ކޮލަމިސްޓް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލް ރާއްޖެ ގެންނަން ބޭނުން ހެއްޔެވެ؟

ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލް ރާއްޖެ ގެންނަން ބޭނުން ހެއްޔެވެ؟

ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލް ރާއްޖެ ގެންނަން ބޭނުން ހެއްޔެވެ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އައިޖީއެމް ހޮސްޕިޓަލުގެ މައްސަލަ އަކީ ފާއިތުވީ ސަރުކާރު ތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލަ އެއް ކަމާއި މެދަކު ދެބަސްވާނެ މީހަކު ނޫޅޭނެއެވެ. މި މައްސަލަ އިންތިހާ އަށް ދިގުލައިގެން ދިވެހި ރައްޔިތުންގެ ކަރު ބުރިކޮށްލާ ހިސާބަށް ދިޔައިރު ވެސް މައްސަލަ ތައް ފޮރުވުމާއި ކަމުން ރެކުން ނޫން ކަމެއް ސަރުކާރާއި އައިޖީއެމްއެޗާއި މިނިވަން މުއައްސަސާ ތަކާއި މުޅި ދިވެހި ދައުލަތުންވެސް ފެނިގެން ގޮސްފައެއް ނުވެއެވެ. މީގެ ސިއްރަކީ ކޮބައިބާއެވެ؟ މީގެ ޙައްލަކީ ކޮބައިބާއެވެ؟ މީގެ ހުރިހާ ނިކަމެތި ކަމެއް ތަޙައްމަލު ކުރަން ޖެހިފައިވާ ހަމައެކަނި ބަޔަކީ ނިކަމެތި ދިވެހި ރައްޔިތުންނެވެ.

ރާއްޖޭގެ ވެރިކަމަށް މިހާތަނަށް ފަހުގެ ތާރީޚެއްގައި އެރި ކޮންމެ ވެރިއަކު ވެސް ތަކުރާރު ކޮށް ދައްކަމުން ގެންދިޔަ އެއް ވާހަކަ އަކީ އައިޖީއެމްއެޗް ރަނގަޅު ކުރުމުގެ ވާހަކަ އެވެ. ރައްޔިތުންނަށް ރަނގަޅު އަގުހެޔޮ ބޭސްފަރުވާ ކޮށްދިނުމުގެ ވާހަކަ އެވެ. އެހެން ނަމަވެސް މި ކަންކަމަށް އަމަލީ ސިފައެއް ނައިސް މުޅިންވެސް ކަންކަން ބޮއްސުން ލައިގެން ދިޔުމުން ބޮލުން ނައްޓާލުން ފިޔަވާ އިތުރު ކަމެއް ވެފައެއް ނެތެވެ.

ޤައުމެއްގެ ނިސްބަތުން ރާއްޖެ އަކީ މުޅި ދެކުނު އޭޝިޔާ ސަރަޙައްދުގެ އެންމެ ތަރައްޤީ ތަހުޒީބު އެއްޤައުމެވެ. އެހެން ނަމަވެސް މި ޤައުމުގެ ރައްޔިތުންނަށް ރަނގަޅު ސިއްޙީ ފަރުވާއެއް ލިބޭނޭ ގޮތް މިވީހާތަށް ދުވަހާއި ހަމައަށް ހަމަޖެހިފައެއް ނެތެވެ. ދިވެހި ދައުލަތުން ފާއިތުވީ ސަރުކާރު ތަކުން ދިވެހި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފެންވަރު ރަނގަޅު އެންމެ ހޮސްޕިޓަލް ގަނޑެއް ވެސް އަޅާފައި ނުވުމަކީ މިވެރިންގެ ހިތުގައި ރައްޔިތުންނާއި މެދު އޮތް ކުލުނުވެރިކަން އިތުރަށް ހާމަވާ ކަމެކެވެ. އެންމެ ތަރައްޤީ އެއް ޤައުމުގެ ރައްޔިތުންގެ އާބާދީގެ ބޮޑު ބައެއް އެކަށީގެންވާ ސިއްޚީ ޚިދުމަތް ލިބޭނޭ ގޮތެއްނެތި، އެންމެ އަސާސީ ވަޞީލަތްތައް ކަމަށްވާ ބޯފެނާއި ނަރުދަމާ އާއި ކަރަންޓް ނެތި މިއަދު އެކާވީސް ވަނަ ޤަރުނުގައި އުޅެން ޖެހިފައި ވުމީ މި ޤައުމުގެ ވެރިކަން ކުރި ވެރީން ނާއި ދިވެހި ރައްޔިތުން ވެސް މިއަދު ލަދުވެތިވާން ޖެހޭ ކަމެކެވެ.

ކުރީދުވަހެއްގައި އަޑުއިވުނީ އައިޖީއެމްއެޗުން ދިވެހި ކުއްޖެއްގެ ބޯ ބުރިކުރި ވާހަކަ އެވެ. މިއަދު އޭޑްސް ބަލި އައިޖީއެމްއެޗް ތެރެއިން ފެތުރޭ ވާހަކަ އެވެ. ޑޮކްޓަރުންނާއި ނަރުހުން ހަޅުތާލު ކުރާ ވާހަކަ އެވެ. މާދަމާ އިވޭނީ ކޮން އަޑެއް ބާވައޭ ހިތަށް އަރައެވެ. މިކަންކަން ޙައްލު ނުވެގެން އުޅެނީ ކީއްވެތޯ މިއަދު ސުވާލު ކުރާއިރު މީގެ ޖަވާބު ވަރަށް ސާފެވެ. ރައްޔިތުން ވެސް މި ކަންކަން އިސްލާޙު ކުރަން ދައުލަތާއި ސަރުކާރާއި ރައްޔިތުން ވެސް ބޭނުން ނުވަނީއެވެ.

ސިޔާސީ މައިދާނުގައި ކިރިޔާވެސް ކަމެއް ވާއިރަށް މުޒާހަރާ ކުރަން ނުކުންނަ ރައްޔިތުން މިއަދު ކޮބައިތޯ އެވެ؟ ރައްޔިތުންނަށް އޮޅުވާލާ ދޮގުހަދާ މަކަރު ހަދާ ޙީލަތް ހެދުމުގެ ރެކޯޑް ހަދާފައިވާ ފަރާތްތަކުން ރައްޔިތުންގެ ކުރިމައްޗަށް މިއަދު ވޯޓޭ ގޮވަމުން އައުމުން ރައްޔިތުން ދޭ ޖަވާބު ބަލާށެވެ؟ ޕާޓީ ފިކުރުގައި ޕާޓީގެ ވިސްނުމުގައި ދިވެހިން މިތިބީ ވަކި ޕާޓީ އަކުން ނުކުމެއްޖެ ނަމަ މި ރާއްޖޭގެ އެންމެ ކަރާމާތްތެރި ކަމަށް ދަޢުވާ ކުރާ މަޖިލީހަށް ވެސް ވަކި ކުލައެއްގެ ގެރިއެއްވެސް ވައްދާން ތައްޔާރަށެވެ. އަނެއްބަޔަކު މިތިބީ ބޮޑު އަގުދޭ ކޮޅަކަށް ވޯޓު ވިއްކާލައިގެން ހަތަރެސްފައި ޖެހި މަކުނެއްވެސް އެތަނަށް ވަނަސް ހެޔޮ ކަމުގައި ދެކިގެންނެވެ. އެހެން ކަމުން އައިޖީއެމްއެޗް ކީއްކުރަންތޯ އެވެ؟ އެހެން ތަނެއް ވެސް އިސްލާޙު ކުރާ ވާހަކަ ދެއްކެން އެބަ އޮތްތޯއެވެ؟ އެ މަޤްޞަދު އަޅުގަނޑުމެންގެ އެބަ އޮތްތޯއެވެ؟

އައިޖީއެމްއެޗުން މާބަނޑު އަންހެނެއްގެ ގަޔަށް އޭޑްސް ބަލީގެ ވިހަ ލޭ އެޅިވާހަކަ ގަދަޔަށް ދެކެވޭއިރު ކުރީގެ ދެ ރައީސަކާއި މިހާރުގެ ރައީސަކު ނާޗަރަންގީ ޖައްސަވަން ތިއްބެވި ތަން ޓީވީއަކުން ދެއްކިއިރު ދިވެހި ރައްޔިތުންނަށް ވެފައިވާ ގޮތަކާއި މެދު ހަމަ އާޝޯޚުވާވަރު ވެއެވެ. އެހެނީ މިމީހުނަށް ކިޔެއް ހެއްޔެވެ؟ މިމީހުންނާއި މި މީހުންގެ އާއިލާއިން އުޅޭނީ ނިކަމެތި ރައްޔިތުންގެ ފައިސާއިން އާސިޔާނާއި ޔޫރަޕުގެ ހޮސްޕިޓަލު ތަކުން އެންމެ މަތީ ފަރުވާ ހޯދައިގެން ވިއްޔާއެވެ.ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބި ޢިއްޒަތްތެރި މީހުންނަށް މި އަޑު އިވެންވީ ކީއްވެ ތޯއެވެ؟ އެމީހުންނާއި އެމީހުންގެ އާއިލާއިން އެ އުޅެނީ އާސިޔާނާއި އޭޝިޔާ ބައްރު ތަކުގެ ފެންވަރުގެ ހޮސްޕިޓަލު ތަކުގައެވެ. ނިކަމެތި ރައްޔިތުންގެ ފައިސާގަ އެވެ. މިއީ މިއަދު މަޖިލީހާއި މިނިވަން މުއައްސަސާ ތަކާއި މި ޤައުމުގައި ތިބި ޢިއްޒަތްތެރިންގެ ޙާލަތެވެ.

އެހެން ކަމުން މިއަދު ދިވެހި ރައްޔިތުން ނުކުންނާންވީ އައިޖީއެމްއެޗް އިސްލާޙު ކުރުމަކަށް ނޫނެވެ. ދިވެހި ދައުލަތުގެ އެންމެހައި އިސްވެރިނާއި، އެވެރިންގެ އަނބިދަރިންނަށް ދައުލަތުގެ ތިން ބާރާއި މިނިވަން މުވައްސަސާތައް އެކުލެވޭގޮތުން އެވެރިންގެ ބޭސްފަރުވާޔަށް ބަޖެޓުން ދޭއިނާޔަތް ތަކާއި ކުރާ ޚަރަދު "އާސިޔާން ޤައުމުތަކުގެ ގޮތުގައި ލިޔެފައި އޮންނަ އޮތުމުގެ ބަދަލުގައި އެތަންކޮޅު އައި.ޖީ.އެމް.އެޗާށް ބަދަލު ކުރުމަށް އަޑު އުފުލުމަށެވެ. ދިވެހި ހުރިހާ ރައްޔިތުން މިއަދު އެއް އަޑަކުން މިކަމަށް އަޑު އުފުލާ އަޅެ އެންމެ މުޒާހަރާއެއް ކޮށްލަ ބަލާށެވެ. މާދަމާ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލު ގެނެސް ހުޅުމާލޭގެ އަނެއް ކޮޅުގައި ބަހައްޓަފާނެއެވެ. މީގެ ފޮނި މީރުކަން ދިވެހި ރައްޔިތުން ދެކޭނެ އެވެ. އައިޖީއެމްއެޗުގެ މައްސަލަ ދާއިމީ ގޮތެއްގައި ޙައްލުވާނެ މިނޫން ގޮތެއް ނޯންނާނެއެވެ. ތި ލަވަނީ ހަމަ ބޭކާރު ހަޅޭކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.