ޖިންސީ ކުށުގެ ބިލު އަނބުރާ ފޮނުވާލީ އިސްލާމީ ޝަރީއަތާއި، އިސްލާމީ އުސޫލުތަކާ ޚިލާފު ބައެއް ކަންކަން ހިމެނޭތީކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ޖިންސީ ކުށުގެ ބިލް ތަސްދީގު ނުކުރައްވައި އެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމީން ފޮނުވާލި ސަބަބު ބަޔާންކޮށް ރައީސް އޮފީހުން ހާމަކުރީ "އެ ބިލުގައި އިސްލާމީ ޝަރީއަތާއި، އިސްލާމީ އުސޫލުތަކާ ޚިލާފު ބައެއް ކަންކަން ހިމެނޭތީ، އެއީވެސް ބިލު އަނބުރާ ފޮނުއްވައިލެއްވުމުގައި ރިއާޔަތް ކުރެއްވި ސަބަބުތަކުގެ ތެރެއިން ސަބަބެއް"ކަމަށެވެ.
ޖިންސީ ކުށުގެ ބިލާއި މެދު ދީނީ ޢިލްމުވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަގޮތެއްގައި އަނބިމީހާގެ ނުރުހުމުގައި ފިރިމީހާ އަނބިމީހާއާއެކު ރޭކޮށްފި ނަމަ އެއީ ރޭޕްކުރުން ކަމުގައި ބެލެވޭނެ ކަމަށް އެ ބިލްގައި ވަނީ ހިމަނާފައިވާތީ ގިނަ ބަޔަކު ދަނީ އެބިލްއަށް ފާޑު ކިޔަމުންނެވެ. އަދި އެބިލުގައި ހުރި އިސްލާމީ ޝަރީއަތާއި ފުށުއަރާ މައްސަލަތަކާއި މެދު ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.
ޖިންސީ ކުށުގެ ބިލު އަނބުރާ ފޮނުވާފައިވާއިރު ބިލާ ގުޅޭގޮތުން އެޓާނީޖެނެރަލްގެ ލަފާވެސް ރައީސް އޮފީހުން ވަނީ ހޯދާފައެވެ. އަދި އެކަމުގެ ތަފްސީލްވަނީ މަޖިލީހާއި ހިއްސާކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...