މިދިޔަ އަހަރުގެ މޭމަހު، އިންސާނީ އެހީ ހިފައިގެން ގައްޒާއަށް ދަތުރުކުރި ފްރީޑަމް ފްލޮޓިއްލާ، މިއަހަރުވެސް ކުރިޔަށް ގެންދާނެކަމަށް، މިދިޔަ އަހަރުގެ ފްރީޑަމް ފްލޮޓިއްލާ އިންތިޒާމްކުރި އައި އެޗް އެޗް ޖަމާއަތުން ހާމަކުރަށްވައިފިއެވެ.
މިދިޔަ އަހަރުގެ މޭމަހު ގައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި ފްރީޑަމް ފްލޮޓިއްލާގައި ހިމެނޭ މާވީ މަރުމަރާއަށް ޔަހޫދީންގެ ސިފައިން ދިން ހަމަލާތަކުގައި ނުވަ އެކްޓިވިސްޓުން ވަނީ މަރުވެފައެވެ. އިޒްރޭލުން ހިންގި އެ ފިނޑި އަމަލު ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ވަރަށް ހަރުކަށިކޮށް ކުށްވެރިކޮށްފައެވެ.
މިފަހަރުގެ ފްރީޑަމް ފުލޮޓިއްލާގައި ޖުމުލަ ނުވަ ބޯޓު ހިމެނޭއިރު، މިފަހަރުގެ ފްރީޑަމް ފުލޮޓިއްލާގައިވެސް މާވީ މަރުމަރާ ބައިވެރިވާނެކަމަށް އެ ޖަމްއިއްޔާއިން ހާމަކުރަށްވައެވެ. މީޑިއާ ރިޕޯޓުތަށް ބުނާގޮތުން އިޒްރޭލުން މިހާރުވެސް ވަނީ މި ޖަމާއަތުގެ މަޤްޞަދު ހާސިލުވިޔަ ނުދީ އެމީހުންގެ މަސައްކަތް ހުއްޓުވާލުމަށްޓަކައި ކެމްޕެއިނެއް ފަށައިފައެވެ. ނަމަވެސް ޚަބަރު ލިބޭ ގޮތުގައި މި ކެމްޕޭނުތަކަށް އާންމުންގެ ފަރާތުން މާބޮޑު ތަރުހީބެއް އަދި ލިބޭގޮތެއް ނުވެއެވެ.
އެހީގެ ތަކެތި ގައްޒާއަށް ފޮނުވުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ދާ އައި އެޗް އެޗް ޖަމާއަތަކީ ގައިރު ގާނޫނީ ޖަމާއަތެއްކަމަށް ކަނޑައެޅުއްވުމަށް އިޒްރޭލުގެ ހާރިޖީ ވަޒީރު، އަވިގޯ ލީބަމަން މިހާރުވަނީ ޔޫރަޕުގެ ފޮރެން ޕޮލިސީގެ ވެރިޔާ ކެތަރިން އެޝްޓޮންގެ ކިބައިން އެދި ވަޑައިގެންފައެވެ. ނަމަވެސް އައި އެޗް އެޗުން ހަމަކުރާ ގޮތުގައި މިފަހަރުގެ ފްރިޑަމް ފުލޮޓިއްލާގައި ޔޫރަޕާއި، ތުރުކީގެ އިތުރުން ބައެއް އަރަބި ގައުމުތަކުގެ ޕާލެމެންޓޭރިއަނުންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މިދިޔަ އަހަރު ގައްޒާއަށް ދަތުރުކުރަމުން ދަނިކޮށް ޔަހޫދީން ހިފަހަށްޓާފައިވާ މާވީ މަރުމަރާ ބޯޓު ދޫކޮށްލައިފައިވަނީ، މީގެ ދެ ހަފްތާ ކުރިންނެވެ. އަދި ބޯޓުން ގެންދިޔަ އެހީގެ ސާމާނުތައްވެސް އިޒްރޭލުގެ ބެން ގޫރިއޮން ވައިގެ ބަނދަރުގައި، އިޒްރޭލުގެ ހާރިޖީ ވުޒާރާގެ އެންގުމަކަށް ވަނީ ހިފެހެއްޓިފައެވެ.

















ޚިޔާލު