“އަންދަލުސް” ނަމުގައި ޖަމިއްޔަތުއް ސަލަފުން ރޭ ދަރުބާރުގޭގައި ބޭއްވި ދަރުސްއަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާ ދެކޮޅަށް ދެއްވި ދަރުހެއް ކަމަށް ބުނެ އެ ދަރުސް ޓީވީއެމުން ލައިވް ކުރި މައްސަލާގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކުޑަ ކޮމެޓީއަކަށް ހާޒިރުކޮށްފި އެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ސަބް ކޮމެޓީންއަށް މިއަދު މެންދުރު ފަހު ދެ މުއައްސަސާ ހާޒިރު ކުރުމަށް ފަހު ކޮމެޓީގެ މުގައްރިރު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވީ، އެމްބީސީ އާއި ބްރޯޑްކާސްޓިން ކޮމިޝަން ކޮމެޓީ އަށް ހާޒިރުކުރީ ސިޔާސީ ބޭނުމަކަށް ދަރުސް ދީ، ފިތުނަ ފަސާދަ އުފެއްދުމަށް ދައުލަތުގެ މީޑިއާ އިން ފުރުސަތު ދިން ކަމަށް ފެންނާތީ ކަމަށެވެ. ދަރުހަކީ އިސްލާމް ދީން ބޭނުންކޮށްގެން ވަކި ރިޔާސީ ކެންޑިޑޭޓަކާ ދެކޮޅަށް ކޮށްފައިވާ ކެމްޕޭނެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ޝަކުވާތަކެއް އަންނާތީ އެ މައްސަލަ ކޮމެޓީން ބަލަން ނިންމެވީ ކަމަށް ހާމިދު ވިދާޅުވި އެވެ.
ހާމިދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ދޭތެރޭގައި އެފަދަ ދަރުސެއް ލައިވްކުރުމުގެ ފުރުސަތު ދިނީ ކީއްވެކަން އޮޅުންފިލުވަން ކޮމެޓީ މެމްބަރުން އެމްބީސީ އާއި ސުވާލުކުރެއްވި އެވެ. އަދި ދަރުސް ދެއްވި ޝަމީމް އަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ބައެއް ރަށްރަށަށް ވަޑައިގެން، ވަކި ފިކުރަކަށް ތާއީދު ހޯދައި، ވަކި ފިކުރެއް ނައްތާލަން ޖެހޭ ކަމަށް ވިދާޅުވެ ސިޔާސީ ގޮތުން ވާހަކަ ދައްކަވާފައިވާ ބޭފުޅެއް ކަމަށް ވެސް ކޮމެޓީގެ މެމްބަރުން ފާހަގަކުރެއްވި ކަމަށް ހާމިދު ވިދާޅުވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...