އިންޑިޔާގެ މަހާރަޝްތްރާ ސަރަޙައްދުގެ އަވަށެއްކަމުގައިވާ މަލެގޮއާންގެ މިސްކިތެއްގައި، 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދެވުނު ބޮމުގެ ޙަމަލާގެ އަޑީގައި، އިންޑިޔާގެ އަސްކަރިއްޔާގެ އިސް އޮފިސަރެއް ހިމެނިވައިވާކަމަށް އިންޑިޔާގެ ޚަބަރުތަކުގައި ބުނަމުން އެބަދެއެވެ. މިމައްސަލަ ފެންމަތިވެގެން އައީ، ހިންދޫ އެކްސްޓްރީމިސްޓުން އަދި ޓެރަރިސްޓުންނަށް ތަމްރީނުތައް ދިންކަމާއި އަދި އާރ.ޑީ.އެކްސް ގޮވާސާމާނު ސަޕްލައިކޮށްދިންކަމަށް، ލެފްޓިނަންޓް ކާނަލް ޕުރޯހިތުގެ މައްޗަށް ތަޙްޤީޤުތަކުން ޘާބިތުވުމާ ގުޅިގެންނެވެ.
ލ.ކ. ޕުރޯހިތު ހަތިޔާރާއި ގޮވާސާމާނު ހޯދާފައިވަނީ، ޖައްމު އަދި ކަޝްމީރުގައި އޭނާ ޑިއުޓީ އަދާކުރަމުންދިޔަ ދުވަސްވަރު ހޯދައިފައިވާ ކޮޅުތަކެއްގެ ބޭނުންކޮށްގެންނެވެ. އަދި ފަހުގެ ތަޙްޤީޤުތަކުން އެނގުނުގޮތުގައި އޭނާ އެސާމާނުތައް ހޯދައިފައިވަނީ ދޮގު ލިޔެކިޔުންތައް ބޭނުންކޮށްގެންނެވެ. ލ.ކ. ޕުރޯހިތު ވަނީ މިޙަމަލާގައި ބައިވެރިވީ މީހުންނަށް ބޮން ހަދައިދޭން ދަސްކޮށްދިނުމުގައި ބައިވެރިވެފައެވެ. އަދި އޭނާގެ އިރުޝާދުތަކުގެ މަތިން ޙަމަލާއަށްޓަކައި ފަންޑުތައް ލިބެމުންދިޔަކަމަށް ވެއެވެ.
"އެންޓި ޓެރަރިޒަމް ސްކުއަޑް" އޭ.ޓީ.އެސް އިން ހާމަކުރިގޮތުގައި، ހިންދޫންގެ ހައްދުފަހަނާފައިވާ ޖަމާޢަތެއްކަމުގައިވާ "އަބިނާވް ބަހާރަތު" ގެ ސިއްރު ބައްދަލުވުންތަކަށް އޭނާ ގޮސްފައިވެއެވެ. ލ.ކ. ޕުހޯރިތުގެ އިތުރުން 10 މީހަކުވަނީ ހައްޔަރުކުރެވިފައެވެ. ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ މި މުޑުދާރު ޢަމަލު ހިންގިކަމަށް ލ.ކ. ޕުހޯރިތު އެއްބަސްވެފައިވާ ލިޔުންތައް އޭ.ޓީ.އެސް އިންވަނީ ހޯދައިފައެވެ. މީގެ އިތުރުންވެސް އެއް މޭޖަރ ޖެނަރަލްއާ ދެ ކާނަލުންނާ ސުވާލުކުރަން ބޭނުންވާކަމަށް އޭ.ޓީ.އެސް އިން ހާމަކޮށްފައިވެއެވެ.
މުސްލިމުންގެ ޙުރުމަތްތެރިވެގެންވާ މިސްކިތައް ދެނުވު މިޙަމަލާގެ އެންމެ އިސްކޮށްއުޅުނު މީހަކީ، ސަދްވީ ޕްރަގްޔާ ސިންގ އެވެ. އޭނާ ހައްޔަރުކުރެވުނީ، ކުރިން އަސްކަރިއްޔާގައި ޙަރަކާތްތެރިވި މޭޖަރ އުޕަދްޔާ އަދި އޭނާގެ އެހީތެރިޔާ އެސް ކުލްކަރްނީ އާއެކުގައެވެ. އުޕަދްޔާގެ ތަޙްޤީޤުތަކުގެ އަލީގައި ލ.ކ. ޕުރޯހިތު އަތުލައިގަނެވުނެވެ. އަދި ޕުރޯހިތުވަނީ ދިވެހިރާއްޖެއަށް ވަފާތެރި އިންޑިޔާގެ އަސްކަރިއްޔާގެ 3 ބޮޑުންގެ ނަންވެސް ހާމަކޮށްފައެވެ.
ޙާދިސާގެ ސަބަބުން، ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި "އެކުވެރިން" ކަމުގައިވާ، އިންޑިޔާގެ އަސްކަރިއްޔާގެ ބޮޑެތި ބޮޑެތި އޮފިސަރުންނަކީ، ބޮންތައް ގޮއްވުމާއި، ދިރިހުއްޓާ ރޯކުރުމާއި، ޚާއްޞަކޮށް މުސްލިމުންނަށް ބޮޑެތި އަނިޔާތައް ކުރަމުންދާ ހިންދޫންގެ ހައްދުފަހަނައެޅި ޖަމާޢަތްތަކާއި ގުޅުން ބަދަހިކުރަމުންދާ ބައެއްކަމުގައި ޘާބިތުވެގެން ހިނގައްޖެކަމުގައި ޚަބަރުތައް ބުނެއެވެ. މިފަދަ ރަޙުމްކުޑަ ކޮންމެ ޙާދިސާއެއް ހިންގުމަށްފަހު، ކުށެއްނެތް މުސްލިމު ޖަމާޢަތްތަކުގެ ބޮލުގައި މިބައިމީހުން ބަދުނާމު އަޅުވަމުން ގެންދެއެވެ. މިފަދަ ޣައްދާރުންގެ އެކުވެރިކަމުގައި މާދަމާ ރާއްޖޭގެ ޙާލަތަކީވެސް މިއީކަމުގައި ވެދާނެބާއެވެ؟ އަނިޔާވެރިންނަކީ އަދި ޢަދުއްވުންނަކީ ހަމައެކަނި ޔަހޫދީންނެއް ނޫނެވެ. ﷲގެ ދީނާ އޭގެ އަހުލުވެރިންނާ ހަނގުރާމަކުރާ ކޮންމެ ބަޔަކީ ﷲގެ ޢަދުއްވުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...