ލޯކަލް ކައުންސިލް އިންތިހާބު ފެށުމާއި އެކު ފެނިގެން ދިޔައީ ވޯޓްލުމުގެ ހައްޤު ލިބޭ ހުރިހާ އެންމެންގެ ފޮޓޯ ވޯޓް ލާ މަރުކަޒުގެ ބޭރުގައި ހަރު ކުރެވުނު ތަނެވެ. މީހުންގެ އާންމު މައުލޫމާތާއި އައިޑީ ކާޑުގެ ފޮޓޯ ހިމެނޭގޮތަށް އަމިއްލަ މައުލޫމާތުތައް އާންމު ކުރުމުން ގިނަ ބަޔަކަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. އަދި އެކަންވީ ގިނަ ބަޔަކު ހިތްހަމަނުޖެހުނު ކަމަކަށެވެ.
ދާދިފަހުން ބުރުގާ އެޅި މީހުންގެ ބުރުގާ ނާޅާ ހުރި ފޮޓޯ ހުރުމާއި މޫނު ބުރުގާ އެޅި އަންހެންނުންގެ މޫނު ފެންނާނޭހެން ނަގާފައިވާ އައިޑީކާޑުގެ ފޮޓޯ "ސޭލް" އެޅުވުމުން ގިނަ ބަޔަކު ހިތްހަމަނުޖެހި އެކަމަށް އިހުތިޖާޖް ކުރިއެވެ.
މިމައްސަލައާއި މެދު ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންވެސް ވަނީ އެބޭފުޅުންގެ ބަސް އިއްވާފައެވެ. އަމަލީގޮތުން އެކަމާއި ބެހޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ އިތުރުން އެބޭފުޅުންވަނީ އެބޭފުޅުން ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ޝަމީމް ފޭސްބުކްގައި ވިދާޅުވެފައިވަނީ "ވޯޓް ލާން ދާ މޫނު ބުރުގާ އަޅާފައިވާ އަންހެނުންގެ ފޮޓޯ އެންމެނަށް ފެންނަގޮތަށް ޖެހުމަކީ މުއުމިނު އަންހެނުން ނިކަމެތި ކޮށް، ދީނީ ޝިޔާރެއްގެ ހުރުމަތް ނަގާލުން. މިޖަރީމާ ހިންގި ފަރާތްތައް އަދަބު ލިބެން ޖެހޭނެ"ކަމަށެވެ.
ޖަމިއްޔަތުއްސަލަފް ގެ ރައީސް ޝައިޚް އަބުދުﷲ ބިން މުޙައްމަދު އިބްރާހިމް ޓްވީޓް ކުރައްވާފައިވަނީ "މޫނުބުރުގާ އަޅާ އަންހެނުންގެ ޒާތީ ހައްޤުތަކަށް އިލެކްޝަން ކޮމިޝަން އިން އަރައިގަންފައިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން."
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢިދު ވިދާޅުވީ “އައުރަ ނިވާކުރުމަށް ބުރުގާ އަޅަންޖެހޭނެކަން ޤަބޫލުކޮށް ބުރުގާ އެޅުމަށްފަހު އޭނާ ބުރުގާ ނުއަޅާ އިރުގެ ފޮޓޯތައް އާންމުކުރުމަކީ ދައުލަތުގެ މުއައްސަސާއަކުން ކޮށްގެންވާނެ ކަމެއް ނޫން”ކަމަށެވެ. އަދި ޑރ ޝަހީމް ޓްވީޓް ކުރެއްވީ "ފޮޓޯ އާންމު ކުރުމަކީ އިންސާފުވެރިކަމެއް ނޫން. އެކަމަށް މައާފަށް އެދެން ޖެހޭނެ."ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ޓްވީޓް ކުރައްވާފައިވަނީ "މޫނު ބުރުގާ އަޅުއްވާ ބޭފުޅުންގެ އައިޑީ ކޮޕީ އާންމު ތަންތަނުގައި ހިއްޕުމީ އިސްލާމީ އުސޫލްތަކާއި ޚިލާފް. އަދި އެބޭފުޅުންގެ ހައްޤުތަކަށް އަރައިގަތުމެއް"ކަމަށެވެ.
ޝެއިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް ފޭސްބުކްގައި ލިޔުއްވާފައިވަނީ "މުޖުތަމައުގެ ހާލަތަށް ރިޔާއަތް ކުރުމެއް ނެތި. އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް މީސްތަކުންގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުކުރުމަކީ ވަރަށް ބޮޑު ނުރައްކަލެއް. މިކަން މިގޮތަށް ތަކުރާރު ނުކުރުމަށް އިލްތިމާސް ކުރަން"ކަމަށެވެ.
ޖަމިއްޔަތުއް ސަލަފް ގެ ނައިބް ރައީސް ޝެއިޚް ހަސަން މޫސާ ފިކުރީ ފޭސްބުކްގައި ލިޔުއްވާފައިވަނީ "އަންހެނުންގެ ހައްޤުތަކަށް އިހްތިރާމް ކުރުމަށް އިލެކްޝަން ކޮމިޝަންއަށް ގޮވާލަން. ވޯޓަސް ލިސްޓް އާންމު ކުރުމުގެ ނަމުގައި ދީނީ ޝިޔާރުތަކާއި ނުކުޅޭށެވެ."
ޝެއިޚް އަހްމަދު ސަމީރު ޓްވީޓް ކުރައްވާފައިވަނީ "މޫނު ބުރުގާ އަޅާ އަންހެނުންގެ ހައްޤުތަކަށް އިލެކްޝަން ކޮމޝަންސް އަރައިގަތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން."ކަމަށެވެ.
ޝެއިޚް އާދަމް ނިޝާމް ފޭސްބުކްގައި ވިދާޅުވެފައިވަނީ "އައުރަ ނިވާކޮށްގެން ތިބި މުސްލިމު އަންހެން ކަނބަލުން އައުރަ އެންމެނަށް ފެންނަ ގޮތަށް ހަދާ ކަޝްފު ކޮށްލުމަކީ އެކަނބަލުންގެ އިއްފަތްތެރި ކަމަށް އަރައިގަތުން. އަދި ހަމަ އެހެންމެ އެއްވެސް މުސްލިމެއްގެ ޒާތީ އެއްވެސް މައުލޫމާތެއް އޭނާގެ އިޒުނަ އާއި ނުލާ ފަތުރާ އާންމު ކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެއް"ކަމަށެވެ.
އައްޝައިޚް މުހައްމަދު ތައްޔިބު ފޭސްބުކްގައި ވިދާޅުވެފައިވަނީ "ބޭނުންވާ އެންމެންގެ ފޮޓޯ ލިބޭނެހެން އިލްކްޝަން ކޮމިޝަން އިން ހުޅުވާލި ފޮޓޯ މައުރަޒުގެ ސަބަބުން އެތައް ބައެއްގެ ހައްޤު ގެއްލިފައިވާތީ މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން"ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...