1923 ވަނަ އަހަރު ތުރުކީ ވިލާތުގެ އިސްތަންބޫލުގައި ހިނގަމުންދިޔަ ޢުޘްމާނީ ޚިލާފަތް ވައްޓާލުމަށްފަހު، ދުނިޔޭގެ މަސްރަހު އެފުށްމިފުށަށް ޖެހުނެވެ. ބޮޑެތި އެމްޕެޔަރ ތަކާއި ކޮލިނީތަށް ފުނޑުފުނޑުވެގެން ދިޔައެވެ. ދުނިޔޭގެ ބާރުގަދަ ޤައުމުތައްކަމަށްވާ ރޫސީވިލާތާއި މަރަކީއާއި އިނގިރޭސިންންނާ ފަރަންސޭސިން އިސްނަގައިގެން ދުނިޔޭގެ ބޮޑެތި ޤައުމުތަށް ބައިބައިކޮށް ދުނިޔޭގެ ޗާޓަށް ޤައުމުތައް އުފަންކުރުވަމުން ދިޔައެވެ. އުފަންކުރުވަމުންނޭ މިލިޔުނީ އަޅުގަނޑުގެ ގަލަމީ ސިނކުޑިއަށް ކުރެވުނު ކުށަކުންނޫނެވެ. އެއިބާރާތް ބޭނުންކޮށްފައި އެވަނީ ގަސްތުގައެވެ.
އަޅުގަނޑުމެންގެ ދިވެހިރާއްޖެގެ ތަރީޚަށް ނަޒަރު ހިންގާލާއިރު 16 ޑިސެމްބަރު 1887 ގައި އިނގިރޭސިންގެ "ޙިމާޔަތުގެ" ދަށަށް ދިއުމަށްފަހު ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ވަކިކޮށް، ޔުނޭޓަޑު ސްވަދީވް އައިލެންޑުސްގެ ނަމުގައި އިނގިރޭސިން އަޑީގައި ތިބެގެން ވަކި ޤައުމެއް އުފެއްދުމަށް މަސައްކަތްކޮށްފައިވާކަން ތާރީޚުން ފެންނަން އެބައޮތެވެ.
ޢުޘްމާނީ ޚިލާފަތް ވައްޓާލާއި ޢަރަބި ބައްރުގައި، ހުރިހާ ޢަރަބިން ޝާމިލުވާނެ ގޮތަށް ވަކި ޤައުމެއް އުފައްދައިދޭނެކަމަށް ބުނެ އިސްލާމީ އުންމަތުގެ މެދުގައި ބައިބައިވުން އުފައްދަންފެށިއެވެ. އަލްސައުދާއި އޭނާގެ ހާނދާނަށް ފައިސާއާއި ރިޝްވަތު ހުށަހަޅައި ވަޠަނީ ރޫހުގައި ތިބި ޢަރަބީންގެ މެދުގައިވެސް ފިތުނަ އާންމުކޮށްފޫއެވެ.
ނަތީޖާއަކަށްވެގެންދިޔައީ 1926 ވަނަ އަހަރުންފެށިގެން ޢަރަބި ބައްރުގައިވެސް 20 ވުރެ ގިނަ ޤައުމު އުފަންވެ މުޅި ޖަޒީރަތުލް ޢަރަބް ބައިބައިވެ ފިތުނަ އާންމުވެގެން ދިޔުމެވެ. އިސްލާމީ އުންމަތް އެއްކޮށް ނިކަމެތިވެގެން ދިޔައީއެވެ. ކޮންމެ ޤައުމަކުންވެސް އެޤައުމެއްގެ ކަންކަމާވެގެން މަޝްޢޫލުވާންފެށިއެވެ. ނިކަމެތިވަމުން ދިޔަ އެހެންނިހެން އިސްލާމީ ރަށްތަކާއި ޤައުމުތަކަށް އާޅާލާނެ އަތްތަކެއް ހިއްވަރު ދޭނެ ބަސްތަކެއް ބުނެލާނެ ދުލެއް ނެތެވެ.
ބައިބައިވެފައިވާ އުންމަތް ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށްޓަކައި، އުންމަތުގެ ތިއްބެވި ޢިލުމްވެރިންނާ ހޮޔެ ވިސްނިވަޑައިގަންނަވާ ބޭފުޅުން މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. ވަކިވަކިވެފައިވީ ނަމަވެސް އެއް ޚިޔާލެއްގެ މައްޗަށް އެއް އަމާޒެއްގެ މައްޗަށް މަސައްކަތްކުރެވޭނެ އުސޫލެއްގެ މައްޗަށް ޢިލްމުވެރިންގެ މެދުގައި ވިސްނުން ގެންގުޅުއްވިއެވެ.
މިގޮތުން 1928 ވަނަ އަހަރު މިޞްރުގެ މަޝްހޫރު ޢިލުމްވެރިޔާ އަލްއިމާމު ޝަހީދު ހަސަނަލްބަންނާގެ މޭސްތިރިކަމުގެ ދަށުން މަޝްހޫރު އިޚްވާނުލް މުސްލިމީން ނުވަތަ މުސްލިމު ބުރަދަހުޑު އުފެއްދިގެންދިޔައެވެ. އެއަށްފަހު އެހެނިހެން އިސްލާމީ ޤައުމުތަކުގައިވެސް އެޙަރަކާތުގެ ގޮފިތައް ތަފާތު އެކި ސިޔާސީ ޙަރަކާތްތަކުގެ ގޮތުގައި އުފެދިގެން ދިޔައެވެ.
އިސްލާމީ ސިޔާސީ ޕާޓީތަށް އިސްލާމީ ޤައުމުތަކުގައި ޙަރަކާތްތެރިވާ ފެށުން ވެގެންދިޔައީ އެޤައުމުތަކުގައި ވެރިކަން ކުރަމުންދިޔަ ޚުދުމުޚްތާރު ވެރިންނަށް ބަލަން ކެތްކުރެވޭ މަންޒަރަކަށް ނޫނެވެ. ނަތީޖާއަކަށްވެގެންދިޔައީ އިސްލާމީ ޕާޓީތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އެޙަރަކާތްތަކަށާއި އެވިސްނުމަށް ތާޢީދުކުރައްވާ ފަރާތްތަކށް ބޮޑެތި ފިއްތުންތަކާއި ގޮންޖެހުންތަށް ކުރިމަތި ކުރުވަމުން ދިޔުމެވެ. ބައެއް ބޭފުޅުން ޝަހީދުކޮށް ހަރަކާތްތައް މަނާ ކުރަމުން ދިޔައެވެ.
އެޙަރަކާތްތަކުން އިސްލާމީ ހޭލުންތެރިކަމާއި ރައްޔިތުންގެ ފުދުންތެރިކަމަށް މަސައްކަތް ކުރަމުންދިޔައެވެ. މުނިސިޕަލް ކައުންސިލްތަކުގެ އިންތިޚާބުތަކާއި ބަރުލަމާން އިންތިޚާބުތަކުގައި ބައިވެރިވަމުން ދިޔައެވެ.
އަޅުގަނޑުމެން މާޔޫސްނުވެއެވެ. އެހެނީ ދުނިޔޭގެ އެހެނިހެން އިސްލާމީ ސިޔާސީ ޙަރަކާތްތައްވެސް ބަރުލަމާން އިންތިޚާބުކާމިޔާބުކޮށްފައިވަނީ ގިނަ އަހަރުތަކެއް ވަންދެން ކުރެވުނު ބުރަ މަސައްކަތަށްފަހުގައެވެ. އެހެންނަމަވެސް ދުނިޔޭގެ އިސްލާމީ ސިޔާސީ ޙަރަކާތްތައް ދިޔައީ މަޑުމަޑުން ފުޅާވަމުން ހަރުފަތަކަށްފަހު ހަރުފަތެއް ކާމިޔަބު ކުރަމުންނެވެ. ބަރުލަމާންގައި ޕަޓީތައް ތަމްސީލު ކުރުމަށް ފުރުޞަތު ތަނަވަސް ކުރަމުން ދިޔައެވެ.
މިޞްރުގެ އިޚްވާނުލް މުސްލިމީން އުފެދުނީ މިލާދީ ސަނަތުން 1928 ވަނަ އަހަރުއެވެ. އެޙަރަކާތުން ބަރުލަމާން އިންތިޚާބު ކާމިޔާބުކުރީ އެޙަރަކާތް އުފެދުނުތާ 72 އަހަރުފަހުން 2000 ވަނަ އަހަރުއެވެ.
އުރުދުންގެ އިސްލާމީ ސިޔާސީ ޙަރަކާތް ޖަބްހަތު އަލް ޢަމަލް އަލް އިސްލާމީ އެންމެ ފުރަތަމަ އުފެދުނީ 1942 ވަނަ އަހަރު އެޙަރަކާތަށް ބަރުލަމާން އިންޚާބެއް ކާމިޔާބު ކުރެވުނީ އެޙަރަކާތް އުފެދުނުތާ 61 އަހަރުފަހުން 2003 ވަނަ އަހަރުއެވެ.
ޔަމަންގެ އަލްތަޖްމައަލް ޔަމަނިލްއިސްލާހް އުފެދުނީ 1990 ވަނަ އަހަރު އެޙަރަކާތަށް ބަރުލަމާން އިންތިޚާބެއް ކާމިޔާބު ކުރެވުނީ އެޙަރަކާތް އުފެދުނުތާ 13 އަހަރުފަހުން 2003 ވަނަ އަހަރުއެވެ.
މަޣްރިބްގެ އިސްލާމީ ސިޔާސީ ޙަރަކާތް ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީ އުފެދުނީ 1967 ވަނަ އަހަރުއެވެ. އެޙަރަކާތަށް ބަރުލަމާން އިންތިޚާބެއް ކަމިޔާބު ކުރެވުނީ އެޙަރަކާތް އުފެދުނުތާ 35 އަހަރު ފަހުން 2002 ވަނަ އަހަރުއެވެ.
އަލްޖީރިއާގެ އިސްލާމީ ސިޔާސީ ހަރަކާތް އުފެދުނީ އެޤައުމުން ފަރަންސޭސިންގެ އިސްތިއުމާރުން މިނިވަންވި އަހަރު 1962 ވަނަ އަހަރުއެވެ. ނަމަވެސް އެޙަރަކާތުން އުފެއްދި ސިޔާސީ ޕާޓީ ޙަރަކާތުލް މުޖުތަމަޢު އައް ސިލްމް އުފެއްދީ 1990 ވަނަ އަހަރުއެވެ. އެޙަރަކާތުން ބަރުލަމާން އިންތިޚާބެއް ކާމިޔާބުކުރީ އެޙަރަކާތް އުފެދުނުތާ 29 އަހަރުފަހުން 1991 ގައެވެ.
ޓިއުނީޝިއާގެ އަލް ނަޙްޟާ ޕާޓީ އުފެދުނީ 1981 ގައި އެޙަރަކާތުން ބަރުލަމާން އިންތިޚާބެއް ކާމިޔާބު ކުރީ އެޙަރަކާތް އުފެދުނުތާ 30 އަހަރު ފަހުން 2011 ވަނަ އަހަރު ބޭއްވި ބަރުލަމާން އިންތިޚާބުގައެވެ.
ލީބިޔާގެ އިސްލާމީ ސިޔާސީ ޙަރަކާތް ހިޛުބުލް ޢަދާލަތު ވަލް ބިނާ އުފެދުނީ 1949 ގައި އެޙަރަކާތަށް ބަރުލަމާން އިންތިޚާބެއް ކާމިޔާބު ކުރެވުނީ އެޙަރަކާތުގެ މަސައްކަތް ފަށައިގަތްތާ 62 އަހަރު ފަހުން 2011 ވަނަ އަހަރުއެވެ.
ކުވޭތުގެ އިސްލާމީ ސިޔާސީ ޙަރަކާތް އަލްޙަރަކާތުލް އަލްދުސްތޫރިއްޔަ އަލްއިސްލާމިއްޔާ އުފެދުނީ 1991 އެޙަރަކާތުން ބަރުލަމާން އިންތިޚާބެއް ކާމިޔާބުކުރީ އެޙަރަކާތް އުފެދުނުތާ 12 އަހަރުފަހުން 2003 ވަނަ އަހަރުއެވެ.
ބަނގުލަދޭޝްގެ އިސްލާމީ ސިޔާސީ ޙަރަކާތް ޖަމާޢަތުލް އިސްލާމީ ބަނގުލަދޭޝް އުފެދުނީ 1941 ގައެވެ. އެޙަރަކާތަށް ބަރުލަމާން އިންތިޚާބެއް ކާމިޔާބުކުރީ އެޙަރަކާތް އުފެދުނުތާ 69 އަހަރުފަހުން 2010 ވަނަ އަހަރުއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ފިކުރުގެ ސިޔާސީ ޙަރަކާތް ޢަދާލަތު ޕާޓީ އުފެދުނީ 2005 ވަނަ އަހަރު އެޙަރަކާތަށް ބަރުލަމާން އިންތިޚާބެއް ކާމިޔާބު ކުރެވުނީ އެޙަރަކާތަށް 8 އަހަރު ފާއިތުވިފަހުން 2014 ވަނަ އަހަރުއެވެ.
މިބަޔާން ކުރެވުނީ ދުނިޔޭގެ ބައެއް އިސްލާމީ ސިޔާސީ ޙަރަކާތްތަކާއި އެޙަރަކާތްތަކުން ބަރުލަމާން އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކައި ކޮށްފައިވާ ބުރަ މަސައްކަތުގެ މައްޗަށެވެ.
ދުނިޔޭގެ އިސްލާމީ ސިޔާސީ ވިސްނުންތަކަށް އަބަދުވެސް ބޮޑެތި ފިއްތުންތަކާއި ގޮންޖެހުންތައް ކުރިމަތި ކުރުވައެވެ. އެފިކުރުތަކަށް ނިސްބަތްވާ ބޭފުޅުން ޝަހީދު ކުރުމާއި އެޙަރަކާތްތައް މަނާކޮށްފައިވެއެވެ.
ބަރުލަމާން އިންތިޚާބަކީ އިސްލާމީ ދުނިޔޭގެ ޤައުމުތަކަށް އަންނަ އެންމެ ޚާއްޞަ އިންތިޚާބަށްވެފައި، މިއިންތިޚާބުގައި އިސްލާމީ ޕާޓީތަކުގެ ތަފާތަކީ ފައިސާއާއި ރިޝްވަތާއި ކޮރަޕްޝަނާއި ފަސާދައިގެ އަމަލްތައް ނެތި އިންތިޚާބު ކާމިޔާބުކޮށް މުސްލިމު ރައްޔިތުންނަށް ޚިދުމަތްކޮށް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ޤާނޫނުތައް އެކަށައެޅުމަށްޓަކައި މަސައްކަތް ކުރުމެވެ. އަދި ރައްޔިތުންނަށް ލިބެންޖެހެ އެންމެހާ ޙައްޤުތަކެއް އަދުލުވެރިކަމާއެކު ލިބިދިނުމަށް ބާރުއަޅައި އެކަމަށްޓަކައި ވަކާލާތު ކުރުމެވެ.
ނަމަވެސް މިމަޤުޞަދު ހާސިލުކުރުމަށްޓަކައި އިންތިޚާބުތަކުގައި ވާދަކުރާ އިސްލާމީ ފިކުރުގެ ޕާޓީތަކަށް ކުރިމަތިވަމުންދާ އެންމެ ބޮޑު ގޮންޖެހުމަކީ އެހެން ކެނޑިޑޭޓުންނާއި އެހެނިހެން ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ރިޝްވަތު ދިނުމާއި އިންތިޚާބާއި ދިމާކޮށް ފައިސާ ހުށަހެޅުންތަކާއި އެހެނިހެން ވަސީލަތްތައް ހުށަހެޅުމެވެ.
ނަތީޖާއަކަށް ވެގެންދަނީ ފައިސާއާއި ވަސީލަތްތައް މަދު އިސްލާމީ ސިޔާސީ ޕާޓީތަކަށް އަމާޒާއި ހަމައަށް ވާސިލުވުމަށް ބޮޑު ގޮންޖެހުމަކަށް ވުމެވެ. ނަމަވެސް މުޅި ދުނިޔޭގައި އިސްލާމީ ފުތޫހާތު އަލުން ހިނަގަން ފަށާނެކަން އެއީ މިއަދު މުޅި ދުނިޔެއާއި އީސްލާމީ އާބާދީތަކުން ފެންނަމުންދާ ޙަޤީޤަތެވެ.

















ވަރަށް ފުރިހަމަ ލިޔުމެއް. މިކަހަލަ ލިޔުންތަކުން ވާނުވާ އެނގެން ޖެހޭ.
ފައިސާ އަކީ ގިނަ ފަހަރަށް އިންތިހާބުތަކުގައި ނުފޫޒް ފޯރުވާ އެއްޗެއް. ކޮރަޕްޝަނަނަށް ނޫނެކޭ ބުނާނެ ޖީލެއް އުފައްދަން ވެއްޖެ.