ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ހައްޖު ކޯޓާ މަދު ކުރުމުގެ ސަބަބުން ހައްޖަށް ނުދެވުނު 200 މީހުންނަށް އަލުން އެ ފުރުސަތު ދިނުމަށް ސައުދީން ނިންމާފައިވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓރ މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރް ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާގޮތުން އުނިކުރި 200 މީހުންނަށް ހުއްދަދޭން ސައުދީ ސަރުކާރުން ނިންމަވާފައިވާކަމަށެވެ.
ސައުދީ ސަރުކާރުން މި އަހަރު ރާއްޖެ އަށް ފުރަތަމަ ދިނީ 1000 މީހުންގެ ހައްޖު ކޯޓާއެކެވެ. މައްކާގެ ދެ ހަރަމްފުޅު ބޮޑު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ވަރަށް ބޮޑަށް ޖާގައިގެ މައްސަލަތައް ކުރިމަތިވެގެން ސައުދީ ސަރުކާރުގެ އެދުމުގެ މަތިން އެކޯޓާ 800 މީހުންނަށް މަދުކުރުމަށް ސައުދީ ސަރުކާރުން ނިންމި އެވެ.
ހައްޖަށް ދާ މީހުންގެ އަދަދު މަދުކުރަން ސަރުކާރުން އެންގި އިރު، ކުންފުނިތަކުން ވަނީ ރާއްޖެ އިން ހައްޖަށް ދާ ހުރިހާ އެންމެންގެ އަތުން ފައިސާ ބަލައިގަނެ، އެއާލައިން ޓިކެޓާއި މައްކާ އާއި މަދީނާގެ ހޮޓާތަކަށް ވެސް ފައިސާ ދައްކައިފަ އެވެ. އެހެންވެ އެ ފައިސާ އަނބުރާ އެމީހުންނަށް ދޫކުރުމުގައި ވެސް މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ.
ޚިޔާލު