މަތީގައިވާ ތަސްވީރުން ބިއްލޫރި ފުޅިއެއްގެ ސިފާގައި އެފެންނަ އެއްޗަކީ އަތްތެރި މަސައްކަތެއް ހެން ހީވެދާނެއެވެ. ނަމަވެސް އެއީ ވައިގެ ތެރެއިން ދުވާލަކު 25 ގެލޮންގެ (94.64 ލިޓަރ) ފެން ނެގޭ ނިޒާމެކެވެ. 30 ފޫޓު ހުންނަ މި ނިޒާމަށް ކިޔަނީ "ވާރކަ ވޯޓާ" އެވެ. މި އުފެއްދުން ހެދުމަށްޓަކައި ބޭނުންވާ ތަކެތީގެ އަގު 700 ޑޮލަރަށް ވުރެ ކުޑައެވެ. ހަނަފަސް ތަންތާގައި ވެސް ބޭނުން ކުރެވޭ މި ނިޒާމް ހެދުމަށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ އޮނާއި ޕުލާސްޓިކް ދަލެކެވެ.
މަސައްކަތް ކުރާގޮތް
މި އުފެއްދުމުގައިވާ ކޮންމެ ބަޔަކީވެސް ބޭނުންހުރި ބަޔެކެވެ. ވާރކަ ވަށައިގެން އެވާ ތޮށިގަނޑު(ކޮށި) ހަދާފައިވަނީ އޭތި ކޮޅަށް ހުރުމަށާއި ވައި ވަނުމަށް ފަސޭހަވާނޭ ގޮތަށް އޮނުންނެވެ. ތޮށިގަނޑުގެ އެތެރޭގައި އެވާ ދާގަނޑުގެ ސަބަބުން ވައިގެ ތެރެއިން ފެން އުފެއްދައި ދެއެވެއެވެ. ފެން ތިކިތައް އެކުވެ ދާގަނޑުގެ ތެރެއިން ތިރީގައިވާ ބާލިދީއާއި ދިމާލަށް މިސްރާބު ޖަހައެވެ.
އެހިސާބުގަނޑުގެ ވައި ސާފުވެ ތަގައްޔަރު ނުވާ ނަމަ، މިގޮތަށް ނެގޭފެނަކީ ބޯންކަމުދާ ފެނެކެވެ. އަދި ސާފުސާހިރުކަމުގެ ފިޔަވަޅުތައް އެޅުންވެސް މުހިއްމެވެ. ފެން ނެގުން ބިނާވެފައި އޮންނަނީ އެތަނުގެ މޫސުމަށެވެ. އެއީ ވަޔާއި، ވައިގެ ތެއްކަމާއި އަދި ފިނިހޫނު މިނަށެވެ. މިއީ މިގޮތައް ފެންނެގޭ ފުރަތަމަ އުފެއްދުމެއް ނޫނެވެ. ނަމަވެސް އެންމެ އަގުހެޔޮކޮށް ގިނައިން ފެން އުފައްދައިދޭ އެއްޗެވެ.
ފެން ފޯރުކޮށްދިނުން
އެފްރިކާގެ ބައެއް ހިސާބުތަކަށް ފެން ހޯދުމަށް 6 ގަޑި އިރުގެ ދަތުރެއް ކުރަން ޖެހެއެވެ. ފެން ވަޅެއް ހެދުމަށްޓަކައި 1600 ފޫޓު އަޑިއަށް ކޮންނަން ޖެހެއެވެ. މިކަންކަމަކީ ބޮޑު ޚަރަދެއް ހިނގާކަންކަމެވެ. މީތި އުފެއްދުމުގައި އުޅޭ މީހުން ބުނާގޮތިގައި މޫސުމަށް ބަލައިގެން މީގެ އެއްޗަކުން 40 މީހުންގެ އާބާދީ އަކަށް ފެން ފޯރުކޮށްދެވޭނެއެވެ.
ވާރކަ އިން ކުރެވުނު ޓެސްޓުން 25 ގެލޮންގެ ފެން އުފައްދައި ދިނެވެ. ސަބަބަކީ ދުވާލާއި ރޭގަނޑުގެ ފިނިހޫނުމިން ތަފާތު ވުމުންނެވެ. ހަނަފަސް ތަންތާގައި ބޭނުންކުރުމުން އެއަދަދު ވަރަށް ބޮޑަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެދުވަހަކު ސާފުކޮށް ރަނގަޅަށް ބަލައިގެން 4 އަހަރާއި 8 އަހަރު ވަންދެން ބޭނުން ކުރެވޭނެ ކަމަށް މީތި އުފެއްދި މީހުން ބުނެއެވެ.
މިއީ "އާޗިޓެކްޗާރ އެންޑް ވިށަން" ގެ އުފެއްދުމެކެވެ. މިއެއްޗެހި އަދި އުޅެނީީ ޓެސްޓިސް ސްޓޭޖްގައެވެ. ފަނާވެ ނެތިދާ މި އުފެއްފުން ހެދުމަށް ހަފްތާއެއްވެސް ނުނަގައެވެ. މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. މި ދުވަސްކޮޅަކީ ބައެއް ރަށްތައް ފެނަށް ޖެހިގެން އުޅޭ ދުވަސްކޮޅެކެވެ.
މި ލިޔުމުގެ އަސްލު ވަނީ ބިޒްނަސް އިންސައިޑާ ގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...