ސަރުކާރުގެ ވަޒީފާއަކަށް ނުވަތަ އިންތިޚާބުކުރެވޭ މަގާމަކަށް ކުރިމަތިލާ މީހަކު އުފުލަންޖެހޭ އާދަޔާ ޚިލާފު ތަކުލީފެއް އޮވެއެވެ. އެއީ ޚަރަދު ބޮޑު ދަތި އުދަނގޫ ކަމެކެވެ. ވަގުތު ގެއްލޭ ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހޭ ކަމެކެވެ. އެހެންގޮތަކަށް ދަންނަވާނަމަ ވޭންހުރި ކަމެކެވެ. އެކަމަކީ ކުށުގެ ރެކޯޑު ސާފުކުރުމެވެ. ދާދިފަހުން މިކަން ތަޖުރިބާކޮށްލަން އަހަންނަށްވެސް ޖެހުނެވެ. ސިވިލްސާވިސް ވަޒީފާއެއް ލިބުނު މީހެއްގެ ކުށުގެ ރެކޯޑު ސާފުކޮށްލަން ޖެހުނީއެވެ. އެއޮތީ ވާކަމެކެވެ.
އެންމެ ފުރަތަމަ ފޯމް ހިފައިގެން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދިޔައީ ވަރަށް އަވަހަށް ނިންމާލައިގެން ދެވިދާނެކަމަށެވެ. ނަމަވެސް ކަންދިމާވީ ހީކުރިގޮތާއި މުޅިން އިދިކޮޅަށެވެ. ދޮރުހުޅުވާލާފައި އެތެރެއަށް ވަންނަންވެސް ވަރަށް ހިތްވަރު ކުރަންޖެހުނެވެ. އެތަނުގެ ކޮށިގަނޑުގެ ބޭރުން ހުރި ޖާގަ ވާނީ ގާތްގަޑަކަށް ދިގުމިނުގައި ސަތާރަވަރަކަށްފޫޓު ފުޅާމިނުގައި ފަސްފޫޓު ވަރެވެ. ތަންއޮތީ ތޮއްޖެހިފައެވެ. ލަފާކުރެވޭގޮތުން ސާޅީސްވަރަކަށް މީހުން ޚިދުމަތް ހޯދަން ގޮސްތިއްބެވެ. އެތަނުގެ ދެކެވުނު ވާހަކަ ތަކާއި އިވުނު އަޑުތަކުން އެނގުނުގޮތުގައި ގިނައިން ތިބީ ކައުންސިލްތަކަށް ކުރިމަތިލާމީހުންނެވެ. އެކި ރަށްރަށުން ދަތުރު ހަދައިގެން ކުށުގެ ރެކޯޑު ސާފުކުރަން އައިސްތިބި މީހުންވެސް ތިބިކަން އެމީހުންގެ ވާހަކަތަކުން ދޭހަވިއެވެ. ވަރަށް ހިތްވަރު ކޮށްލާފައި ގޮސް ކޮށިގަނޑާއި ގާތްވެލާފީމެވެ. އެތެރޭގައި ތިން މުވައްޒަމުން ހަރަކާތްތެރިވަމުން ދިޔައެވެ. ކޮށިގަނޑާއި ދިމާލުން ޖަހާއިހުރި ޕުލާސްޓިކު ބިތްގަނޑުގައި ހުރި އާނގަވަޅެއްކަހަލަ ތަނަކުން ފޯމް ދިއްކޮށްލައިފީމެވެ. ނަމަވެސް ހިފާނެ މީހަކު ނުވެގެން ފަސްމިނެޓެއްހާވަރު މަޑުކޮށްލަން ޖެހުނެވެ. ވާނީވެސް އެހެންނެވެ. އެތަނުގައި ޚިދުމަތް ދިނުމަށް ތިބީވެސް ހަމަ އިންސާނުންނެވެ. އެމީހުނަށްވެސް ވާނީ ވާވަރަކުންތާއެވެ. އެހެންހުއްޓާ އެތަނުން އެކަކު ފޯމު އަތުލާފިއެވެ. އަދި ހިފައިގެން އެތެރެއަށް ވަދެފައި މާލަހެއްނުވެ އަތުވެއްޖެއެވެ. އައީ ފޯމްގެ ފޮޓޯ ކޮޕީއެއް ނަގައިގެންނެވެ. އައިސް ފޯމްގެ އަސްލުދީފައި ބުނީ އަނެއްދުވަހުގެ 2.30 އަށް އައުމަށެވެ. ހިތަށްއެރިއެވެ. މިއަދަކު މިތަނުންވެސް ނުނިމުނުތާއެވެ.
ފޯމް ފުރުމުގެ ދެވަނަ މަންޒިލަކަށް ހައިކޯޓަށް ހިނގައްޖައީމެެވެ. ވަރަށް ބައިވަރު މީހުން ތޮއްޖެހިފައި އޮތެވެ. އަމަލުކުރާންވީ ވަކި އުޞޫލެއްހަމަޖެހިފައިއޮވެދާނެ ކަމަށް، އެތަނުން އެފަދަ ލިއުމެއް ހިއްޕާފައިހުރިތޯ ހޯދާލީމެވެ. ނަމަވެސް އެފަދަ ލިއުމެއްގެ ލިސާނެއް ނެތެވެ. ތޮއްޖެހިފައި ތިބިމީހުންގެ ވެސް ވަކިތަރުތީބެއްނެތެވެ. ކުރާނެ ކަމެއްނެތެވެ. މި ފޯމްފުރުވައި ދޭން މިއޮތީ ހަވާލުވެފައެވެ. އުޅެމުންގޮސް ކޮށިގަނޑާއި ގާތަށްޖެހިލާފީމެވެ. އެތެރޭގައި ދެ މުވައްޒަފުން ވަރަށް އަވަދިނެތި ހަރަކާތްތެރިވަމުން ދިޔައެވެ. ފޯމްތައް ހިފައިގެންއުޅޭ ދަތުރުވެރިން ފޯމުފުރަންޖެހޭ ތަންތަން ހުންނަތަން ނޭގިގެން އެކަކު އަނެކަކާއި ސުވާލުކޮށްހަދާ އަޑު އިވެއެވެ. ފޯމް ދިއްކޮށްގެން ހުންނަތާ އިރުގަނޑެއްގެ ފަހުން އެތަނުން އެކަކު ފޯމްބަލާފައި ބުނީ ފޯމު ލިބޭނީ މާދަމާ ހެނދުނު 9.30 ގެ ފަހުންނެވެ. ވީމާ ކުރިން ސްޕްރީމްކޯޓުން ނިންމާލައިގެން އަންނަންވީ ނޫންހެއްޔެވެ. އޭރުން ފަސޭހަވާނެއެވެ. ވަގުތުން ދެން ނައްޓާލީ ސްޕްރީމް ކޯޓާއި ދިމާއަށެވެ. އެތަން ވީ މިފަހަރުގެ މިތަޖުރިބާގައި އެންމެ ޚިދުމަތް އަވަސް އެއްތަނަށެވެ. ކުރީގެ ދެތަންފަދައިން މީހުންތައް ތޮއްޖެހިފައެއްނެތެވެ. ފޯމު ހަވާލުވެފައި ބުނީ އެއްގަޑި އިރު ފަހުން އަންނާށެވެ. އޭރު ގަޑިން މެންދުރު 12 ޖެހީއެވެ. ފޯމްވީ ސްޕްރީމްކޯޓާއި ހަވާލުކުރެވިފައި ކަމުން އިތުރަށް ފޯމްގެ މަސައްކަތް ކުރެވޭނެ ގޮތެއްނެތެވެ. ގަޑިން 1 ޖެހިތަނާ ސްޕްރީމްކޯޓަށް ހިނގައްޖައީމެވެ. ކުޑައިރުކޮޅަކު މަޑުކޮށްލަން ޖެހުނެވެ. ގާތްގަޑަކަށް ތިރީސް މިނެޓެއްހާއިރެވެ. ޚިދުމަތެއްހޯދުމަށް ކިއުއެއްގައި މަޑުކޮށްލަން ޖެހުމަކީ އަހަންނަށް މައްސަލައަކަށް ނުވާތީ ކެތްކޮށްލައިގެން އިނީއެވެ. އެއްގަޑި ތިރީސްފަހެއް ހިނގިތަނާ ފޯމް ލިބިއްޖެއެވެ. އެތަނުން ނިކުމެގެން ދެން ދިޔައީ ހައިކޯޓަށެވެ. އެތަނުގައި ތޮއްޖެހިފައިތިބި މީހުންގެ ތެރޭގައި ފާޑަކަށް ތާށިވެފައި ހުއްޓާ އެތަނުން މީހަކު ބުނީ އެންމެ އެތެރޭ ކޮށިގަނޑުން ފޯމްބަލައިގަންނާނެ ކަމަށެވެ. މީހުންތަކުގެ ތެރޭން ތޮރުފެމުންކަހަލަ ގޮތަކަށް ގޮސް އެބުނާ ކޮށިގަނޑާއި ހަމައަށް ދެވިއްޖެއެވެ. ކޮށިގަނޑުގައި އިންމީހާ ވަރަށް އަވަހަށް ފޯމާއި ހަވާލުވެއްޖެއެވެ. އަދި ފޯމް ލިބޭނީ އަނެއްދުވަހުގެ ނުވަގަޑިތިރީސްގެ ފަހުން ކަމަށް ވެސް ބުއްޏެވެ. ފޯމް ފުރުމުގެ މަސައްކަތް އެދުވަހަށް ނިމުނީއެވެ. ހިތަށްއެރިއެވެ. ނޫނެކެވެ. މިއޮތީ ވާކަމެކެވެ.
ކުށުގެ ރެކޯޑު ސާފުކުރުމުގެ ދެވަނަ ދުވަހެވެ. ފޯމުވީ ހައިކޯޓުގައި ކަމުން އެންމެ ފުރަތަމަ ދިޔައީ ހައިކޯޓަށެވެ. ނަސީބު ވަރަށް ރަނގަޅެވެ. ކުރީދުވަހާއި ޚިލާފަށް މިއަދު ވަރަށް މީހުން މަދެވެ. ދާދި އަވަހަށް ފޯމްލިބިއްޖެއެވެ. ހައިކޯޓާއި ޖެހިގެންހުރި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނި ގަޑިޖެހެން އަދި ވަރަށް ވަގުތު އޮތުމާއިއެކު ފޯމް ހިފައިގެން ނައްޓާލީ ފުލުސްއޮފީހަށެވެ. އޭރު ގާތްގަޑަކަށް 11.30 ވެދާނެއެވެ. ފުލުސް އޮފީހުގައި މީހުން ތޮއްޖެހިފައެއްނެތެވެ. ކޮށިގަނޑުގައި ހުރި މީހާ ފޯމްއާއި ހަވާލުވެފައި ބުނީ އެދުވަހުގެ ދޭއްގެ ފަހުން ބަލާއަންނާށެވެ. އެހެންވީމާ އެވަގުތަށް މަސައްކަތް ހުއްޓުނީއެވެ. ބަރާބަރު 2 ޖެހިތަނާ ފުލުސް އޮފީހަށް ހިނގައްޖައީމެވެ. ވަރަށް އަވަހަށް ފޯމްވެސް ލިބިއްޖެއެވެ. ދެންދިޔައީ މެންދުރު 2.30 ގެ ފަހުން ނިމޭނެކަމަށް ބުނެފައިއޮތް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. އެތަނުގެ ވާހަކަ ދެއްކުމެއްނެތެވެ. ލަފާކުރެވޭގޮތުން ކުރީ ދުވަހަށްވުރެން މީހުން މާގިނައެވެ. ކޮށިގަނޑާއި ކައިރި ނުވެވިގެން 10 ވަރަކަށް މިނެޓް މަޑުކޮށްލަން ޖެހުނެވެ. ގަދަމީހާ ގަދައެވެ. ބަލިމީހާ ޖެހެނީ ހުންނާށެވެ. އެންމެފަހުން ކަށިން ހިތްވަރު ނެރެގެން ކުރިއަށް ޖެހިލައިފީމެވެ. ކޮށިގަނޑުގައި ތިންމީހުން ޚިދުމަތްދިނުމުގައި ހޭބޯނާރާ އުޅެއެއެވެ. ފޯމްބަލައި އައި ވާހަކައާއި ފޯމްގައި އޮތްނާނެ ނަން ބުނެފީމެވެ. ކޮށިގަނޑުގައި އިންމީހާ ކަރުދާސްކޮޅެއްގައި ނޯޓުކޮށްލިތަން ފެނުނެވެ. އެތެރެއަށް ވަދެގެންދިޔައީމަ ހިތަށްއެރިއެވެ. މާލަހެއް ނުވާނެއެވެ. ނަމަވެސް ހީކުރިގޮތާއި މުޅިން ޚިލާފެވެ. ޚަބަރެއް ދަބަރެއްނުވިއެވެ. މީހުން އެހާގިނައެވެ. މެންދުރުގެ ވަގުތެވެ. މީހުންގިނަ ވުމުގެ ސަބަބުން ތަނުގެ އެތެރޭގެ ވަސް ވަރަށްނުބައެވެ. ބޯއަނބުރާކަހަލަ ގޮތެއްވެސް ވާންފަށާފިއެވެ. ފޯންތައްރިންގުވާ އަޑާއި ބާރުބާރަށް ވާހަކަ ދައްކާ އަޑުން ތަންއޮތީ ގުގުމާލާފައެވެ. އެހާހޫނުގަދައެވެ. ކޮށިގަނޑުގެ ބޭރުގައި އެއަރކޮންޑިޝަނަރ އެއް ހަރުކޯށްފައި ހުއްޓެވެ. ލަފާކުރެވޭގޮތުން އެވާނީ ބާރަހާސް ބީޓީޔޫގެ އެއްޗަކަށެވެ. މީހުން ގިނަވީމަ ފިނިނުވަނީ ކަމަށްވެސް ވެދާނެއެވެ. އެ ސަކަރާތް ގަޑެއްގައި ސާޅީސް ފަސްމިނެޓަށްހާއިރު ހުރެވުނުފަހުން އެތެރެއިން ޖަވާބެއް ލިބިއްޖެއެވެ. ކޯޓުތަކުން މަޢްލޫމާތު ނުލިބޭތީ ފޯމް ނުނިމޭވާހަކައެވެ. އަދި ޖެހިގެން އަންނަދުވަހު 2.30 ގެފަހުން ނިމޭނެކަމަށް ވެސް ބުއްޏެވެ. ހިތަށް އެރިއެވެ. ކުރާނެކަމެއް ނެތެވެ. އެމީހުން ނިންމަދިން ދުވަހަކުން ނޫނީ ނުނިމޭނެއެވެ. އެދުވަސް އެދިޔައީއެވެ.
މިހާރު މިއީ ތިންވަނަ ދުވަހެވެ. އެންމެފުރަތަމަ ދިޔައީ ޖިނާއީ ކޯޓަށެވެ. ވަރަށް އާދަޔާ ޚިލާފެވެ. ކުށުގެ ރެކޯޑު ސާފުކުރާ ފޯމް ހުށަހަޅަން އަދި އިތުރު ފޯމެއް ހުށަހަޅަންޖެހެއެވެ. އެފޯމް ބަލައި ގަންނަނީ ކޮންމެދުވަހެއްގެ 09.30 އާއި 11.30 އާއި ދެމެދު އެވެ. އެތަނުން ފޯމެއްނަގައިގެން ހިގައްޖައީމެވެ. އެފޯމާއިއެކު ކު ށުގެ ރެކޯޑު ސާފުކުރެވޭ މީހާގެ އައިޑީކާޑުގެ ކޮޕީއެއް ބޭނުންވެއެވެ. އެމީހާވީ ރާއްޖެތެރޭގައެވެ. އެ ކޮޕީ ލިބެންދެކަށް ފޯމުފުރުމުގެ މަސައްކަތް ހުއްޓުނީތާއެވެ. އެ ކޮޕީ ގެންނާނީ ކިހިނެއްބާވައެވެ. ހުރިހާރަށެއްގައި އިންޓަރނެޓް ވެސް ނުހުންނާނެއެވެ. އަދި އެންމެންނަކީ ޓެކްނޮލޮޖީއާއި އެހާ ރައްޓެހި ބަޔަކަށްވެސް ނުވާނެއެވެ. މިއީ ފޯމުފުރުމުގެ ބުރަ މަސައްކަތުގައި ދިމާވި އެންމެބޮޑު ގޮންޖެހުމެވެ. ނަމަވެސް މިފަހަރުވެސް ނަސީބު އެހީތެރިވިއެވެ. ގުޅާލިއިރު ރެކޯޑު ސާފުކުރެވޭ މީހާ އެދުވަހު ހުރީ މާލޭގައެވެ. ޖިނާއީ ކޯޓުގެ ފޯމަށްބަލާއިރުއެ ފޯމުގައިހުރީ ރެކޯޑު ސާފުކުރާ ފޯމްގައިވެސް ހުރި މަޢްލޫމާތެވެ. ވީއިރު ރެކޯޑު ސާފުކުރާ ފޯމުގެ ކޮޕީއަކުން އެހުރިހާ މަޢްލޫމާތެއް ލިބޭނެނޫންބާވައޭ ހިތަށްއެރިއެވެ. ރެކޯޑު ސާފުކުރާ ފޯމަކީ ސަރުކާރުގެ މުއައްސާއެއްގެ ސިއްކަޖަހާފައި އޮތް އެއްޗަކަށްވީމަ އެއިގެ ސައްހަކަމާއި މެދު ސުވާލު ކުރުމުގެ ޖާގައެއް އެބައޮތްބާވައެވެ. ކޮންމެއަކަސް އިތުރުގޮތެއް ނެތެވެ. އެމީހެއްގެ ރޮނޑެއްގައި ހަންދަމާނީ އެމީހަކު ދަމާނެކޮޅަކުންނެވެ. މިއީ ޖިނާއީ ކޯޓުގެ ނިންމުމެވެ. އެދުވަހު ދެންދިޔައީ ޑީ.ޕީ.އާރު.އެސް އަށެވެ. އެތަނުގެ ކިއު އެހާބޮޑެއްނޫނެވެ. ދާދިއަވަހަށް ފޯމު ހަވާލުކުރެވިއްޖެއެވެ. ނަމަވެސް ކޮށިގަނޑުގައި އިން މީހާ ބުނީ ފޯމުލިބޭނީ މެންދުރު 2 ގެ ފަހުން ކަމަށެވެ. 2 ޖެހިތަނާ ފޯމް ބަލައި ދިއުމުން މާބޮޑު ތަކުލީފަކާއި ނުލައި އެތަންނިމިއްޖެއެވެ. ދެން ދިޔައީ އަނެއްކާވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. އެތަނަށްދާ ތިންވަނަ ދުވަހެވެ. ތަނުގެ ހާލަތު ކުރީދެދުވަހާ މާބޮޑުތަފާތެއްނެތެވެ. އެމާހައުލާ އެއްގޮތަށް ތިރީހަކަށް މިނެޓް ކެތްކޮށްލައިގެން އެތަން ނިންމާލެވިއްޖެއެވެ. އެހެންނަމަވެސް 2 ގެ ފަހުން ފޯމް ބަލައިގަންނަ އެއްވެސް ތަނެއް ނުހުންނާތީ ފޯމް ފުރުމުގެ ތިންވަނަ ދުވަހުގެ މަސައްކަތް ނިމުނީއެވެ.
ހަތަރުވަނަދުވަސް ފެށުނީއެވެ. އަހަރެން ހަމަ ފޯމުފުރުވުމުގައެވެ. އެންމެފުރަތަމަ ދިޔައީ ޕީ.ޖީ އޮފީހަށެވެ. މީހުން ވަރަށް މަދެވެ. ވަރަށް އަވަހަށް ފޯމު ހަވާލުކުރެވިއްޖެއެވެ. ނަމަވެސް ފޯމު ލިބޭނީ މެންދުރު 2.30 ގެ ފަހުން ކަމަށް ބުންޏެވެ. މެންދުރު 2 އާއި ރެކޯޑުސާފުކުރާ ފޯމާއި އޮތީ ހާދަހާވާ ބޮޑު ގުޅުމެއްތާއެވެ. މެންދުރު 2.25 ހާއިރު ފޯމުބަލާ ޕީ.ޖީ އޮފީހަށް ހިނގައްޖައީމެވެ. ކޮށިގަނޑުގައި އަންހެން މުވައްޒަފަކު ކޮމްޕިއުޓަރ ކައިރީގައި ވަރަށް " ކޫލް " ކޮށް އިނެވެ. ލަފާކުރެވުނުގޮތުން ސޯޝަލް މީޑިއާގެ ކޮންމެވެސް ވަޞީލަތެއް ބޭނުންކޮށްލަނީއެވެ. ފޯމު ބަލައި އައި ވާހަކަ ބުނީމަ ބުނީ 2.30 އަށް ދޯއެވެ. އާނއެކޭބުނުމުން އެކޮޅުން ޖަވާބު ލިބުނީ މަޑުކޮށްލުމަށެވެ. އެތާއިންދާ އެ ފަދަ ފޯމުތައް ބަލާ އިތުރު ހަމީހަކުވެސް އެތަނަށް ދިޔައެވެ. ބަރާބަރު 2.30 ވުމުން ފޯމުދޫކުރާ ގަޑި ޖެހިއްޖެއެވެ. ހިތަށްއެރިއެވެ. ވަގުތަށް ހާދަ ހުރުމަތްތެރިކޮށް ހިތާބައެކެވެ. ފަސްމިނެޓް ހުއްޓާވެސް ދޫނުކުރީތާއެވެ. ކޮންމެއަކަސް އެންމެ ފުރަތަމަ ދިޔަ މީހާމީހާވީމަ އެންމެފުރަތަމަ ފޯމުދިނީވެސް އަހަންނަށެވެ. ފޯމު ފުރުމުގެ ދުވަސްތަކުގެ ތެރެއިން ހަތަރުވަނަ ދުވަސް ނިމުނީއެވެ.
ދެން އޮތީ ފަސްވަނަ ދުވަހެވެ. ފަސް ވަނަ ދުވަހު ގޮސް ޖިނާއީ ކޯޓަށް ފޯމު ހުށަހަޅާފީމެވެ. އެތަނުން ދިނީ ކުޑަކަރުދާސް ކޮޅެކެވެ. ފޯމު ބަލާއަންނަންވީ ތާރީޚާއި ގަޑި އެކަރުދާސްކޮޅުގައި ޖަހާފައިއޮތެވެ. ޖެހިގެން އަންނަދުވަހުގެ 11.30 ގެ ފަހެވެ. ފަސްވަނަ ދުވަސް މިވީ އެންމެ ނަތީޖާ ދަށް ދުވަހަށެވެ.
މިހާރު މިއޮތީހަވަނަ ދުވަހެވެ. އެގަރާގަޑި ތިރީހުގައި ޖިނާއީކޯޓަށްދިޔައިރު އެތަނުން ދޫކުރަނީ ނަންބަރެކެވެ. ނަންބަރު ހިފައިގެން ކިއުގައި އިންނަންޖެހުނީ ގާތްގަޑަކަށް 25 ވަރަކަށް މިނެޓެވެ. އެހާވަރު ގޯހެއް ނޫނެވެ. ދެން ދިޔައީ އޭ.ސީ.ސީ އަށެވެ. ފޯމު ފުރުވުމުގެ އެންމެފަހުގެ މަރުހަލާއެވެ. އެދުވަހު އެތަންވެސް ނިންމާލެވުނެވެ.
ދިވެހިރާއްޖެއަކީ މުވާސަލާތީގޮތުން މިސަރަހައްދުގައި އެންމެކުރިއަރާފައިވާ ގައުމޭ ބުނާތީ އަޑުއަހަމެވެ. އަދި ހަމަ އެހެންމެ އެތައްބައިވަރު ފައިސާއެއް ޚަރަދު ކޮށްގެން ސަރުކާރުގެ އޮފީސްތައް އިންޓަރނެޓް ވިއުގައަކުން ގުޅާލެވިގެން އެކަމާއި ފަޚުރުވެރިވެ ވާހަކަ ދައްކާއަޑުވެސް އަހަމެވެ. ސުވާލަކީ މިކަންކަމުން ރައްޔިތުމީހާއަށް އެންމެ އެދެވޭ ފައިދާ ކުރޭބާވައެވެ. ރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ ނިކަމެތި ރައްޔިތުމީހާ ސަރުކާރުގެ ވަޒީފާއެއް ލިބުމުން އުފުލަންޖެހޭ ތަކުލީފުގެ ކުޑަމިންވަރެއް މަތީގައި މި ބަޔާން ކޮށްލީއެވެ. ކޮންމެމީހަކީ މާލޭގައި ގާތްތިމާގެ މީހުން ދިރިއުޅޭނެ މީހެއްނޫނެވެ. އަދި މާލެ އައިސް ހުންނާނެ ގެދޮރެއްވެސް ނުހުންނާނެއެވެ. ރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ މިފަދަ މީހަކަށް ސަރުކާރުގެ ވަޒިފާއެއް ލިބިއްޖެއްޔާ އެ ފަކީރަގެ ހާލަކީ ކޮބައިތޯއެވެ. ރެކޯޑު ސާފުކުރަން ޖެހެނީ ވަޒީފާ ހަމަޖެހުނީމައެވެ. އެކަންކުރުމަށް ދާންޖެހެނީ މާލެއަށެވެ. ޗުއްޓީތަކުގެ ތަކުގެ ތެރޭގައި ހިމެނެނީ އަހަރީ ޗުއްޓީއާއި އާއިލީ ޒިއްމާގެ ކުރު ޗުއްޓީއެކެވެ. ދެން އޮންނަނީ ވިހެއުމާއިގުޅިގެން ލިބޭ ޗުއްޓީއެވެ. ކުށުގެ ރެކޯޑު ސާފުކުރަން ޗުއްޓީއެއް ނުލިބެއެވެ. އެކަމަކު ވަޒީފާ ބޭނުމިއްޔާ އާއިލާ ކޮންމެސް މީހަކު އެ ފޯމުފުރުވަން އެބަޖެހެއެވެ. ދާންޖެހޭނީ އަރާފުރައިގެން މާލެއަށެވެ. އެދާމީހެއްގެ މަސައްކަތާއި ވަގުތުތައް ގެއްލުވާލާފައެވެ. މާލީގޮތުން ލިބޭ ގެއްލުމެއް ލިބުނީއެވެ. އަދި ނުވިތާކަށް މާލޭގައި ދިރިއުޅުމުގެ ޚަރަދު އެހާބޮޑެވެ. ގާތްތިމާގެ މީހަކު ނެތިއްޔާ ޖެހޭނީ ދުވަހު ކުށްޔަށް ތަނެއް ހިފާށެވެ. ދުވާލަކަށް 300 އާއި 500 އާއި ދެމެދުގެ އަގަކަށެވެ. ކެއިން ބުއިމަށް އެކަކަށްވެސް ދުވާލަކަށް 500 ވަރަކަށް ރުފިޔާ ޚަރަދުވާނެއެވެ. އެ އަންނަމީހާއީ މާލެއަށް އެހާފަރިތަ މީހަކަށް ނުވެދާނެއެވެ. ތަންތަން ނޭގުމުގެ ސަބަބުން ހުރިހާ ދަތުރެއް ކުރަންޖެހޭނީ ޓެކްސީގައެވެ. ދަތުރަކަށް 20 ރުފިޔާއެވެ. އެންމެ މަދުވެގެންވެސް މާލޭގައި 9 ދުވަސްވަރު ހޭދަކުރަން ޖެހެއެވެ. ދަތުރުފަތުރު އޮންނަގޮތަކުން އެއަށްވުރެން ގިނަވުންވެސް އެކަށީގެންވެއެވެ. ކުށުގެ ރެކޯޑު ސާފުކުރުމުގެ ޚަރަދަށް ފުރަތަމަ ދެމަސްދުވަހުގެ މުސާރަ އިން ނުފުދެއެވެ. ސުވާލަކީ ދިވެހިންނަކީ މާކުރިއަރާފައިވާ ބައެއްކަމަށް ދައުވާކުރާއިރު މިކަމަށް މިނޫންގޮތެއްނެތީބާވައެވެ. އެއް އޮފީހަކުން ކުށުގެ ރެކޯޑު ބެލޭނެގޮތެއް ނުހެދޭނެބާވައެވެ. އެކަމަށް ވަކި ކޮމިޝަނެއް އުފައްދައިގެން ނަމަވެސް ނުވަތަ ފުލުސްއޮފީސްފަދަ ތަނަކުން ނަމަވެސް އެއްފުރާޅެއްގެ ދަ އެޚިދުމަތް ނުދެވޭނެބާވައެވެ. ވިހާމަރުވާމީހުންގެ މަޢްލޫމާތު ވަގުތުން އިލެކްޝަންސް ކޮމިޝަނަށް ލިބެއެވެ. ޑީ.އެން.އާރުގެ ހުރިހާ މަޢްލޫމާތެއް ފުލުހުންނަށް ވަގުތުން ބަލާލެވެއެވެ. މާނައަކީ ސަރުކާރުން ބޭނުންވާ މަޢްލޫމާތެއް ވަގުތުން ހިއްސާކުރުމުގެ ގާބިލުކަން ސަރުކާރުގައި އެބަހުއްޓެވެ. ދެންއޮތީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ތަޢާރަފު ކުރި ނިޒާމެވެ. އާދެ ލޯކަލް ކައުންސިލްތަކެވެ. ރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ ރައްޔިތުމީހާ ރަށުކައުންސިލް އިދާރާއަށް ދިއުމުން އޭނަގެ ކުށެއްއޮތްތޯ ބަލާލެވޭ ވަރުނުވައްޏާ އެއީ "ލޯކަނު ކައުންސިލް" ތަކެއްނޫންބާވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...