ދީނީ ލިޔުންދީން

އިންތިޚާބުގައި ބައިވެރިވުމާ ބެހޭގޮތުން ރައްބާނީ ޢިލްމުވެރިންގެ ފަތުވާ

އިންތިޚާބުގައި ބައިވެރިވުން

އިންތިޚާބުގައި ވޯޓުލުމާމެދު ޝައިޚުގެ ޚިޔާލަކީ ކޮބާ ހެއްޔެވެ؟ އިންތިޚާބުގައި ބައިވެރިވާ ޕާޓީތަކުގެ ތެރޭގައި ނަޞާރާ ދީނުގެ ޕާޓީއެއްވެސްވެއެވެ. އެބައިމީހުންނަށް ކާމިޔާބު ވެއްޖެނަމަ އޭގެ ސަބަބުން މުސްލިމުންނަށް ވަރަށް ބޮޑެތި އަޘަރުތަކަކާއި ގެއްލުންތަކެއް ކުރާނެއެވެ.

ޖަވާބު: މުސްލިމުން [އިންތިޚާބުގައި] ބައިވެރިވުމުން، އެބައިމީހުންނަށް ރަނގަޅު ގޮތްތަކެއްވާނެކަމަށް ބުރަވެވޭނަމަ ފަހެ އެކަމުގައި ބައިވެރިވާށެވެ. މުސްލިމުން އޭގައި ބައިވެރިވެގެން ކުރިއެރުމެއްވެސް އަދި ފަހަތަށްޖެހުމެއްވެސް ނުވާނަމަ އޭގައި ބައިވެރިވުމެއް ނެތެވެ.

މުސްލިމުން އިންތިޚާބުގައި ބައިވެރިވެގެން ބޮޑު ގެއްލުމެއްކުރިމަތި ކުރުވާފަދަ މީހަކު އެއްކިބާކުރެވެން އޮތްނަމަ، އަދި އޭނާއަށް ވުރެ ގެއްލުން ކުޑަ މީހަކު އިޚްތިޔާރުކުރެވެން އޮތްނަމަ ބައިވެރިވާނީއެވެ. އެއީ ކާފަރުންގެ ތެރެއިން ކަމުގައި ވީނަމަވެސްއެވެ. އެއީ މިޘާލަކަށް މުސްލިމު އަޤައްލިއްޔާތުތައް (މައިނޯރިޓީތައް) އޮންނަ ޤައުމުތަކުގައެވެ…

ފަޟީލަތުއްޝައިޚް ޢަބްދުލްމުޙްޞިން އަލްޢައްބާދު حفظه الله -

(މަސްޖިދުއްނަބަވީގައި ކިޔަވާދެއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ޙަދީޘް ޢިލްމުވެރިޔާ)

އިންތިޚާބުގައި ބައިވެރިވާ އެއްބަޔަކު އިސްލާމީ ޝަރީޢަތަށް ޙުކުމްކުރުމަށް ބޭނުންވާއިރު އަނެއްބަޔަކު ޝަރީޢަތާ ދެކޮޅަށް މަސައްކަތްކުރާނަމަ…

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންގެ ޤައުމުކަމުގައިވާ އަލްޖަޒާއިރުގައި (ދުސްތޫރީ އިންތިޚާބުތަކެއް) އޮވެއެވެ. އެކަމުގައި އިސްލާމީ ޝަރީޢަތަށް ޙުކުމްކުރުމަށް ގޮވާލާ ޕާޓީތަކާއި އިސްލާމީ ޝަރީޢަތަށް ޙުކުމްކުރަން ބޭނުންނުވާ ޕާޓީތައްވެއެވެ. ނަމާދުކޮށް އުޅޭ ބައެއްމީހުންވެސް އިސްލާމީ ޝަރީޢަތާ ދެކޮޅަށް އިންތިޚާބުގައި ވޯޓުލާ ހަދައެވެ. އެފަދަ މީހެއްގެ ޙުކުމަކީ ކޮބާ؟

އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމް ނުކުރާ ޤައުމުތަކުގައި އުޅެމުންދާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެބައިމީހުންނަށް ވީ ވަރަކުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމްކުރުވުމަށް މަސައްކަތް ކުރުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކާ ގުޅި އެކަތިގަނޑެއްގެ ގޮތުގައި ތިބެ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމްކުރާނެކަމަށް އެނގިފައިވާ ޕާޓީއަށް އެހީތެރިވުމެވެ.

އިސްލާމީ ޝަރީޢަތަށް ޢަމަލުނުކުރުމަށް ގޮވާލާ ބަޔަކާ އެހީތެރިވުމާމެދު ދަންނައެވެ. ފަހެ މިއީ ހުއްދަކަމެއްނޫނެވެ. އަދި ކިއެއް ހެއްޔެވެ. އޭގެ ސަބަބުން އެކަންކުރާމީހާ ކާފަރުވުންވެސް އެކަށީގެންވެއެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّـهُ إِلَيْكَ ۖ فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّـهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ ﴿٤٩﴾ أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ﴿٥٠﴾ [سورة المائدة ٤٩ - ٥٠]

މާނައީ: “އަދި ﷲ ބާވައިލައްވާފައިވާ ޙުކުމުން އެއުރެންގެ މެދުގައި ކަލޭގެފާނު ޙުކުމްކުރައްވާށެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައި ނުގަންނަވާށެވެ. އަދި ﷲ ކަލޭގެފާނަށް ބާވާލެއްވި ބައެއް އާޔަތުން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ. ފަހެ އެއުރެން ފުރަގަސްދީފިނަމަ ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ﷲ އިރާދަކުރައްވަނީ އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން އެއުރެންނަށް ޢުޤޫބާތް ދެއްވުމަށެވެ. އަދި ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ގިނަމީހުންނީ ފާސިޤުންކަން ކަށަވަރެވެ . [49] ފަހެ އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ ޙުކުމް ހެއްޔެވެ. ޔަޤީންކުރާ ބަޔަކަށް ﷲ އަށް ވުރެ ޙުކުމްކުރެއްވުމަށް މޮޅީ ފަހެ ކާކު ހެއްޔެވެ.  [50]“

އެހެންކަމުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމްނުކުރާ މީހުންގެ ކާފަރުކަން ﷲ ވަނީ ބަޔާންކޮށްދެއްވާފައެވެ. އަދި އެބައިމީހުންނަށް އެހީތެރިވުމާއި އެބައިމީހުން ގާތް ބަޔަކުކަމުގައި ހެދުމުން ރައްކާތެރިވުމަށް އަންގަވާފައިވެއެވެ. އަދި އެއިލާހު އަމުރުކުރައްވާފައިވަނީ މުއުމިނުންނަށް ތަޤްވާވެރިވުމަށެވެ. އެއީ އެބައިމީހުންނަކީ ޙަޤީޤަތުގައިވެސް މުއުމިނުންކަމުގައިވާނަމައެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِّنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ ۚ وَاتَّقُوا اللَّـهَ إِن كُنتُم مُّؤْمِنِينَ ﴿٥٧﴾ [سورة المائدة ٥٧]

މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން ތިޔަބައިމީހުންގެ ދީނަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައިގެން އުޅުނު މީހުންނާއި، ކާފަރުން އެއީ އެހީތެރިން ކަމުގައި ނުހަދާށެވެ. އަދި ތިޔަބައިމީހުންނީ މުއުމިނުން ކަމުގައިވާނަމަ ﷲ އަށް ތަޤްވާވެރިވާށެވެ.”

وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم.

ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ

عبد العزيز بنُ عبدِ اللهِ بْنِ بَاز

عبد الرزاق عفيفي

عبد الله بن غديان

 

 

މުސްލިމު ނޫން ބަޔަކާ އެކު މުސްލިމަކު އިންތިޚާބުގައި ބައިވެރިވުން

ޚުލާޞާ

19ވަނަ ޖަލްސާ / 5ވަނަ ޤަރާރު

الحمد لله وحده ، والصلاة والسلام على من لا نبي بعده ؛ نبينا محمد ، وعلى آله وصحبه أما بعد:

ފަހެ ހަމަކަށަވަރުން އިސްލާމީ ފިޤްހު އެކަޑެމީގެ މަޖްލީހުގެ ފަރާތުން ، މައްކާގައި ހުންނަ ރާބިޠަތުލް ޢާލަމް އަލްއިސްލާމީގެ އޮފީހުގައި 1428ހ ގެ  ޝައްވާލުމަހުގެ 22-27 (3-8 ނޮވެމްބަރ 2007މ)ގައި  ބޭއްވި 19ވަނަ ޖަލްސާގައި ‘އިސްލާމީ ނޫން ޤައުމެއްގައި މުސްލިމަކު އިންތިޚާބުގައި ބައިވެރިވުން‘ މި މައުޟޫޢުއަށް ބައްލަވާފައިވެއެވެ…

އެމަޖްލިސްއަށް ހުށަހެޅުނު ދިރާސާތަކާއި އަދި ކުރެވުނު ޚިޔާލުބަދަލުކުރުންތަކަށްފަހު އަންނަނިވި ކަންތައްތަކަށް މަޖްލިހުން އިޤުރާރުވެ އިޢުތިމާދުކޮށްފައިވެއެވެ:

1 - މުސްލިމުނޫން ޤައުމެއްގައި ދިރިއުޅެމުންދާ މުސްލިމުން، މުސްލިމު ނޫން ބަޔަކާ އެކު އިންތިޚާބުތަކުގައި ބައިވެރިވުމަކީ ޝަރުޢީ ސިޔާސަތާގުޅުން ހުރި މަސްއަލައެކެވެ. އެކަމުގައި ޙުކުމެއް ކަނޑައެޅޭނީ ކަމުގެ މަޞްލަޙަތަށާއި ފަސާދަތައް އަޅާކިޔުމަށް ފަހުއެވެ. އަދި އެކަމުގައި ދެވޭ ފަތުވާތައް ދުވަސްވަރަށާއި ތަނަށާއި ޙާލަތައް ރިޢާއަތްކުރުމަށް ފަހު ތަފާތުވާނެއެވެ.

2- އިސްލާމީ ނޫން ޤައުމެއްގައި ވަޒަންވެރިވެގެން ދިރިއުޅެމުންދާ މުސްލިމުންނަށް ޕާލަމެންޓުގެ އިންތިޚާބުގައި އަދި އެފަދަ އެހެން އިންތިޚާބުތަކުގައިވެސް ބައިވެރިވުމަކީ ހުއްދަކަމެކެވެ. އެއީ އޭނާގެ ބައިވެރިވުމުން އެކަމުގައި ލިބިގެންދާނެ ބުރަދަންހުރި މަޞްލަޙަތުތަކުގެ ސަބަބުންނެވެ. އެއީ މިޘާލަކަށް އިސްލާމްދީނުގެ ސޫރަ މީސްތަކުންނަށް ރިވެތި ގޮތުގައި ދައްކުވައިދިނުމެވެ. އަދި އޭނާގެ ޤައުމުގައި މުސްލިމުންނާ ގުޅުންހުރި ކަންކަމުގައި އެބައިމީހުން ދިފާޢުކުރުމެވެ. އަދި މުސްލިމުން މަދުވެފައިވާ ޤައުމުތަކުގައި ދީނީ އަދި ދުނިޔަވީ ފައިދާތައް ޙާޞިލުކުރުމެވެ. އަދި އަޘަރުކުރުވޭފަދަ ކަންކަމުގައި މުސްލިމުންގެ ދައުރު ވަރުގަދަކުރުމެވެ. އަދި ޢަދުލު އިންޞާފުގެ އަހުލުވެރިންނާއެކު ވާގިވެރިވެ ޙައްޤާއި ޢަދުލުގެ މައްޗަށް ވާގިވެރިވުން ޤާއިމުކުރުމެވެ. އެއީ އަންނަނިވި މިންގަނޑުތަކަށް ފެތޭ ގޮތުގެ މަތިންނެވެ:

ފުރަތަމައީ: އެކަމުގައި ބައިވެރިވާ މުސްލިމުންގެ ގަޞްދަކަށް ވާންވާނީ އެކަމުގައި ބައިވެރިވުމުން މުސްލިމުންނަށް މަޞްލަޙަތުތައް ޙާޞިލުކުރުމާއި އެބައިމީހުންގެ ކިބައިން ފަސާދަތަކާއި ގެއްލުންތައް އެއްކިބާކުރުމެވެ.

ދެވަނައީ: މުސްލިމުންގެ ތެރެއިން މިކަމުގައި ބައިވެރިވާ މީހުންނަށް އެބައިމީހުންގެ ބައިވެރިވުމުގެ ސަބަބުން މިޤައުމުތަކުގެ މުސްލިމުންނަށް ފައިދާހުރި ރަނގަޅު އަޘަރުތަކެއް ކުރުވޭނެކަމަށް ލަފާކުރެވެން ޖެހޭނެއެވެ. އެއީ އެބައިމީހުންގެ ކަންތައްތަކަށް ބާރުލިބި، އަދި ކަންވޮށިގެންވާ މީހުންނާއި ވެރިކަމުގެ އިސްފަރާތްތަކާ ހިސާބަށް އެބައިމީހުންގެ އެދުންތަކުގެ އަޑު ފޯރުކޮށްދީ، އަދި މުސްލިމުންގެ ދީނީ އަދި ދުނިޔަވީ މަޞްލަޙަތުތައް ރައްކާތެރިކޮށްދިނުމެވެ.

ތިންވަނައީ: މި އިންތިޚާބުތަކުގައި ބައިވެރިވުމުގެ ސަބަބުން މުސްލިމުން އެބައިމީހުންގެ ދީނީ ކަންތައްތަކަށް ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ.

والله ولي التوفيق وصلى الله وسلم على نبينا محمد وآله وصحبه.

_______________________________________

މިލުއިފޮތް ޑައުންލޯޑުކުރެއްވުމަށް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *