ކޮލަމިސްޓްވާހަކަ

ރާއްޖެ ތަރައްޤީ ވެފައިވާތީ...

މޯލްޑިވިއަންގެ ފްލައިޓް އޭ 380 ގައި ޕެރިހުން މާލެ އައުމަށްޓަކައި އަހަރެންގެ ބޯޑިންގ ފާހުގައިވާ ގޮޑީގައި އިށީނުމުގެ ކުރިން ފްލައިޓުގެ ތެރެއަށް ނަޒަރު ހިންގާލުމާއިއެކު ދިވެހިރާއްޖެއަށް އައިސްފައިވާ ކުރިއެރުން ހިތައްވަދެގެން ދިޔައެވެ. ފްލައިޓަށް އެރުމާއިއެކު ހިތްހެޔޮކަމާއި ފަރި ހިނިތުންވުމާއިއެކު ފަސިންޖަރުންނަށް މަރުޚަބާ ކިޔަންތިބި ޒުވާން ދިވެހި ކުދިން އަޅާފައިތިބި ދިވެހިވަންތަ ހެދުމުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނުވާފައިވެއެވެ. ގޮނޑީގައި ހަރުކޮށްލާފައިވާ ސްކްރީނުން ރާއްޖެއާއި ރާއްޖެއިންބޭރުގެ ތަފާތު ޓީވީ ޗެނަލްތަކުން ތަފާތު ޕްރޮގްރާމުތައް ފެންނަމުންދިޔައެވެ. ރާއްޖޭގެ ޓްއަރިސްޓް ހޮޓާތަކުންގެ ބުކިންގ ހަދަންބޭނުންވާ ފަރާތްތަކަށް އެކަން ވަގުތުން ވާނެ އިންތިޒާމު ފްލައިޓްގައިވަނީ ގާއިމު ކުރެވިފައެވެ. ހަމައެއާއިއެކު ގްރޫޕްތަކުގެ ގޮތުގައި ދަތުރުކުރާ ފަސިންޖަރުނަށް އެކުގައި ތަފާތު ކުޅިވަރުތައް ކުޅެލެވޭގޮތަށް ހަދާލާފައިވުމުން އިޙްސާސް ވެގެންދިޔައީ ގޭމް ސެންޓަރެއްގެ ތެރޭގައި ހުރެވުނުހެންނެވެ. ރާއްޖެއަށް ނުގޮސް ގިނަދުވަސްތަކެއް ވީނަމަވެސް ރާއްޖެއަށް އައިސްފައިވާ އަދި އަންނަމުންދިޔަ ކުރިއެރުމާއި ތަރައްޤީ ދުވަހުން ދުވަހަށް ޓީވީއާއި އިންޓަނެޓްގެ ޒަރިއްޔާއިން އަހަރެން ބަލަމުން ދިޔައީމެވެ. އެހެންވުމާއިއެކު ރާއްޖެއަށް ކުރިއެރުން އައިސްފައި އޮންނާނެވަރު އަހަރެންނަށް ތަސައްވަރު ކުރެވެއެވެ. ފްލައިޓް އޭގެ ލެވެލްއަށް އަރާ ހަމަޖެހިލުމާއިއެކު ފްރެޝްވެލުމަށް އަހަރެން ފާޚާނާއަށްވަނީމެވެ. ހޮޓް ބާތެއް ނެގުމާއިއެކު ވެފައިވާ ވަރުބަލިކަންވެސް ފިލައިގެންދިޔައެވެ. ފްލައިޓްގެ ރޭގަނޑުގެ ކެއުމަށް އިންސާފުކޮށް ހަމަ ނިމުމާއިއެކު ނިދީގެ ލޮޑުކަން ހަށިގަނޑަށް ވެރިވާންފެށިއެވެ. އަހަރެން ދެފައި ދަމާލުމަށްފަހު ގޮނޑީގައި ރަނގަޅަށް ހަމަޖެހިލީމެވެ. ގިނަދުވަސްތަކަކަށްފަހު ރާއްޖެ ދެވުމުން އާއިލާއާއި ރައްޓެހިންނާއި ބައްދަލުވާނެ ކަމުގެ ފޮނި ޚިޔާލުތަކުގައި ވަނިކޮށް ނިދީގެ ސާލު އަހަރެން ވަށާލާ ނިދީގެ ތެރެއަށް އަހަރެން ގެނބެންފެށިއެވެ.

"ގުޑް ނައިޓް" ފްލައިޓްގެ އަންހެން ކޫރޫއެއް އައިސް އަހަރެންގެ ގައިމަތިން ރަޖާގަނޑު އަޅާލަމުން ފަރި ހިނިތުންވުމަކާއިއެކު އަހަރެންނަށް ރޭގަނޑުގެ ސަލާމް ކޮށްލިއެވެ. ނިދީގެ ވަރުބަލިކަން ވެފައިވާވަރުން ޖަވާބުގައި ހީލުންފިޔަވާ އިތުރު އެއްޗެކޭބުނުމަކަށް އަހަރެންގެ ދޫ ހަރަކާތެއް ނުކުރިއެވެ.

"ކުޑައިރު ކޮޅެއްގެ ތެރޭގައި ފްލައިޓް މިޖައްސަނީ މާލޭ އިންޓަނޭޝަނަލް އެއާ ޕޯޓްގައި" އަހަރެންނަށް ނިދިން ލޯހުޅުވާލެވުނީ ފްލައިޓް ޖެއްސުމަށް ކައިރިވުމުން ފްލައިޓްތެރެއިން ގޮވާލިއަޑަށެވެ.

ދެލޯ ފުހެލުމަށްފަހު ތެދުވެ ހަމަ ޖެހިލީމެވެ. ފްލައިޓް ހުޅުލޭގެ ރަންވޭގައި ޖެއްސުމާއިއެކު އުފާވެރިކަމުގެ އިޙްސާސެއް ކުރެވިގެންދިޔައެވެ. ފްލައިޓުން ފޭބިއްޖެކަން އެނގުނީ ކުރިމަތީގައިވާ އިލެކްޓްރިކް ރޭލްއައިސް ކުރިމަތީގައި މަޑުކޮށްލުމުންނެވެ. ކުޑަ ހިނދުކޮޅެއްގެ އަލުވި ދަތުރަކަށްފަހު ލަޖެޖްތައްވާ ސަރަހައްދަށް ރޭލް މަޑުކޮށްލިއެވެ. ލަގެޖް ހިފައިގެން ބޭރަށް ނިކުތުމާއިއެކު އަހަރެންނަށް މަރުޚަބާ ކިއުމަށްޓަކައި އެއާޕޯޓަށް އައިސްހުރި އަހަރެން ދަރިފުޅުގެ ލޮލުގައި އަހަރެން އަޅައިގަތެވެ.

"ޑެޑީ ކިހިނެއްތޯ؟" އަނާ އައިސް އަހަރެންގެ ގައިގާ ބައްދާލަމުން އަހަރެންގެ ހާލު އަހާލިއެވެ.

"ޑެޑީގެ ދޫނި ފެނުނީމަ ހުރިހާކަމެއްވެސް ރަނގަޅުވެއްޖެ، ޑެޑީގެ ދޫނި ކިހިނެއްތަ؟" އަނާގެ ސުވާލަށް ޖަވާބުދެމުން އަނާގެ ނިތްކުރީގައި ބޮސްދެމުން އަހަރެން އަހާލީމެވެ.

ލަގެޖްތައް ގޭގައި ގެންގުޅޭ ކަލާމާއި ހަވާލުކޮށްލުމަށްފަހު ދަރިފުޅާއިއެކު އަހަރެން ބޭރަށް ނިކުމެލީމެވެ.

ކުރިމަތީގައިވާ އިލެކްޓްރޯނިކް ބޮޑު އިސްތިހާރު ބޯޑަށް ބަލާލުމުން އެކިތަންތަނަށް ދަތުރު ކުރަންވާގޮތުގެ މަޢުލޫމާތުތައް ވަރަށް ތަފްސީލުކޮށް ބޯޑުގެ އެހީގައި ދެމުން ދިޔަތަން ފެނުނެވެ. ހުޅުލެއިން ހުޅުމާލެއަށް ދިއުމަށްވެސް ވަނީ ބާރު ސްޕީޑްގައި ދުވާ އިލެކްޓްރިކް ރޭލްއެކެވެ. ރޭލްއަށް އެރުމުގެ ކުރިން ހުޅުމާލެދިއުމަށް ބޭނުންވާނެ ޓިކެޓް ކައިރީގައިވާ ޓިކެޓް މެޝިނުން އަހަރެން ގަތީމެވެ. މަދު މިނެޓް ކޮޅެއްގެ ތެރޭގައި ހުޅުލެ ހުޅުމާލެ ގޭޓް ޓާމިނަލްގެ ތެރެއަށް ރޭލް މަޑުކޮށްލިއެވެ. ޓާމިނަލުންގެތެރޭގައިވާ ހުޅުމާލޭގެ ރެސިޑެންޝަލް އޭރިއާ އަށްދިއުމަށްޓަކައިވާ އެއާރކޯން ކޮށްފައިވާ ބަހަށް އެރުމާއިއެކު އަހަރެންނަށް ހީވީ އަނެއްކާވެސް ފްލައިޓެއްގެ ތެރެއަށް އެރެވުނުހެންނެވެ. ބަސް ހަލުވި ދުވެލީގައި ދުވަމުންދިޔައިރު މަގުގެ ދެފަރާތުގައިވާ ރީތި އިމާރާތްތަކާއި ގަސްތައްވަނީ ދިއްލާފައިވާ ސޯލާ އެނާޖީގެ އަލިތަކާއި އެކުވެފައެވެ.

ހުޅުމާލޭގެ އުތުރު ބިތުގައި ހަދާފައިވާ ލަގްޒަރީ ކޮންޑެމީނިއަމް އިމާރާތުގެ ކުރިމައްޗަށް ބަސް މަޑުކޮށްލިއެވެ. އަހަރެންގެ އަގުބޮޑު ފްލެޓްގެތެރެއަށް ވަނުމާއިއެކު ހިނިތުންވުމާއިއެކު އައިސް އަހަރެންގެ ގައިގާ ބައްދާލަމުން އަންހެނުން މަރުޚަބާ ކިއެވެ. ގޭތެރެ ޒީނަތްތެރިކޮށްފައިވާ މަންޒަރު ފެނުމާއިއެކު އަންހެނުން އެކަމަށް ދީފައިވާ ސަމާލުކަން އެނގުނެވެ. އެޕާޓްމަންޓުގެ އުތުރުފަރާތު ބެލްކަންޏަށް ނިކުމެ ބޭރު ބަލާލުމާއިއެކު ފެނިގެންދިޔައީ އޭގެކުރިން ރާއްޖެއިން ފެނިފައިނުވާފަދަ ހިތްގައިމު މަންޒަރެކެވެ. މާދުރުނޫން ހިސާބެއްގައިވާ ޔޮޓްމެރީނާއަށް ވަދެ ނިކުމެވާ ރީތި ލަގްޒަރީ ޔޮޓް ތަކުގެ ހަރަކާތްތަކާއިއެކު އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުން ދިޔައީ އެތަނުން ފެންނަށްއޮތް މޫދު ކުޅިވަރުގެ ޕާކުގައި އެކިއެކި ކުޅިވަރުތަކުގައި ހަރަކާތްތެރިވަމުން ދިޔަފަރާތްތަކެވެ.

ޖެހިގެން އައިދުވަހުގެ ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު އަހަރެން ނިންމީ އަހަރެންގެ ރައްޓެއްސެއް ކަމުގައިވާ ހުސެންއަށް ގެނެސްފައިވާ ހަދިޔާއެއް ހިފައިގެން މާލެދިއުމަށެވެ.

"ގެއަށް އާދެވޭނީ ކިހާއިރަކު؟" އަހަރެން ދިއުމަށް ހިނގައި ގަތުމާއިއެކު އެނބުރި އަންނާނެ ވަގުތެއް އޮޅުންފިލުވުމަށް އަންހެނުން އަހާލިއެވެ.

"މާލެ ގޮސްފަ އިނގޭނީ، މާލަސްތަކެއް ނުވާނެ އަންނާނަން" އަހަރެން ޖަވާބުދެމުން ނިކުތީމެވެ.

އަހަރެން ތިރިއަށް ފޭބިއިރު ޑްރައިވަރު އަހަރެންނަށް އިންތިޒާރު ކުރަމުންދިޔައެވެ. ކާރަށް އެރުމާއިއެކު ޑްރައިވަރު އެލަގްޒަރީ ލިމޯ ދުއްވާލިއެވެ. "ހުޅުމާލެ ތެރެ ބަލާލާފަ ދާނީ" އަހަރެންބޭނުންވީ މާލެދިއުމުގެ ކުރިން ހުޅުމާލެ ތެރައްޤީވެފައިވާވަރު ބަލާލުމަށެވެ. ޑްރައިވަރު ޖަވާބުގައި ބޯޖަހާލުމަށްފަހު މަޑުދުވެއްޔެއްގައި ކާރު ދުއްވަމުން ދިޔައެވެ.

އުސްކޮށް އިމާރާތްކޮށްފައިވާ ރީތި ބޮޑެތި ޝޮޕިންގ ސެންޓަރުތަކުގެ ތެރެއިން ގިނައިން ފެންނަމުންދިޔައީ ދިވެހި މޫނުތަކަށްވުރެ ޔޫރަޕުގެ ދޮންމީހުނާއި އަދި އޭސިއާގެ އެކި ކަންކޮޅުތަކުން ޗުއްޓީހޭދަކޮށްލުމަށާއި ވިޔަފާރިކުރުމަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކެވެ. ރާއްޖެ މިއަދު މިވަނީ މުޅި އޭސިއާ ސަރަހައްދުގައިވާ އެއްމެ ވަރުގަދަ އެއް ވިޔަފާރި މަރުކަޒަށް ވެފައެވެ.

ހުޅުލޭ ހުޅުމާލޭ ގޭޓް ޓާމިނަލްގެ ކުރިމައްޗައް ކާރު މަޑުކޮށްލުމާއިއެކު އަހަރެން ފައިބައިގެން ހުޅުލޭމާލެ ފެރީޓާމިނަލަށް ދިއުމަށް ތައްޔާރުވެފައިވާ ރޭލަށް އެރީމެވެ. ކާރުގައި މާލޭ އާއި ހުޅުމާލެ ގުޅުވާލާފައިވާ ފާލަމުން ދިއުމުގެ ބަދަލުގައި އަހަރެން ބޭނުންވީ ތަޖުރިބާ ކޮށްލުމަށް ހުޅުލޭމަގުން ގޮސް މާލެދިއުމަށެވެ.

ކަމަކަށް ދޫކުރާނެ ކަމެއްނެތެވެ. ފެރީއަށް އެރުމުން ކަނޑުގައި ދުއްވާއެއްޗަކަށް އެރުމުގެ އެއްވެސް އިޙްސާސެއް ނުކުރެވުނެވެ. ގޮނޑީގައި އިށީންނުމާއިއެކު ކަސަބުއެޅި ދިވެހި ލިބާހުގައި ހުރި ފުރިހަމަ އަންހެން ކުއްޖަކުއައިސް ކައިރީގައި މަޑުކޮށްލުމުން ބަލާލުމާއިއެކު ފަރި ހިނިތުންވުމަކާއިއެކު ފިނި ބުއިމެއް ދިއްކޮށްލިއެވެ. އޭގައި ހިފުމަށްފަހު ފެރީގެ ތެރެއައަށް ނަޒަރު ހިންގާލީމެވެ. އަގުބޮޑު ފްލައިޓެއްހެން ތައްޔާރުކޮށްލާފައިވާ އެފެރީ ހަލުއިދުވެލީގައި ފަސްވަރަކަށް މިނެޓްތެރޭ މާލޭގައި ބަނދަރުކޮށްލުމާއިއެކު ޒީނަތްތެރި އިމާރާތްތަކާއި ޓާމިނަލްގެ ކުރިމަތީގައިވާ ރީތި ޕާކް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެހެންނަމަވެސް އެހުރިހާ ކަމަކާއި އެކުގަވެސް އަހަރެންނަށް ހައެރާންކަމެއް ލިބުނީ މީގެ ކުރިން މާލޭގެ މަގުތައް ތޮއްޖެހިފައިވާ ކާރުތަކާއި ސައިކަލުތައް ނެތުމުންނެވެ. ވަރަށްމަދު ރީތި ޕްރައިވެޓް ކާރެއް މެނުވީ ފެންނާކަށް ނެތެވެ. އެހެންނަމަވެސް ތާރު އަޅާ ޒީނަތްތެރިކޮށް ސާފުކޮށް ބެލަހައްޓަމުންދާ ރީތި މަގުތަކުގައި ރީތި ބޮޑެތި ބަސްތަކެއް ދުއްވަމުންދާ މަންޒަރު ފެންނަމުންދިޔައެވެ. އަދި ކުދިކުދި ތަންތަންކޮޅުގައި އަލިފާންފޮށި ތަކެއްހެން ހެދިފައިވާ އިމާރާތްތަކުގެ ބަދަލުގައި ފެންނަންހުރީ ބްލޮކްތައް އެކުގައި ޑިޒައިން ކުރެވިގެން ހެދިފައިފާ އުސް އިމާރާތްތަކެވެ. އެރީތި އިމާރާތްތަކާއި މަގުތައް ރީތި ބޮކިއަލީގައި ދިއްލާލެވިފައިވަނީ ސޯލާއެނާޖީ ކަރަންޓުގެ އެހީގައެވެ. ފެންނަމުންދިޔަ އެންމެންގެ މޫނުމަތިންވެސް ފެންނަންހުރީ ހިތްހަމަ ޖެހުމާއި އުފާވެރިކަމެވެ.

"އަނެއްކާ މިއާދެވުނީ މާލެއަށްބާ؟" ކުރިމަތިންފެނަމުންދިޔަ މަންޒަރުތައް ގަބޫލުކުރަން ދަތިވުމުން އަހަރެންގެ ހިތާހިތާ ކިޔާލެވުނެވެ. ހުސެން ދިރިއުޅެމުންދަނީ މާފަންނުގެ ސީފްރަންޓްގައި ހަދާފައިވާ 15 ބުރީގެ ލަގްޒަރީ ރެސިޑެންޓް ބިލްޑިންގައެވެ. އެހެންވުމާއިއެކު މާފަންނަށް ދިއުމަށް އޮތްބަހަށް އަހަރެން އެރީމެވެ. ބަހައް އެރުމާއިއެކު ފްރެޝްވެލުމަށް ވަސްމީރު ޓިސޫ  ޕެކެޓެއް ބަސްކޮންޑަކްޓަރ ދިއްކޮށްލިއެވެ. ބަސްދަތުރު ކުރަމުންދިޔައިރު ފެންނަމުންދިޔަ ރީތި ޝޮޕިންގ ސެންޓަރުތަކާއި ހޮޓާތަކާއި ޕާކްތައް ބެލުމަށް އަހަރެން ޝައުގުވެރިކަމާއިއެކު ބަލަހައްޓައިގެ އިނީމެވެ. ބަސް މަޑުކޮށްލުމުން އަހަރެން ފޭބުމަށްފަހު ހުސެން އަށް ގުޅުމަށް ފޯނުނެގީމެވެ. ޑައިލް ކޮށްލުމާއިއެކު ހުސެންގެ ފޯނު ބިޒީކޮށްލިއެވެ.

"އޭއް!" ހުސެން އަހަރެންގެ ފަހަތުން އައިސް ގޮވާލުމުން އަހަރެންދިޔައީ ސިއްސައިގެންނެވެ.

"ހައުޒް އެވްރިތިން؟" ހުސެންގެ ސަމާސާ މިޒާޖުގައި އަހާލިއެވެ.

"ވެރީ ގުޑް" އަހަރެން ހުސެން އަށް ޖަވާބުދެމުން އޭނަގެ ކޮނޑުގައި ޖަހާލީމެވެ.

"ރެސްޓޯރަންޓަށް ވަދެލާފަ ދޯ ދާނީ؟" ހުސެން ބޭނުންވީ ގެއަށް ދިއުމުގެ ކުރިން ބޭރުތެރޭގައި އަނގަތަޅާލާފައި ދިއުމަށެވެ.

"ރަނގަޅުވާނެ" އަހަރެންވެސް އެގޮތް ރަނގަޅުކަމުގައި ބުނަމުން އެއިމާރާތުގެ 16 ވަނަ ބުރީގައި ހުންނަ ޓެރަސް ރެސްޓޯރަންޓަށް ދިއުމަށް ދެމީހުން އެކުގައި ލިފްޓައެރީމެވެ.

ރެސްޓޯރަންޓްގެ އޯޕަން އެރީއާގައި އިށީދެލުމަށްފަހު ވިލިގިއްޔާވީ ފަރާތަށް ބަލާލީމެވެ.

"ވާވް، ހާދަ ސަޅި ވިއުއެކޭ" ދާދި ކައިރިން ދިއްލާ އަޅާފައިވާ ވިލިގިއްޔާއި ގުޅީފަޅުގައި ހަދިފައިވާ ބޮޑު އިންޑަސްޓްރިއަލް ޕާކްގައިވާ އުސްއިމާރާތްތައް ދިއްލާލާފައިވާ ޒީނަތްތެރިކަން ފެނުމާއިއެކު އަހަރެންނަށް ބުނެލެވުނެވެ.

ޖީބުގައިވާ ފޯނު ކުއްލިއަކަށް ރިންގުވާން ފެށުމާއިއެކު އަހަރެން ނެގީމެވެ. އެއީ އަހަރެންގެ ދަރިފުޅު އަނާގެ ކޯލެކެވެ.

"ޑެޑީ...ޑެޑީ" އަހަރެން ފޯނުނަގާ ކަންފަތުގައި ޖައްސާލުމާއި އެކު އަނާ ރޮމުން އަހަރެންނަށް ގޮވަންފެށިއެވެ.

އަނާގެ ރުއިމުގެ އަޑުއިވުމުން އަހަރެންގެ ހިތައް ނުތަނަވަސްކަމާއި ބިރުވެރިކަން ވަދެގެންދިޔައެވެ. އަދި ހަމައެއާއިއެކު ވެގެން އުޅެނީ ކިހިނެއްތޯ އެހުމަށް އަހަރެން އަނގަ ހުޅުވާލުމާއި އެކު އަހަރެންގެ އަތުން ފޯނުދޫވެގެން ވެއްޓިއްޖެއެވެ. އަދި އަހަރެންނަށް ނިދިން ހޭލެވުމާއިއެކު ފެންނަމުންދިޔަ ތަރައްޤީގެ ހުވަފެން ނިންޖާއިއެކު ނިމިގެން ހިގައްޖެއެވެ. ލޯހުޅުވާފައި ބަލާލިއިރު 4 އަހަރަށްދާ ތުއްތު ތުއްތު އަނާ އަހަރެންގެ ކަރީގައިހުރެގެން އަހަރެންނަށް ގޮވަމުންދެއެވެ.

"ޑެޑީ ...ޑެޑީ... ހިނގާ ޕާކަށް ދާން" އަހަރެންނަށް ހޭލެވުމާއިއެކު ދަރިފުޅު ބެނުންވެގެން އުޅުނު ކަންތައް ބުންޏެވެ. .

 ނޯޓް: މި ލިއުމަކީ އަޅުގަނޑު 2009 ވަނައަހަރު ލިޔެފައިވާ ލިއުމެކެވެ.


ގުޅުންހުރި

1 ޚިޔާލު

  1. ތަރައްގީ ވުމަކީ މައްސަލައެއް ނޫނެވެ. އަހަރެމެންގެ މިދުނިޔޭގެ ދިރިއުޅުގެ ކަންކަމާއި ވަސީލަތްތައް އިތުރުކޮށް ފަސޭހަކޮށް އުދަގުލާއި ދުއްތުރާތަކުން ސަލާމަތްކޮށް ހިތަފަސޭހަކަން ހާސިލްކުރުމަކީ ހަމަ ރަގަޅުކަމެވެ. ނަމަވެސް ތަރައްގީގެ ވާހަކަ ދައްކާ ކޮންމެފަހަރަކުމެ ހަދާންކުރަންވާނެ ކަމަކީ އެކަންކަން ހާސިލްކުރުމަށްޓަކައި ބައެއްގެ އަޅުވެތިކަމުގެ ދަށަށް ގައުމުގޮސް އަހަރެމެންގެ ދީނާއި އަމިއްލަވަންތަކަމާއި މިނިވަންކަން ގެއްލޭކަމަށް ވަންޏާ އެއީކީ އަދި އެންމެރަގަޅު ތަރައްގީ އެއް ނޫނެވެ. ތަރައްގީވެ ކުރިއަރާ ދާކަށް އެހެންބަޔަކު ކުރާހައިކަމެއް ކުރާކަށް އެހެންބަޔަކު އުޅޭހައި ގޮތަކަށް އުޅޭކަށް ނުޖެހޭނެއެވެ. އަހަރެމެންގެ ވެލިއޫސްތަކާއި އިންތަކާއި މިންތައް ހުންނާނީ އަހަރެމެންގެ ދީނާއި އެދީނާއި ފުށުނާރާގޮތަކަށް ހުރިއްޔާހުރި އަހަރެމެންގެ ސަގާފަތެއްގައެވެ. ކުރިއަރާ ތަރައްގީވާކަށް އެތަކެތި ދޫކޮށްލަން ނުވަތަ ނިކަމެތިކޮށް ހަދާން ނައްތާލަން ހެޔޮ ނުވާނެއެވެ. މިވާހަކަ މިދަންނަވާލީ ލިޔުންތެރިޔާއަކަށް ނޫނެވެ. ނަމަވެސް ތަރައްގީގެ ފިކުރުގެ ތެރޭގައި މިކަހަލަ ފިކުރުވެސް އަހަރެމެންގެ ތެރޭގައި އުޅޭތީއެވެ.

Your email address will not be published. Required fields are marked *