ކެނެޑާގެ ވަރަށް މަޝްހޫރު ދާޢީ އެއް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
"ޓްރެވެލިން ޝައިޚް"ގެ ނަމުން މަޝްހޫރުވެފައިވާ ޝައިޚް ވަލީދް ޢަބްދުލް ޙަކީމް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ ގައި ދީނީ ދައުވަތު ފެތުރުމަށް ކުރަމުންދާ ޒިޔާރަތުގެ ތެރޭގައެވެ. ޝައިޚް ވަލީދް ޢަބްދުލް ޙަކީމް ގެ ފޭސްބުކް ޕޭޖްގައި 2013 ޑިސެމްބަރު 22 ވަނަ ދުވަހު ވަނީ ރާއްޖެއައުމަށް ޝައުގުވެރިވާ ކަމަށް ލިޔުއްވާފައެވެ. "ސްރީލަންކާގައި ޖެނުއަރީ 15 އިން 26 އަށް ލެކްޗާރ ދެން. މިވިސްނަނީ ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމަށް ހަފްތާއެއް ފަހުން." ޝައިޚް ލިޔުއްވާފައިވެއެވެ.
ޝައިޚް ވަލީދް ޢަބްދުލް ޙަކީމް ރާއްޖެއައުމަށް ޝައުގުވެރިކަން ފާޅުކުރުމާއި ގުޅިގެން އެކަމަށް އެހީވުމަށް އިސްނެގީ ޖަމިއްޔަތުއްސަލަފް އިންނެވެ. ޖަމިއްޔަތުއް ސަލަފްގެ އޮފިޝަލަކު ދިއިސްލާމްއަށް ވިދާޅުވީ "ރާއްޖެ އައުމުގެ ޝައުގުވެރިކަން ޝައިޚް ވަލީދް ޢަބްދުލް ޙަކީމް ގެ ފޭސްބުކްގައި އިއުލާން ކުރުމާއި ގުޅިގެން ޝައިޚް ރާއްޖެ ގެނައުމުގެ ކަންތައް ކުރިއަށް ގެންދާނީ ޖަމިއްޔަތުއްސަލަފްއިން." ކަމަށެވެ.
ޖަމްޢިޔަތުއްސަލަފްގެ ފޭސްބުކް ޕޭޖްގައި ހާމަކޮށްފައިވާ ގޮތުގައި "އިންޝާﷲ ޝައިޚް ވަލީދް ޢަބްދުލް ޙަކީމް (ކެނެޑާ) ޖެނުއަރީ 24 އިން 28 ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ހިއްސާ ކުރަމެވެ. އަދި މި ދަތުރުގައި މާލެ، ފުވައްމުލަކު އަދި އައްޑޫގައި އިވެންޓްތަކެއް ބޭއްވުމަށް ރާވަމުން ގެންދާ ވާހަކަ ވެސް އެންމެހާ ބޭފުޅުންގެ މައުލޫމާތައްޓަކައި ދަންނަވަމެވެ."
ދިއިސްލާމަށް ޚަބަރު ލިބިފައިވާގޮތުގައި ޝައިޚް ވަލީދް ޢަބްދުލް ޙަކީމް ގެ ދަރުސެއް މާލޭގައި ބޭއްވުމަށް ކުރިން ނިންމާފައިވީނަމަވެސް އެ ދަރުސް މިހާރުވަނީ ވިލިނގިލީގައި ބޭއްވުމަށް ހަމަ ޖައްސާފައެވެ. ވިލިނގިލީގައި ބާއްވާ ޝައިޚް ވަލީދް ޢަބްދުލް ޙަކީމްގެ ދަރުސްގެ އެންމެހައި ކަންތައްތަކެއް ކުރިއަށް ގެންދާނީ ޕީސް ފައުންޑޭޝަން ގެ ފަރާތުންނެވެ.
ޝައިޚް ވަލީދް ޢަބްދުލް ޙަކީމް ވިލިނގިލީ ގައި ދެއްވާ ދަރުސް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 8:45 ގައި އެ ރަށު ބޯޅަ ދަނޑުގައެވެ.
ވިލިނގިލީގެ ދަރުސަށްފަހު ޝައިޚް ދެން ވަޑައިގަންނަވާނީ ފުވައްމުލަކަށެވެ. ފުވައްމުލަކުގައި ޢާއްމުންނަށް ހުޅުވާލެވިގެން ބާއްވާ ދަރުސް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ. އަދި ސްކޫލު ކުދިންނަށް ބާއްވާ ސެޝަނެއް ހަމަ އެ ސްކޫލުގައި 26 ވަނަ ދުވަހުގެ ހެނދުނު ހެނދުނު 7:30 ން 8:30 އަށް އޮންނާނެއެވެ. އޭގެ އިތުރުން ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންދާ ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ސެޝަނެއް 26 ވަނަ ދުވަހުގެ ހެނދުނު 9 ޖަހާ އިރު އެ ސެންޓަރުގައި އޮންނާނެއެވެ.
ފުވައްމުލަކު ގެ ހަރަކާތްތައް ނިންމާލުމަށްފަހު ޝައިޚް ވަލީދް ޢަބްދުލް ޙަކީމް އާއި ސަލަފް ގެ ޓީމު ދެން ވަޑައިގަންނަވާނީ އައްޑޫ އަށެވެ. އައްޑޫގައި ޢާއްމުންނަށް ހުޅުވާލެވިގެން ބާއްވާ ދަރުސް އޮންނާނީ 26 ވަނަ ދުވަހުގެ ރޭ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި 8:30 ގައެވެ. އައްޑޫގައި ގައި ދެން އޮންނާނެ ހަރަކާތަކީ 27 ވަނަ ދުވަހުގެ ހެނދުނު ސްކޫލު ކުދިންނަށް ބާއްވާ ސެޝަނެކެވެ. އޭގެ އިތުރުން ހިރާ ސްކޫލަށް ޒިޔާރަތް ކުރާގޮތަށްވެސްވަނީ ހަމަޖެހިފައެވެ. ޝައިޚް އެނބުރި މާލެ ވަޑައިގަންނަވާނީ 27 ވަނަ ދުވަހު އެވެ. އަދި ޝައިޚް ގެ ޤައުމަށް އެނބުރި ވަޑައިގަންނަވާނީ 28 ވަނަ ދުވަހު އެވެ.
ކެނެޑާގެ ޝައިޚް ވަލީދް ޢަބްދުލް ޙަކީމް މަޝްހޫރުވެފައިވަނީ "ދަތުރު ކުރާ ޝެއިޚް" އެއްގެ ގޮތުގައެވެ. އެގޮތުން ޝައިޚް ވަނީ 50 އަށް ވުރެ ގިނަ ގައުމަށް އިސްލާމް ދީނުގެ ދަޢުވަތު ދިނުމުގެ ގޮތުން ދަތުރު ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...