މި ޙާދިސާ އަކީ 2010 އަކުން 2012 ވަނަ އަހަރާއި ދެމެދު ހިނގާފައިވާ ޙާދިސާ އެކެވެ. ދާދި ފަހުން ވެސް މިފަދަ ޙާދިސާ އެއް ރައްޓެއްސަކަށް ވަނީ ދިމާވެފައެވެ. އެގޮތުން ރާއްޖެތެރެއިން ދޫކުރި ރޯޑްވާދިނަސް ސްޓިކާ ޤަބޫލު ނުކުރެވޭނެ ކަމަށް ބުނެ އޭނާގެ ލައިސަންސް ހިފަހައްޓައި އެތައް ދުވަހަކު ފުލުސް އޮފީހުގައި ތަޅުވާފައި ވެއެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ހުއްދަ އާއި އެކު ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ އެ ރޯޑްވާދިނަސް ސްޓިކާގެ ސައްޙަކަން ފުލުހުންނަށް ބެލެން ނެތީ ޓްރާންސްޕޯޓް ސިސްޓަމަށް ފުލުހުންނަށް އެކްސެސް ނޯންނާތީ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި ވެސް އޭނާގާތު ޕޮލިސް ޓޯޔާޑުން ވަނީ ބުނެފައެވެ.
18 ޖުލައި 2012 ދުވަހުގެރޭ 7:19 ގައި އަޅުގަނޑަށް ފޯނުކޯލެއް އައެވެ. ނުދަންނަ ނަންބަރަކަށް ވުމާއިއެކު ކޯލަށް ޖަވާބު ދިނުމުގެ ގޮތުން ކުޑަކޮށް ހަމަޖެހިލީމެވެ.
“އައްސަލާމް އަލައިކުމް” ކާކުބާވައޭ ހީކޮށް އަޅުގަނޑު ބުނެލީމެވެ.
“ވަ އަލައިކުމުއް ސަލާމް. މީ ޓޯޔާޑް. ތީ ކޮންބޭފުޅެއްތޯ؟” އެކޮޅުން ވާހަކަދެއްކި ފިރިހެނަކު ބުންޏެވެ.
އެހިސާބުން އަޅުގަނޑުގެ ނުތަނަވަސްކަން ފިލާފިއެވެ. އެއީ ކުރާ މަސައްކަތުގެ ގޮތުން އާއްމުކޮށް މަދުމަދުން އަޅުގަނޑަށް ކޯލު އަންނަ ތަނަކަށް ވީތީއެވެ.
“ކިހިނެއްތޯ ވީ؟ ކިހިނެއްތޯ ހަދާދޭންވީ؟” އަޅުގަނޑު ކާކުކަން ބުނުމަށްފަހު އަވަސް އަވަހަށް ބުނީމެވެ.
“ތިބޭފުޅާ ސައިކަލެއް ގެއްލިގެން ރިޕޯރޓް ކުރެއްވިން ދެއްތޯ؟” އަނެއްކާ ވެސް އެކޮޅުން އައީ ސުވާލެކެވެ. އެކަމަކު މިފަހަރު އަޅުގަނޑަށް ޖެހުނީ ވިސްނާލައިފާ ޖަވާބެއް ދޭށޭވެ.
“އާނ—————–ވަރަށް ކުރީގަ.—ހުދުކުލާގެ.—ވޭވް.—ސައިކަލެއް ގެއްލިގެން ރިޕޯރޓް ކުރިން” އަޅުގަނޑަށް ޖަވާބު ދެވުނީ ހަނދާންވަމުން ދިޔަ ވަރަކަށެވެ.
“އެ ސައިކަލު މިތާ(ޓޯޔާޑް)ގައި އެބަހުރި. ރަޖިސްޓްރީ ނަންބަރު އެނގިލައްވާތޯ؟” އަނެއްކާ ވެސް ސުވާލެކެވެ.
“އެހާ ދުވަސް ވީމަ ރަޖިސްޓްރީ ނަންބަރު ބަލައިނުލާ ބުނާކަށް ނޭނގެ. އެކަމަކު ތި ސައިކަލުގެ ރަޖިސްޓްރީ ކޮންމެވެސް ތާކުވާނެ. ފަސޭހައިން ފެންނާނެކަމެއް ނޭނގެ. ކޮން އިރަކު ކޮންތާކުންތޯ ސައިކަލު ފެނުނީ؟” މިފަހަރު އަޅުގަނޑުވެސް އޮޅުން ފިލުވަން ބޭނުންވީތީ ސުވާލުކުރަން ފެށީމެވެ.
“ވަރަށް ކުރީގައި ޗާނދަލިޔާ ކައިރިން އެކްސިޑެންޓެއް ވެގެން ދުއްވަން އިންމީހާ މިސައިކަލު ދޫކޮށްލައިފަ ފިލީމަ މިތަނަށް ގެނެސް މިހުރީ. ތިބޭފުޅާގެ އައިޑީކާޑާ ސައިކަލުގެ ރަޖިސްޓްރީ ހިފައިގެން އައީމަ ސައިކަލު ދައްކާލާންނަން” އަނެއްކާވެސް ވަރަށް ކުރީގެ ވާހަކައެވެ.
އެހިސާބުން އަޅުގަނޑުގެ ޝައުޤުވެރިކަން ވަރަށް ބޮޑުވެއްޖެއެވެ. ފޯނުން އިތުރު މާގިނަ ވާހަކައެއް ނުދައްކާ އަޅުގަނޑު ބެލީ ސައިކަލުގެ ރަޖިސްޓްރީ ފެނޭތޯއެވެ. ނަސީބަކުން ބޭއްވުނު ކަމަށް ހީކޮށް ބަލާލެވުނު ފުރަތަމަ ތަނުން ފެނިއްޖެއެވެ. އަވަސް އަވަހަށް ރަޖިސްޓްރީ ސިޓީއުރަ ހުޅުވައި ބަލައިލީމެވެ. ހީކުރި ވަރަށް ވުރެވެސް ނަސީބު ރަނގަޅެވެ. ރަޖިސްޓްރީއާއި އެކު ގެއްލިގެން “މައްސަލަ ރަޖިސްޓްރީކުރި ލިޔުން” ވެސް އުރާގެ ތެރޭގައި އޮތެވެ. އަވަސް އަވަހަށް އަޅުގަނޑު، އަޅުގަނޑަށް ގުޅި ނަންބަރަށް ގުޅާފީމެވެ. އަދި އަޅުގަނޑުގެ އަތުގައި ރަޖިސްޓްރީއާއި މައްސަލައިގެ ޑޮކިއުމެންޓް އޮތްވާހަކަ ބުނީމެވެ. އަދި އަޅުގަނޑު އިތުރަށް އޮޅުފިލުވަން ބޭނުންވީ ސީދާ ފޭސް ޓް ފޭސް ކަމަށް ވުމާއެކު ކޯލު ކުރުކޮށްލާފައި އެދިމާއަށް ބަހަށްޓާލައިފީމެވެ. ޙަޤީޤަތުގައި އެވަގުތު އަޅުގަނޑު ކަމާބެހޭ އިތުރު މަޢުލޫމާތަށް ވުރެ ބޮޑަށް ބޭނުންވީ ފުރަތަމަ ސައިކަލު ހުރި ޙާލަތެއް ބަލައިލާށެވެ. އަދި އެއަށްފަހު ސައިކަލު އެތަނުން ނެރެވޭނީ ކިހިނަކުންތޯ ބަލާށެވެ.
ސަލާމް ގޮވައިލާފައި ޓޯޔާޑްގެ ފްރޮންޓް އޮފީހުގެ އެތެރެއަށް ވަދެ ކައުންޓަރާ ކައިރިއަށް ޖެހިލައިފީމެވެ. އެތަނުން ދިމާވީ ކިޔާ ޒުވާންފުރާގެ ޕޮލިސް ފިރިހެން ކުއްޖެކެވެ. އަޅުގަނޑު އައިޑީ ކާޑާއި ރަޖިސްޓްރީ ދިއްކޮށްލާފައި ކުޑައިރުކޮޅެއް ކުރިން މިކަހަލަ މިކަހަލަ ކަމަކު ގުޅިވާހަކަ ބުނުމުން އޭނާއަށް އެކަން އެނގިއްޖެއެވެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑާ ކުރިން ފޯނުން ވާހަކަ ދެއްކީވެސް އޭނާ އެހެންނެވެ. އޭނާ ރަޖިސްޓްރީ ބަލައިލާފައި ކައުންޓަރުން ބޭރަށް ނުކުމެ އެތަކެތި އަޅުގަނޑާ އަނބުރާ ޙަވާލުކޮށްފައި އަންނާށޭ ބުނެ ހިނގައިގަތެވެ. އަޅުގަނޑު ވެސް ކެތްމަދުވެފައި ކަހަލަ ގޮތަކަށް އޭނާގެ ފަހަތުން ހިނގާފައި ދިޔައީމެވެ. ދިޔަ މަގުމަތީ އަޅުގަނޑުވެސް ވަރުވަރު އެހީމެވެ. އޭނާގެ ވާހަކައިން އެސައިކަލު އެތަނަށް ނަގާފައިވަނީ އަޅުގަނޑު ގެއްލިގެން ޕޮލިހަށް ރިޕޯރޓްކުރިތާ މާގިނަ ދުވަހެއް ނުވެކަން އެނގެއެވެ. މިހާ ދުވަސް ވަންދެން ނޭނގި ސައިކަލު އެތާ ހުރީ ނަންބަރު ޕްލޭޓް ބަދަލުކޮށްފައި ހުރީމަ ކަމަށާ އަދި ޓްރާންސް ޕޯރޓް ޑާޓާ ބޭސް އަށް އެބޭފުޅުންނަށް ނުވަދެވޭތީކަމަށް ވެސް އޭނާ ބުންޏެވެ. ދެން މިހާރު އެބޭފުޅުންނަށް އެ ސައިކަލުކަން އެނގުނީ ކިހިނަކުންތޯ އެހުމުން ބުނީ ޗެސިސް ނަންބަރާ އެންޖިން ނަންބަރު ބަލައިގެން އެނގުނީކަމަށެވެ. ޓްރާންޕޯރޓް ޑާޓާ ބޭސް މިހާރު ލިބޭތޯއާ ލިބެންޏާ ލިބުނީ ކޮންއިރަކުތޯ ސުވާލު ކުރުމުން އޭނާބުނީ މިހާރު ލިބޭކަމަށާއި ލިބުނީ ގާތްގަނޑަކަށް މީގެ ދެތިން މަސްދުވަސް ކުރިން ކަމަށެވެ.
ސައިކަލާ ހަމަޔަށް ދެވެންވީ އިރު ލައްކަ ވާހަކަ ދެއްކުނެވެ. ނަމަވެސް އެދެއްކި ވާހަކަޔަކަށް ވުރެ އަޅުގަނޑުގެ ޝައުޤުވެރިކަން ހުރީ ހަމަ ސައިކަލު ބަލައިލުމެގެ މައްޗަށެވެ. ސައިކަލު ހުރީ ވަރަށް އެތެރޭގައެވެ. މިހެން ބުންޏަސް އެއީ ހިޔާކޮށްފަ ހުރި ތަނެއްނޫނެވެ. އެތާ ހުންނަ އެއްޗެއް ހުންނާނީ ދެންޏާ އަވީގައި ނުވަތަ ވެހެންޏާ ވާރޭގައެވެ. އެ ސައިކަލު ހުރި ސަރަހައްދަށް ބަލާއިރު އެސައިކަލު އެތަނަށް ގެންދިޔައިރު އެތާގައި މާގިނަ ސައިކަލުތަކެއް ހުންނާނެއޭ ވެސް ހީނުވެއެވެ. މައްސަލަ ހުށަހެޅިއރު އަޅުގަނޑު ބަޔާންކުރި ސިފަތަކާ މާބޮޑުތަފާތެއް ވެސް ނެތެވެ. ވަގަށް ނެގިމީހަކު ކޮށްފައި ހުރިހާވެސް ކަމަކީ ނަންބަރު ޕްލޭޓާއި ލޯގަނޑު ބަދަލުކުރުމެވެ. މައްސަލަ ހުށަހަޅަމުން އަޅުގަނޑު ބަޔާންކޮށްދީފައިވާނޭ ބައެއް ސިފަތަކުގެ ތެރެއިން ބައެއް ކަވަރުގައި ހިތްޕާފަހުރި އޮރެންޖް ކުލައިގެ ހަނި ސްޓިކާ ޓޭޕްފަށްތަކުގެ ތެރެއިން ނައްޓަން މަސައްކަތްކޮށް ނުނެއްޓިފައިހުރި ބައެއް އޮރެންޖް ސްޓިކަރ ޓޭޕް ވެސް އެކްސިޑެންޓްގެ ސަބަބުން ހަލާކުވެ ދުރުވެފައިވާ ކަނައަތްފަރާތުގެ ކަވަރުތަކުގެ ކައިރިފަށުގައި ރީއްޗަށް ފެންނަން ހުއްޓެވެ.
އޭރު ޢިޝާނަމާދުގެ ބަންގިގޮވާ އަޑުއިވެއެވެ. ވަގުތު ގެއްލުވާނުލައި ނަމާދުކުރަން ބޭނުންވާތީ އެތަނުން ނިކުމެއްޖައީމެވެ. ފުރުޤާނު މިސްކިތުގައި ނަމާދުކުރުމަށް ފަހު ނުކުމެ ހިތަށްއެރިއެވެ. އަދި މިވަރަކުން ނުފުދޭނެއެވެ. ޕޮލިހަށްގޮސް އެބުނާ މައްސަލަބަލާ މީހަކާ ބައްދަލުކުރުމުގެ ކުރިން ސައިކަލު ޓޯޔާޑަށް ނެގި ތާރީޚެއްބަލަންޖެހޭނެއެވެ. ކޮންމެއަކަސް ފޮޓޯއެއްވެސް ނަގާނަމޭހިތާ އަނެއްކާވެސް ދިޔައީ ޓޯޔާޑަށެވެ. މިފަހަރު ބޭނުންވި މަޢުލޫމާތުގެ އިތުރުން ޕޮޓޯވެސް މިފަހަރު ނަގައިފީމެވެ.
ރަޖިސްޓްރީ ނަންބަރު A0D8120 ހޮންޑާ ވޭވް 110i ގެ ސަައިކަލު ވަގަށްނަގައިފައިވަނީ 25 ސެޕްޓެމްބަރ 2010 ދުވަހުގެ ރޭ މއ. ސަމްރަތުގޭ ކުރިމަތީގައި އޮންނަ ޕާރކިންގ ޒޯނުގައި ބަހައްޓާފައި ވަނިކޮށެވެ. ސައިކަލު ދުއްވި ކުއްޖާ ހަނދާންނެތިގެން ތަޅުދަނޑި ނުނެގި ހުއްޓައި އެރޭގެ ދަންވަރު 1:30 ހާކަށްއިރު ސައިކަލެއްގައި އައި ދެޒުވާންކުދިން ސައިކަލު ކައިރިއަށް މަޑުުކޮށްލައި އޭގެތެރެއިން އެއްކުއްޖަކު އެސައިކަލަށް އަރާގެންދާ މަންޒަރު ސީސީ ކެމެރާގެ ފުޓޭޖުން ފެނެއެވެ. އެހެންކަމަށް ވުމާއެކު ޖެހިގެން އައިދުވަހު އަޅުގަނޑު ފުލުސް އޮފީހަށް ގޮސް ރަސްމީގޮތުން މައްސަލަ ހުށައެޅީމެވެ. ތެފްޓް އެންޑް ރޮބަރީ ޔުނިޓުގައި ވައްކަމުގެ މި މައްސަލަ ރަޖިސްޓްރީ ކޮށްފައިވަނީ 09/26/2010 05:58:40 PM ގައެވެ. އެ ޔުނިޓުން މައްސަލަ ބަލަން ޙަވާލުވި އިންސްޕެކްޓަރ ސީދާ އަޅުގަނޑުގެ ގެއަށް ފޮރިންސިކް ޓީމުގެ ބޭފުޅަކާއެކު ވަޑައިގެން ސީސީ ކެމެރާގެ ވީޑިއޯ ފްޓޭގް ނަންގަވައިގެން ގެންދެވިއެވެ. އޭގެ ފަހުން މައްސަލަބަލާ ސެކްޝަންގެ އިންޗާރޖް ޗީފް ދެތިން ފަހަރަކު އަޅުގަނޑަށް ގުޅުއްވައި ސައިކަލުގެ އެއްވެސް ހަބަރެއް އެބޭފުޅުންނަށް އަދި ނުލިބޭކަމަށާއި އަޅުގަނޑަށް އިތުރު މަޢުލޫމާތެއް ލިބުނުތޯ އައްސަވާ ހެއްދެވިއެވެ.
މައްސަލަ ހުށަހެޅިތާ 8 ދުވަސް ފަހެވެ. މާފަންނު ޗާނދަލިޔާ ބުކުޝޮޕް ކައިރީގައި އެކްސިޑެންޓެއްވިއެވެ. މި އެކްސިޑެންޓްވި އެއް ވެހިކަލަކީ މިސައިކަލެވެ. މި ސައިކަލު ވަގަށް ނެގިތާ އަދި މާގިނަދުވަސްތަކެއް ނުވާތީ ސައިކަލުގެ ވެރިފަރާތުން ސައިކަލު ހޯދަން މަސައްކަތް ކުރާނެކަން އެނގޭތީ ވަގުކަލޭގެ އެ ސައިކަލު ދުއްވަނީ ވަރަށް ބާރަށެވެ. ލޯގަނޑާއި ނަންބަރު ބޯޑު ބަދަލުކޮށްލިޔަސް ވެރިފަރާތަށް ފެނިއްޖެއްޔާ އެނގިދާނެކަމަށް ހީކޮށެވެ. އެކްސިޑެންޓަށް ފަހު ވަގުކަލޭގެ ހިތަށް އެރިއެވެ. އިރުކޮޅަކުން އަންނާނީ ފުލުހުންނެވެ. އެމީހުން އަތުވެއްޖިއްޔާ އަހަރެން ބެދޭނީ ހަމަ އެކަނި އެކްސިޑެންޓްގެ މައްސަލަޔަކުނޫނެވެ. މި ސައިކަލު ވަގަށްނެގި މައްސަލާގައިވެސް ބެދޭނެއެވެ. އެހެން ހިތަށްއަރާފައި ސައިކަލަކީ އަމިއްލަ ސައިކަލަކަށް ނުވާތީ މާބޮޑު އެއްޗެއް ހިތަށްނާރުވައި ސައިކަލު ދޫކޮށްލާފައި އެއްވެފައިވާ މީހުންތަކު ތެރޭން ވަގުކަލޭގެ ފުލުހުން އަންނަންވީއެރު ދުވެއަޅާ ފިލައިފިއެވެ. އެދުވަހަކީ 4 އޮކްޓޯބަރު 2010 ދުވަހެވެ. ވަގުކަލޭގެ ދޫކޮށްލާފައި ދިޔަ އެ ސައިކަލު ޓޯޔާޑަށް ގެންދިޔައީ ވެސް ހަމަ އެދުވަހުއެވެ. މި ލިޔުން ފަށަމުން އަޅުގަނޑަށް އައިކަމަށް ދެންނެވި ފޯނުކޯލު އަޅުގަނޑަށް ޓޯޔާޑުން އައީ އެސައިކަލު ޓޯޔާޑުގެ ބެލުމުގެ ދަށަށް ގެންގޮސް ހުންނަތާ 653 ދުވަސް ވީފަހުން ދެއަހަރު ވާން ދެމަހެއްހާ ދުވަހަށް ވެފައި ވަނިކޮށް 18 ޖުލައި 2012 ގައެވެ. އަޅުގަނޑުގެ ހިތަށްއެރިއެވެ. މި މީހުން މިކުރަނީ ކީއްބާވައެވެ.
އަދި އެވަރަކުން ނިމުނީއެއްނޫނެވެ. އަޅުގަނޑު ހެދި ދެވަނަ ޓެސްޓުން ވެސް ވީ ޕޮޒިޓިވް އެވެ.
އެއީ 23 ޖުލައި 2012 ވަނަ ދުވަހެވެ. އަޅުގަނޑު ކުރިން ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަ ޕޮލިސް ސަރވިސްގައި ރަޖިސްޓްރީ ކޮށްފައިވާ ލިޔުމުގައި މަޢުލޫމާތު ހޯދުމަށް ގުޅަން ޖަހާފައިވާ ނަންބަރަށް އަޅުގަނޑު ގުޅާފީމެވެ. ގާތްގަނޑަކަށް މެންދުރު ކުރީ 11 ޖަހާކަންހާއިރެވެ. އަސްލު އަޅުގަނޑު ގުޅީ ޓޯޔާޑުން ސައިކަލު ދޫކޮށްލެވޭނީ މައްސަލަބަލާ ސެކްޝަނުގެ އިންޗާޖު ސައިކަލު ދޫކޮށްލަން އެންގުމުންކަމަށް ޓޯޔާޑުން ބުނެފަ އޮތީމައެވެ. ނަމަވެސް ދެވަނަ ޓެސްޓެއް ހަދާލަން ފުރުޞަތު ލިބުނީމާ ފުލުސް އޮފީނުން ފޯނުނެގި ޕޮލިސް ކޯޕްރަލް އަންހެން ކުއްޖާ ގާތުގައި ރިފަރެންސް ނަންބަރު ދީފައި މައްސަލާގެ (ކަރަންޓް ސްޓޭޓަސް) މިހާރުގެ ޙާލަތަކީ ކޮބާތޯ އަޅުގަނޑުއެހީމެވެ. ކިހާ ހެއްވާ ހެއްޔެވެ؟ އެމީހުންގެ ޑާޓާބޭސް އިން ދައްކަނީ އަދިވެސް ސައިކަލު ނުފެންނަ ކަމަށެވެ. ދެން އަޅުގަނޑު ހިތަށް އެރީ އަނެއްކާ ސައިކަލު ވަގަށްނަގައިގެން މި އުޅެނީ ޓޯޔާޑުން ނޫންބާވައެވެ. އެހެން ހިތަށް ނާރާ ވަރެއް ނޫންތާއެވެ.
ކޮންމެއަކަސް ފުލުސް މިއީ ދިވެހިރާއްޖޭގެ މަދަނީ ޞުލްޙަ މަސަލަސްކަމުގެ މައި އިދާރާއެވެ. އާއްމު ފަރުދުންގެ ޙައްޤުތައް ހޯދައިދިނުމުގެ އެންމެ އިސް މުއައްސަސާއެވެ. ދައްކަމުން މިދަނީ އެތަނުގެ ޙާލަތުގެ ވާހަކައެވެ. ވަޞީލަތްތަކާ ތަމްރީނު ކުރެވިފައިވާ ޤާބިލް ތަޢުލީމީ މުވައްޒަފުން ނެތީބާވައެވެ؟ ނޫނީ ސިޔާސީ އޮއިގައި ފުލުހުންގެ ސަމާލުކަން އެނޫން ކަންކަމަށް ދެވޭނެ ފުރުޞަތު ނުލިބެނީ ބާވައެވެ؟ މިހުރީ ހައްތާހާވެސް ހިތުގައި އުފެދޭ ސުވާލެވެ. މި ސުވާލުތައް މިހެން ހުރި ކަމުގައި ވިޔަސް ފެހި ސިގްނަލެއްވެސް ލިބުނެވެ. އިސްވެ ބަޔާން ކުރެވުމު މައްސަލާގައި އަޅުގަނޑު އެ މުއައްސަސާއިން މުޢާމަލާތްކުރި ކޮންމެ މުވައްޒަފަކުވެސް މަޢާފަށް އެދޭ ޙާލު އެބޭފުޅުންނަށް ކަންކަން އެންމެ ރަނގަޅަށް ނުބެލޭ ކަމަށާ ނުކުރެވޭކަމަށް އަމިއްލަފުޅަށް އިޢުތިރާފުވެ ވަޑައިގެންފައިވެއެވެ. އަދި މިކަންކަމުގެ އަލީގައި ކުރިޔަށް އޮތްތާގައި މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...