ދީންސުވާލާއި ޖަވާބު

މަރުވެފައިވާ މައްޔިތާގެ މަތިން ސަދަޤާތްކުރުން

ސުވާލު:މަރުވެފައިވާ މައްޔިތާގެ މަތިން ސަދަޤާތްކުރެވޭނީ ކޮން އެއްޗެއްސެއްތޯ؟ ސަދަޤާތަށް ރުފިޔާ ބެހުން އޮންނަނީ ކިހިނެއްތޯ؟ އަދި ސަދަޤާތް ކުރަން ޖެހެނީ ކޮންބަޔަކަށްތޯ؟

 

ޖަވާބު: لحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: މައްޔިތާ އަށް ޓަކައި ކޮށްދޭންވީ ކަންތައްތައް މައްޔިތާ މަރުވުމަށްފަހުގައި އޭނާއަށް ފައިދާ ކުރާނެ ކަންތަކުގެ ތެރޭގައި އޭނާއަށް ޓަކައި ކޮށްދެވޭ ހެޔޮ ދުޢާ، ޞަދަގާތް އަދި އޭނާގެ މަތިންވެވޭ ޙައްޖު ހިމެނިގެންވެއެވެ. މައްޔިތާ އަށް ކޮށްދޭހެޔޮ ދުޢާގެ ފައިދާ ކުރާނެ ކަމުގެ ދަލީލަކީ ކީރިތި ގުރްއާނުގެ ޙަޝްރު ސޫރަތުގެ 10 ވަނަ އާޔަތެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (والذين جاؤوا من بعدهم يقولون ربنا اغفر لنا ولإخواننا الذين سبقونا بالإيمان) މާނައަކީ: "އަދި އެއުރެންގެ ފަހަތުން އަންނަ މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ފާފަ ފުއްސަވައި، މަޣްފިރަތު ދެއްވާފާންދޭވެ. އަދި އަޅަމެންނަށްވުރެ ކުރީން އީމާންކަންމަތީ ދެމިތިބި އަޅަމެންގެ އަޚްތަކުންނަށްވެސް ފާފަފުއްސަވައި މަޣްފިރަތު ދެއްވާފާންދޭވެ. އަދި އަޅަމެންގެ ހިތްތަކުގައި އީމާންވެއްޖެ މީސްތަކުންނަށް އެއްވެސް ކަހަލަ ރުޅިވެރިކަމެއް އޮތަ ނުދެއްވާފާންދޭވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އިބައިލާހީ ނުހަނު އޯގާވެރި، ރަޙީމުވަންތަ، އިލާހެވެ". މައްތިޔަކު ވަޅުލާ ނިމުނު ތަނުން ކީރިތި ރަސޫލު ﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (استغفروا لأخيكم واسألوا له التثبيت فإنه الآن يسأل) މާނާއަކީ: "ތިޔަބައިމީހުންގެ އަޚާގެ ފާފަ ފުއްސަވާ ދެއްވުމަށާއި ޘާބިތުކަން ދެއްވުމަށް ދުޢާކޮށްދޭށެވެ. މިހާރު އޭނާ އާއި ސުވާލު ކުރެވޭނެއެވެ". އަދިވެސް ޙަދީޘް ކުރެއްވިއެވެ. (إذا صليتم على الميت فأخلصوا له الدعاء) މާނައަކީ: "ތިޔަބައިމީހުން މައްޔިތާ އަށް ޓަކައި އިޚްލާޞްތެރިކަމާއި އެކު ދުޢާ ކޮށްދޭށެވެ". މައްޔިތާއަށް ފައިދާ ކުރާނެ ދެވަނަ ކަމަކީ އޭނާގެ މަތިން ކުރެވޭ ޞަދަގާތެވެ. އޭގެ ދަލީލަކީ އުއްމުލް މުއިމިނީނަ ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. (أن رجلا قال للنبي صلى الله عليه وسلم إن أمي افتلتت نفسها ولم توصي وأظنها لو تكلمت تصدقت أفلها أجر إن تصدقت عليها فقال النبي صلى الله عليه وسلم : نعم ) މާނައަކީ: " މީހަކު އައިސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. އަޅުގަޑުގެ މަންމަ ވަޞިއްޔަތެއް ނުކޮށް ނިޔާވެއްޖެއެވެ. މަންމާ ވާހަކަ ދެއްކި ނަމަ ޞަދަގާތް ކުރުމަށް ވަޞިއްޔަތް ކުރާނެކަމަށް ވަރަށް ބޮޑަށް ހީވެއެވެ. ދެންފަހު މަންމަގެ މަތިން އަޅުގަޑު ޞަދަގާތްކޮށްފިނަމަ އޭގެ އަޖްރު (ޘަވާބު) މަންމަ އަށް ލިބޭނެހެއްޔެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ". މާތް ﷲ ރުއްސުންލެއްވި ސަޢުދު ބިން ޢުބާދާ ގެ ކިބައިން ރިވާވެގެންވެއެވެ. (أن أمه توفيت وهو غائب فقال : يا رسول الله إن أمي ماتت وأنا غائب فهل ينفعها إن تصدقت عنها فقال : نعم، فقال : أشهدك أن حائطي المخراف صدقة عنها ) "މާނައަކީ: އެކަލޭގެފާނު ރަށުގައި ނޫޅުއްވަނީސް މަންމާފުޅު ދުނިޔެ ދޫކުރައްވައިފިއެވެ. ދެންއެކަލޭގެފާނު މިޚަބަރު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެއްވައި ވިދާޅުވިއެވެ. ތިމަންނާގެ މަންމަގެ މަތިން ޞަދަގާތްކޮށްފިނަމަ މަންމަ އަށް އޭގެ ފައިދާ ކުރާނެތޯއެވެ. ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ"، އެހިނދު ސަޢުދު ވިދާޅުވިއެވެ. "ކަލޭގެފާނު ހެކިކުރައްވާ ވިދާޅުވަމެވެ. "މިޚްރާފް" އޭ ކިޔާ ތަނުގައިވާ ދެކަދުރު ދަނޑު މަންމަގެ ނަމުގައި ޞަދަގާތްކޮށްފީމެވެ". މައްޔިތާއަށް ފައިދާ ކުރާނެ ތިންވަނަ ކަމަކީ އޭނާގެ މަތިން ޙައްޖުވުމެވެ. މިކަމުގެ ދަލީލަކީ ޞަޙާބީއަކު މަރުވެފައިވާ މަންމަގެ މަތިން ޙައްޖު ވުމާއި ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ސުވާލު ކުރުމުން ޙަދީޘް ކުރެއްވިއެވެ. (أرأيت لو كان على أمك دين أكنت قاضيته ، قالت : نعم قال : فدين الله أحق بالقضاء) މާނައަކީ: "ތިބާގެ މަންމަގެ ދަރަންޔެއް އޮތްނަމަ އަދާކުރާނަން ހެއްޔެވެ؟ ޞަޙާބީ ދެންނެވިއެވެ. "އާދޭހެވެ"، ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ މައްޗަށްވާ ދަރަނި އަދާކުރުން މާ ޙައްގުކަން ބޮޑެވެ". އަލްއިމާމުއް ނަވަވީ-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "މައިންބަފައިންނަށް ހެޔޮކޮށް ހިތަންބޭނުން މީހާ އެމީހުންގެ ނަމުގައި ޞަދަގާތް ކުރާހުށިކަމެވެ. ހަމަކަށަވަރުން މަރުވެފައިވާ މީހުންގެ ނަމުގައި ކުރާ ޞަދަގާތުގެ ޘަވާބު އެބައިމީހުންނަށް ލިބޭނެކަމާއި މެދުގައި މުސްލިމުންގެ މެދުގައި ޚިލާފެއްނެތެވެ. މައްޔިތާގެ މަތިން ނަމާދު ކުރުމާއި ރޯދަ ހިފުމާއި ބެހޭގޮތުން ޝާފިޢީ މަޛްހަބު ގެ ޢިލްމުވެރިންނާއި އެހެނިހެން މަޛްހަބު ތަކުގެ ގިނަ ޢިލްމުވެރިން ދެކިލައްވަނީ އެކަމުގެ ސަބަބުން މައްޔިތާ އަށް ފައިދާ އެއް ނުކުރާނެ ކަމަށެވެ. ނަމަވެސް މައްޔިތާގެ މައްޗަށް ވާޖިބުވެފައިވާ ރޯދައެއް ނުހިފި ވާނަމަ ހިފުމަކުން މައްސަލައެއް ނެތް ކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކިލައްވައެވެ. މައްޔިތާގެ މައްޗަށް ގުރްއާން ކިޔެވުމުގެ މައްސަލާގައި ބައެއް ޢިލްމުވެރިން ދެކިލައްވަނީ އެކަމުން މައްޔިތާ އަށް ޘަވާބު ލިބޭނެ ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ދެކިލައްވަނީ އެކަމުން މައްޔިތާ އަށް ފައިދާ އެއް ނުކުރާނެކަމަށެވެ. ނަމަވެސް މިކަމުގައި ހަނދާން ކުރަން ޖެހޭނެ ކަމަކީ ރާއްޖޭގެ ޢާދަކާދާގައިވާ ފަދައިން ބަޔަކުމީހުންނަށް އަގުދީގެން ގުރްއާން ކިޔެވުމަކުން މައްޔިތާ އަށް ފައިދާ އެއް ނުކުރާނެއެވެ. ސަބަބަކީ އެބައިމީހުން ކިޔަވާނީ އިޚްލާޞްތެރިކަމާއި އެކުގައި ނޫންކަމަށްވާތީވެއެވެ. އެބައިމީހުންނަށް ލިބޭ ފައިސާގެ ބޭނުމުގައި ކަމަށްވާތީވެއެވެ. މައްޔިތާއަށް ދުޢާކޮށް ދިނުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރުކުރައްވަމުން ޙަދީޘް ކުރެއްވިއެވެ. (إذا صليتم على الميت فأخلصوا له الدعاء) މާނައަކީ: "ތިޔަބައިމީހުން މައްޔިތާ އަށް ޓަކައި އިޚްލާޞްތެރިކަމާއި އެކު ދުޢާ ކޮށްދޭށެވެ". އެހެންކަމުން އިޚްލާޞްތެރި ކަމެއްނެތި ކޮށްފި ކަމަކުން ފައިދާ އެއް ނެތެވެ. ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ހުރިހާ އަޅުކަމަކުންވެސް މައްޔިތާ އަށް ފައިދާ ކޮށްދެވޭނެއެވެ. އެއީ ނަމާދު ކުރުންކަމުގައިވީނަމަވެސް، ރޯދަހިފުން ކަމުގައިވީނަމަވެސް ނުވަތަ ގުރްއާން ކިޔެވުން ކަމުގައިވީނަމަވެސް އެވެ. ނަމަވެސް މިކަންތަކަކީ ޢިލްމުވެރިން ގެ މެދުގައި ޚިލާފު ހުރި ކަންތަކެވެ. ޚިލާފެއްނެތި ދަންނަބޭކަލުން ގެ އިޖްމާޢުން މައްޔިތާ އަށް ފައިދާ ކުރާނެ ކަންތަކަކަކީ ހެޔޮ ދުޢާ އާއި ޞަދަގާތް އަދި ޙައްޖުވުމެވެ. މައްޔިތާ އަށް ޓަކައި ކޮށްދެވޭނެ އެންމެ ހެޔޮކަމަކީ ގިނަ ގިނައިން ހެޔޮ ދުޢާ ކޮށްދިނުމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَقُلْ رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا) މާނައަކީ: "އަދި ބުނާށެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ކުޑަކުޑަ ކުއްޖަކު ކަމުގައި ތިމަންވީ ދުވަހު ތިމަންގެ ޙާލު ބަލައި ބޮޑުކުޅަފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވައިފާންދޭވެ". (ސޫރަތުލް އިސްރާގެ 24 ވަނަ އާޔަތް). ރަސޫލު ﷲ - ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلا مِنْ ثَلاثَةٍ إِلا مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ ) މާނައަކީ: "އިންސާނާ މަރުވެއްޖެނަމަ ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓިގެންދެއެވެ. ދެމިހުންނަނިވި ޞަދަގާތެއް، ނުވަތަ ފައިދާ ކުރަނިވި ޢިލްމެއް ނުވަތަ ދުޢާކޮށްދޭނެ ޞާލިޙް ދަރިއެކެވެ". ސުވާލުގެ ޖަވާބުގެ ޚުލާޞާ އެއްގެ ގޮތުގައި ދަންނަވަމެވެ. މައްޔިތާ އަށް ދުޢާ ކޮށް ދިނުމަށް ގަބުރުސްތާނަށް ދިޔުމާއި، ވަކި ބަހަކުން ދުޢާ ކުރުމަކީ ކޮންމެހެން ލާޒިމް ކަމެއް ނޫނެވެ. ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ބަހަކުން ވެސް ދުޢާ ކޮށް ދެވިދާނެއެވެ. ބޭނުންނަމަ ގަބުރުސްތާނަށް ގޮސްވެސް ދުޢާ ކުރެވިދާނެއެވެ. އަދި ދިވެހި ބަހުން ނުވަތަ އެމީހަކަށް ފަސޭހަ ބަހަކުން ދުޢާ ކުރެވިދާނެއެވެ. މައްޔިތާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާ، ކައްވަޅު އަލިކޮށްދެއްވާ، ކައްވަޅާއި ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދެއްވާ ސުވަރުގޭގެ ދާއިމީ ނިޢްމަތް ދެއްވުން އެދި ދުޢާ ކުރައްވާށެވެ. ހަމަކަށަވަރުން، ﷲ އީ އެކަލާންގެ އަޅުތަކުންގެ ދުޢާ އައްސަވާ އިޖާބަ ކުރައްވާ އިލާހެވެ. والله أعلم

ގުޅުންހުރި

2 ޚިޔާލު

  1. maruvefaiva mayyitha ge machchah sadhagaiy kuraa iru niaiy gannaane emme ragalhu gothakee kobaitho

  2. Maruvefaivaa mayyithaa ah sadhaqaaiy kurumah hithah aruvaalaanee. Eyrun furihama v.
    Wallaah Aulam

Your email address will not be published. Required fields are marked *

More in ދީން