ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް “ފިތުނަ” ގެ ނަމުގައި ފިލްމެއް އުފައްދާ އަދި މިހާރު އިސްލާމްވެ އުމްރާ އާއި ހައްޖު ވެސް ވެފައިވާ ހޮލެންޑްގެ ރައްޔިތެއް ކަމަށްވާ އާނާޑް ވެން ޑޯން ޔޫރަޕްގައި އުފައްދާ ފުރަތަމަ އިސްލާމިކް ޕާޓީ އުފެއްދުމަށް ނިންމައިފިއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ވަޑައިގެން ސައުދީ އަރަބިއްޔާގެ ސައުދީ ގެޒެޓް ނޫހައް ދެއްވި ބަސްދީގަތުމެއްގައި އާނާޑް ވިދާޅުވީ އޭނާ އުފައްދާ ޕާޓީ އާއި ގުޅުމުގެ ފުރުސަތު އޮތީ ހަމައެކަނި ހޮލެންޑްގެ ރައްޔިތުންނަށް ނޫންކަމަށާއި ޔޫރަޕްގެ ކޮންމެ މުސްލިމަކަށާއި މުސްލިމުންނަށް ހަމްދަރުދީވާ އެހެން ދީންތަކުގެ މީހުންނަށް ވެސް އެފުރުސަތު އެބަ އޮތް ކަމަށެވެ.
ހައްޖުގެ އަޅުކަމަށްފަހު ކީރިތި ރަސޫލާގެ މަތިވެރި ޝަހްސިއްޔަތާއި ބެހޭ ކުރު ވާހަކަތަކަށް ބިނާކޮށް ސީރީޒް ތަކެއް ހަދަން ގަސްދުކުރާ ކަމަށާއި އަދި އެސީރީޒްތައް ފަސް ބަހަކަށް ތަރުޖަމާކޮށްގެން ނެރެ މުޅި ޔޫރަޕްގައި ބެހުމަށް ގަސްދުކުރާ ކަމަށްވެސް އާނާޑް ވިދާޅުވިއެވެ. އަދި ހައްޖުގެ އަޅުކަމުގެ ތެރޭގައި އޭނާއަށް ފެނުނު މަންޒަރުތަކަށް ބިނާ ކޮށް ފޮތެއް ލިއުމަށް ގަސްދުކުރާ ކަމަށްވެސް އާނާޑް ވިދާޅުވިއެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް “ފިތުނަ” ނަމުގައި އުފެއްދި ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސައުދީ ގެޒެޓަށް ދެއްވި ބަސްދީގަތުމުގައި އާނާޑް ވިދާޅުވީ އޭނާއަށް އެފިލްމު އުފެއްދުނީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އާއި ބެހޭ ގޮތުން އޭރު ލިބިފައި ހުރި ނުރަނގަޅު މައުލޫމާތުތަކެއްގެ ސަބަބުން ކަމަށެވެ. އެކަމާއި މިއަދު ހިތާމަ ކުރާ ކަމަށާއި އަދި އެކުށަށް ތައުބާވާކަމަށް އާނާޑް ވިދާޅުވިއެވެ. އަދި އެކުށަށް ތައުބާ ލެއްވުން އެދި ﷲގެ ހަޞްރަތައް ދުޢާ ކުރަމުންދާ ކަމަށާއި ރޭގަނޑާއި ދުވާލު ހަތަރު ދަމު މީހާރު މަސައްކަތް ކުރަމުން ގެންދަނީ އިސްލާމް ދީނަށް ޚިދުމަތް ކުރުމުގައި ކަމަށް އާނާޑް ވިދާޅުވިއެވެ.
އާނާޑް ވިދާޅުވީ އޭނާގެ މަންމަ އާއި އަނބިމީހާ އަދި ތިން ދަރިންނަށް މިހާރު އިސްލާމްދީން ހުށަހަޅާފައިވާ ކަމަށާއި އެމީހުންނަށް އިސްލާމްދީނުގެ ކަންކަން މިހާރު އެނގެމުންދާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...