ރިޕޯޓް މަރަށް މަރު ހިފުމަށް ދެކޮޅުހަދާ ފަރާތް ތަކަށް

މަރަށް މަރު ހިފުމަށް ދެކޮޅުހަދާ ފަރާތް ތަކަށް

މަރަށް މަރު ހިފުމަށް ދެކޮޅުހަދާ ފަރާތް ތަކަށް

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ފަހަކަށް އައިސް މިދިވެހިރާއްޖޭގައި މީހުން މެރުމުގެ ހާދިސާތައް ވަނީ އިންތިހާ ދަރަޖައަށް އިތުރުވެފައެވެ. މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބަކީ އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގައި އިސްލާމީ ޝަރީޢަތް ގާއިމްނުކުރެވުމެވެ. އެހެނީ އިސްލާމީ ޝަރީޢަތުގައި މިފަދަ ކޮންމެ ކަމެއްގެ ފުރިހަމަ ހައްލު ބަޔާންކޮށްދެއްވާފައި ވެއެވެ. އެގޮތުން ހައްޤަކާނުލާ މީހުން މަރާމީހުންގެ މައްޗަށް ޤިސާސްގެ ހުކުމްތައް ކަނޑައަޅުއްވާ މަރަށް މަރުހިފުމުގެ އުސޫލުތައް އިސްލާމްދީނުގައި ބަޔާންކޮށްދެއްވާފައި ވެއެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން މަދުބަޔަކުނަމަވެސް އަދި ބައެއް ސިޔާސީ ވެރިންވެސް މިޙުކުމަށް އިންކާރުކުރަމުންދާކަމެވެ. ވީމާ މިލިޔުމުގެ މަޤްސަދަކީ އަޅުގަނޑުމެން ތެރެއިން މަރުގެ ޙުކުމަށް އިންކާރުކުރާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ރައްދެއް ދެވޭތޯބެލުމެވެ.

މައުސޫމަކު ޤަތުލުކުރެވިދާނެކަމުގެ ބިރު

ދިވެހިރާއްޖޭގައިވެސް އަދި ދުނިޔޭގެ އެހެން ތަންތާގައިވެސް މަރުގެ ހުކުމަށް އިންކާރު ކުރާ މީހުންގެ މައިގަނޑު ބަހުސަކީ މަރުގެ ހުކުމް ތަންފީޒުކުރުމުގައި ކުށެއްނެތް މީހަކު މެރި ދާނެކަމަށް ދައްކާ ވާހަކައެވެ. ބަލާބެލުމަށް މިއީ ވުން ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ހީވެ ދާނެއެވެ. ނަމަވެސް ހަޤީގަތަކީ އިސްލާމީ ޝަރީޢަތުގައި މަރުގެ ހުކުމް ތަމްފީޒުކުރުމުގެ ކުރިން ބަލަންޖެހޭ ވަރަށް ގިނަ ބެލުންތަކެއް ހުރެއެވެ. އެގޮތުން ޢަދުލުވެރި ދެހެކިންގެ ހެކިބަހުން ނުވަތަ އަމިއްލަ ޢިއުތިރާފުން ނޫނީ ޤާތިލުގެ މައްޗަށް ކުށް ސާބިތެއްނުވާނެއެވެ. އަދި ކުށް ސާބިތުވުމަށްފަހުގައި ވެސް ޤާތިލު ޤަތުލުކުރުން މަނާ ކޮށްފާނެ ސަބަބުތަކެއް ހުރެއެވެ. އެހެނީ މަޤްތޫލުގެ ވާރިޘުންގެ ތެރެއިން ހަމަ އެންމެ މީހަކުވެސް ޤާތިލު މެރުމަށް އިންކާރުކޮށްފިނަމަ އެހުކުމެއް ތަންފީޒެއް ނުކުރެވޭނެއެވެ. ހަމަ އެހެންމެ މައްސަލާގައި ކުޑަވެސް ޝުބުހާއެއް ނުވަތަ ޔަޤީންނުވާކަމެއް އޮތްނަމަވެސް ޤާތިލެއް ނުމެރޭނެއެވެ. ވީމާ އެހެން ޝަރުޢީ ނިޒާމުތަކާ ޙިލާފަށް އިސްލާމީ ޝަރީޢަތުގެ ތެރެއިން ކުށެއް ނެތް މައުސޫމަކު މެރުމަކީ ވަރަށް ވެސް ނާދިރުކަމެކެވެ. ހަމަ މިފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުމީ މަރަށް މަރުހިފުމުގެ ބަދަލުގައި ޤާތިލު ޢުމުރަށް ޖަލަށްލާނަމަވެސް ހަމަ މައުސޫމަކުވެސް ޢުމުރަށް ޖަލަށް ލެވިދާނެތާއެވެ. ނަމަވެސް މިފުރުޞަތު އޮތް ކަމުގައި ވިޔަސް މަރަށް މަރުހިފުމާ ދެކޮޅު މީހުން މިހުކުމާ ދެކޮޅު ނަހަދަނީ ކީއްވެބާވައެވެ؟ ހަޤީގަތަކީ އެފަދަ ބޭފުޅުންނަށްވެސް އެނގޭނެފަދައިން ޢަދުލުވެރި ޝަރުޢީ ނިޒާމެއްގެ ތެރެއިން އަދި ހާއްސަގޮތެއްގައި މަރުގެ މައްސަލަތަކުގައި ގޯސް ނިޔާއެއް އިއްވުމަކީ ނާދިރުކަމެކެވެ.

މަރަށްމަރުހިފުމުގެ ސަބަބުން ކުށްކުރުން މަދުނުވާކަމަށް ބުނުން
މަރަށްމަރު ހިފުމާ އިނދިކޮޅު ބައެއް ފަރާތްތަކުން ދައްކާ އަނެއް ހުއްޖަތަކީ އެކަމުގެ ސަބަބުން ކުށްކުރުން ވަކި މަދުވަމުން ނުދާކަމެވެ. ހެއްކެއްގެ ގޮތުން އެފަދަބޭފުޅުން ދައްކަވަނީ މަރަށްމަރުހިފުން ތަންފީޒުކުރަމުންދާ ޤައުމެއް ކަމުގައިވާ އެމެރިކާގެ ކުށުގެ ތަފާސް ހިސާބުތަކެވެ. ތެދެކެވެ. ފެންނަފެނުމަށް އެމެރިކާގައި މީހުން މަރާ އަދަދު ވަކި ދަށެއްނުވެއެވެ. ނަމަވެސް ހަޤީގަތުގައި އެމެރިކާގައި މަރުގެ ހުކުމް ތަމްފީޒް ކުރަމުންދާ ގޮތަށް ބަލާލުމުން މިއީ ކީއްވެގެންކަން ހާމަވެގެން ދެއެވެ. އެހެނީ 1973 އިން ފެށިގެން އެމެރިކާގައި މަރުގެ ހުކުމް ތަމްފީޒް ކުރެވިފައިވަނީ އެޤަޢުމުގެ ގާތިލުންގެ ތެރެއިން ހަމަ އެންމެ %0.08 މީހުންގެ މައްޗަށެވެ. އަދި މީގެ އިތުރުން އެމެރިކާގައި މަރުގެ މައްސަލަތަކުގެ ޝަރީޢަތްތައް ޢާންމުގޮތެއްގައި އެތައް އަހަރަކަށް ދެމިގެން ގޮސް ނިޔާކަނޑައެޅޭ ހިސާބަށް ދަނީ ޖަރީމާ ހިންގިތާ މާފަހުންނެވެ. ވީމާ މިފަދަ ނިޒާމެއްގެ ތެރެއިން މަރުގެ ހުކުމް ތަމްފީޒުކުރުމުގެ ހަޤީޤީ ފައިދާ ނުފެނިދާނެއެވެ. ނަމަވެސް މިއާ ޙިލާފަށް ސައުދީ އަރަބިޢާ ފަދަ އިންސާފުވެރިކަމާ އެކު އަވަހަށް ހުކުމް ތަމްފީޒުކުރެވޭ ޤަޢުމުތަކުގައި ކުށުގެ ނިސްބަތް އާދަޔާޙިލާފަށް ދަށެވެ. ވީމާ އިންސާނާގެ ތަބީޢަތް ބިނާވެފައިވަނީ އަމިއްލަ އެދުމުގެ މައްޗަށްކަމަށްވެފައި، ނުހައްޤުން މީހެއް މަރާފިނަމަ އޭގެ ނަތީޖާއަކީ ހުދު ތިމާ މަރުވުންކަމުގައި ޔަޤީންވެފައި އޮންނަ މުޖުތަމަޢެއްގައި އެހެން އިންސާނެއްގެ ފުރާނައަށް އަރާ ގަންނަން ކެރޭނީ ފަހެ ކާކަށް ހެއްޔެވެ؟

މަރުގެ ހުކުމަކީ އިންސާނީ ހައްޤުތަކަށް އަރައިގަތުން ކަމުގައި ބުނުން
މަރުގެ ހުކުމާ ދެކޮޅަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ދަޢުވާކުރާ ގޮތުގައި މަރުގެ ހުކުމަކީ އިންސާނީ ހައްޤުތަކާ ޙިލާފު ކަމެކެވެ. ނަމަވެސް ހަޤީގަތަކީ އެއްވެސް އިންސާނަކަށް އެހެން އިންސާނެއްގެ ދިރިހުރުމުގެ ހައްޤަށް އަރައިގަތުމަށް ފަހު ހުދު ތިމާ ދިރިހުރުމެގެ ހައްޤެއް ނޯންނާނެކަމެވެ. އަދި ޢާންމުގޮތެއްގައި ޤާތިލުންނަކީ އިތުރު އެތައް ކުށެއް ކޮށްފައިވާ އަދި އަލުން އެފަދަ ނުބައި ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ބައެއް ކަމުގައި ވާހިނދު އެފަދަ މީހަކު ނުމަރާ ދޫކޮށްލުމަކީ މުޖުތަމަޢުގައި ދެންތިބި މައުސޫމު މީހުން އޭނާގެ ޝިކާރައަކަށް ދޫކޮށްލުމެވެ. އެހެނީ އެއީ މުޅި މުޖުތަމަޢުގެ އިންސާނީ ހައްޤަށް އަރާގަނެވޭ އަރައިގަތުމެކެވެ. ހަމައެހެންމެ ބައެއް މީހުން ދެކޭ ގޮތުގައި މީހަކު ނުހައްޤުން މަރައިފި މީހަކު އެކަމުގެ ބަދަލުގައި މެރުމަކީ ހަމަ ޤާތިލުކުރިފަދަ ނުބައި ޢަމަލާ އެއްވަރުގެ ކަމެކެވެ. ނަމަވެސް މިކަމުގެ ހަޤީގަތަށްވެސް އެބަ ބަލާލަން ޖެހެއެވެ. މީހަކު ކުށެއްކޮށްގެން ޖަލަށްލުމާއި ނުހައްޤުން މީހަކު ކިޑްނެޕްކުރުމާއި އެއްވަރުތޯއެވެ؟ ނުވަތަ މީހެއްގެ މުދާ ނުހައްޤުން ފޭރިގަތުމާއި އޭނާކުށެއް ކޮށްގެން އެކަމުގެ އަދަބެއްގެ ގޮތުން ދައުލަތަށް އޭނާގެ މުދާތައް ނެގުން އެއްވަރުތޯއެވެ؟ އެއްވަރެއް ނޫނެވެ. ދެކަމުގެ ޙާލަތާއި މަޤްސަދު ވަރަށް ތަފާތެވެ. ވީމާ ނުހައްޤުން މީހަކު މެރުމާއި އެކަމުގެ އަދަބެއްގެ ގޮތުން އޭނާ މަރާލުން ވެސް ވަރަށް ތަފާތެވެ.

އިސްލާމީ ޝަރީޢަތުގައި މަރުގެ ހުކުމް ކަނޑައަޅުއްވާފައި ނުވާ ކަމަށް ދަޢުވާކުރުން
ފަހަކަށް އައިސް މަދުން ނަމަވެސް އަޅުގަނޑުމެން ތެރެއިން ބައެއް ދިވެހިންގެ ނަޒަރުގައި އިސްލާމީ ޝަރީޢަތުގައި މަރުގެ ހުކުމް ކަނޑައަޅުއްވާފައި ކަމެއް ރަނގަޅަކަށް ސާބިތެއް ނުވެއެވެ. ނަމަވެސް މިއީ އެފަދަ ބޭފުޅުންނަށް ފުރިހަމައަށް އިސްލާމީ ތަޢުލީމު ލިބިފައި ނުވާކަމުގެ ނަތީޖާއެވެ. މަރަށްމަރުހިފުމުގެ ހުކުމަކީ ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމްގެ ސުންނަތުން ވަރަށް ސާފުކޮށް ފެންނަން އޮތްކަމެކެވެ. ކީރިތި ޤުރުއާންގެ އަލްބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތުގެ މާނާގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ.” އަދި ހަމައެހެންމެ ކީރިތި ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމް ވެސް ވަނީ މަރުގެ ޙުކުމް ތަމްފީޒުކުރައްވާފައެވެ. އިންސާނުންނަށް ޢަދުލުވެރިކަމާއެކު މިޙުކުމް ޤާޢިމް ނުކުރެވޭނަމަ މާތްﷲ މިފަދަ ޙުކުމެއް ކަނޑައެއްނޭޅުއްވީހެވެ. އަދި އިންސާނުންގެ ޚާލިޤު ވަކި ގޮތަކަށް ކަމެއް ނިންމަވާފައި ވަނިކޮށް ޢަމިއްލައަށް އެއަށްވުރެ “މޮޅު” ގޮތެއް ކަނޑައެޅުމުގެ ކުޅަދާނަކަން އިންސާނުންނަށް ލިބިގެންވޭތޯއެވެ؟ އެހެންކަމުން މިހާ ސާފުކޮށް އޮތް މައްސަލައެއްގައި އެކަމަށް އިންކާރުކުރުމަކީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވެދާނެ ފަދަ ކަމެކެވެ.

ޝަރުޢީ ނިޒާމުގައި ހަރުދަނާކަމެއް ނެތުމުން މަރުގެ ހުކުމް ތަމްފީޒުނުކުރެވޭނެކަމަށް ބުނުން
ބައެއް ސިޔާސީ ވެރިން ވިދާޅުވަމުންދާ ގޮތުގައި އަދުގެ ރާއްޖޭގެ ޝަރުޢީ ނިޒާމު އޮތް ޙާލަތުން މިޤަޢުމުގައި މަރުގެ ހުކުމެއް ތަމްފީޒެއް ނުކުރެވޭނެއެވެ. ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި މިއީ މަރުގެ ޙުކުމް ތަމްފީޒުނުކުރުމަށްޓަކައި ދައްކާ އުޛުރެކެވެ. އެހެނީ މަރުގެ ޙުކުމް އަދި ކީއްކުރަންތޯއެވެ، ޖަލަށްލުން ނުވަތަ އަރުވާލުމުގެ ޙުކުމްވެސް ޢަދުލުވެރިކަމާއެކު ތަމްފީޒުކުރެވޭނީ ހަރުދަނާ ޝަރުޢީ ނިޒާމެއްގެ ދަށުންނެވެ. ޝަރުޢީ ނިޒާމު ދޯދިޔާވެފައިވާނަމަ އެނިޒާމު ރަނގަޅުކުރަންވީއެވެ. ޙުކުމްތައް ތަމްފީޒްނުކޮށް ދޫކޮށްލަންވީކީނޫނެވެ.

މިހާރު މިއޮތް ގޮތަށް ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަމްފީޒުނުކޮށް ކުރިއަށް ދާން ވެއްޖެނަމަ މީހުން މެރުމުގެ ހާދިސާތައް ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ވީމާ މިމައްސަލައަކީ ކަމާ ބެހޭ ފަރާތްތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ހައްލުކުރަންޖެހިފައި އޮތް މައްސަލައެކެވެ. އަދި މިކަމުގައި ސިޔާސީގޮތުން އިނގިލިދިއްކުރުން ދޫކޮށްލާ އެންމެން އެއްބާރުލާ ހިންމަތާއެކު މަސައްކަތްކުރަން މިވަނީ މަޖުބޫރުވެފައެވެ. މާތްﷲ މިޤަޢުމަށް އަމާންކަމާއި ސުލްޙަ މަސަލަސްކަން މިންވަރު ކުރައްވާށިއެވެ. އާމީން

މިއީ 4 އޭޕްރީލް 2014 ގައި ދިއިސްލާމްގައި ޝާއިއުކުރި ލިޔުމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.