ހަދިޔާކުރީ: އުއްމު މަރްޔަމް
މާތްވެގެންވާ މަދީނާގެ މުޖާހިދެކެވެ. ނަންފުޅަކީ ފަރޫޚެވެ. ކާފަރުންނާ ހަނގުރާމަކުރައްވަން ޚުރާސާނަށް ވަޑައިގަންނަވަނީއެވެ. ވަޑައިގަންނަވަމުން އަނބިކަނބަލުންނަށް އަސްރަފީކޮޅެއް ދެއްވަމުން ވިދާޅުވިއެވެ. [މިއީ، ކަމަނާ ހެޔޮކަންތަކަށް ހޭދަކުރެއްވުމަށް، ނުވަތަ ރަނގަޅު ކަންތަކަށް ޚަރަދުކުރެއްވުމަށް ތިމަން ކަލޭގެފާނު ދެއްވާ އަސްރަފީއެވެ.] މިގޮތަށް ބާރު އަޅުއްވައިފައި އެއަސްރަފީ ދެއްވައިފައި ފަރޫޚު ވަޑައިގެންފިއެވެ. ބާވީސް ތޭވީސް އަހަރުވީއިރުވެސް ގެއަކަށް ވަޑައެއް ނުގެންނެވުނެވެ.
އަނެއްކޮޅުން، ފަރޫޚު ވަޑައިގެންނެވިތާ، ހަމަ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ﷲ އެކަލޭގެފާނަށް ފިރިހެން ބޭފުޅަކު ދެއްވައިފިއެވެ. އަނބިކަނބަލުން އެދަރިކަލުންނަށް ރަބީޢަތޭ ވިދާޅުވެ ނަން ދެއްވައިފިއެވެ. މިބުއްދިފުޅު ހެޔޮ، ހަރުދަނާ މައިކަނބަލުން، ދިރިއުޅުއްވުމުގެ އެންމެ ބޮޑު ބޭނުމަކަށް ހެއްދެވީ، އެދަރިކަލުންނަށް، ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ދެއްވޭތޯ ބެއްލެވުމެވެ. ފަރޫޚް ދެއްވި ހުރިހައި އަސްރަފީއެއް މިކަމަށް ހޭދަކުރައްވައި ނިންމަވައި ލެއްވިއެވެ.
ދުނިޔޭން ދުވަސްތައް ހޭދަވާކަށް ލަހެއް ނުވެއެވެ. ބައްޕާފުޅު، ހަނގުރާމައަށް ވަޑައިގަތްފަހުން، ދުނިޔެއަށް މިވަޑައިގަތް ރަބީޢަތަކީ، ދުނިޔޭ ތާކުނެތްވަރުގެ ބޮޑު ޢިލްމުވެރިއަކަށް ވެވަޑައިގެންފިއެވެ. އެދަރިކަލުން މަސްޖިދުއް ނަބަވީގައި މީހުންނަށް ޤުރްއާން ކިޔަވައި ދެއްވައި ޙަދީޘްގެ ފިލާވަޅުތައް ދެއްވައި ހައްދަވަނީއެވެ. މަދީނާގެ އަހުލުވެރީން ނުހަނު ޝައުޤުވެރިކަމާއެކު އެފިލާވަޅުތަކުގައި ބައިވެރިވަމުން ގެންދިޔައެވެ.
އަނެއްކޮޅުން، ފަރޫޚް ހަނގުރާމަތަކުގައި ކާމިޔާބީތައް ޙާޞިލްކުރައްވަމުން ގެންދަވަނީއެވެ. ﷲގެ ރުއްސެވުން ޙާޞިލްކުރެއްވުމުގެ އިތުރަށް ފުދޭވަރެއްގެ ގިނަ ޣަނީމާ މުދާވެސް ހޯއްދަވައިފިއެވެ. އެންމެފަހުން، ބާވީސް ތޭވީސް އަހަރުވުމަށްފަހު، ގެއަށް ވަޑައިގަތުމަށް ޤަޞްދުކުރައްވައިފިއެވެ. ސިފައިންގެ ވެރިޔާގެ އަރިހުން ހުއްދަ ހޯއްދަވައިގެން މަދީނާއާ ދިމާއަށް ހިންގަވައިގެންފިއެވެ. ގެއަށް ވަޑައިގަތުމަށްފަހު، ގޭގެ ދޮރުކޮޅުގައި ޓަކި ޖައްސަވައިލެއްވިއެވެ. ކުއްލިއަކަށް ގޭތެރެއިން ނުކުމެވަޑައިގަތީ އޭނާގެ ދަރިކަލުން ރަބީޢަތެވެ. ދޮރު ހުޅުވާލެއްވުމާއެކު ފާރޫޚް ކަންބޮޑުވެވަޑައިގަތެވެ. އެ ވިހި ބާވިސް އަހަރުގެ ފިރިހެނަކީ އޭނާ ދެނެވަޑައިގަންނަވާ މީހެއް ނޫނެވެ. ހީފުޅުކުރެއްވީ، ކޮންމެވެސް ބޭރު މީހެއް ކަމަށެވެ. މިހެންވެ، ކޯފާވެފައި އެއްސެވިއެވެ. [ތިޔައީ ކާކު ހެއްޔެވެ؟ ކަލޭ އަހަރެންގެ ގެއަށް ވަދެގެން ތިއުޅެނީ ކީއްކުރަން ހެއްޔެވެ؟]
ރަބީޢަތަކަށްވެސް ބައްޕައެއް އެނގިވަޑައެއް ނުގަތެވެ. ނުވެސް ދަންނަމީހަކު، މިކަހަލަ ގޮތަކަށް އެއްޗިހި ގޮވައިގަތުމުން، ރަބީޢަތުގެސް ކޯފާ ވެއްޖެއެވެ. މައްސަލަ އެންމެ ނުބައި ހިސާބަށް ދާން ތައްޔާރުވެފައި ވަނިކޮށް، ފަރޫޚްގެ އަނބިކަނބަލުންނަށް އެކަމަނާގެ ފިރިކަލުންގެ އަޑުފުޅު އިވިވަޑައިގަތުމާއެކު، އަވަސް އަވަހަށް އެތަނަށް ނުކުމެވަޑައިގެންފިއެވެ. ވަޑައިގެން ދެބަފައިކަލުންނަށް ކަން ހިނގާފައިވާގޮތް ވިދާޅުވެދެއްވިއެވެ. ދެން ފަރޫޚް ނުހަނު ޢިއްޒަތުގައި ގެކޮޅުތެރެއަށް ވެއްދެވިއެވެ.
ދަތުރު ވަރުބަލިފުޅު ފިލާވަޑައިގަތުމުން ފަރޫޚް އަނބިކަނބަލުންނަށް ވިދާޅުވިއެވެ. [އެއްކަލަ އަސްރަފީކޮޅަށް ހެދީ ކިހިނެއް ހެއްޔެވެ؟ އަހަރެން ފުރަމުން ދިނީމެއް ނޫންހެއްޔެވެ؟ ހަނދާން ވެއްޖެހެއްޔެވެ؟] އަނބަކަނބަލުން ދެންނެވިއެވެ. [ތިޔަ ސުވާލުގެ ޖަވާބު އަޅުގަނޑު މާދަމާ އަރުވާނަމެވެ.]
އަނެއްދުވަހު، އަނބިކަނބަލުން ފިރިކަލުންނަށް ވިދާޅުވިއެވެ. [ޢަޞްރު ނަމާދަށް ވަޑައިގަންނަވަންވާނީ މަސްޖިދުއް ނަބަވީއަށެވެ. ނަމާދުން އެނބުރި ވަޑައިގަތުމުން، އަޅުގަނޑު އެއްކަލަ ސުވާލުގެ ޖަވާބު އަރުވާނަމެވެ. މިދެންނެވީ، އެއްކަލަ އަސްރަފީކޮޅަށް އަޅުގަނޑު ހެދީ ކިހިނެއްކަން ސާފުކޮށް އެރުވުމުގެ ވާހަކައެވެ.]
ފާރޫޚް ނަމާދު ކުރެއްވުމަށްޓަކައި މިސްކިތައް ވަޑައިގެންފިއެވެ. އެވަގުތު އެކަލޭގެފާނަށް ފެނިވަޑައިގަތީ، އެކަލޭގެފާނުންގެ ދަރިކަލުން ނުހަނު ޢިއްޒަތާއެކު، މަސަންދެއްގައި ވަޑުވައިފައި ވަނިކޮށެވެ. އެތާނގައި އިންނަވައިގެން ދީނީ ފިލާވަޅުތައް ދެއްވަނީއެވެ. އެތައްސަތޭކަ ބައެއް ނުހަނު ޝައުޤުވެރިކަމާއި ވިސްނުންތެރިކަމާއެކު އެއަޑު އަހަމުން ގެންދަނީއެވެ. މިތަން ދެކެވަޑައިގެންފައި އެކަލޭގެފާނު ނުހަނު އުފާކުރެއްވިއެވެ. ހީފުޅުކުރެއްވުނީ، އެދަރިކަލުންނަށް، ރަސްކަލަކަށްވުރެންވެސް މަތީ ދަރަޖައެއް ﷲ އޭނާއަށް ދެއްވާފައިވާ ކަމުގައެވެ.
ގެއަށް ވަޑައިގެން އަނބިކަނބަލުންނަށް މިހުރިހާ ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. [އަޅުގަނޑަށް ދެއްވި އަސްރަފީކޮޅު އަޅުގަނޑު ބޭނުން ހިފީ އެދަރިކަލުންނަށް ތަޢުލީމު ދިނުމަށްޓަކައެވެ. ދެން ވިދާޅުވެ ބައްލަވާށެވެ. އަޅުގަނޑަށް ކަންތައް ކުރެވުނީ ރަނގަޅަށް ތޯއެވެ؟ ނުވަތަ ގޯސްކޮށް ތޯއެވެ؟]
ފާރޫޚް ވިދާޅުވިއެވެ. [އެއަސްރަފީން ތިޔަކަމަށް ވުރެ ވަކީން ރަނގަޅުކަމަކަށް ޚަރަދެއް ނުކުރެވޭނެއެވެ. ކަމަނާ އެ އަސްރަފީތައް ތިޔަ ހޭދަކުރެއްވީ ހަމަ ޔަޤީނުންވެސް ހޭދަކުރެއްވޭން އޮތް އެންމެ ރަނގަޅު ގޮތުގައެވެ. ކަމަނާޔަށް މުބާރަކް ބާދީ ޙައްޤުވެގެންވެއެވެ.]
ކޮމެންޓް (0)
ލޯޑް ކުރަމުން...