ރާއްޖޭގެ ޚަބަރު އޭ މިޤައުމުގެ ވެރިންނޭވެ! ފިލާވަޅު ލިބިގަންނާށެވެ

އޭ މިޤައުމުގެ ވެރިންނޭވެ! ފިލާވަޅު ލިބިގަންނާށެވެ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ޙަސަން ޒާހިރު

13 މާޗް 1924 ވަނަ އަހަރު ތުރުކީގެ ރައްޔިތުންގެ މިޖިލީހަށް ބިލެއް ހުށައެޅުނެވެ. އެއީ ސެކިއުލާރ ތުރުކީގެ ބާނީ މުޞްޠަފާ ކަމާލް އަތާތުރުކު ހުށައެޅުވި ސެކިއުލާރ ތުރުކީއެއްގެ ތަޞައްވުރެވެ. އެހިސާބުން ތުރުކީ ބަދަލުވެގެން ދިޔައީ މުޅީން އެހެން ތުރުކީއަކަށެވެ. ޢަރަބި ބަހާއި އިސްލާމީ ތަޢުލީމު މަނާވިއެވެ. ރަލުގެ އައްޑާ ތަކާއި ޖުވާކުޅޭ މަރުކަޒުތައް މުޅި ޤައުމުގައި ހިންގާލެވުނެވެ. މިދަންނަވާ ތުރުކީގެ ތަޞައްވަރު އިޢުލާން ކުރައްވަމުން މުޞްޠަފާ ކަމާލު ވިދާޅުވިއެވެ.

"އަހަރެން ދުޝްމިނުންގެ މައްޗަށް ފަތަޙަ ހޯދައިފީމެވެ. ޤައުމުވެސް ފަތަޙަކޮށްފީމެވެ. ނަމަވެސް ޤައުމުގެ ރައްޔިތުންގެ މައްޗަށް ފަތަޙަ ހޯދޭނެ ބާވައެވެ. މި ސުވާލުގެ ޖަވާބު ދޭނީ އަންނާންއޮތް މުޞްތަޤުބަލެވެ." އޭގެ ހަތްދިހަ ވަރަކަށް އަހަރުފަހުން މި ސުވާލުގެ ޖަވާބު އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެއެވެ. އެއީތޯއެވެ؟ އެއީ ދުޝްމަނުންގެ މައްޗަށާއި، ޤައުމުގެ މައްޗަށް ފަތަޙަ ލިބިވަޑައިގެންނެވި ކަމުގައިވިޔަސް މުޞްޠަފާ ކަމާލް އަތާތުރުކަށް ރައްޔިތުންގެ މައްޗަށް ފަތަޙަ ނުހޯއްދެވުނުކަމެވެ. އެކަން މުޅި ޤައުމަށް ސާބިތުވެގެންދިޔައީ، އިސްލާމްދީނަށް ލޯބިކުރާ ޖަމާޢަތެއްކަމުގައިވާ ޖަސްޓިސް އެންޑް ޑިވެލަޕްމަންޓް ޕާޓީ އަށް ޕާލަމަންޓުގެ 550 ގޮނޑީގެ ތެރެއިން 363 ގޮނޑި ތުރުކީ ރައްޔިތުން ކާމިޔާބުކޮށްދިނުމާ ހަމައިންނެވެ. އެއީ 3 ނޮވެމްބަރ 2003 ވަނަ އަހަރުއެވެ.

"އަހަންނަކީ ޙިޖާބާ ދެކޮޅަށް ހަނގުރާމަކުރާ މީހެއް" މިފަދައިން ވިދާޅުވެ އިސްލާމް ދީނަށް ފުރައްސާރަ ކުރަމުންދިޔަ ޓިއުނީޝިއާގެ ކުރީގެ ރައީސް ބިން އަލީ ދެނެލައްވަމުތޯއެވެ؟ އޭނާ ވެރިކަމަށް އިސްކުރެވުނީ 1987 ވަނަ އަހަރުއެވެ. ދާދި މިދާކަށްދުވަހު ރައްޔިތުންގެ ނުރުހުންތެރިކަން ތަޙައްމަލު ނުކުރެވިގެން، ޤައުމު ދޫކުރައްވައި ފިއްލަވާ ވަޑައިގެންނެވި ބިން އަލީ އަކީ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމުގައި އަރާހުންނެވި ވެރިއެކެވެ. މިކަމަށްޓަކައި ހުޅަނގުން އޭނާޔަށް ތަޢުރީފުކުރަމުންދިޔައީ އޭގެ ހައްދެއްނެތް ގޮތުގައެވެ.

އިސްވެ ދެންނެވުނު ދެ ބޭފުޅުންނަކީވެސް އެބޭފުޅުންގެ ޤައުމު އަލްމާނީ ފިކުރުތަކުން ފުރާލަދިން ވެރިންނެވެ. މާތްވެގެންވާ އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަކުރަމުންދިޔަ، ދީނާއި ސިޔާސަތު ވަކިކުރި ވެރީންނެވެ. މިއަދު އެމީހުންގެ ޙާލަކީ ކޮބައިތޯއެވެ؟؟

ސެކިއުލާރ ތުރުކީގެ ބާނީ މުސްޠަފާ ކަމާލް އަތާތުރުކަކީ ޤައުމަށް ޚިޔާނާތްތެރިވި ޣައްދާރެއް ކަމުގައި ކަނޑައެޅިއްޖެއެވެ. އޭނާގެ ޚިޔާލުތަކާއި އުސޫލުތަކަކީ ޤައުމަށް ދިރުންގެނެވޭފަދަ އުރައްޕެއް ހުރި އެއްޗެއް ކަމުގައި ޤައުމުގެ ރައްޔިތުން ބަލައެއް ނުގަތެވެ. އޭގެ ހެއްކަކަށް އޭނާ އިދިކޮޅުވި އިސްލާމް ދީނަށް ލޯބިކުރާ މީހުން އޭގެ ހަތްދިހަ ވަރަކަށް އަހަރު ފަހުން ޤައުމުގެ އަޣުލަބިއްޔަތު ހޯދުން ފުދެއެވެ.

ޓިއުނީޝިއާގެ ރައީސް ބިން އަލީ ލޭބަލް ކުރެވިގެންދިޔައީ ޚުދުމުހްތާރު ވެރިޔެއްގެ ގޮތުގައެވެ. ރައްޔިތުންގެ އިހުސާސްތަކާއި، ޝުޢޫރުގައި ކޮޅުފައިންޖެހި ވެރިއެއްގެ ގޮތުގައެވެ. ރައްޔިތުންގެ ނުރުހުން ތަހައްމަލު ނުކުރެވިގެން އެންމެފަހުން އޭނާޔަށް ޖެހިވަޑައިގަތީ ޤައުމު ދޫކޮށް ފިއްލަވާށެވެ. ޘަނާ ކިޔަމުންދިޔަ ހުޅަނގުގެ ޤައުމުތަކުން ޙިމާޔަތެއް ދޭތޯ ބައްލަވާށެވެ. އެކަމުކު އެއިން ޤައުމަކުން ޙިމާޔަތެއް ނުލިބުނެވެ. އެންމެ އެކުވެރި ފުރާންސް އަށް ވަނުމުގެ ހުއްދަވެސް އެޤައުމުގެ ރައީސް ނިކޮލަސް ސާރކޯޒީ ނުދެއްވިއެވެ. އެނބުރި ދާން ޖެހުނީ އެއްކަލަ 'ޙިޖާބު' އެންމެ ގިނަ ސަޢުދީ ޢަރަބިއްޔާއަށެވެ. ހިތްޕުޅުގެ ހަމަޖެހިވަޑައި ނުގެންނެވި އިސްލާމީ ދައުލަތެއްގެ ޙިމާޔަތް ހޯދަވާށެވެ.

ދިވެހި ޤައުމުގެ 'އެހާރާއި މިހާރުގެ' ވެރިންނޭވެ! ތިޔަ ވެރިންގެވެސް ޢަމަލުތައް ހުރީ އިސްލާމީ އުންމަތް އެދޭގޮތަކަށް ނޫނެވެ. ދީނުގެ ދަންނަބޭކަލުންނަށް ފުރައްސާރަ ކުރުމާއި ދީނީ ދަރުސްތަކަށް ތިބޭފުޅުންވެސް ގެންދަވަނީ ހުރަސް އަޅުއްވަމުންނެވެ. ޢަރަބި އިސްލާމީ ތަޢުލީމާމެދު ތިޔަ ގެންދަވަނީ އިހުމާލުވަމުންނެވެ. ޙިޖާބު ފަދަ އިސްލާމީ ޝިޢާރުތަކަށް ތިޔަކުރައްވަނީ މަލާމާތާއި އިންކާރެވެ.

އޭ މިޤައުމުގެ ވެރިންނޭވެ! ދުނިޔެ ދައްކާ ޙަޤީޤަތުން ޢިބުރަތް ހޯއްދަވާށެވެ. މުސްޠަފާ ކަމާލް އަތާ ތުރުކު އާއި ބިން އަލީގެ ޙަޔާތުން ފިލާވަޅު ލިބިގަންނާށެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.