2011 ވަނަ އަހަރުން ފެށިގެން ރާއްޖެތެރޭގެ ރަށްރަށަށް ދީނީ ދަރުސް ދިނުމަށް ޚާއްޞަ ޕްލޭނެއް ޖަމްޢިއްޔަތުއްސަލަފުން އެކުލަވާލައިފިއެވެ. ދިއިސްލާމަށް ޚަބަރުލިބިފައިވާ ގޮތުގައި މި ޕްލޭންގެ ދަށުން ކޮންމެ ހަފްތާއެއްގެ ހުކުރު ހޮނިހިރު ވަނީ ރަށްރަށަށް ދިއުމަށް ޚާއްޞަކުރެވިފައެވެ. މިކަމުގައި އުޅުއްވާ އިސް ބޭފުޅަކު ދިއިސްލާމަށް ހާމަކޮށްދެއްވިގޮތުގައި މި ޕްލޭނަކީ މިދިޔަ އަހަރު ރޭވި ޕްލޭނެއްކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށްގިނަ ޕްރޮގްރާމްތައް ރޭޑިއޯތަކުގައި ކުރިއަށްދޭ، ރާއްޖެތެރެއަށް ދިއުމަކީ އެހާ ފަސޭހަކަމަކަށްނުވޭ، އެއީ ހުރިހާ ޝޭޚުންވެސް އުޅުއްވަނީ އެކި ތަންތާނގައި ކިޔަވައިދިނުމަގަ، އެންމެންނަށް ފްރީވަނީ ހުކުރު ހޮނިހިރުކަމަށްވާތީ އެ ދުވަސްތަކުގައި އަޅުގަނޑުމެން ގެނެސްދެމުންދިޔަ ރޭޑިއޯ ޕްރޮގްރާމްތައް މިހާރުވާނީ އެހެން ދުވަސްތަކަށް ބަދަލުކޮށްފައި، އެެހެންވީމަ މިހާރު ހުކުރު ހޮނިހިރި ރަށްރަށަށް ދާން ހުސްކޮށްފައި މިވަނީ" އެބޭފުޅާ ވިދާޅުވިއެވެ.
މި ޕްލޭންގެ ދަށުން މިހާރުވެސް ވަރަށްގިނަ ރަށްރަށަށް ދިއުމަށް އެއްބަސްވެފައިވާކަމަށާއި ވަގުތުވާވަރަކުން އިތުރު ރަށްރަށް ހަމަޖައްސަމުންގެންދާނެކަމަށް ޚަބަރުލިބެއެވެ. އަދި މިކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ފޯމެއް ކޮންމެ ރަށަކުންވެސް ފުރަންޖެހޭކަމަށާއި މިހާރުވެސް އެ ފޯމް ދޫކުރަންފަށާފައިވާކަމަށެވެ. ފޯމު ލިބިވަޑައިގަންނަވާނީ ސަލަފްލައިން އިންކަމަށް ޚަބަރު ލިބެއެވެ.
މި ޕްރޮގްރާމްގެ ދަށުން ދަރުސް ދިނުމަށްޓަކައި މިހަފްތާގެ ހުކުރު ދުވަހު ދެ ރަށަކަށް ފުރާގޮތަށް ހަމަޖެހިފައިވާކަމަށާއި ފުރުމަށް ހަމަޖެހިފައިވަނީ ހއ.ދިއްދޫއަށާއި ފ.ދަރަނބޫދޫއަށްކަމަށެވެ.
ހއ.ދިއްދޫއަށް ދާ ޓީމުގައި ހިމެނެނީ ޝައިޚް އަޙްމަދު ސަމީރު އިބްރާހީމް އެވެ. އަދި ފ.ދަރަނބޫދޫއަށްދާ ޓީމުގައި ހިމެނެނީ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...