ރިޕޯޓް ޓިއުނީޝިޔާގެ ރައީސްގެ ވެރިކަން ވެއްޓުން – ރާއްޖޭގެ ވެރިންނަށް ހުރި އިބްރަތެއް

ޓިއުނީޝިޔާގެ ރައީސްގެ ވެރިކަން ވެއްޓުން – ރާއްޖޭގެ ވެރިންނަށް ހުރި އިބްރަތެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހްސަން އިހްސާން

ޓިއުނީޝިޔާގެ ރައީސްގެ ވެރިކަން ވެއްޓުން އެއީ ރާއްޖޭގެ ވެރިންނަށް ހުރި އިބްރަތެއްކަން ޔަގީނެވެ. ވެރިކަމުގައި ކިތަންމެ ގިނަ ދުވަހަކު ދެމިތިބި ނަމަވެސް އަދި ކިތަންމެ މަދު ދުވަހަކު ވެރިކަމުގައި ހުރިނަމަވެސް 'ވެރިކަން ދެއްވި އިލާހަށް' ގޮންޖަހާ މީހުންގެ ނިމުން ނިމިގެންދާނީ ވަރަށް ހިތި ގޮތަކަށެވެ. މިއީ ދުނިޔޭގެ ތާރީހު ދައްކައިދީފައިވާ އަދި ދައްކަމުންދާ ހަގީގަތެކެވެ. އެގޮތުން ދާދިފަހުންވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. ޓިއުނީޝިޔާގެ ރައީސް ބިންއަލީ ވެރިކަން ދޫކޮށް ފިލައިފައިވަނީ އޭނާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ރައްޔިތުން ނުކުމެ އިޙްތިޖާޖްކުރަމުންގެންދާތާ ތިން ހަފްތާ އަށްވުރެ ގިނަވެފައިވަނިކޮށެވެ.

އިސްލާމީ ތައުލީމާއި ދެކޮޅުވެރިވާ އިސްލާމީ ފިކުރު މުޅި ގައުމުން ފޮހެލުމަށް މަސައްކަތް ކުރަމުން އައި ރައީސް ބިން އަލީ އަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް ހެދުމުގެ އިސް މީހެކެވެ. އެކަމުގެ ސަބަބުން ހުޅަނގުގެ ފުރިހަމަ ތާއީދާއި ލޯބި ވަނީ އޭނާއަށް ވަނީ ލިބިފައެވެ. އިސްލާމީ ޚިޔާލުގެ މީހުންނާއި ދެކޮޅަށް އޭނާ ގެންގުޅޭ ސިޔާސަތާއި ދެކޮޅު ހަދާ ޓިއުނީޝިޔާގެ ރައީސްއަށް ޢިލްމާނީ ޚިޔާލާއި ލެބަރަލް މީހުންގެ ތާއީދު ލިބިފައިވާއިރުވެސް ބިންއަލީ އާއި ދެކޮޅަށް މުޅި ޓިއުނީޝިއާވަނީ އިޖްތިމާއީ މައްސަލަތަކުގެ ސަބަބުން އުތުރި އަރާފައެވެ. ޓިއުނީޝިޔާގެ ވެރިކަން ވެއްޓިގެން ދިޔައީ ދާދި ކުޑަކުޑަ ކަމަކުންނެވެ.

ޓިއުނީޝިޔާގެ ރައީސް ފިލަންޖެހުނު ސަބަބަކަށްވީ މަތީތައުލީމް ހާސިލްކުރުމަށްފަހު ވަޒީފާ ނުލިބި ތަރުކާރި ވިއްކަން އުޅުނު ޒުވާނަކަށް ދިމާވި ކަންތައްތަކަކަށްފަހު އޭނާ އަމިއްލަ ގަޔަށް ތެޔޮ އަޅައި ރޯކޮށްލުމުގެ ހާދިސާއެވެ. ބޮޑު އާއިލާއެއް ބަލަހައްޓަންޖެހިފައިވާ އެޒުވާނާ ތަރުކާރި ވިއްކަން މަގުމަތީ އުޅެނިކޮން އެކަމަށް ފުލުހުން ހުރަސްއަޅުމުން އެޝަކުވާ ސަރުކާރުގެ އިދާރާތަކަށް އެޒުވާނާ ހުށައެޅުމުންވެސް އިޖާބަދީފައިނުވާތީ އެކަމާއި ހާސްވެގެން އަމިއްލަޔަށް މަރުވީއެވެ. މިކަން އޭނާ ވަނީ ފޭސްބުކް މެދުވެރިކޮށް އިއުލާންކޮށްފައެވެ. މިހާދިސާ މުޅި ޓިއުނީޝިޔާގެ ސަމާލުކަމަށް އައިސް ރައްޔިތުން މަގުމައްޗަށް ނުކުމެ ‘ވަޒީފާގެ ފުރްސަތުތައް ތަނަސްކޮށްދިނުމަށް އެދި’ މުޒާހަރާ ކުރަން ފެށިއެވެ. ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދަނިކޮން މިއެއްވުން މައިތިރި ކުރުމަށް ސަލާމަތީ ބާރުތަކުން ބަޑީގެ ބޭނުންކޮށް އެތައް ބަޔަކު މަރާލީއެވެ. މިހަމަލާތަކުގެ ސަބަބުން އިތުރަށް އެއްވުން ގޯސްވެ ބޮޑުވަމުންގޮސް ރައީސްގެ ކައިރިއަށް އެއްވެ މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވަމުން ދަނިކޮން ޓީވީއަށް އަރާ ބިން އަލީ ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދި 2014 އާއި ހަމައަށް ވެރިކަމުގައި ބަހައްޓައި ދިނުމަށް އެދި އާދޭސް ކޮށްފައެވެ. އެއާދޭހަށް ޖަވާބެއްގެ ގޮތުގައި ‘އިސްތިއުފާ’އަށް ގިނަ ބަޔަކު ގޮވަން ފެށުމުން އެކަން ހައްލުކުރަން މަސައްކަތްކޮށް ނާކާމިޔާބުވެގެން ބިންއަލީ ވަނީ ހަތިޔާރު ބަހައްޓާފައެވެ.

އެހެންގޮތެއް ނެތިގެން ޓިއުނީޝިޔާގެ ރައީސްކަމުން ފިލައިގެން ޒައިނުލްޢާބިދީން ބިން ޢަލީ ސައުދީގެ ހިމާޔަތް ހޯދާފައިވާއިރު ވެރިކަމުގެ ހުރި އިރު އެންމެގާތް ގައުމުކަމުގައިވާ ފުރާންސުންވަނީ ހިމާޔަތް ނުދިންތާނގައި އޭނާގެ ޖެޓް ފްރާންސްގެ ވައިގެ ސަރަހައްދަށް ވަނުމުގެ ހުއްދަވެސް ނުދީފައެވެ. ބިން އަލީ ފިލާފައިވާއިރު ވަގުތީ ގޮތުން ޓިއުނީޝިޔާގެ ރިޔާސަތާ ހަވާލުވެ ވަޑައިގެންނެވީ އެގައުމުގެ ބޮޑުވަޒީރު މުޙައްމަދުލްޣައްނޫޝީއާ އެވެ.

ރާއްޖޭގެ ވެރިންވެސް މިފަދަ ހާދިސާތަކުން އިބްރަތް ހާސިލް ކުރުން އެއީ އެމީހުންގެ 'ނިމުން'ވެސް މިފަދަ ގޮތަކަށް ނުވުމަށް އެޅޭ ބާރެކެވެ.

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.