الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖްލިހުން ފާސްކޮށްފައިވާ "ޖިންސީ ކުށުގެ ބިލް" އަށް ބަލައިލުމުން ފާހަގަ ކުރެވުނު ބައެއް ނުކުތާތައް ތިރީގައި މިވަނީއެވެ.
- އަނބިމީހާގެ ނުރުހުމުގައި "ރޭކޮށްފި ނަމަ" އެއީ ރޭޕްކުރުން!
ފިރިމީހާއަށް ބޭނުންޖެހޭ ހިނދުގައި އޭނާއަށް އަނބިފިރި ކަމުގެ ގޮތުން ދޭންޖެހޭ ހައްގު ދިނުމަކީ އަނބިމީހާގެ މައްޗަށް ހުރި ބޮޑުވެގެންވާ ވާޖިބެކެވެ. ޙައިޟުގެ ވަގުތުގައި ޖިމާޢުވުން ނުވަތަ ފުރަގަސްފަރާތް ބޭނުން ކުރުން ފަދަ ﷲ އާއި އެކަލާނގެ ރަސޫލާ ހަރާމް ކުރައްވާފައިވާ ކަމެއް ފިޔަވައި ފިރިމީހާ ބޭނުންވާ ހިނދުގައި އެކަމުން މަނާވެ ގަތުމަކީ އަނބިމީހާއަށް އެއްވެސް ހާލެއްގައި ހަލާލުވެގެންވާ ކަމެއް ނޫނެވެ.
طَلْق بْنِ عَلِيٍّ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. (( إِذَا الرَّجُلُ دَعَا زَوْجَتَهُ لِحَاجَتِهِ فَلْتَأْتِهِ وَإِنْ كَانَتْ عَلَى التَّنُّورِ )) سنن الترمذي (ج 4، ص 387) މާނައީ: “ފިރިމީހާ (އަނބިފިރިކަމުގެ) ހާޖަތަށް ބޭނުންވެގެން އަނބިމީހާގެ ގާތު އެދިފި ނަމަ (ބަދިގޭގައި) އުނދުން ގޮށުގައި ހުރި ނަމަވެސް އަންނަހުށިކަމެވެ.” އަދި މިހަދީޘް ރަނގަޅު ހަދީޘެއް ކަމުގައި أَبُو عِيسَى الترمذى ވިދާޅުވިއެވެ. މިހަދީޘާއި މިފަދަ އެތައް ރިވާޔަތްތަކެއްގެ މައްޗަށް ބިނާކޮށް އެއީ އަނބިމީހާގެ ބޮލުގައި އެޅިފައިވާ އެއްމެ ބޮޑު އެއް ހައްގު ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ޝަރުޢީ ޢުޛުރަކާއި ނުލައި ފިރިމީހާގެ މި ހައްގު އަދާ ކޮށްދިނުމުގައި ފަރުވާ ކުޑަ ކުރުމަކީ ނުރައްކާތެރި ކަމެކެވެ. ބައެއް އަނބިން ވަރަށް އާދައިގެ ކުދިކުދި ކަންކަމުގައި ހިތްހަމަ ނުޖެހޭ އިރަށް ފިރިމީހާއަށް އޭނާއާއި ގާތްވުން މަނާކޮށް، އަނބިފިރިކަމުގެ ހައްގު މަނާކުރެއެވެ. އެއީ އިންތިހާއަށް ނުރައްކާތެރި، ބިރުވެރި ކަމެކެވެ. ﷲގެ ކޯފާއާއި އަޛާބު ހައްގު ވާނެ ކަމެއް ކަމުން އިތުރު އެކަލޭގެފާނުން މުސްލިމުން އަންހެނުންނަށް އެކަމުން އިންޛާރު ކުރައްވާފައި ވެއެވެ.
ސުންނަތުގެ މަޝްހޫރު އެއްމެ ބޮޑު ދެއިމާމުން البخاري އާއި مسلم، أبو هريرة رضي الله عنه ގެ އަރިހުން ރިވާ ކުރައްވާފައި ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ.
(( إِذَا دَعَا الرَّجُلُ امْرَأَتَهُ إِلَى فِرَاشِهِ فَأَبَتْ فَبَاتَ غَضْبَانَ عَلَيْهَا لَعَنَتْهَا الْمَلَائِكَةُ حَتَّى تُصْبِحَ))
މާނައީ: “ފިރިމީހާ އޭނާގެ އަނބިމީހާ ގާތު ތަންމައްޗަށް އައުމަށް ބުނުމުން އެކަމަށް އިންކާރު ކޮށް، ފިރިމީހާ އޭނާގެ އަނބިމީހާގެ މައްޗަށް ރުޅިއައިސްގެންވާ ހާލުގައި ރޭގަނޑު ހޭދަކޮށްފި ނަމަ ހެނދުން ވެއްޖައުމަށްދާންދެން މަލާއިކަތުން އެކަނބުލޭގެ މައްޗަށް ލަޢުނަތް ލައްވާނެތެވެ.” މަލާއިކަތުންގެ ލަޢުނަތާއި އެބޭކަލުންގެ ދުޢާ ﷲގެ ހަޟުރަތަށް އުފުލޭނެ އަވަސްކަން ވިސްނަވާށެވެ! ފިރިމީހާގެ ޙާޖަތް ފުއްދައިދިނުމަށް އިންކާރު ކުރުމުގެ ނުރައްކާތެރިކަން ވިސްނާށެވެ! އެއީ އަޅުގަނޑުމެންގެ މެދުގައި ހީކުރެވިފައި އޮންނަހައި އާދައިގެ ކަމެއް ނޫނެވެ. އަދި އަނބިމީހާ ޖިމާޢުވުމަށް އިންކާރު ކުރަނީ މަޢުޤޫލް ޢުޛްރަކާއި ލައިގެން ކަމުގައި ވާނަމަ މިސާލަކަށް؛ އެއްދާން ކުރުމުގައި އަނިޔާވެރި ގޮތްގޮތަށް މުޢާމަލާތް ރާނަމަ ނުވަތަ ޞިއްޙީ މައްސަލައަކާއި ހުރެ އެކަމުގެ ސަބަބުން އަންހެން މީހާއަށް ކެތްތެރިވުމަށް ދަތިވާ ވަރުގެ ވޭނެއް އަޅަނީ ކަމުގައި ވާނަމަ އަންހެނުންނަށް އޯގާތެރިވެ، އެކަމުގެ ހައްލު ހޯދައިދެވޭތޯ ބެލުމަކީ ފިރިމީހާގެ ވާޖިބެކެވެ. އެފަދަ ހާލަތެއްގައި އިސްވެދިޔަ ވަޢީދު އެއަންހެނާގެ މައްޗަކަށް ނުވާނެއެވެ. ނަމަވެސް ޝަރުޢީ ޢުޛުރަކާއި ނުލައި ފިރިމީހާގެ ހައްގު އަދާ ނުކުރުމަކީ އިސްވެދިޔަ ވަޢީދު ހައްގުވާނެ ކަމެކެވެ.
http://adamshameem.com/v2/?p=890
ކައިވެނި ރޫޅާލުމަށް ކޯޓަށް ހުށަހަޅާފައިވަނިކޮށް ޖިމާޢުވުން:
ދަންނައެވެ. ކައިވެނި ރޫޅާ ނުލެވޭހާ ހިނދެއްގައި އަނބިމީހާ ފިރިމީހާ އަށް ފުރިހަމަ އަށް ކިޔަމަންތެރިކަން އަދާ ކުރަން ޖެހޭނެއެވެ. އަދި ފިރިމީހާ އެދިއްޖެނަމަ އެއްދާން ކުރުމުން މަނާވެގަނެގެން ނުވާނެއެވެ. ކައިވެނި ރޫޅާލެވުނު ނަމަވެސް، ރަޖުޢީ ވަރިއަކުން ވަރިކޮށްފައި ހުންނަ ދުވަސްވަރުގައި ޢިއްދާގައި ހުންނަން ޖެހޭނީ ފިރިމީހާގެ ގޭގައެވެ. ފިރިމީހާގެ ފަރާތުން އަނިޔާވެރި ކަމެއް މެދުވެރިވެދާނެ ކަމުގެ ބިރުނެތްހާ ހިނދަކު ޢިއްދާގެ މުއްދަތު ހަމަވުމުގެ ކުރިން ފިރިމީހާގެ ގެއިން ނިކުމެގެން ނުވާނެއެވެ.
ސޫރަތުލް ޠަލާގުގެ 1 އަދި 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. "يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ۖ وَاتَّقُوا اللَّـهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِن بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّـهِ ۚ وَمَن يَتَعَدَّ حُدُودَ اللَّـهِ فَقَدْ ظَلَمَ نَفْسَهُ ۚ لَا تَدْرِي لَعَلَّ اللَّـهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًافَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ"މާނައަކީ: " އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ،އެކަނބަލުންގެ عدّةއަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުންއެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން عدّةގުނާހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި اللَّهއަށް، ތިޔަބައިމީހުން تقوىވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދިއެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާފާފަޔެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، اللَّهކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި اللَّهކަނޑައަޅުއްވާފައިވާ އިންތައްފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ نفسއަށް އެމީހާއަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) اللَّهއެހެންގޮތެއް މެދުވެރިކުރައްވައިފާނެކަންވެސް ތިބާޔަކަށް ނޭނގެތެވެ. ފަހެ، އެކަނބަލުންގެ عدّةހަމަވުމާ ގާތްވެއްޖެހިނދު، ހެޔޮގޮތުގައިތިޔަބައިމީހުން އެކަނބަލުން ހިފަހައްޓާށެވެ! (އެބަހީ: ކާވެނި رجوعކުރާށެވެ!) ނުވަތަ ހެޔޮގޮތުގައި އެކަނބަލުންނާ ވަކިވާށެވެ!". ރަޖްޢީ ވަރިއަކުން ވަރިކުރިނަމަވެސް ފިރިމީހާގެ ޙައްގުތައް ފުރިހަމަ އަށް އަދާކޮށްދޭންވާނެއެވެ. އަދި ފިރިމީހާވެސް އަންބެއްގެ ޙައިޘިއްޔަތުން ދޭންޖެހޭ ޚަރަދުތައް ފުރިހަމަ އަށް ކޮށްދޭން ޖެހޭނެއެވެ. އަދި ކޯޓުގައި ވަރިކުރިކަން ރަޖިސްޓަރީ ކުރުމުގެ ކުރިންނަމަވެސް، ޢިއްދާގެ މުއްދަތުގެ ތެރޭގައި ފިރިމީހާ ޖިމާޢުވާން އެދިއްޖެނަމަ އެކަމަށް އިޖާބަދޭން ޖެހޭނެއެވެ. ޖިމާޢުވުމާއި އެކު ކައިވެނި ރުޖޫޢަވާނެއެވެ. ރަޖްޢީ ވަރިއަކުން ވަރިކޮށްފައިވާ އަންހެނާ ރުޖޫޢަ ކުރުމަކީ ފިރިމީހާ އަށް ލިބިގެންވާ ބާރެކެވެ. އެކަމުގައި އަނބިމީހާގެ ރުހުން އޮތުން ލާޒިމެއް ނޫނެވެ.
ސޫރަތުލް ބަގަރާގެ 228 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَاثَةَ قُرُوءٍ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ اللَّـهُ فِي أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِاللَّـهِ وَالْيَوْمِ الْآخِرِ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ إِنْ أَرَادُوا إِصْلَاحًا وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ وَاللَّـهُ عَزِيزٌ حَكِيمٌ ) މާނައަކީ: " އަދި، ވަރިކޮށްފައިވާ އަންހެނުން، އެކަނބަލުންގެ އަމިއްލަ نفس ތަކާއިގެން ތިން قُرء ވަންދެން انتظار ކުރާހުށިކަމެވެ! (قُرء އަކީ، حيض ނުވަތަ طُهر އެވެ.) އަދި، އެކަނބަލުން، اللَّه އަށާއި، آخرة ދުވަހަށް، إيمان ވާ ކަމުގައިވާނަމަ، އެކަނބަލުންގެ رَحِم ތަކުގައި اللَّه އުފައްދަވާފައިވާ އެއްޗެއް (އެބަހީ: حيض ވުމާއި ބަލިވެއިނުންފަދަ ކަންތައް) ވަންހަނާކުރުން އެކަނބަލުންނަށް ހުއްދައެއް ނުވާނެތެވެ. އަދި، އެއުރެން إصلاح ކުރުމަށް އެދޭނަމަ، عدّة ގެ ދުވަސްވަރުގައި އެކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރީންނަށް حق ވެގެން ވެއެވެ. އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ." މި އާޔަތުގައި މިވަނީ ރުޖޫޢަ ކުރުމުގެ ޝަރްޠުތައް ބަޔާން ކުރައްވާފައެވެ.
އެއީ:
1. ރުޖޫޢަ ކުރެވޭނީ ވަރީގައެވެ. ކައިވެނި ފަސްޚު ވެފައިވާނަމަ ރުޖޫޢަ ކުރުމެއް ނެތެވެ.
ﷲ ވަޙީ ކުރައްވަނީ (وَالْمُطَلَّقَاتُ) މާނައަކީ: "ވަރިކޮށްފައިވާ އަންހެނާ" އެވެ.
2. ވަރިއަކީ ރަޖްޢީ ވަރި އެއް ކަމުގައިވުން. ރަޖްޢީ ވަރި އަކަށް ވާނީ ފުރަތަމަ ފަހަރާއި ދެވަނަ ފަހަރަށް ކުރެވޭ ވަރި އެވެ. ތިން ވަނަ ފަހަރަށް ވަރިކޮށްފިނަމަ ރުޖޫޢަ ކުރުމެއް ނެތެވެ.
3. ޢިއްދާގެ މުއްދަތުގެ ތެރޭގައި ކަމުގައިވުން. ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ إِنْ أَرَادُوا إِصْلَاحًا ) މާނައަކީ: " އަދި، އެއުރެން إصلاح ކުރުމަށް އެދޭނަމަ، عدّة ގެ ދުވަސްވަރުގައި އެކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރީންނަށް حق ވެގެން ވެއެވެ." ޢިއްދާ ހަމަވުމަށް ފަހު ރުޖޫޢަ ކުރުމެއް ނެތެވެ. ދެން ޖެހޭނީ އަލުން ރަން ކިޔައިގެން ޢާ ޢަގްދަކުން ޢަގްދު ކުރާށެވެ.
4. ރުޖޫޢަ ކުރުމުގެ ބޭނުމަކީ އަނބިމީހާ އަށް އަނިޔާވެރި ވުން ކަމުގައި ނުވުން. އަދިކިއެއްތަ، ރުޖޫޢަ ކުރަނީ އިޞްލާޙު ވުމުގެ ބޭނުމުގައި ކަމުގައި ވުން. މާތް ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ.
(إِنْ أَرَادُوا إِصْلَاحًا) މާނައަކީ: "އެއުރެން إصلاح ކުރުމަށް އެދޭނަމަ" އެވެ. ރުޖޫޢަ ކުރުމުގެ ބޭނުމަކީ އަނބިމީހާ އަށް އަނިޔާވެރިވުން ކަމަށް ވަނީނަމަ އެވާހަކަ ގާޟީގެ ގާތުގައި ބުނުމުގެ ޙައްގު އަނބިމީހާ އަށް ލިބިގެން ވެއެވެ. އިސްވެ ބަޔާން ކުރެވުނު އާޔަތުން ޞަރީޙަކޮށް އިނގެނީ ފިރިމީހާ ރުޖޫޢަ ކުރަން ބޭނުންވެއްޖެނަމަ، އެކަމުގައި އަނބިމީހާގެ ރުހުން ބޭނުން ނުވާ ކަމެވެ. އަދި ރުޖޫޢަ ވުމުން މަނާވެގަތުމަކީ އަނބިމީހާ އަށް ލިބިގެންވާ ޙައްގެއް ނޫނެވެ. ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ إِنْ أَرَادُوا إِصْلَاحًا ) މާނައަކީ: "އަދި، އެއުރެން إصلاح ކުރުމަށް އެދޭނަމަ، عدّة ގެ ދުވަސްވަރުގައި އެކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރީންނަށް حق ވެގެން ވެއެވެ." ވީމާ، ފިރިމީހާ ރުޖޫޢަ ކޮށްފިނަމަ، އަނބިމީޙާ އެކަން ގަބޫލު ނުކޮށް ގެއަށް ދިޔަނަމަވެސް އެވަނީ ރުޖޫޢަ ވެފައެވެ. ދެމަފިރިން ވަރި ނުވި ކަމުގައި ވިޔަސް ދެމީހުންގެ މެދުގައި އޮތް އެއްބަސްވުމެއްގެ ސަބަބުން ވަކިން ދިރިއުޅުން: ދެމަފިރިން ވަރިނުވިކަމުގައި ވިޔަސް ދެ މީހުންގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ސަބަބުން މަސްލަހަތަށް ޓަކައި ވަކިން ދިރިއުޅެމުން ދަނިކޮށް ފިރިމީހާ އަނބިމީހާއާ އެކު "ރޭކޮށްފި ނަމަ" އެއީ ވެސް ރޭޕްކުރުން ކަމުގައި ނުބެލެވޭނެއެވެ. ސަބަބަކީ، ދެމަފިރިންގެ މެދުގައި އެއްބަސްވުމެއް އޮތްނަމަވެސް، ވަރި ނުކުރާހާ ހިނދަކު، ނުވަތަ ކައިވެނި ރޫޅާ ނުލެވޭހާ ހިނދަކު ފިރިމީހާގެ އަމުރަށް ކިޔަމަންތެރިވެ، ފިރިމީހާގެ އެދުން ފުއްދައި ދިނުމަކީ އަންހެން މީހާގެ މައްޗަށް ލާޒިމްވެގެންވާ ކަމަކަށްވާތީވެއެވެ.
رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ.
(( إِذَا الرَّجُلُ دَعَا زَوْجَتَهُ لِحَاجَتِهِ فَلْتَأْتِهِ وَإِنْ كَانَتْ عَلَى التَّنُّورِ )) سنن الترمذي (ج 4، ص 387)
މާނައީ: “ފިރިމީހާ (އަނބިފިރިކަމުގެ) ހާޖަތަށް ބޭނުންވެގެން އަނބިމީހާގެ ގާތު އެދިފި ނަމަ (ބަދިގޭގައި) އުނދުން ގޮށުގައި ހުރި ނަމަވެސް އަންނަހުށިކަމެވެ.” މަހުރަމަކާ އެކު ރުހުމުގައި ޖިންސީ އަމަލެއް ހިންގައިފި ނަމަ: އިސްލާމް ދީން ވަނީ ޒިނޭ އަދި އެއަށް ކައިރިވެވެން ހުރި ދޮރުތައް ވެސް ބަންދުކޮށްފައެވެ. އެހެނީ ޒިނޭ އަކީ ފާހިޝްކަން ބޮޑު ޢަމަލެކެވެ.
މާތް ﷲ ވަޙީ ކުރައްވަނީ: ( وَلا تَقْرَبُوا الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلاً) (الإسراء:32).
މާނަ: "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ." އަދިވެސް މާތް ﷲ ވަހީ ކުރައްވައެވެ.
(وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهاً آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَاماً) (الفرقان:68).
މާނަ: "އެއުރެންނީ اللَّه އާއެކު އެހެން إله އަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި اللَّه، حرمة ތެރި ކުރައްވާފައިވާ نفس އެއް، حق ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) عقوبات އާ ބައްދަލުކުރާނެތެވެ."
އަދި ޒިނޭކުރާ މީހުންނަށް ދޭ އޮންނަ އަދަބާ ބެހޭގޮތުން މާތްﷲ ވަޙީ ކުރައްވަނީ:
(الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ وَلا تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِنَ الْمُؤْمِنِينَ) (النور:2)
މާނަ: "ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ دين ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ!" މީހަކާ ނުއިނދެ ތިބެ ޒިނޭ ކޮށްފިނަމަ އަދަބަކީ 100 އެތިފަހަރުން ޙައްދު ޖެހުމާއި 1 އަހަރު ދުވަހަށް އަރުވާލުމެވެ. އަދި މީހަކާ އިނދެފައިވަ މީހަކު ޒިނޭ ކޮށްފިނަމަ އޭނާގެ އަދަބަކީ ރަޖަމް ކުރުމެވެ. މިގޮތުން ޒިނޭގެ ޙައްދު ޖެހޭނީ 4 މީހުންގެ ހެކި ބަހުން ސާބިތުވުން ނުވަތަ ޒިނޭ ކުރިކަމަށް އިޢުތިރާފް ވުމުންނެވެ. ދަންނައެވެ. މަޙްރަމަކާ އެކު ޒިނޭ ކުރުމަކީ އެނޫން މީހަކާ އެކު ޒިނޭ ކުރުމަށް ވުރެ ނުބައިކަން ބޮޑު ކަމެކެވެ. އެހެނީ، އެކަމުގެ ސަބަބުން އެގުޅުމެއް ދެމެހެއްޓުމަށް އަމުރު ކުރައްވާފައިވާ ރަޙިމްގެ ގުޅުން ކެނޑިގެންދާތީވެއެވެ. އަދި އެކަމުގެ ސަބަބުން މަޙްރަމް އަންހެން ކުއްޖާ އަށް ލިބިގެންދާ އަނިޔާ އާއި ވޭނުގެ ސަބަބުންނެވެ. އެހެންކަމުން، މަޙްރަމަކާ އެކު ޒިނޭކޮށްފި މީހާ އަކީ މުޙްޞަނަކަށްވީނަމަވެސް ނުވަތަ ނޫންނަމަވެސް، ތަޢްޒީރީ އަދަބެއްގެ ގޮތުން އެމީހަކު މެރުމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖްލިހުން ފާސްކޮށްފައިވާ "ޖިންސީ ކުށުގެ ބިލް" ގައިވާ ގޮތުން މަހުރަމަކާ އެކު ޖިންސީ އަމަލެއް ހިންގުމުގައި ބައިވެރިވި މީހެއްގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ. އިސްލާމްދީނުގައި ވަކިގޮތަކަށް ޙުކުމްތައް ކަނޑައަޅުއްވާފައިވަނިކޮށް، އެއްވެސް ގާނޫނު ހަދާ މަޖްލިހަކަށް އެއަށް ބަދަލު ގެނައުމުގެ އިޚްތިޔާރެއް ލިބިގެން ނުވެއެވެ.
ސޫރަތުލް އަޙްޒާބްގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا)
މާނައަކީ: "އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ." ވީމާ، "ޖިންސީ ކުށުގެ ބިލް" ފާސް ކުރުމަށް ވޯޓު ދެއްވި އެންމެހާ ފަރާތް ތަކުން ތައުބާވުމަށް ނަޞޭޙަތްތެރިވަމެވެ. والله أعلم.
ކޮމެންޓް (0)
ލޯޑް ކުރަމުން...