ވަރަށްފަހުގެ ތާރީޚެއްގައި، މިސްރާއި އިރާގުގައި ކުރިސްޓިއަނުންގެ ދެފައްޅިއަކަށް ދެވިފައިވާ ދެހަމަލާއަކާ ގުޅިގެން، މުޅި ޔޫރަޕް އެއްގަލަކަން އަރައި ޔޫރަޕްގެ ބޮޑެތި ދައުލަތްތަކުން ކުރިސްޓިއަނުންގެ ހިމާޔަތުގައި ތެދުވުމަށް ހުރިހާ ކުރިސްޓިއަނުންނާއި ކުރިސްޓިއަން ވެރިކަން އޮތް ޤައުމުތަކަށް ވަރަށް ސީރިއަސްކޮށް ދަނީ ގޮވާލަމުންނެވެ.
އެފަދަމީސްމީހުންނަށް ކަމެއް ދިމާވުމުން އެކަށްޗަކަށްނުވެ އެމީހުންގެ ދީނާއި، އެމީހުންގެ އަޤީދާ ޙިމާޔަތް ކުރުމަށް ތެދުވާއިރު އެތަން ދެކެން އަޅުގަނޑުމެން މުސްލިމުން މިތިބެނީ އެއްވެސް ޣިރަރްތެރި ކަމެއް ނެތިއެވެ. ވަކިން ޚާއްޞަކޮށް އިސްލާމީ ދައުލަތްތަކުން އެފަދަ ކަންކަމަށް ދެނީ ބީރު ކަންފަތެކެވެ.
އަޅުގަނޑުމެންގެ ދީނަށް ޙައްޤުދީންކަމަށް ވެފައި އެހެން ހުރިހާ ދީންތަކާއި އެހެން ހުރިހާ އަޤީދާތަކަކީ ބާތިލު ކަންތައްތަކަކަށް ވާހިދުވެސް ، އަޅުގަނޑުމެން މިތިބެނީ ނުކެރި ފިޑިވެފައެވެ.
ނިކަން ވިސްނާލަމާތޯއެވެ. އަޅުގަނޑުމެންގެ މާތްނަބިއްޔާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ އާ ބެހޭގޮތުން ދޮގުފުލޯކްވާހަކަތައް ހަދައިގެން ދައްކައި ކާޓޫނުކުރަހައި ޤުރުއާން އަންދާލުމަށް ގޮވާލާއިރު އެކަމާ ހިތްވަރާއި އެކު ތެދުވަން ކެރުނު ޤައުމެއް އިސްލާމީ ޤައުމުތަކުގެ ތެރޭގައި ވޭތޯއެވެ. ލީބިޔާއިން އެކަމާއި ދެކޮޅަށް ބުނިވަރު އެއްޗެއްވެސް ބުނާން ކެރުނު ޤައުމެއް އިސްލާމީ ޤައުމުތަކުގެ ތެރޭގައި ވޭތޯއެވެ. ލީބިޔާއިން އެކަމާއިދެކޮޅަށް ބުނިވަރަށް އެއްޗެއްވެސް ބުނާން ކެރުނު ޤައުމެއް އިސްލާމީ ޤައުމުތަކުގެ ތެރޭގައި ނެތެވެ. މިއީ ހިތާމަހުރި ކަންކަމެވެ.
ދަންނަވަންތޯއެވެ. މުސްލިމުންގެ ވަކިވަކި ފަރުދުންގެ ތެރޭގައި އިސްލާމްދީން ދެކެ ލޯބިވާ އަދި އެމީހުންގެ އަޤީދާ ވަރުގަދަމީހުން އެބަތިއްބެވެ. އެހެން ކަމުން އިސްލާމީ ޤައުމުތަކުން އިސްލާމްދީނުގެ ދިފާޢުގައި ކުރަންޖެހޭ މަސައްކަތްތައް ނުކުރާތީވެ އެފަދަ ފަރާތްތަކުން މަޖުބޫރުވެގެން ނިކުމެ އަމިއްލައަށް ފާޑުފާޑުގެ ޙަރަކާތްތައް ހިންގައެވެ. އެކަމުގެ ސަބަބުން އަޅުގަޑުމެންގެ މުޅި އިސްލާމީ އުއްމަތް ބަދުނާމްވެ ޣައިރު މުސްލިމުން މުސްލިމުންދެކެ ރުޅިއައިސް މުޅި އިސްލާމީ އުންމަތް ވަނީ ބަދުނާމުކޮށްފައެވެ.
އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ ކުރިސްޓިއަނުންނާއި ޔަހޫދީން ބައިވެރިވެގެން ތެދުވެ، އަޅުގަނޑުމެންގެ މުސްލިމުންނަށް ނުރައްކާ ކުރަމުންދާތަނެވެ.
މިހާރު އެމީހުން ގޮވާލަމުން އެގެންދަނީ ދެވަނަ ޞަލީބީ ހަނގުރާމައަކަށް ގޮވާލުން ފިޔަވާ ދެންކޮށް ގޮވާލުމެއްތޯއެވެ.
މިވަރުންވެސް މުސްލިމުން ހޭއަރާކަން ނުވޭތޯއެވެ. މިހާރު އިސްލާމީ ކޮންމެ ޤައުމެއްގެ ދަރީންގެ ތެރޭގައި އިސްލާމްދީނަށް ނަފުރަތުކުރާ އެތައްބަޔަކު އެބަތިއްބެވެ. ކުރިން ޞަލާޙުއްދީނުލްއައްޔޫބީ ޤުދުސް ފަތަޚަކުރެއްވުމުގެ ކުރިން ޞަލީބީން ހަތިޔާރާއެކު އައިސްފެނިގެން ދިންހަމަލާތަކަށްވުރެ މިހާރު ދެވޭ ޙަމަލާތައް މާނުރައްކަލެވެ. އެމީހުންގެ ހަމަލާތަށް އަމާޒުވެފައިވަނީ އަޅުގަނޑުމެންގެ ޒުވާނުންނާއި ދަރިންގެ ސިކުނޑިތަކަށާއި ހިތްތަކަށެވެ. މިހެންކަންއޮއްވާ ވަރުގަދަ ޞަލީބީ ހަނގުރާމައެއް ފެށުމުން، މުޅިއިސްލާމީ އުއްމަތަށް ވެގެންދާނެ ގޮތަމެދު ވިސްނަވާލައްވާކަން ނުވޭތޯއެވެ.
އިސްލާމީ ޤައުމުތަކުގެ ވެރީން އެމީހުންގެ އަމިއްލަ ވަގުތީ ފައިދާއަށްޓަކާ ޤައުމުތައް ހަލާކުގެ ތެރެއަށް އެއްލާލަމުންދާއިރު މުސްލިމުން ވިސްނާކަން ނުވޭތޯއެވެ. މިއަދު ނުވިސްނައިފިނަމަ ދެން ވިސްނާނީ ކޮން ދުވަހަކުންތޯއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...