އޭޝިއާ އެމެރިކާގެ ރޮކެޓް ޙަމަލާއެއްގައި އަފްޣާނިސްތާނުގެ އެއްޢާއިލާގެ ބާރަމީހުން ޝަހީދުވެއްޖެ

އެމެރިކާގެ ރޮކެޓް ޙަމަލާއެއްގައި އަފްޣާނިސްތާނުގެ އެއްޢާއިލާގެ ބާރަމީހުން ޝަހީދުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާ ކަނޑުގެ ސިފައިން އަފްޣާނިސްތާނުގެ ޢާއްމުންގެ މީހަކާ އޭނާގެ ދަރިފުޅު ހިފަހައްޓައިގެން ޠާލިބާން މުޖާހިދުންނަށް ޙަމަލާދެނީ.

އޮޕަރޭޝަން މުޝަތަރަކްގެ ނަމުގައި ޠާލިބާން މުޖާހިދުންނާ ދެކޮޅަށް އަފްޣާނިސްތާނުގެ މަރްޖާހްގައި އެމެރިކާއާ ނޭޓޯ އަދި އަފްޣާން ސިފައިންގެ ގުޅިފައިވާ ލަޝްކަރުން ފޮނުވާލި ދެ ރޮކެޓް ޙަމަލާއެއް ޢާއްމުން ދިރިއުޅޭ ގެއަކަށްއަރާ އެއްޢާއިލާގެ ބާރަ މެމްބަރުން ޝަހީދުވެއްޖެއެވެ.

އޭގެތެރޭގައި ފަސް ކުޑަކުދިން ހިމެނޭ ކަމުގައި އަލްޖަޒީރާއާ ޒިންހުއާ ނިއުސް އޭޖެންސީއިން ހާމަކުރެއެވެ. މިޙަމަލާ ދީފައިވަނީ ހައި މޮބައިލިޓީ އާރޓިލަރީ ރޮކެޓް (HIMARS) ސިސްޓަމެއް ބޭނުންކޮށްގެންނެވެ. ޢާއްމުންގެ ފުރާނައަށް ނުރައްކާވާލެއް ބޮޑުކަމުން ޢާއްމުންނާގާތްކޮށް ކުރެވޭ މިފަދަ ހަނގުރާމަތަކުގައި ޙަމަލާ ދިނުމަށް މި ސިސްޓަމް ބޭނުންކުރުމަކީ ޢާއްމުގޮތެއްގައި މަނާ ކަމެކެވެ. ނަމަވެސް ޢާއްމުން ދިރިއުޅޭ އަވަށެއްގެ ތެރޭގައި ޙަމަލާ ބަދަލުކުރުމަށް މިފަދަހަތިޔާރު ބޭނުންކުރުމުން ޢާއްމުންނަށް ނުރައްކާ ވާނެކަން މިފައުޖުތަކުގެ ވެރިންނަށް ރަނގަޅަށް އެނގެއެވެ. ބީބީސީފަދަ ޚަބަރުފަތުރާ ހުޅަނގުގެ ވަސީލަތްތަކުން މިޚަބަރަކަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

އަފްޣާނިސްތާނުގައި ތިބި އިނގިރޭސި ވިލާތުގެ ޓެލެގްރާފް ނޫހުގެ ރިޕޯޓަރުން ހާމަކުރާ ގޮތުގައި މިޙަމަލާއަށްފަހު އަފްޣާނިސްތާނުގައި ހުންނަ ނޭޓޯގެ ކޮމާންޑަރވަނީ ޙާމިދު ކަރުޒާއީގެ ކިބައިން މަޢާފަށް އެދިފައެވެ. އަދި މިސައިލް އަމާޒުން ކައްސާލީކަމުގައި ބުނެއެވެ. އެމެރިކާއަށް ވަފާތެރި ކަރުޒާއީވަނީ މިޙަމަލާމެދު ހިތާމަކުރާކަން ހާމަކޮށްފައެވެ. ޢާއްމުންގެ ބާރަމީހުން ޝަހީދުވި ނަމަވެސް ހަނގުރާމަ ކުރިއަށްދާނޭ ކަމުގައި އަފްޣާނިސްތާކުގެ ސަރުކާރުގެ އޮފިޝަލަކުވަނީ ބުނެފައިވާކަމުގައި ޒިންހުއާއިން ހާމަކުރެއެވެ. މިހަނގުރާމަ ފެށިފަހުން މިހާހިސާބަށް މުޖާހިދުންގެ ޙަމަލާއެއްގައި އޮޅިގެން ޢާއްމުންގެ މީހަކަށް އަނިޔާވިކަމުގެ ރިޕޯރޓެއްވެސް ކުރެވިފައެއްނެތެވެ.

މިފަހަރުގެ ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާއާ އިނގިރޭސި އޮފޮޝަލުން ބުނެފައިވަނީ މިހަނގުރާމައިގެ އެންމެ ބޮޑު އެއްމަޤުޞަދަކީ ޢާއްމުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަގޮތަކަށް ހަނގުރާމަ ކާމިޔާބު ކުރުމެވެ. ޢާއްމުގޮތެއްގައި މުސްލިމުންނާ ދެކޮޅަށް ކުރާ ހުރިހާ ހަނގުރާމައެއްގައިވެސް އެމެރިކާއާ ހުޅަނގުން މިފަދަ ޢިބާރާތްތައް ތަކުރާރުކުރެއެވެ. އެމެރިކާއާ ހުޅަނގުން ޢިރާޤުގައި ހިންގި ޢުދުވާނުތައް ފެށުމުގެ ކުރިންވެސް އޭރުގެ އެމެރިކާގެ ރައީސް މިޢީބާރާތް ވަރަށްގިނަފަހަރު ތަކުރާރުކުރިއެވެ. ނަމަވެސް ޢިރާޤު ހަނގުރާމައިގާ އެމެރިކާ އާ ހުޅަނގުގެ ލަޝްކަރުތަކުން ރަޙުމެއްނެތި ޢިރާޤުގެ ކުށެއްނެތް ރައްޔިތުންވަނީ މިލިޔަނުން ޤަތުލް ކޮށްފައެވެ.

އެމެރިކާއާ ހުޅަނގުގެ ސިފައިންގެ ޙަމަލާތަކުގައި މީގެކުރިންވެސްވަނީ އަފްޣާނިސްތާނުގެ ކުށެއްނެތް އެތައްހާސް ރައްޔިތުންނެއް ޝަހީދު ކޮށްފައެވެ.

ހަބަރު: އަހްމަދު ޙަލީލް

ޓެގް

ލާއިންސާނީ ޑިމޮކްރަސީ ޝަހީދު ހަމަލާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.