ކޮންމެ ހިޖުރީ އަހަރެއް ފެށޭ މާތް މައްސަރު ކަމަށްވާ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ އިސްލާމީ އުއްމަތުގެ ބާޠިލު މަޒުހަބެއް ކަމަށްވާ ޝިޔަޢީ މަޒްހަބަށް ތަބާވާ އެތައް މިލިއަން ބަޔަކު އެމީހުންގެ ދީނީ އެންމެ ބޮޑު އިހުތިފާލު ކަމަށް ޤަބޫލު ކުރާ އާޝޫރާ ދުވަސް ފާހަގަ ކުރަމުން ގެންދާ ދުވަހެވެ. މި އަހަރުގެ ނޮވެމްބަރު މަހުގެ ދިހައެއްވީ ބުރާސްފަތި ދުވަހު މި އަހަރު ޢާޝޫރާ ދުވަސް މިއަދު ޝިއައީ މަޒުހަބަށް ތަބާވާ އެތައް މިލިޔަން ބަޔަކު ފާހަގަ ކުރަމުން ގެންދާއިރު، ކޮންމެ އަހަރެއްގެ ވެސް މި ދުވަހު ޝިޔަޢީ މަޒުހަބަށް ތަބާވާ އެތައް މިލިޔަން ބަޔަކު ނުކުމެ ކަޅު ހެދުން ލައިގެން ތިބެ ހިތާމަ ފާޅުކޮށް އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ފަދައިން އެބައިމީހުންގެ ޚަންޖަރު ތަކުން އެމީހުންގެ އަމިއްލަ ނަފްސު ޒަޚަމް ކޮށް އިސްލާމް ދީނަށް ފުރައްސާރަ ރައްދުވާ ގޮތަށް ޢަމަލު ކުރަމުން ގެންދެއެވެ.
އެބައިމީހުން ދަޢުވާ ކުރާ ގޮތުން އެމީހުން އެކަން ކުރަނީ މާތް ނަބިއްޔާގެ ދަރިފަސްކޮޅު ޙިމާޔަތް ކޮށް ހުސައިނު ބިން ޢަލީގެފާނުގެ ޒިކުރާ އާ ކުރުމުގެ ގޮތުންނެވެ. ރަސޫލުﷲ (صلی اللہ علیہ وسلم ) ގެ ނަސަބުފުޅުން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ހުސައިންގެފާނު ޢިރާޤު ކަރައިގެ ކަރުބަލާގެ ބިމުގައި ޝަހީދު ކޮށްލުމަށް ފަހު އެމާތް ސަޙާބީ ޝަހީދު ކޮށްލި ދުވަސް ކަމަށްވާ ހިޖުރީ ސަނަތުން 61 ވަނަ އަހަރުގެ މުހައްރަމް މަހުގެ ދިހަ ވަނަ ދުވަހުގެ ޒިކުރާ އާކުރުމުގެ ނަމުގައި ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ފަދައިން އެބައިމީހުންގެ އަމިއްލަ ނަފުސު ތަކަށް އަނިޔާވެރި ވަމުން ގެންދާއިރު، ހުޞައިން ގެފާނު ޝަހީދު ކޮށްލެވުނު ސަބަބާއި އޭރުގެ އިސްލާމީ އުއްމަތުގެ ޙާލަތަށް ނަޒަރު ހިންގާލަން ޖެހެއެވެ.
ހިޖުރީ ސަނަތުން 61 ވަނަ އަހަރުގެ މުހައްރަމް މަހުގެ ދިހަ ވަނަ ދުވަހު ޙުޞައިން ގެފާނު ޝަހީދު ކޮށްލީ ވެރިކަމުގެ ދަހިވެތި ކަމުގައި އިސްލާމުންގެ ތެރެއިން ބަޔަކު ހިންގި ބަޣާވާތެއްގެ ތެރެއިން ކަމީ ފެންނަން ހުރި ތާރީޚީ ޙަޤީޤަތެކެވެ. ޚިލާފަތުގެ މައްސަލައިގައި އުފެދުނު ކޯޅުމުގެ ތެރެއިން ޙުޞައިން ގެފާނު ޝަހީދު ކޮށްލާފައި ވަނީ އުމަވީ ދައުލަތުގެ ޚަލީފާ ޔަޒީދު ބިން މުއާވިޔަތުގެ ސިފައިންގެ އަތުންނެވެ.
މިފަދަ އެތައް ބަޣާވާތެއް މިއަދުވެސް އިސްލާމީ އުއްމަތުގެ ތެރެއިން ރޭވެމުން ގެނެވެމުން ދާއިރު އިސްލާމީ ބައެއް ޤައުމު ތަކުގައި މި ދުވަހާ ކުރިމަތި ވެފައި މިވަނީ ޙުޞައިނު ގެފާނު ޝަހީދު ކުރެވުނު ދުވަސްވަރު އުފެދުނު ފަދަ ނުރައްކާތެރި ފިތުނަ ވެރިކަމެއްގެ ތެރެއިންނެވެ. ހުޞައިން ގެފާނު ޝަހީދު ކޮށްލެވުނު ކަރުބަލާގެ ގަދަފަދަ ކިއްލާ މިއަދު ވަނީ ކާފަރުންގެ ބާރުގެ ދަށުގައެވެ. ޢިރާޤާއި އަފްޣާނިސްތާނާއި ލީބިޔާ އާއި ސީރިޔާ އާއި ޔަމަނާއި މިސްރާއި ދިވެހިރާއްޖެ ފަދަ ޤައުމު ތައް މިއަދު މި ދުވަހާ ކުރިމަތި ލާފައި މިވަނީ ފިތުނައިގެ އިންތިހާގެ ތެރޭގައި ޤައުމު އޮޔާ ބެހިގެންދާ ދަނޑިވަޅެއްގަ އެވެ.
އިސްލާމީ އުއްމަތުގެ ބާޠިލު މަޒުހަބެއް ކަމަށްވާ ޝިޔަޢީ މަޒުހަބުން މިއަދު ޢާޝޫރާ ދުވަސް ފާހަގަ ކުރަމުން ގެންދާއިރު އިސްލާމީ އުއްމަތުގެ ސައްޙަ މަޒުހަބު ކަމަށްވާ ސުންނީ މަޒުހަބުގައި ވެސް މި ދުވަސް ފާހަގަ ކުރެވެއެވެ. ދުވަހަކީ އެއް ދުވަހެއް ނަމަވެސް މުސްލިމުން މި ދުވަސް ފާހަގަ ކުރަނީ މުޅިން ތަފާތު މަޤްޞަދެއް ގައެވެ. މުސްލިމުން މި ދުވަސް ފާހަގަ ކުރަނީ މިދުވަހު ފިރުޢައުނު ޣަރަޤު ކުރައްވައި މުސްލިމުންނަށް ލިބުނު ނަޞްރު ފާޙަގަ ކުރުމުގެ ގޮތުން ނެވެ. އެހެން ކަމުން ޔަހޫދީން ވެސް މި މުނާސަބާ ފާހަގަ ކުރަމުން ގެންދާތީ އަހަރެމެންގެ ނަބިއްޔާ ވަނީ މި ދުވަސް މުސްލިމުން ފާހަގަ ކުރަންވީ ގޮތުގެ ވަރަށް މަތިވެރި އިރުޝާދެއް ދެއްވާފަ އެވެ. އެކަލޭގެފާނު ވަނީ މި ދުވަސް ފާހަގަ ކުރުމުގައި ޣައިރު މުސްލިމުންނާ ތަފާތު ވުމަށް އަންގަވައި، މުޙައްރަމު މަހުގެ ދިހަ ވަނަ ދުވަހުގެ އެއްދުވަސް ކުރިއަށް ނުވަތަ އެއްދުވަސް ފަހަތަށް ދިހަ ވަނަ ދުވަހާއި އެކު ދެ ދުވަހު ރޯދަ ހިފުމަށް އުއްމަތަށް އިރުޝާދު ދެއްވާފައެވެ.
ޝީއީންނާއި ސުންނީން ދެ މަޒްހަބެއްގެ ގޮތުގައި ވަކިވެގެން ދިޔައީ ޚިލާފަތުގެ މައްސަލައިގަ އެވެ. އެހެންކަމުން ހުސައިންގެފާނު ޝަހީދު ކުރި ކުރުމަކީ ޝީއީން ގަބޫލު ކުރާ ގޮތުގައި ސުންނީ ޚިލާފަތަކަށް ދުވަހަކުވެސް އެމީހުންނަށް ތަބާ ނުވެވޭނެ ފަދަ އަމަލެކެވެ. ޚުލަފާއުއް ރާޝިދީން ނުވަތަ އިސްލާމީ އުއްމަތުގެ އެންމެ ފުރަތަމަ ހަތަރު ޚަލީފާއިންގެ ތެރެއިން ފުރަތަމަ ތިން ޚަލީފާއިންނަށް ވެސް ޝީއީން އިއުތިރާފެއް ނުވެ އެވެ.
ހުސައިންގެފާނަކީ ރަސޫލުﷲ (صلی اللہ علیہ وسلم ) ގެ ކާފަ ދަރިކަލުންނެވެ. އަދި އެއީ އިސްލާމީ ހަތަރު ވަނަ ޚަލީފާ އަލީގެފާނުގެ ދެ ވަނަ ދަރިކަލުންނެވެ. ޚަލީފާ ކަމުގައި ހުންނަވަނިކޮށް އަލީގެފާނު ޝަހީދު ކުރެވުނީ ހިޖުރީ ސަނަތުން 41 ވަނަ އަހަރު އެވެ. ފަސްދާނު ލެވިފައިވަނީ އިރާގުގެ ނަޖަފްގަ އެވެ. ނަޖަފާއި ކަރްބަލާ ހުރުމަތްތެރިވެގެންވާ ބިންތަކެއް ކަމުގައި ޝީއީން ގަބޫލު ކުރަނީ ހުސައިނުގެ ފާނާއި އަލީގެފާނުގެ ސަބަބުންނެވެ..
ކޮމެންޓް (0)
ލޯޑް ކުރަމުން...