވެއެވެ. އަދި ރަމަޟާން މަހުގެ މަތިވެރި މައްސަރުގައި ކީރިތި ރަސޫލާ ( ޞޢވ )ޖިބްރީލް (ޢސ) އާއި އެކު ކީރިތި ޤްރުއާން މުރާޖަޢާ ކުރައްވާ ކަމަށްވެސް ސުންނަތުން ސާބިތުވެއެވެ. މީގެ އިތުރުންވެސް ޤުރުއާން ތިލާވަތު ކުރުމާއި މުތާލިޢާކޮށް މުރާޖަޢާ ކުރުމުގެ މާތްކަމާއި ދަރުމައާއި ބެހޭގޮތުން ގިނަގުނަ ޙަދީޘްތައް ޞައްޙަ މަގުން ރިވާވެގެން ވެއެވެ. މިކަންކަން މިހެން ހުރުމާއެކު ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކު ޤްރުއާން ކިޔެވުމުގައި ގިނަ ވަތުތަކެއް ހޭދަކުރާކަން ފާހަގަ ކުރެވެއެވެ. މިސްކިތްތަކުގެ އިތުރުން މަސައްކަތުގެ މާހައުލު ގައްޔާއި ދަތުރުމަތީގައި ވެސް ލިބޭ ހުސް ވަގުތު ތަކުގައި ނުވަތަ އެކަމަށް ވަގުތު ހުސްކޮށްގެން ކީރިތި ޤުރުއާން ކިޔަވަމުންދާ މަންޒަރު ފެންނަމުން ދެއެވެ. ތަފާތު ވަޞީލަތްތައް ބޭނުން ކޮށްގެންނެވެ. އޭގެތެރޭގައި ކަރުދާހު މުޞްޙަފްގެ އިތުރުން ޑިޖިޓަލް ޤުރުއާނާއި، އައިޕޮޑާއި، އައިޕެޑާއި، ޓެބްލެޓާއި ސްމާޓް ފޯނު ފަދަ ވަޞީލަތްތައް ބޭނުން ކޮށްގެން ޤުރުއާން ކިޔަވާ ކަން ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުން ކީރިތި ޤުރުއާން ކިޔަވާލަން ވަރަށް ފަސޭހަ ރަނގަޅު ވެބްސައިޓު ތައްވެސް އަންނަނީ ތަޢާރަފް ކުރެވެމުން ނެވެ. www.tanzil.net ފަދަ ސައިޓް ތަކުން ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އާއި އެކު މިހާރު ޤުރުއާން ކިޔަވާލެވޭއިރު، މިފަހަރު އަޅުގަނޑު ދައްކާލަން މިއުޅެނީ ޤްރުއާން ކިޔެވުމަށްޓަކައި ބޭނުންފުޅު ކުރެއްވިދާނެ އެހެން ވެބްސައިޓެއްގެ ވާހަކައެވެ. އިންޓަނެޓް ލިބިލައްވާ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ލިބޭ ހުސްވަގުތު ތަކުގައި ޤްރުއާން ކިޔަވާ ވިދާޅުވުމަށް ޓަކައި މިއީ ވަރަށް ފަސޭހަ ސައިޓަކަށް ވާނެކަމަށް އުންމީދު ކުރެވެއެވެ.
quranflash.com އަކީ 2007 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލޯންޗު ކުރެވުނު ވަރަށް ފުރިހަމަ ވެބްސައިޓެކެވެ. މި ވެބްސައިޓުގައި ތަފާތު 12 ވައްތަރުގެ މުޞްޙަފް ބޭނުން ކުރައްވައިގެން ޤުރުއާން ކިޔަވާ ވިދާޅުވެ ލެއްވޭނެއެވެ. މީގެ އިތުރުންވެސް ލިޔުމުގެ ރިޒޮލިއުޝަން ބަދަލު ކުރެވުމާއި މިފަދަ އެތައް ފީޗަރސްތައް މިސައިޓްގައި ހިމެނެއެވެ. ދުވާލެއްގެ މައްޗަށް ދިހަހާހަށްވުރެ ގިނަ މީހުން ބޭނުންވުރާ މިސައިޓްގައިވާ މުޞްޙަފުތައް ނަންގަވާ، ހުޅުއްވާ، ގަނޑުތައް އުއްކަވާ ބޭނުންފުޅު ކުރެއްވުމުގައި އަޞްލު މުޞްޙަފެއް ބޭނުންފުޅު ކުރެއްވޭފަދަ އިހްސާސެއް ކުރެއްވޭނެއެވެ. ޙަޤީޤީ އިޙްސާސާއި ފުރިހަމަކަން އަމިއްލަފުޅަށް ތަޖުރިބާ ކޮށްލައްވާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.