“މާވެޔޮމަގުގައި ކުޑަކުދިންގެ އެއްޗެހި ވިއްކާ ފިހާރަ ވަރަށް ގިނަވާނޭ” މީހަހަކު ބުނެގެން ދެފަރާތަށް ބަލަމުންމަލަމުން ދިޔައީމެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ހެދުން ވިއްކާ ފިހާރައެއްގެ ތެރޭގައި ޢާއްމުކޮށް މިބަހައްޓާފަ ހުންނަ ޒާތުގެ ކަޅުކުލައިގެ ބޮޑު އަންހެން ބުދެކެވެ. އަދި މިބުނެވުނީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. އަމާޒު ހުއްޓުނީ އޭގައި އަޅުވާފައި ހުރި ހެދުމެކޭ ބުނަން ބޭނުން ނޫން ހެދުމެއް ކަހަލަ އެއްޗަކަށެވެ. އެކަމަކު އަސްލު އެ ބުދުވެސް ހުރީ އެއްކޮށް ކަހަލަ ގޮތަކަށް ފެންނާށެވެ. ލައްވާފައިހުރި ހެދުމުގެ މޮޅުކަމުންނެވެ. އަޅުގަނޑުގެ ހިތަށްއެރިއެވެ. އެހެދުންވެސް ގަނެގެން މި މާލެ ތެރެއިން ކޮންމެވެސް ކުއްޖަކު ލާނެތާއެވެ. ދެން އަޅުގަނޑު ވިސްނާލީ ފިހާރަޔާ ދޭތެރޭގައެވެ. ފިޔާތޮށި ކުލައިގެ ތީމެކެވެ. ހީވާގޮތުން އެއީ ނަންމަޝްހޫރު އަންހެން ބޭކަނބަލެއްގެ ފިހާރައެކެވެ. ފޮޓޯއެއް ނަގަން ބަލާލިއިރު މީޑިޔާއެއްގައި ޢާއްމު ކުރުމަށް އަޅުގަނޑުގެ ޒަމީރު އެއްބަހެއް ނުވިއެވެ. ވުމާއެކު އަޅުގަނޑު ފޮޓޯއެއް ހޯދީ ރަނގަޅު ނުވިޔަސް އެއަށްވުރެ ހާސްގުނަ ރަނގަޅު ފިހާރައެއް ހޯދައިގެންނެވެ.
ދިވެހިރާއްޖޭގައި އަންނައުނު ވިއްކާ ގިނަމީހުން ޢާއްމުކޮށް މުދާ އެތެރެކުރަނީ ތައިލެންޑާއި ސްރީލަންކާ އިންނެވެ. އަދި ބައެއް ފަހަރު އިންޑިޔާ މެލޭޝިޔާ ނޫނީ ދުބާއީ އިން މަދުމަދުން ހެދުން އެތެރެ ކުރިޔަސް މައިގަނޑު ގޮތެއްގައި ދިވެހިރާއްޖެއަށް ހެދުން އެތެރެކުރާކަމަށް ކުރިން ދެންނެވި ދެގައުމުގެ ހެދުން އެޅުމުގެ ސަގާފަތަށް ބަލާއިރު ދެ ގައުމަކީވެސް ނިވާކަން ކުޑަ ހެދުން އެޅުމުގައި ހައްދުފަހަނައަޅާފައިވާ ދެގައުމޭ ދެންނެވިދާނެއެވެ. ވަކިން ޙާއްޞަކޮށް ތައިލެންޑެވެ. ދިވެހީން އަންނައުނެގެ ވިޔަފާރިކަމުގައި ޢާއްމުކޮށް ގޮސްއުޅޭ ބޭންގކޮކަކީ މުޅި ދުނިޔެއަށްވެސް މަޝްހޫރުތަނެކެވެ. ލައިއުޅޭ ހެދުމުގެ ގޮތުން ނޫންކަމުގައި ވިޔަސް ހެދުމަކީވެސް ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ. އެގޮތުން އަންހެނުންގެ ޢާއްމު ހެދުމަކަށް ވެފައި އޮންނަނީ ކުދި ޓޮޕް ޓީ-ޝާރޓް ކޮޅުކޮޅާއި ފޫޅުން ތިރިޔަށް ގާތްގަނޑަކަށް ހައެއްކަ އިންޗި ހުންނަވަރުގެ “ޝޯރޓް” ކޮޅުކޮޅެވެ. އަޅުގަނޑަށް ވެސް ހަމަލޮލުން އެ މަންޒަރު ފެނުމުން އަސްލު ޙަޤީޤީ “ޝޯރޓް”އަކީ މީއޭ ހިތަށް އެރިއެވެ.
ދެންއޮތީ ސްރީލަންކާއެވެ. އެމަންޒަރުވެސް ހަމަ ލޮލުން ދުށުމުގެ ނަސީބު އަޅުގަނޑަށް ލިބުނެވެ. ހިތަށް އެރިއެވެ. އަންހެނުން ލައި ހެދުމުގައި އަތް، ލުމަކީ އަނެއްކާ މިގައުމުގައި މަނާކަމެއް ބާވައެވެ. އާއެކެވެ. މީގެ ކުރިން މިޒާތުގެ އެއްޗެހި ލައިތަން ފެންނަނީ ފިރިހެންވެރިން ބާސްކޭޓް ބޯޅަ ކުޅެންވެގެންނެވެ. ފިސާރި ތެދެކެވެ. ކަރުވަޅު ކަނޑާފަ ހުންނަނީވެސް ހަމަ ދާދި އެއްކަހަލަ ގޮތަކަށެވެ. އެއްގޮތަކުން ބެންގކޮކަކަށްވުރެ ވަކި ސަހަލެއް ނޫނޭވެސް ބުނެވިދާނެއެވެ.
އަޅުގަނޑު މި ދިރާސާ ކުރާތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެއްޖެއެވެ. މަގުމަތިން ފެންނަ ފެޝަން އަންހެން ކުދިންގެ ހެދުމަށް އަންނަ ބަދަލެވެ. ނިވާވާ ނިސްބަތް ކުޑަވަމުންދާ ދިޔުމެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެކޭ ބުނާއިރު ޣައިރު މުސްލިމް ގައުމު ތަކަށްވުރެ ކުރިޔަށް އަރާހެން ހީވާތީއެވެ. ކޮންމެ އަކަސް ޖުމްލަ ގޮތެއްގައި އެއްޗެއް ފިލާވަރު ވެއްޖެއެވެ.
އަޅުގަނޑު ބެލިބެލުމުގައި ޢާއްމު މުޖުތަމަޢުގައި ފެޝަނަށް އަންނަ ބަދަލުތަކުގެ އެންމެބޮޑު ހިއްސާދާރުންނަކީ ގާމަންޓް ވިޔަފާރިކުރާ ފިހާރަތަކެވެ. މި ފިހާރަތަކަށް އެކި ދުވަސްވަރު އެކި ކަހަލަ ފެޝަންތަކުގެ ތަފާތު ހެދުންތައް ގެނެސް ބޭރަށް ފެންނާނޭހެން ޑިސްޕްލޭ ކުރެވެއެވެ. ހަމަ އެއާއެކު މި ޑިސްޕްލޭތަކާ އެކު އެއްގޮތަށް އެއްވަގުތެއްގައި މަގުތައްމަތިން ފެންނަ ފެޝަން އަންހެންކުދިން އަދި ފިރިހެން ކުދިންވެސް ބަދަލުވަމުން ދެއެވެ. އެކުދިން ބުނާ ކަހަލައެވެ. “ފިހާރަތަކަށް ގެންނަން ކެރުނިއްޔާ އަހަރެމެންނަށް ލާން ކެރޭނެ”އެވެ. ފިރިހެން ކުދިންގެ ހެދުމަކީ މާބޮޑު ބަދަލުތަކެއް އަވަސް އަވަހަށް އެއަށް އަންނަ އެއްޗަކަށް ނުވި ނަމަވެސް އަންހެން ކުދިންގެ ހެދުން އެއާ ދިމާ އިދިކޮޅެވެ. ދުވާލަކު، ހަފުތާއަކު ގޮތެކެވެ. މިދާވަރުން ދަންޏާ ހަނދާންނެތިގެން ހެދުން ނުލާ ބޭރަށް ނިކުމެވިފައި ތިބި ކުދިންހެން ހީވާ ކުދިންވެސް ދުވަސްކޮޅަކުން ފެންނަން ފަށައިފާނެކަމުގެ ބިރު ކުޑައެއްނޫނެވެ.
ދެން އަޅުގަނޑު ވިސްނާލީ ބައެއް އަންހެން ކުދިންގެ ޢާއްމު ނުވަތަ މަގުމަތީ ހެދުން އެހެން ގައުމުތަކަށް ވުރެ މިރާއްޖޭގައި ނިވާކަން ކުޑަވާ ސަބަބުގެ މައްޗަށެވެ. ފުންކޮށް ވިސްނާލުމުން ކޮންމެ ބޭފުޅަކަށް ވެސް އެނގިލައްވާނެއެވެ. ދިވެހިންނަކީ އަމިއްލަ ގޮތެއްގައި ނުހިފެހެއްޓޭ ތާގައި އެއްގޮތެއްގައި ވެސް ހިފަހައްޓާލައިގެން ތިބެވޭ ބައެއް ނޫނެވެ. ނަތީޖާއަކަށް ވަނީ ފަރާތްފަރާތުގެ ނުފޫޒަށް ފުރޮޅިގެން ދިޔުމެވެ. ފިލްމުތަކާ ސީރީޒް ތަކެވެ. އެއްކަލަ ފިހާރަތަކުގެ ޑިސްޕްލޭއެވެ. އެތާ ހުންނާނީ އެކި ގައުމުތަކުގެ އެކި އެއްޗެއްސެވެ. އެ ހިސާބުން ވައްތަރުތައް ގިނަވެ ވިސްނުން ގޯސްވެ އިޚްތިޔާރު އޮޅުންބޮޅުން ވަނީއެވެ. ވިސްނާލައްވާށެވެ. މިސާލަކަށް މައްޗަށްލެވުނީ ސްރީލަންކާ ޓޮޕެކެވެ. ދެން ތިރިޔަށް ތައިލެންޑް ޝޯރޓްކޮޅެއް ލެވިއްޖެއްޔާ ހުންނާނީ ކިހިނެއްހެއްޔެވެ؟ މައްޗަކުންވެސް ތިރިއަކުންވެސް ނިވާވާނެ ތަނެއް ނޯންނާނެ ނޫންތޯއެވެ؟ ނަތީޖާއަކީ ފެޝަން މިކްސް ކުރެވުނު ދެ ގައުމުންކުރެ އެއްގައުމެއްގައި ވެސް މިހާ ނިވާކަން ކުޑަ ހެދުންއަޅާ މީހަކު ނޫޅުމެވެ. މިއިން އެނގޭ އެއްޗަކީ މިފަދަ އިންޓަރނޭޝަނަލް މަލްޓި މިކްސް ފެޝަނުގެ ނުރައްކާތެރިކަމެވެ. ފެޝަނަކީވެސް މީހާގެ އަޚްލާޤަށް އޭގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރުވާ އެއްޗެކެވެ. އޭގެ ސަބަބުން އެހެން މީހުން ތިމާއާ ދޭތެރޭ ދެކޭގޮތާ ކުރާ މުޢާމަލާތް ތަފާތުވާތީއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...