އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އިސްލާމްދީނާއި މުސްލިމުންގެ ޙިމާޔަތުގައި އަދި ދީނުގެ ޢިއްޒަތާއި ޝަރަފަށްޓަކައި ﷲގެ މަގުގައި ހަނގުރާމަ ކުރުން ވާޖިބު ކުރެއްވެވި، ގަދަ ކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. އެއިލާހު މުސްލިމުންގެ މައްޗަށް ޖިހާދު ވާޖިބު ކުރައްވާފައިވަނީ، ޖިހާދަކީ ގިނަބަޔަކު އެކަމަށް ނުރުހޭނޭ ކަމެއް ކަމުގައި ވާނޭކަންވެސް ބަޔާން ކުރައްވަމުންނެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ އަޅުގަނޑުމެންނަށް ހަނގުރާމަ އުނގަންނަވައިދެއްވާ، ހަނގުރާމަކުރަން ދަސްކޮށްދެއްވެވި، މުސްލިމުންގެ ކޮމާންޑަރު އަދި ޤާއިދުކަމުގައިވާ މުޙައްމަދު صلى الله عليه وسلم އަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނު ގެންނެވި ހިދާޔަތުގައި ހިފަހައްޓައިގެން ހަނގުރާމަކުރަމުންދާ އެންމެހައި މުޖާހިދުން ޝާމިލު ކުރަމެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَكُمْ" (البقرة: 216)
"ފަހެ ތިޔަބައިމީހުން އެކަންތަކަށް ނުރުހޭކަމުގައިވާ ޙާލު ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ ކުރުން ފަރުޟު ކުރައްވައިފިއެވެ."
އިސްލާމްދީނުގައި ޝަރުޢުކުރެވިފައިވާ މަތިވެރި ޖިހާދާއި ބެހޭގޮތުން އަބަދުވެސް މީޑިއާއިން ސިފަކުރަމުން ގެންދަނީ އެއީ ހައްދުފަހަނާޅާފައިވާ ނުވަތަ ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައެވެ. މިއީ އަޅުގަނޑުމެން ރާއްޖޭގެ މީޑިއާތަކަށް ބަލާލިނަމަވެސް ކަންތައް އޮތްގޮތެވެ. އެގޮތުން އެކިއެކި މީޑިއާގެ ވަޞީލަތްތަކުގައި ނޫސްވެރިންނާއި އަދި ޑީމޮކްރަސީއަށް ގޮވާލާ މަރުދޭ ފަރާތްތަކުން ލިޔެފައިވާ ލިޔުންތައް ކިޔާލުމުން އަޅުގަނޑުގެ ހިތަށް ތަޞައްވަރު ކުރެވިގެންދަނީ އިސްލާމްދީނާއި މުސްލިމުންނާއި އިދިކޮޅަށް ޔަހޫދީންނާއި ނަޞާރާއިންނާއި އަދި އެހެނިހެން ކާފަރުންތައް، ގުޅި އަތުގުޅާލައިގެން ކުރަމުންމިދާ ހަނގުރާމާގައި ފިކުރީ ގޮތުންނާއި ޢަމަލީގޮތުން އަޅުގަނޑުމެންވެސް ޖެހި ހައްޔަރުވެ އަޅުވެތިވެފައިވާ މިންވަރެވެ. އެއްބަޔަކު މިމަޅީގައި ޖެހިފައިވަނީ ނޭނގުމެއްގެ ތެރޭގައެވެ. އަނެއް ބަޔަކު އެމީހުންނަށް މިދުނިޔެމަތީގައި ލިބެން އޮތް ސިޔާސީ ބާރާއި ނުފޫޒާއި ޖާހާއި މަންސަބާއި ޑޮލަރު ބޮނޑިތަކަށްޓަކައި، އިސްލާމްދީނުގެ ހިދާޔަތު މިވަނީ މަގުފުރެދުމަށް ވިއްކާލާފައެވެ. އެހެންކަމުން މިމައުޟޫއަށް ދީނީ ނަޒަރަކުން އަލިއަޅުވާލަން، އަޅުގަނޑުގެ ޤަލަމް އުފުލާލަން މަޖުބޫރުވީއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"أُولَئِكَ الَّذِينَ اشْتَرَوُا الضَّلالَةَ بِالْهُدَى فَمَا رَبِحَتْ تِجَارَتُهُمْ وَمَا كَانُوا مُهْتَدِينَ" (البقرة:16)
މާނައީ: "ދަންނައެވެ. އެމީހުންނަކީ އެއީ ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ. ފަހެ އެމީހުންގެ އެވިޔަފާރިއަކުން އެމީހުނަކަށް ފައިދާއެއް ނުކުރިއެވެ. އަދި އެމީހުންނީ ހިދާޔަތް ލިބިގެންވީ ބަޔަކު ކަމުގައިވެސް ނުވެއެވެ."
ކޮންމެއަކަސް ޖިހާދަކީ މިހާރު މުސްލިމުންގެތެރެއިންވެސް އެތައްބަޔަކު، އެކަމަކަށް ނުރުހޭ ކަމެއްގެ އިތުރުން އެކަމަކާއިމެދު ނަފްރަތްތެރިކަން އުފެދިފައިވާ ކަމެއްވެސްމެއެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކާއި އިސްރާއީލުން މުސްލިމުންނާއި މެދު ގެންގުޅޭ ހައްދުފަހަނާޅާފައިވާ އެއްވެސް ޢަދުލުވެރިކަމެއް ނެތް އަނިޔާވެރި ސިޔާސަތަށް މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ނުރުހުންތެރިކަން ފާޅުކޮށް ދެކޮޅުވެރިކަމަށް ދަޢުވާކުރިނަމަވެސް، މިދެންނެވި ކުފުރުގެ ދައުލަތްތަކާއި އިދިކޮޅަށް ބަހެއް ބުނެލާ މީހަކުވެސް މިހަދަނީ ހައްދު ފަހަނާޅާފައިވާ ޓެރަރިސްޓަކަށެވެ. މިއީ މިއަދު އަޅުގަނޑުމެން މުސްލިމުންގެ ޙާލަތު ހުރި ގޮތެވެ.
މިއަދު އަޅުގަނޑުމެން ކޮންމެ ކަމެއްވެސް ވަޒަން މިކުރަނީ (މިނެކިރާލަނީ) އެއްކަލަ ޙަރުބީ ކާފަރުންގެ ތިލަފަތުންނެވެ. އާދެ އެވެރިންގެ ކުފުރުގެ ސިކުނޑިތަކުގެ ހަމަތަކުގެ މައްޗަށެވެ. އެމީހުންނަށް ރަނގަޅު ކަންތައްތައް އެއީ ރަނގަޅު ކަންތައްތައްކަމުގައި ދެކި އެމީހުންނަށް ނުރަނގަޅު ކަންތައްތައް އެއީ އަޅުގަނޑުމެންނަށްވެސް ނުރަނގަޅު ކަންތައްތަކަށް މިވަނީ ހަދާފައެވެ. އެއީ ދީނުގެ ކިތައްމެ ބޮޑު މައްސަލައެއް ނަމަވެސް އެވެ. އަޅުގަނޑުމެންނީ މުސްލިމުންނަށްވާއިރު ދީނުގައި މިކަންއޮތީ ކިހިނެއްތޯ ހޯދާ ބެލީ ފަހެ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"لا يَسْتَوِي الْقَاعِدُونَ مِنَ الْمُؤْمِنِينَ غَيْرُ أُولِي الضَّرَرِ وَالْمُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِهِمْ وَأَنْفُسِهِمْ" (النساء: 95)
މާނައީ: "މުއުމިނުންގެ ތެރެއިން (ޖިހާދު ނުކުރެވޭ ވަރުގެ) ޢުޛުރުތަކުގެވެރިން ފިޔަވައި، ހަނގުރާމައަށް ނުގޮސް ތިބޭ މީހުން، ﷲގެ މަގުގައި އެބައިމީހުންގެ މުދަލުންނާއި ނަފްސުތަކުން (ޖާނުން) ޖިހާދު ކުރާ މީހުންނާއި ހަމަހަމަވެގެން ނުވެއެވެ."
މިފަދަ މަތިވެރި ކަމެއްގެ ގޮތުގައި ޖިހާދު ލައްވާފައިވާއިރު އަޅުގަނޑުމެން މިއަދު މިތިބެނީ އެމަތިވެރި އަޅުކަން އަދާކުރާ މީހުންނާއި ދިމާލަށް ފުރައްސާރަކޮށް އެއްޗެތި ގޮވާށެވެ. އެމީހުން އަނބިދަރީންނަށް އަޅާނުލާ ދޫކޮށްލާފައި ދިޔަ ވާހަކައެވެ. ނޫންނަމަ އެމީހުންގެ މޮޔަކަމުން މިދުނިޔެމަތީގައި މިއޮތް މުއްސަނދިކަމާއި ކުޅިމަޖަލާއި އަނބިދަރީން ކައިރީ މަޖާ ކުރުމަށް ނުތިބެ ޖިހާދަށް ދިޔަ ވާހަކައެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"قُلْ إِنْ كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُمْ مِنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّى يَأْتِيَ اللَّهُ بِأَمْرِهِ وَاللَّهُ لا يَهْدِي الْقَوْمَ الْفَاسِقِينَ" (التوبة:24)
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރީންނާއި، އަޚުންނާއި، އަނބީންނާއި، ގާތް ތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ތިޔަ ބިރުގަންނަ ވިޔަފާރިއާއި، އަދި ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި، މިހުރިހައި ތަކެތި، ﷲއާއި އެއިލާހުގެ ރަސޫލާއާއި އެއިލާހުގެ މަގުގައި ޖިހާދު ކުރުމަށްވުރެ ބޮޑަށް، ތިޔަބައިމީހުން އެތަކެއްޗަށް ލޯބިވެއްޖެކަމުގައި ވާނަމަ، ﷲގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ. ހަމަކަށަވަރުން ފާސިޤުވީމީހުންނަށް ﷲ ތަޢާލާ ހިދާޔަތް ނުދައްކަވާ ހުއްޓެވެ."
ދެން އަޅުގަނޑުމެން ބޮޑު މައްސަލައަކަށް މިހަދަނީ މުސްލިމުން ޖިހާދު ކުރުމަށްޓަކައި ޖިހާދުގެ ކޮންމެވެސް މައިދާނަކަށް ގޮސް މުސްލިމުންގެ ލަޝްކަރަކާ ގުޅުމުންނެވެ. މިކަން މައްސަލައަކަށް މިވަނީ މުސްލިމުން ކުރީމައެވެ. އެމެރިކާއާއި އެމީހުންގެ އަޢުވާނުން، އެމީހުން އަމިއްލައަށް ހަދާފައިވާ ޔޫއެންގެ ޤާނޫނުތަކާއިވެސް ޚިލާފަށް މުސްލިމުންގެ ބިންތަކަށް އަރައިގަނެ އެތަންތަން އަޅުވެތިކޮށް އެމީހުންގެ އިސްތިޢުމާރުގެ ދަށަށް ގެންގޮސް އެމީހުންނާއި އެއްބައިވާ ހުރިހާ ޤައުމުތަކަކުން އެތަންތަނަށް ލަޝްކަރުތައް ގެންގޮަސް އެޤައުމުތަކުގެ ފިރިހެނުންނާއި ކުޑަކުދިންތައް މަރާ، އަންހެނުންގެ ޢިއްފަތްތެރިކަމަށް އަރައިގަނެ ހަދާއިރުވެސް އެމީހުން ކަންތައް އެކުރާ ގޮތް މިވަނީ އަޅުގަނޑުމެންނަށްވެސް އެންމެ ރަނގަޅުގޮތް ކަމުގައި ވެފައެވެ. މައްސަލައަކަށް މިވަނީ ﷲގެ ދީނުގެ ދިފާޢުގައި މުސްލިމަކު ތެދުވުމުންނެވެ. ނުވަތަ ބަހެއް ބުނުމުންނެވެ. ސުބްޙާނަﷲ އެވެ. ޢަދުލުވެރިކަމާއި އިންސާފު ކޮބައިތޯއެވެ؟
މިވެރިން ޑިމޮކްރަސީއޭ ކިޔާ މިގޮވާ ގޮވެލިފަތީގައިވެސް މިކިޔަނީ ހަމަހަމަކަމާއި ޢަދުލު އިންސާފުގެ ވާހަކައެވެ. އެކަމަކު ޢަމަލު މިހިރަ ފެންނަނީ ހަމަ ދިމާ އިދިކޮޅަށެވެ. ކޮންމެއަކަސް އީމާންވި މީސްތަކުން ހަނގުރާމަ ކުރަމުންދާނީ ﷲގެ މަގުގައެވެ. ކާފަރުވި މީހުން ހަނގުރާމަ ކުރާނީ ޠާޣޫތު ޝައިޠާނުންގެ މަގުގައެވެ. އެއީ މުސްލިމުންގެ ތެރެއިން އެފަދަ ކާފަރުންނާއި ބައިވެރިވި ބަޔަކު ކަމުގައިވިޔަސް މެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.
"الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّهِ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفاً" (النساء:76)
މާނައީ: "އީމާންވީ މީސްތަކުން ހަނގުރާމަ ކުރާކަންކަށަވަރީ ﷲގެ މަގުގައެވެ. އަދި ކާފަރުވި މީހުން ހަނގުރާމަ ކުރަނީ ޠާޣޫތުން*ގެ މަގުގައެވެ. ފަހެ ތިޔަބައިމީހުން ޝައިޠާނާގެ ވާގިވެރިންނާއި ހަނގުރާމަ ކުރާހުށިކަމެވެ. ހަމަކަށަވަރުން ޝައިޠާނާގެ ކެހިވެރިކަންވަނީ ބަލިކަށި އެއްޗެއްގެ ގޮތުގައެވެ."
* ޠާޣޫތުންނަކީ ﷲ ފިޔަވާ (އިންސާނެއް ނަމަ އެފަރާތެއްގެ ރުހުމާއިއެކު) އަޅުކަން ކުރެވޭ ކޮންމެ ފަރާތެކެވެ. މިގޮތުން ޝައިޠާނުންނާއި، އަޅުކަންކުރެވޭ ބުދުތަކާއި، ސިޙުރުވެރިންނާއި، ﷲ ތަޢާލާގެ ދީން މުގުރާލައި ދީނުގެ ޙުކުމްފުޅުތަކުގެ މައްޗަށް ޙުކުމްތައް ހަދާ ކޮންމެ ފަރާތަކީ ޠާޣޫތުންނެވެ.
މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި މީހުންގެ ގަޔަށް ކަނޑި، ވަޅި، ކަޓަރު، ދަގަނޑުބުރި، ލަޓިބުރި ހަރާ ތަޅާ މެރުމާއި، ކަރުދަން ޖެހިގެން ނޫންނަމަ ކޮންމެވެސް ވިހައެއް ބޮއެގެން އަމިއްލައަށް މަރުވުމާއި، ރާބޮއެ މަސްތުވެގެން ދެބަންދިހާރަވެގެން އުޅުމާއި، ޒިނޭ ކުރުމާއި، ހަށި ވިއްކުމާއި، ނަހަލާލަށް ރަށް މެދަށް ވިހައި ނުވިތާކަށް އެކުށެއް ނެތް ކުޑަކުއްދިންތައް މަރާ ނުވަތަ ދިރިތިއްބާ ވަޅުލައި ހެދުމާއި، އެއް ޖިންސުން ގުޅުން ހިންގުމާއި، ކުޑަކުދިންނަށް ލާރި ދީ ހައްލައިގެންނާއި ގަދަކަމުން އެކުދިންނާއި ބެހުމާއި، ވައްކަން ކުރުމާއި، މީހުންގެ ލާރިތައް ގަދަ ބާރުން ނޫންނަމަ ނަހަމަގޮތުގައި ފެލާލައިގެން ބޭނުންކޮށް އުޅުމާއި އަދި މިނޫނަސްވެސް އަޅުގަނޑުމެންގެ މުޖްތަމަޢުގައި ފެތުރިފައިމިވާ ބޮޑެތި ޖަރީމާތަކާއި ފާޙިޝް ކަންތައްތައް ކުރަން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީން ތިބުމަށްވުރެ، ﷲގެ މަގުގައި ނިކުމެ އެއިލާހުގެ ދީނުގެ ނޫރުކޮޅު ނިއްވާލަން ހަނގުރާމަ ކުރަމުންދާ ކާފަރުންނާއި ހަނގުރާމަކޮށް އެމީހުން މަރާލައި ނޫންނަމަ ޝަހީދުވެގެން، ﷲގެ މަގުގައި މަރުވެގެންވެސް، ކައްވަޅުގައާއި އަދި އާޚިރަތުގައިވެސް ލިބެން އޮތް ނިޢުމަތްތައް ލިބިގަތުން މާރަނގަޅު ނޫންތޯއެވެ؟ ނޫނީވިއްޔާ އަދިވެސް އަޅުގަނޑުމެން ތިބެންވީ ﷲއަށް އުރެދި ފާފަތަކުން ތަތްތެޅި، ދުނިޔެއާއި އޮޅުލައި ބައްދާ ހަދަންތޯއެވެ؟ ކޮންމެއަކަސް ދުނިޔެއަށްވާ ލޯބީގެ ބޮޑުކަމުންނާއި، މަރަށް ބިރުން ތިމާމެންގެ ފިނޑިކަމުން ޖިހާދަށް ކުރިމަތިލާން ނުކެރުމުން، އެމަތިވެރި ދީނީ ވާޖިބު އަދާކުރަމުންދާ މުޖާހިދުންނަށް ފުރައްސާރައާއި މަލާމަތް ނުކޮށް ތިބޭނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ!
މިވާހަކަ މީގެ ސާދަސަތޭކަ އަހަރު ކުރިން އަޅުގަނޑުމެން އެންމެން އެނަބިއްޔަކަށް އީމާންވެގެން މިތިބި، ކީރިތި ނަބިއްޔާ މުޙައްމަދު صلّى الله عليه وسلّم ވަނީ ބަޔާންކޮށްދެއްވާފައެވެ. މާތްﷲ ރުއްސުންލެއްވި أبو هريرة ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم ޙަދީޘްފުޅުކުރެއްވިއެވެ.
"تَعِسَ عَبْدُ الدِّيْنَارِ، تَعِسَ عَبْدُ الدِّرْهَمِ، تَعِسَ عَبْدُ الخَمِيْصَةِ، تَعِسَ عَبْدُ الخَمِيْلَةِ، إِنْ أُعْطِيَ رَضِيَ، وَإِنْ لمَ يُعْطَ سَخِطَ، تَعِسَ وَانْتَكَسَ، وَإِذَا شِيْكَ فَلاَ انتَقَشَ، طُوْبَى لِعَبْدٍ آخِذٍ بِعِنَانِ فَرَسِهِ ِفي سَبِيْلِ اللهِ، أَشْعَثَ رَأْسُهُ، مُغْبَرَّةٍ قَدَمَاهُ، إِنْ كَانَ فِي الحِرَاسَةِ كَانَ في الحِرَاسَةِ، وَإِنْ كَانَ فِي السَّاقَةِ كَانَ ِفي السَّاقَةِ، إِنِ اسْتَأْذَنَ لمَ يُؤْذَنْ لَهُ، وَإِنْ شَفَعَ لَمْ يُشَفَّعْ" (صحيح البخاري)
މާނައީ: "ދީނާރާއި، ދިރުހަމުގެ އަޅާއަށް ހަލާކުހުއްޓެވެ. މަޚުމަލުގެ ސާލާއި، ޖަރީކުރެވިފައިވާ ސާލުގެ އަޅާއަށް ހަލާކުހުއްޓެވެ. (އެބަހީ ދުނިޔޭގެ މުދަލާއިގެން އުޅޭ މީހާއަށް ހަލާކު ހުއްޓެވެ.) އޭނާއަށް (އެތަކެތި) ލިބިއްޖެނަމަ ރުހެއެވެ. އަދި ނުލިބިއްޖެނަމަ ރުޅިއާދެއެވެ. އޭނާއަށް ހަލާކު ހުއްޓެވެ. އަދި އޭނާ މޫނުވަތަށް ޖެހޭ ހުއްޓެވެ. (އެބަހީ ބަރުބާދުވާ ހުއްޓެވެ.) އަދި (ދުނިޔޭގެ މުދަލާއިގެން އުޅޭ އުޅުމުގައި) އޭނާގެ ގައިން ތަނަކަށް ކައްޓެއް ވަދެއްޖެނަމަ އެކަށި ނުނެގޭ ހުއްޓެވެ. (އެބަހީ އެހާވެސް މަރަށް ބިރުގަނެ ފިނޑިވާނެއެވެ.) އަދި ﷲގެ މަގުގައި އެމީހެއްގެ އިސްތަށިގަނޑު ހަޑިވެ، ފައި ހިރަފުހުން ތަތްތެޅިގެންވާ ހާލު އެމީހެއްގެ އަހުގެ ލަގަނުގައި ހިފައިގެން ހުރި މީހާއަށް އުފާވެރިކަމާއި ބާއްޖަވެރިކަން ހުއްޓެވެ. އޭނާ ފޯރިމަރަން ހުރެއްޖެނަމަ އެކަން ފުރިހަމައަށް އަދާކުރެއެވެ. އަދި ލަޝްކަރުގެ ފަހަތް ބަލަހައްޓަން ހުރެއްޖެނަމަ އެކަންވެސް ފުރިހަމައަށް އަދާކުރެއެވެ. އޭނާ (ކަމަކަށް) ހުއްދައަށް އެދެފިނަމަ އޭނާއަކަށް ހުއްދައެއް ނުލިބެއެވެ. އަދި (ކަމަކަށް) ޝަފާޢަތްތެރިވެއްޖެނަމަ އޭނާގެ ޝަފާޢަތް ޤަބޫލެއްވެސް ނުކުރެވެއެވެ." (އެބަހީ އެމީހުންގެ ކިބައިން އޭނާ ކަމަކަށް އެދެފިނަމަ އެބައިމީހުން އޭނާއަކަށް އެއްވެސް އަހައްމިއްޔަތު ކަމެއް ނުދޭނެއެވެ. އެއީ އޭނާ ހުރި ސިފައިންނެވެ. ނަމަވެސް ﷲގެ ޙަޟްރަތުގައި އޭނާއަކީ އަގުހުރި މާތް މީހެކެވެ. އެހެނީ ހަމަކަށަވަރުން އޭނާގެ ޢަމަލުން އޭނާ އެދެނީ އާޚިރަތުގެ އަޖުރަށެވެ. ދުނިޔޭގެ ޖާހަކަށްނޫނެވެ.)
އަދިވެސް ދަންނާށެވެ. އަޅުގަނޑުމެންގެ އެތެދުވެރި ނަބިއްޔާވަނީ، ޤިޔާމަތާއި ޖެހެންދެން އަބަދުވެސް މީސްތަކުން ކުރެ ބަޔަކު ޙައްޤު މަގުގައި ޖިހާދު ކުރުންމަތީ ދެމިތިބޭނޭ ކަމަށް ބަޔާންކޮށްދެއްވާފައެވެ.
حديث جابر بن عبد الله، رضي الله عنهما، قال: سَمِعْتُرَسُولَ اللَّهِ صلى الله عليه وسلم يَقُولُ: "لاَ تَزَالُ طَائِفَةٌ مِنْ أُمَّتِييُقَاتِلُونَ عَلَى الْحَقِّ ظَاهِرِينَ إِلَى يَوْمِ الْقِيَامَةِ" (رواه مسلم: 1923)
މާނަ: ޖާބިރު ރަޟިޔަﷲ ޢަންހު ރިވާކުރެއްވެވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ބައިގަނޑެއް (އެބަހީ ބަޔަކު މީހުން)، ޙައްޤުގެ މަތީގައި (އެބަހީ ﷲގެ މަގުގައި) ހަނގުރާމަ ކުރުމުގައި ޤިޔާމަތް ދުވަހާއި ޖެހެންދެން ފައުޅުވެ ދެމި ތިބޭނެއެވެ."
ރުޅިއަންނަ ބަޔަކު ރުޅިއައިކަމުގައި ވިޔަސް، އަދި ފުރައްސާރަކުރާ ބަޔަކު ކިތަންމެ ފުރައްސާރައެއް ކުރިކަމުގައިވިޔަސް، ޙައްޤު މަގުގައި ޖިހާދު ކުރުމުގައި ޤިޔާމަތާއި ޖެހެންދެން، މިއުއްމަތުގެ ކޮންމެވެސް ބަޔަކު އަބަދުވެސް ދެމިތިބޭނެ ކަމުގައި ކީރިތި ނަބިއްޔާ صلّى الله عليه وسلّم މިވަނީ ޙަދީޘްފުޅު ކުރައްވާފައެވެ.
ދިވެހި މުސްލިމް ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ﷲ ތަޢާލާ އަޅުގަނޑުމެންނަށް ބުއްދި ދެއްވާފައިވަނީ ކަމަކުއެވެ. ބަޔަކު އަޅުގަނޑުމެންގެ ސިކުނޑިތަކަށް އެޅިހައި އެއްޗެއް ޤަބޫލު ކުރުމުގެ ބަދަލުގައި، ދުނިޔެވީ މިހިރަ ކަންތައްތައް ހިނގަމުންދާ ގޮތަށް ވިސްނާލި ނަމަވެސް ނިކަން ރަނގަޅަށް ޙަޤީޤަތް މިއޮތީ ފެންނާށެވެ. އަދި އަޅުގަނޑުމެން އެދެއެއްޗެއް ތެދުކޮށް ޤަބޫލު ކުރުމުން މެނުވީ މުސްލިމުންނަށް ނުވެވޭ، ﷲގެ ބަސްފުޅާއި ކީރިތި ނަބިއްޔާގެ ޙަދީޘްފުޅުތަކުގެ ތިލަފަތުގައި މިހިރަމިހިރަ ކަންތައްތައް މިނެ ކިރާލުމުން ޙަޢްޤު ގޮތް މިއޮތީ ރަނގަޅަށް ފެންނާށެވެ. ޒަމާން ބަދަލު ވިޔަސް އަޅުގަނޑުމެންގެ އިލާހަކީ ހަމަ އޭރުގެވެސް އިލާހެވެ. ދީނަކީވެސް ހަމަ އޭރުގެ ދީނެވެ. ފޮތަކީވެސް ހަމަ އޭރުގެ ފޮތެވެ. ނަބިއްޔަކީވެސް ހަމަ އޭރުގެ ނަބިއްޔާއެވެ.
ނިންމާލަމުން އަޅުގަނޑު މިތަނުގައި ބަޔާންކޮށްލާނީ ޢަރަބި ޅެންވެރިޔަކު ވިދާޅުވެފައިވާ ޅެމެއްގެ ބައިތެކެވެ.
لَنْ نُبَالِي بِالْقُيُودِ بَلْ سَنَمْضِي لِلْخُلُودِ
އަހަރުމެންގެ ގައިގާ ކަސްދޮޅު އަޅުވާ ހައްޔަރު ކުރިއަސް، އެކަމަކަށް ފަރުވާލެއް ނެތެވެ. އެހެނެއްކަމަކު ޙަައްޤުގޮތުގައި އަހަރުމެން އަބަދުވެސް ޘާބިތުވެ ކުރިއަށް ދާނަމެވެެ.
وصلى الله وسلم وبارك على نبينا محمد وعلى آله وأصحابه أجمعين. والحمد لله رب العالمين.
-ނިމުނީ-

















ޚިޔާލު