މުސްލިމް އުއްމަތަށް ބަލާލައިފިނަމަ މިއަދު ފެންނަމުން ދަނީ އެހާ އުފާވެރި މަންޒަރެއް ނޫނެވެ. މިކަމުގައި ހެއްކެއްގެ ގޮތުން ޝީޝާންއާއި، އަފްޣާނިސްތާނާއި، ފަލަސްތީނާއި، އިރާޤާއި، ކަސްމީރާއި އަދިވެސް މިފަދަ އެކިއެކި އިސްލާމީ ޤައުމުތައް ފުދެއެވެ. މިހުރިހާ ގައުމުތަކަށް ބަލާލުމުންވެސް ފެނިގެންދަނީ ހަމަ އެއްމަންޒަރު ތަކެކެވެ. އެއީ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީގެ 1400 އަހަރު ކުރިން ބަޔާންކޮށްދެއްވާފައިވާ ފަދައިންނެވެ.
މަތީގައި މި ނަންގަތް ގައުމުތަކަކީ މުޅި ދުނިޔޭގެ ހުރިހާ ޚަބަރު ފަތުރާ ވަޞީލަތްތަކުގެ ޚަބަރުތަކުން އަބަދުހެން ކެނޑި ނޭޅި އިވޭ ގައުމުތަކެވެ. އެހެންކަމުން މުސްލިމް އުއްމަތުގެ އަހުލުވެރިން އެގައުމުތަކާމެދު ސަމާލުވެ އެފަރާތްތަކާމެދު ކަންބޮޑުވުމާއި ހަމްދަރުދީ ފާޅުކޮށް ހަދައި އުޅެތެވެ.
ކަންމިހެން އޮތް ނަމަވެސް، ފަރުދާގެ ފުރަގަހުގައިވާ ސިއްރަކީ އަނިޔާލިބިފައިވާ މުސްލިމް މިގައުމުތަކުގެ އިތުރުން، އެތައް ބައިވަރު މުސްލިމް އާބާދީތަކެއް ހަމަ ކުރިން މިބުނެވުނު ގައުމުތަކެކޭ އެއްފަދައިން ނުވަތަ އެއަށްވުރެ ނިކަމެތި ހާލުގައި އުޅެމުންދާކަމެވެ. އޭގެ ތެރެއިން އެއްބައެއް މިތަނުގައި ފާހަގަ ކޮށްލާނަމެވެ.
އާދެ! އެއީ ރޮހިންޖްޔާ މުސްލިމުންނެވެ. މިބައިމީހުންގެ ވާހަކާއި މިބައިމީހުންނަށް ލިބެމުންދާ އަނިޔާތަކަކީ އަދުގެ ދުނިޔޭގައި އެއްގޮތަކަށްވެސް ޚަބަރު ކުރެވޭ ވާހަކަތަކެއްނޫނެވެ. ދުނިޔޭގެ މީޑިއާ ވަނީ މިބައިމީހުންގެ ވާހަކަތަކާއި މެދު މުޅިންހެން އިހުމާލުވެފައެވެ. ޚާއްޞަކޮށް "ރިޕޯޓަރސް ވިތް އައުޓް ބޯޑަރޒް" ފަދަ ބައިގަނޑުތަކަށް މިބައިމީހުންނަކީ ދުނިޔޭގައި ތިބި ބައެއްކަންވެސް ނޭނގޭ ކަހަލައެވެ.
ރޮހިންޖްޔާ މުސްލިމުންނަކީ ބަންގްލަދޭޝްއާއި އިންވެގެން އޮންނަ ހުޅަނގު "ބަރުމާ" ނުވަތަ ހުޅަނގު "މިޔަންމާރ" ގެ ސްޓޭޓެއް ކަމުގައިވާ "އަރަކަން" ގައި ދިރިއުޅެމުން އަންނަ ބައެކެވެ. ރޮހިންޖްޔާ މުސްލިމުންގެ ދަރިފަސްކޮޅު ގުޅިފައިވަނީ ޢަރަބިންނާއި، މޫރްސާއި، ފާރިސީންނާއި، ތުރުކީންނާއި، ބަންގާޅިންނާއި، އަދި ބައެއް އެހެން ނަސްލުތަކާއެވެ. އިސްލާމްދީން މިބައިމީހުންނަށް ތަޢާރަފުވެގެން އައިކަމުގައި ވަނީ އިހުޒަމާނުގައި އުޅުނު "ސޫފީ މުސްލިމުން" ނާއި މުސްލިމް ވިޔަފާވެރިވެރިންގެ ފަރާތުންނެވެ.
ރޮހިންޖްޔާ މުސްލިމުންނަށް ބަލާލާއިރު ބުނެވެން އޮތީ މިބައިމީހުންނަކީ ދުނިޔޭގެ އުޅެމުންއަންނަ މުސްލިމުންގެ ތެރެއިން އަމިއްލަ ވަޒަނެއްނެތި ދިރިއުޅެމުން އަންނަ އެންމެ ބޮޑު މުސްލިމް އާބާދީއެވެ. އެއީ "މިޔަންމާރ" ގައި ގާތްގަނޑަކަށް 1.5 މިލިއަން މުސްލިމުންނާއި މިޔަންމާރުން ބޭރުގައިވެސް ގާތްގަނޑަކަށް 1.5 މިލިއަން މުސްލިމުންނެވެ. ފަހުން ބުނެވުނު 1.5 މިލިއަން މުސްލިމުން އެމީހުންގެ ގައުމު ދޫކޮށް ހިޖުރަކުރަން ޖެހުނީ މީގެ އަހަރުތަކެއް ކުރިން މިއަންމާރުގެ ސަރުކާރުން އެމީހުންގެ ތެރޭގައި ހިންގި ޤަތުލު ޢާއްމެއްގެ ސަބަބުންނެވެ. އެދުވަސްވަރު މިހިންގުނު ޤަތުލު ޢާއްމުގެ ސަބަބުން އަމިއްލަ ވަތަން ދޫކޮށް އެހެން ޤައުމު ތަކަށް އެބައިމީހުންނަށް ހިޖުރަކުރަން މަޖުބޫރު ވީއެވެ. އެގޮތުން އެބައިމީހުން ހިޖުރަކުރީ އިންވެގެންވާ ބަންގްލަދޭޝްއާއި ޢަރަބި ޢިމާރާތާއި، ސައޫދީ ޢަރަބިއްޔާގައެވެ.
ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ ރޮހިންޖްޔާ މުސްލިމުން އުޅެމުން ދިޔައީ ދަނޑުބިންތައް ބެލެހެއްޓުމައްޓަކައި ގެންގުޅެވުނު މަސައްކަތުގެ ބައެއްގެ ގޮތުގައެވެ. އޭރު އެބައިމީހުން ތިބީ "އެސް.ޕީ.ޑީ.ސީ" (ސްޓޭޓް ޕީސް ޑެވެލޮޕްމަންޓް ކައުންސިލް) ކިޔާ އަނިޔާވެރި ޚުދުމުޚްތާރު އަސްކަރީ ވެރިކަމެއްގެ ދަށުގައެވެ. އެދުވަސްވަރު އެ އަސްކަރިއްޔާގެ އާއްމު ހަރަކާތެއްގެ ކަމުގައި ވެފައިވަނީ އާއްމު ރައްޔިތުން ގެންގޮސް ހައްޔަރުކޮށް ކަސްތޮޅު އަޅުވައި އަނިޔާކޮށް މެރުމެވެ. އެކަން އެބައިމީހުން ކުރަމުން ދިޔައީ - އަޅުގަނޑުމެންވެސް މާޒީގެ ތެރެއިން ދެކެފައިވާ ބައެއް ހިތި ތަޖުރިބާތަކެކޭ އެއްފަދައިން - ގައުމުގެ މައްޗަށް ބާރު ފޯރުގައި ގައުމު އަތްދަށުގައި ހިފެހެއްޓުމައްޓަކައި ކުރެވުނު ކަމެއްގެ ގޮތުގައެވެ. މި އަސްކަރިއްޔާގެ މައިގަނޑު ޝިރާކަރަކަށް ވެފައިވަނީ ރޮހިންޖްޔާ މުސްލިމުން ފަދަ މައިނޯރިޓީ ތަކެވެ. އެގޮތުން ވެރިކަމުގެ ފަރާތުން ހުއްދަ ލިބިގެން ނޫނީ ކައިވެނި ކުރުން މަނާކުރެވުނެވެ. އެކަމަކު އެއާ ޚިލާފަށް އަރަކަންގައި އުޅެމުން ދިޔަ ބުޑިސްޓުންނަކަށް މިފަދަ ފިއްތުންތަކެއް ނޯވެއެވެ. އަދި މީގެ އިތުރުން ރޮހިންޖްޔާ މުސްލިމުން ހައްޔަރުކޮށް ބައިތިއްބާފައިވާ ކޭންޕުތަކާއި ޖަލުތަކުގައި ރޭޕް ކުރުމާއި އިންސާނިއްޔަތާ ޚިލާފު އެތަކެއް އަނިޔާއެއް ނުރެވެމުން ދިޔައެވެ. އަދި އެފަދަ ތަންތާނގެ ބޮޑުންނަށް އަޅުވެތި ކުރުވައި ނިކަމެތި އަޅުންގެ ގޮތުގައި އެވެރިންނަށް ޚިދުމަތްކޮށް ޚާދިމުންގެ ގޮތުގައިވެސް ރޮހިންޖްޔާ މުސްލިމުން އުޅެން ޖެހުނެވެ. މިފަދަ ކަންކަން އެންމެ ފަހުން އާއްމުވެގެން ދިޔަ މިންވަރަކީ އާއްމު މަގުތަކާއި އާއްމު ބާޒާރުތަކުގައިވެސް މިހާލުގައި ރޮހިންޖްޔާ މުސްލިމުންނަށް ޖެހުނެވެ. އަދި އެންމެ ފަހުން މާތްރަސޫލާއާއި އެކަލޭގެފާނަށް އީމާންވި މާތް ޞަހާބީންނަށް މައްކާއި އުޅުއްވި ދުވަސްވަރު މުޝްރިކުންގެ ފަރާތުން ކުރިމަތިވި ހުރިހާކަމެއް ފިލިންފިއްޔަށް، އަކުރުން އަކުރަށް ރޮހިންޖްޔާ މުސްލިމުންނަށް ކުރިމަތިވިއެވެ. އެގޮތުން އެބައިމީހުންގެ އަމިއްލަ ވަތަނުގައި ރައްޔިތަކަށްވުމުގެ ނަސީބުން މަހުރޫމު ކުރެވި އެބައިމީހުންގެ އަމިއްލަ ގެދޮރާއި ބިންތަކާއި މުދާތައްވެސް އެއްވެސް ރަހުމެއްނެތި އަތުލެވި، އެއްވެސް ޙައްޤަކާއި ނުލައި އެތައް ބައެއް މަރާލެވުނެވެ. އަދި ގައުމުގެ ތެރޭގައި އެއް ސަހަރުން އަނެއް ސަހަރަށް ދަތުރު ކުރަން ބޭނުން ވެއްޖެ ހިނދެއްގައި ވަކި ހުއްދައެއް ނަގައިގެން ނޫނީ ދަތުރުފަތުރު ކުރުންވެސް މަނާކުރެވުނެވެ. އަދި އެންމެ ފަހުން 1997 ވަނަ އަހަރު މިޔަންމާރުގެ އަސްކަރިއްޔާއިން އެސަހަރުގައި ހުރި 40 މިސްކިތް ތަޅާ ސުންނާފަތިކޮށް ބިމާ ހަމަކޮށްލިއެވެ. އަދި އިސްލާމީ ތާރީޚީ އަދި ޘަޤާފީ އެތައް ބިނާތަކެއްވެސް އެބުރުގައި "އަރަކަން" ގެ ބިންމަތިން އެކީ އެކައްޗަކަށް ފޮހެލެވުނެވެ.
ދެން އައީ މީހަކު ދުވަހަކުވެސް ހީނުކުރާ ފަދަ ދަތިކުރުންތަނާއި ފިއްތުންތަކެކެވެ. އެގޮތުން ރޮހިންޖްޔާ މުސްލިމަކު ކައިވެންޏެއް ކުރަން ވެއްޖެނަމަ "ޓެކްސް" ދައްކަން މަޖުބޫރު ކުރުވިއެވެ. އަދި ކެއްކުމަށް އެއްކުރާ ދަރުބޮޑިއަށްވެސް "ޓެކްސް" ދައްކަން ޖެހުނެވެ. އަދި ގެންގުޅޭ ގެރި ބަކައްޓާއި ކުޅޭ ފުޓުބޯޅަ މެޗުތަކަށާއި މާރުވާ މީހުން ރަޖިސްޓްރީ ކުރުމަށާއި އުފަންވާ ކުރިން ރަޖިސްޓްރީ ކުރުމަށްވެސް "ޓެކްސް" ދައްކަން ވެރިކަމުން އަންގަންފެށިއެވެ. އަދި މާބަނޑު އަންހެނުންވެސް ރަޖީސްޓްރީކޮށް ކަމާބެހޭ ފަރާތްތަކަށް އެބައިމީހުންގެ މޫނާއި ބަނޑު ދައްކަންވެސް ޤަވައިދެއް ހެދުނެވެ. އަދި މި ދިވެހިރާއްޖޭގައި މާދުރުނޫން މާޒީއެއްގައި ކަންކުރެވުނު ފަދައިން ދީނީ އިލްމުވެރިންނަށް އެކިވަރުގެ އަނިޔާ ކުރެވި ގަދަކަމުން ތުނބުޅި ބާލައި އިސްލާމް ދީނާ ޚިލާފަށް ހެދުން އެޅުމަށްވެސް އަމުރު ކުރެވުނެވެ.
މިޔަންމާރުގައި އުޅެމުން ދިޔަ ރޮހިންޖްޔާ މުސްލިމުންނަށް ކުރިމަތިވަމުން ދިޔަ ފިއްތުންތަކާއި އަނިޔާވެރިކަން ކުރިއަށް ދިޔަ ހިނދު ޢަރަބި ޢިމާރާތާއި ސަޢޫދީ ޢަރަބިއްޔާއަށް ހިޖުރަކުރި ރޮހިންޖްޔާ މުސްލިމުންނާ ޚިލާފަށް ބަންގްލަދޭޝަށް ހިޖުރަކުރި ރޮހިންޖްޔާ މުސްލިމުންނަށް ވަކި ފަސޭހަ ތަކެއް ނުލިބުނެވެ. ބަންގްލަދޭޝްގައި އެބައިމީހުންވީ އާމްދާނީ ހޯދުމާއި އެއްވެސް ބާވަތެއްގެ އެހީއެއް ލިބިގަތުމުން މަހުރޫމު ކުރެވިފައިވާ ބައެއް ގޮތުގައެވެ. ހިސާބުތައް ދައްކާގޮތުގައި ބަންގްލަދޭޝްގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިގެން ދިރިއުޅެމުން އަންނަނީ ގާތްގަނޑަކަށް 28000 މީހުންނެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި ނުރަސްމީކޮށާއި ރަޖިސްޓްރީ ނުކޮށް ގާތްގަނޑަކަށް ބަންގްލަދޭޝްގައި 200000 އަށްވުރެ ގިނަ ރޮހިންޖްޔާ މުސްލިމުން ދިރިއުޅެމުން ދެއެވެ.
ރޮހިންޖްޔާ މުސްލިމުންނާއި ބެހޭގޮތުން އިހަކަށް ދުވަހު އިވިގެން ދިޔައީ ރޮހިންޖްޔާ މުސްލިމުންތަކެއް އެބައިމީހުންގެ ގައުމުގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފް އަނިޔާތަކުން ފިލަންވެގެން މަދު ބަޔަކު ބޯއްޓަކަށް އަރައިގެން ކަނޑުމަތީގައި ތިއްބައި ތައިލޭންޑްގެ ކަނޑުގެ ސިފައިންގެ ބަޔަކު އެބޯއްޓު ހިފެހެއްޓި ވާހަކައެވެ. އެފަހަރު އެ ބޯއްޓުގައި ތިބި ކުޑަކުދިންނާއި އަންހެނުންނާއި އެކީ ބޯޓުގައި ތިބި އެންމެން ހައްޔަރު ކުރިވާހަކައެވެ. އަދި ދުވަސްކޮޅެއް ފަހުން އެބޯއްޓައް ކަތަކެއްޗާއި ފެނާއި ބޯއްޓު ހިންގައި ހިންގާނެ ޖަނަރޭޓަރާއި އެފަދަ ބައެއް އެހީގެ ސާމާނު އެރުވުމަށް ފަހު އެއްވެސް ޒިންމާދާރުކަމެއް ނެތި އެބައިމީހުން އަލުން އަނބުރާ ކަނޑު ތެރެއަށް ދޫކޮށްލި ވާހަކައެވެ. މިހެން މިކަން ކުރުމުގެ އެބޯޓުން ދަތުރުކުރި އެތައް ކުދަކުދިންނަކާއި އެތައް އަންހެނުންނަކާއި އެކީ ކަނޑުމަތީގައި މަރުވިއެވެ.
މިހާހިސާބުން އަޅުގަނޑުމެން މުސްލިމުންނަށް ވީތީ އާއި އިންސާނުންނަށް ވީތީ ހިތުގައި ވަރަށް ބޮޑު ސުވާލެއް އުފެދެއެވެ. އެއީ، ޗައިނާ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން މިޔަންމާގެ ވެރިކަމާއި ސަރުކަރަށް އެހާބޮޑު އެއްބާރުލުމެއް ދެމުން އެގެންދަނީ ކީއްވެއްބާއެވެ؟ މިހާ ގިނަ އަހަރުތަކެއް ވަންދެން ބައިނަލްއަޤްޥާނީ މަޝްރަހުގައި މިކަމާއި ބެހޭގޮތުން ވާހަކަ ނުދެކެވެނީ ކީއްވެ ބާއެވެ؟ މުސްލިމް އެހެނިހެން ގައުމުތަކުން ރޮހިންޖްޔާ މުސްލިމުންގެ ވާހަކަ ފެންމަތި ނުކޮށް އެތިބެނީ ކީއްވެ ބާއެވެ؟

ކޮމެންޓް (0)
ލޯޑް ކުރަމުން...