އެމެރިކާގެ ޒުވާނުންނާއި އެއްޖިންސުން ގުޅުންހިންގާ މީހުންގެ ތެރޭގައި ޖިންސީ ގުޅުމުންއަރާ ބަލިތައް އިތުރުވެފައިވާ ކަމަށް އެޤައުމުގެ ސެންޓަރ އޮފް ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ނެރުނު ރިޕޯރޓަކުން ދައްކައިފިއެވެ.
ސީޑީސީގެ ރިޕޯރޓުގައިވާގޮތުން ޖިންސީ ގުޅުމުން ފެތުރޭ ބަލިތައްކަމުގައިވާ ސިފިލިސް އާއި ގޮނޮރިއާ ފެތުރެމުންދާވަރު ވަނީ އެމެރިކާގައިވަނީ އިތުރުވެފައެވެ. އެގޮތުން އެއްޖިންސުން ގުޅުހުންހިންގާ މީހުންގެ މެދުގައި ސިފިލިސް ފެތުރުން އިތުރުވެފައިވެއެވެ. އަދި އުމުރުން 15 އާއި 24 ދެމެދުގެ ދެޖިންސުގެ ޒުވާނުންގެ މެދުގައި ގޮނޮރިއާ ފެތުރުން އިތުރުވެފައިވާ ކަމަށް ސީޑީސީގެ ރިޕޯރޓުގައިވެއެވެ.
ސީޑީސީގެ ރިޕޯރޓުގައިވާ ގޮތުން އެމެރިކާގައި، ޖިންސީ ގުޅުމުން އަލަށް ފެތުރޭ އިންފެކްޝަން އަހަރަކު 20 މިލިޔަނަށްވުރެ އިތުރެވެ. އަދި މި އިންފެކްޝަންތައްޖެހޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 15 އާއި 24 ދެމެދުގެ ދެޖިންސުގެ ޒުވާނުންނެވެ.
މިރިޕޯރޓުގައިވާ ގޮތުން 2012 ވަނަ އަހަރު 15667 މީހުން ސިފިލިސް ޖެހިގެން ރިޕޯރޓްކޮށްފައިވެއެވެ. މިއީ 2011 ވަނައަހަރާއި އަޅާބަލާއިރު 11.1 އިންސައްތަ އިތުރު އަދަދެކެވެ. އަދި މީގެ ތެރޭގައި ގިނައީ އެއްޖިންސުން ގުޅުންހިންގާ ފިރިހެނުންކަމަށް މިރިޕޯރޓުގައިވެއެވެ.
ގޮނޮރިއާ ޖެހިގެން 2012 ވަނައަހަރު 334,826 މީހުން ރިޕޯރޓްކޮސްފައިވެއެވެ. އެއީ 2011 ވަނަ އަހަރާއި އަޅާބަލާއިރު 4.1 އިންސައްތަ އިތުރު އަދަދެއްކަމަށް ސީޑީސީއިން ހާމަކުރެއެވެ.
ސީޑީސީއިން އިތުރަށް ހާމަކުރާގޮތުގައި މިއަދަދުތައް މިއަށްވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އެމެރިކާގެ ސިއްޚީ ދާއިރާއިން އަހަރަކު 16 ބިލިއަން ޑޮލަރު ޖިންސީ ގުޅުމުންއަރާ ތަފާތު ބަލިތައްކަށް ހޭދަވެއެވެ.
ޚިޔާލު