ރިޕޯޓް ޒަޔަނިސްޓު އިސްރާއިލާއި ދިވެހިރާއްޖެ އާއި ދެމެދު ވެވުނު އެއްބަސްވުމާއި ބެހޭ ދިރާސާ

ޒަޔަނިސްޓު އިސްރާއިލާއި ދިވެހިރާއްޖެ އާއި ދެމެދު ވެވުނު އެއްބަސްވުމާއި ބެހޭ ދިރާސާ

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

މަތީގައިވަނީ އިޒްރޭލާއި ރާއްޖެއާއި ދެމެދު ވެވުނު އެއްބަސްވުމުގެ އަސްލު ޑޮކިއުމަންޓް

ލޮބުވެތި ދިވެހި ރައްޔިތުންނޭވެ! ނިކަން ވިސްނުންތެރިކަމާއި އެކު، ޕާރޓީ ރޫޙަށްވުރެ ދީނާއި ގައުމަށް އޮންނަންޖެހޭ ލޯބި ކުރިޔަށް ނެރެ މި ސަފްޙާ ކިއުއްވަމުން ގެންދަވާށެވެ.
ދަންނާށެވެ! 2009 ސެޕްޓެމްބަރ 24 ވީ ދުވަހު އެމެރިކާގެ ނިއުޔޯރކުގައި އިސްރާއީލާއި ދިވެހި ސަރުކާރާއިމެދު ވަނީ ވަރަށް ބޮޑު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކޮށްފައިވަނީ އޭރު ފޮރިން މިނިސްޓަރަކަށް ހުރި ޑރ. ޝަހީދެވެ. މި ނުބައި އެއްބަސް ވުމުގެ ދަށުން މިބައިމީހުންވަނީ ދިވެހި ރާއްޖޭގެ ކުޑަކުދީންނާއި، ޒުވާނުންނާއި، ތަޢުލީމީ ދާއިރާ އާއި އަދި ސިއްޙީ ދާއިރާ ފަދަ އެތައް މުހިންމު ކަންތައްތަކެއް ނުބައިވެގެންވާ އަދި ދުވަހަކުވެސް މުސްލިމުންނަށް ހެވެއް ނޭދޭނެ ކަމަށް ހަތްއުޑުމަތީން އަންގަވާފައިވާ ޔަހޫދީ، ޒަޔަނިސްޓު އިސްރާއީލުގެ އުގަށް އެއްލާލާފައެވެ. މިއެއްބަސްވުން ޢާންމުވެ، މިއާއިމެދު ސުވާލު ކުރެވުމުން ޑރ. ޝަހީދު ބުނެފައިވަނީ މި އެއްބަސްވުމަކީ ހަމަ ސައްޙަ އެއްޗެއް ކަމާއި އޭތި ވަނީ (އޭނާޔާއިމެދު އިތުބާރުނެތްކަމުގެ ވޯޓް ނެގި ދުވަހު) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ކަމަށާއި އެހެންކަމުން އެއީ ސިއްރު އެއްޗެއް ނޫންކަމާއި، އެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު އިތުރު ދެ އެއްބަސް ވުމެއްގައި ވެސް ސޮއިކޮށްފައި ކަމަށެވެ. ހާމަކުރި އެއްބަސް ވުމުގައި މިފަދަ ނުރައްކާތެރި ކަންތައްތަކެއް އެކުލެވިގެންވާއިރު، އެމީހުން ސިއްރު ކޮށްފައިވާ ދެ އެއްބަސްވުމުގައި ވަނީ ކިހާވަރެއްގެ އެއްޗެތި ތަކެއް ބާވައެވެ؟

•    "އިސްރާއީލުގެ ދައުލަތާއި ދިވެހި ދައުލަތާއި ދެމެދު ސިއްޙަތާއި ބޭހުގެ ރޮގުން އެއްބާރުލުމާއި މެދު ވެވޭ އެއްބަސްވުން" މިނަމުގައި ވެވިފައިވާ 21 މާއްދާ ހިމެނޭ މި އެއްބަސްވުމުގައި ސިއްޙަތު ނުވަތަ ބޭސްވެރިކަމުގެ އެއްވެސް ވާހަކައެއް އައިސްފައި ނުވާކަން ފާހަގަ ކުރެވެއެވެ. މި އެއްބަސްވުމުގައި އެއްގައުމުން އަނެއް ގައުމަށް ބަދަލު ކުރުން ނުވަތަ "އެކްސްޗޭންޖް ކުރުން" ލިޔެފައި އޮތަސް އެއިގެ ޙަގީގީ މާނަޔަކީ ހުރިހައި އެއްޗެއްވެސް ދަތުރު ކުރާނީ އެއްކޮޅަށްކަން ބޮލެއް ހުރި ކޮންމެ މީހަކަށް އެގޭނެއެވެ. ޔަހޫދީން މި ފަގީރު ދިވެހި ރާއްޖެއިން   އެއްވެސް އެއްޗެއް  ލިބިދާނެކަމަކަށް ނުބަލާނެއެވެ. ހުރިހައި އެއްޗެއްވެސް، "ބްރެއިން ވޮޝް ކުރުމުގެ" (ސިކުނޑި ވަކިގޮތަކަށް އަނބުރާލުމުގެ) ހުރިހައި ޕްރޮގްރާމްތަކެއްވެސް ހިންގާނީ ދިވެހިންގެ މައްޗަށް ޔަހޫދީންނެވެ. އަނެއްކޮޅަކަށް ނޫނެވެ.
•    މީގައި އެއްބަސްވެފައިވާގޮތުން، ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ސެކަންޑަރީ، ޕްރައިމަރީ، އަދި ޕްރީ ސްކޫލް ޓީޗަރުން އަދި މިނޫނަސް ތަޢުލީމީ ދާއިރާގެ އެންމެން އިސްރާއީލަށް އެކިބާވަތް ތަކުގެ ކޯސްތައްހަދާން ފޮނުވާނެއެވެ. އޭގެ ބޭނުމަކީ ތަޢުލީމީ ދާއިރާގެ ތެރެއިން ވަނދެ ދިވެހި މުސްލިމް ކުޑަކުދީންނާއި، ޒުވާނުންނަކީ އިސްލާމް ދީނާއި އަދި އިސްލާމީ އުންމަތާއި ބީރައްޓެހި ލާދީނީ ބަޔަކަށް ހަދައި، ޔަހޫދީންނާއި އިސްރާއީލާއި ދިމާލަށް އެމީހުންގެ ހިތްތައް އަނބުރާލުން ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.
•    ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ގޮތުން "މި ދެގައުމުންވެސް ކަމާއިބެހޭ އިދާރާތައް މެދުވެރިވެގެން، ސްކޫލް ތަކުގައި ކިޔަވާދޭ ޓެކްސްޓް ފޮތްތައް މުރާޖަޢާކޮށް އޭގައި އަނެއްބައެއްގެ ތާރީޚާއިމެދު ލިޔެފައިވާ ތަކެތި އިސްލާޙު ކުރުމަށް ގަދައަޅައި މަސައްކަތް ކުރާންވާނެއެވެ."

“The Parties, shall, through their competent authorities, endeavor to mutually verify school textbooks, particularly concerning the passage referring to the history of the other country and, when needed, introduce corrections to these textbooks.”
ޔަހޫދީންނަކީ ތާރީޚުގައިވެސް ނުބައި ބައެއްކަމާއި، ނަބީބޭކަލުން ގަތުލު ކޮށް ބިމުގައި ފަސާދަކުރުމުގެ ސަބަބުން ލަޢުނަތް ލެއްވިގެންވާ ބައެއް ކަމާއި އަދި އެމީހުންނަކީ މުސްލިމުންގެ އެންމެ ބޮޑު ޢަދާވާތް ތެރީން ކަމީ ކީރިތި ޤުރުއާނުގެ ނައްޞުން ސާބިތުވާ އަދި މުސްލިމުންގެ ޢަގީދާގެތެރޭގައި ހިމެނޭ ކަމެކެވެ. މިއެއްބަސްވުމުގެ ސަބަބުން މިފަދަ ތަކެތި ކިޔަވާނުދިނުމަށް ބާރު އަޅާނެއެވެ. މިމާއްދާ ދިވެހި ސަރުކާރާށް ލާޒިމްކުރަނީ ކީރިތި  ޤުރުއާން ކިޔަވާދިނުން ހުއްޓާލާށެވެ. ނުވަތަ އެފޮތް ބަދަލު ކުރާށެވެ! އެހެނީ ކީރިތި ގުރުއާނަކީ ދިވެހި ރާއްޖޭގެ ސްކޫލް ތަކުގައި ކިޔަވާދެމުން އަންނަ ފޮތެކެވެ.
މީގައިވާގޮތުން: " ހޮލޮކޯސްޓް އަކީ ދިވެހި ރާއްޖޭގެ ތަޢުލީމީ މުގައްރަރުގެ ބައެއްގެ ގޮތުގައި ހިމަނައިގެން ސްކޫލް ތަކުގައި ކިޔަވާ ދިނުމަށް މި ދެގައުމު އެއްބަސް ވެއެވެ."
“The Parties also agree that the teaching of the Holocaust shall become part of the school curriculum in Maldives.”
ހޮލޮކޯސްޓް އަކީ ދެވަނަ ބޮޑުހަގުރާމައިގެ ދުވަސްވަރުގައި ހިޓްލަރުގެ ދަށުގައި އޮތް ޖަރުމަނު ވިލާތުގައްޔާއި ޔޫރަޕްގެ އެތަންމިތާގައި ޔަހޫދީންނަށް އަނިޔާކޮށް 6 މިލިޔަން ޔަހޫދީން މަރާލި ކަމަށް ބުނާ ބުނުމަށް ކިޔާ ނަމެކެވެ. ދުނިޔޭގެ ތާރީޚު ދިރާސާ ކުރާ ބައެއް މުވައްރިޚުން ދެކޭގޮތުގައި މިއީވެސް ހިސާބަކަށް ހިނގި ކަމެއްކަމުގައިވިޔަސް، ޔަހޫދީން ހިސާބަށްވުރެ ކަންބޮޑުކޮށްގެން ޙަގީގަތާއި ޚިލާފަށް ދައްކާ ވާހަކައެކެވެ. މި މާއްދާގެ ބޭނުމަކީ ދިވެހި ޒުވާނުންގެ ހިތްތައް އިސްރާއީލާއި ދިމާލަށް ހަމްދަރުދީ ކުރުވުމެވެ. ފަލަސްޠީނަށް ވެރިވެގަނެ، މުސްލިމުންގެ މުގައްދަސް ބިންތައް ފޭރިގަނެ އެތާގެ ރައްޔިތުންނަށް ކެނޑިނޭޅި ކުރަމުންއެދާ އަނިޔާތަކާއިމެދު ދިވެހި ޒުވާނުންގެ ހިތާއި ލޯތައް ކަނުކޮށްލައި، އަނިޔާ ލިބިގެންވާ ބަޔަކީ ޔަހޫދީންކަމުގައި ގަބޫލު ކުރުވުމެވެ.
•    މިނޫނަސް ދިވެހި ޒުވާނުންގެ ސިކުނޑިތައް ދޮވެލުމަށްޓަކައި އެތައްއެތައް މާއްދާތަކެއް މީގައި ހިމެނިގެންވެއެވެ.
•    މިއެއްބަސް ވުމަކީ އެކަމެއްގެ މައްޗަށް ދިވެހިރާއްޖެ ބިނާވެގެންވާ މާތް އިސްލާމް ދީނާއި އަދި ދިވެހި ގައުމިއްޔަތާއި ދެކޮޅަށް މިއަދުގެ ސަރުކާރުގެ ފަރާތުންވެފައިވާ އެންމެ މަތީ ފެންވަރުގެ ޚިޔާނާތެކެވެ. ނުވަތަ 'ހައި ޓްރީސަން' އެކެވެ. މިއީ ކުޑަގޮތަކަށް ދޫކޮށްލެވޭ ވަރަށްވުރެ މާ ނުރައްކާތެރި އަދި ސީރިޔަސް މަސްއަލައެކެވެ. ސަރުކާރުގެ ފާރާތުން އިސްލާމް ދީނާއި ދެކޮޅަށް ހިންގަން ފަށައިފައިމިވާ އެކިއެކި ޕްރޮގްރާމް ތައް ހިންގަމުން މިދަނީ މިއެއްބަސް ވުމުގެ ދަށުން ކަމުގައި ބެލެވޭނެ ޖާގަ އެބައޮތެވެ. މަތީސާނަވީގައި އިސްލާމް އަދި ދިވެހި ދެ މާއްދާ އިޚުތިޔާރީ ކުރުމާއި، ޢަރަބި އިސްލާމީ ތަޢުލީމުދޭ މުވައްސަސާތައް ނައްތާލަން އުޅުންފަދަ ކަންކަމަކީ ހަމަސީދާ މީގެ ބައިތަކެވެ. އަދި މިހާރު ޑޮކްޓަރުންގެ ޓީމެއްގެ ގޮތުގައި ރާއްޖެ އައިސްގެން މިއުޅޭ މޮސާދުގެ މީހަކު ހިންގާ 'އައި ފްރޮމް ޒިއޯން' ލޮލުގެ ކޭމްޕަކީވެސް މީގެ ދަށުން ހިންގި ކަންތައް ގަނޑެކެވެ. ނަމަވެސް އެތައް ދިވެހި ދަރީންގެ އަގުހުރި މަސައްކަތުގެ ސަބަބުން އެބައިމީހުންވަނީ ނާކާމިޔާބާއި އެކު މިތަނުން އެނބުރިދާން މަޖުބޫރު ވެފައެވެ. ދިވެހި ގައުމުގެ ނަގިލި މިއަދުގެ ސަރުކާރުން އެއްލާފައި ވަނީ ޒަޔަނިސްޓް ލޮބީ އާއި ދިމާލަށެވެ. އެމީހުންކުރާ ޝަރުޠު ތައް ފުރިހަމަ ކުރުމުން ބޮޑެތި އެހީތައް ވާނެކަން އަންގާފައިވާތީއެވެ. ޝަރުޠަކީ ދިވެހިރާއްޖެއިން އިސްލާމްދީނުގެ ނޫރު ފަނޑުކޮށް އެހެން ދީންތަކަށް މިތާގައި ފުރުޞަތު ހުޅުވާލުމެވެ. މިފަދަ ކަންކަމުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ އެއްކަމުގައިވާ "އެމެރިކަން ޖުވިޝް ޖޮއިންޓް ޑިސްޓްރިބިއުޝަން ކޮމިޓީ" ނުވަތަ ޖޭ.ޑީ.ސީ ގެ އަންނަ އަހަރުގެ ބަޖެޓްގައި ދިވެހި ރާއްޖެއަށް ވަރަށް ބޮޑު ޙިއްސާއެއް ކަނޑަ އަޅާފައިވާ ކަމަށް އެނގިފައި ވެއެވެ. މިއީ ކިހާ ނުރައްކާތެރި ކަމެއް ހެއްޔެވެ؟
•    ޔަހޫދީ ޒަޔަނިސްޓް އިސްރާއީލަށް މުސްލިމް ދިވެހި ރާއްޖެ ވިއްކާލާފައިމިވާ ޣައްދާރުންނާއިމެދު ފަރުވާތެރިވާށެވެ. އެމީހުންގެ ވަކިތަކުން މިގައުމު ސަލާމަތްކުރުމުގެ މަސައްކަތް ފައްޓަވާށެވެ. މި އެގްރީމެންޓްތަކުގައި ކޮށްފައިވަނީ ރަމްޒީ ސޮއެއް ކަމުގައި ސަރުކާރުން މިހާރު ދަޢުވާ ކުރިނަމަވެސް، މިހާރު ލީކް ވެފައިވާ، 20 ޑިސެމްބަރ 2009 ގައި ރައީސް އޮފީހުން ކެބިނެޓް ސެކްރެޓަރީ ސޮއިކޮށް ފޮރިން މިނިސްޓްރީއަށް ފޮނުވާފައިވާ ނަމްބަރ 25/2009/580/ ސީބީއޯ ސިޓީގައި މިތިން އެގްރީމެންޓް ތަންފީޒު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސް އެކަމާއިބެހޭ ލިޔެކިއުންތައް އިސްރާއީލް ސަރުކާރަށް ހުށަހެޅުމާއިމެދު އިޢުތިރާޒެއް ނެތް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި ކަމުގައި އަންގާފައި ވެއެވެ.  ލޮބުވެތި ރައްޔިތުންނޭވެ! މި ނުބައި އެގްރީމެންޓްތައް އުވާލުމަށްޓަކައި މިސަރުކާރަށް މަޖުބޫރު ކުރުމަށް ކުރެވޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެލައްވާށެވެ.

މިއީ މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ގައުމާއި އަދި އަންނާންއޮތް ޖީލު ތަކުގެ އާދޭހެވެ!

ޓެގް

ލާދީނީ ސަރުކާރު އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.