މިސްރުގެ ޝަރުޢީ ރައީސަކީ ގިނަ ބައެއްގެ އަޣްލަބިއްޔަތުން ހޮވި ވަޑައިގެން އިންތިޚާބު ކުރެވިފައިވާ ޑޮކްޓަރ މުޙައްމަދު މުރުސީ ކަމަށާއި އޭނާ އާއި ދެކޮޅަށް ނިކުތް މީހުންނަކީ ޚަވާރިޖުން ކަމަށް އިސްލާމީ ޢިލްމުވެރިން ގެ އިއްތިޙާދުގެ ރައީސް އަދި އަޒްހަރުގެ ބޮޑެތި އިލްމުވެރިން ގެ މަޖިލިހުގެ މެމްބަރު އައްޝައިޚް ޔޫސުފުލް ޤަރްޟާވީ ވިދާޅުވެއްޖެއެވެ.
އިއްޔެ އަލްޖަޒީރާއިން ގެނެސްދިން އައްޝަރީޢާ ވަލް ޙަޔާތު ޕްރޮގްރާމް ގައި ޔަޤީން ކޮށްދެއްވައި ޝައިޚް ޤަރުޟާވީ ވިދާޅުވީ ޚަވާރިޖުންނަކީ މުރްސީގެ ވެރިކަމާއި ދެކޮޅަށް ނިކުތް މީހުން ކަމަށެވެ. އަދި މިސްރުގެ ދާރުލް އިފްތާ ގެ ކުރީގެ މުފްތީ އަލީ ޖުމްޢާ އަކީ " ސަރުކާރުގެ/ވެރިކަމުގެ އަޅެއް އަދި ސިފައިންގެ އޭޖެންޓެއް" ގެ ގޮތުގައި ސިފަ ކުރެއްވި އެވެ. މުފްތީ ޢަލީ ޖުމްޢާ އާއި މެދު މި ފަދައިން ވާހަކަފުޅު ދެއްކެވީ ޢަލީ ޖުމްޢާ ، ސަރުކާރުގެ ޓީވީ އެއްގައި ކުޑަ ދުވަސް ކޮޅެއް ކުރިން ދެއްކެވި ވާހަކަ އެއްގައި މިސްރުގެ އަސްކަރިއްޔާ އާއި ދެކޮޅަށް ނިކުންނަ މީހުން ( މުރުސީ އަށް ތާއީދު ކޮށް ޝަރުޢިއްޔާ އަށް ތާއީދު ކޮށް މުޒާހަރާތަކަށް ނިކުތްމީހުން) އެގޮތަށް ނިކުތުމަކީ ޙަރާމް ކަމެއް ކަމަށާއި އެކަމުގެ އަދަބަކަށް ޝަރީޢަތުގައި އޮތީ ޤަތުލު ކުރުން ކަމުގައި ވިދާޅުވެ، މުޒާހަރާ އަށް ނިކުންނަ މީހުން މެރުން ހުއްދަ ކޮށް ފަތުވާ ނެރުއްވާފައި ވާތީ އެވެ.
އަލް ޖަޒީރާގެ މި ޕްރޮގްރާމް ގައި ވަނީ ޢަލީ ޖުމްޢާ އޭގެ ކުރިން ހަމަ މިސްރު ގެ ޓީވީ ޗެނެލެއްގައި ވާހަކަ ދައްކަވަމުން މުޒާހަރާތަކަށް މީހުން ނިކުތުމަކީ ޙަލާލް ކަމެއްކަމުގައި ވިދާޅުވެފައިވާ ވީޑިއޯ ކްލިޕެއް ވެސް ގެނެސް ދީފައެވެ. ޝައިޚް ޤަރުޟާވީ ވަނީ ޢަލީ ޖުމްޢާ އަކީ އޭނާގެ ވާހަކަ ތަކުން މީހުންނަށް ދަލީލް ނެގޭ ފަދަ ޢިލްމުވެރިއެއް ނޫންކަމަށާއި އެއީ އިލްމުވެރިންނަށް ބަދުބަސް ބުނެ މަލާމަތް ކުރާ ސޫފީ އެއް ކަމަށް ވިދާޅުވެފައެވެ.
ޢަލީ ޖުމްޢާ މުފްތީ އަކަށް ހުންނެވި އިރު ދާރުލް އިފްތާއިން ވަނީ ރޯދަ މަހެއްގައި މިސްރުގެ ޤައުމީ ޓީމް ބޭރުގެ މުބާރާތެއްގައި ފުޓުބޯޅަ ކުޅުނު އިރު ރޯދަ ދޫކޮށްލުން ހުއްދަ ވާނެ ކަމަށް ވިދާޅުވެ ފަތުވާ ނެރުއްވާފައެވެ.(ނަމަވެސް ޓީމްގެ ކުޅުންތެރިން ރޯދަ ދޫކޮއްލުމަށް ދެކޮޅުހަދާފައިވާކަން ފާހަގަ ކޮށްލަމެވެ). އަދި 2011 ވަނަ އަހަރު މިސްރުގެ ސުޕްރީމް ކޯޓަށް ފޮނުއްވި ފަތުވާ އެއްގައި ޢަލީ ޖުމްޢާ ވަނީ މޫނު ބުރުގާ އަކީ އިސްލާމް ދީނާއި އެއްވެސް ގުޅުމެއް ނެތް، އާދަ ކާދައިގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ވިދާޅުވެފައެވެ.
ޝައިޚް ޤަރްޟާވީ ވަނީ ޖުލައި 3 ވަނަ ދުވަހު މިސްރުގައި ހިންގި ކަންތައް ތަކަކީ މިސްރުގެ ރައްޔިތުން ބޭނުން ވެގެން އިންތިޚާބު ކުރި ރައީސާއި ދެކޮޅަށް ހިންގި އަސްކަރީ އިންޤިލާބެއް ކަމުގައި ވިދާޅުވެފައެވެ. އަދި ރައްޔިތުން ވެގެން އެކުލަވާލި ޤާނޫން އަސާސީ ސަސްޕެންޑު ކުރުމަކީ ރަނގަޅު ހުއްދަ އަމަލެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ޢަލީ ޖުމްޢާ ޙާކިމާ އާއި ދެކޮޅަށް ނިކުތުން ޙަރާމް ކަމަށް ވިދާޅުވެ ނެރެފައިވާ ފަތުވާ ، ޙާކިމާ އަށް ބޯލަނބާނެ ކަމަށް ހުވާ ކޮށް ފަހުން ހުވާ އުވާލާފައިވާ އަސްކަރިއްޔާގެ ވެރިޔާ އަދި ޑިފެންސް މިނިސްޓަރު ޢަބްދުލް ފައްތާޙު އައްސީސީ އަށް ހުށަހެޅުމަށް ޢަލީ ޖުމްޢާ އަށް ވަނީ ނަސޭޙަތް ތެރިވެވަޑައިގެންފައެވެ.
އިންޤިލާބާއި ދެކޮޅު އިލްމުވެރިން ނެރުއްވި ބަޔާނެއްގައި، އަލީ ޖުމްޢާ އާއި ޝައިޚުލް އަޒުހަރު އަހްމަދު ތައްޔިބު ފަދަ ބައެއް ބޭފުޅުން އަސްކަރިއްޔާ ގެ ހަމަލާ ތަކަށް ތާއީދު ކޮށް ނެރުއްވާފައިވާ ފަތުވާ ކުއްވެރިކޮށް އެއީ އަމާނާތަށް ޚިޔާނާތްތެރި ވުން ކަމުގައި ވަނީ ސިފަ ކުރައްވާފައެވެ. އަދި ޚުދުމުޚުތާރު ކަމާއި އެކު އިންޤިލާބީން ހިންގާ ލޭއޮހޮރުވުމުން ޖަސްޓިފައި ކުރުމަށް ދީން ބޭނުން ނުކުރުމަށް މި ބަޔާނުގައި ވަނީ ގޮވާލާފައެވެ. އަދި މީގެ އިތުރުން އަޒުހަރުގެ ޢިލްމުވެރިން ވަނީ އަސްކަރީ އިންޤިލާބާއި އެބޭފުޅުން ދެކޮޅުކަމަށް ހާމަ ކުރައްވާ އަދި ޝައިޚުލް އަޒުހަރު އަޙްމަދު ޠައްޔިބް އަސްކަރީ އިންޤިލާބަށް ތާއީދު ކުރެއްވި ކުރެއްވުމުން އެބޭފުޅުން ބަރީޢަ ވާކަމަށާއި އަދި އަޙްމަދު ޠައްޔިބު އެމަޤާމުން ވަކި ކުރުމަށާއި އޭނާ އަޒުހަރުގެ ޢިލްމުވެރިން ތަމްޘީލް ނުކުރައްވާ ކަމަށް ވިދާޅުވެ ރާބާ އަލް ޢަދަވިއްޔާ ގައި އަޑު އުފުއްލަވާފައެވެ.
މަޞްދަރު: އަލް ޤަރް ޟާވީ.ކޮމް ، އަލްމަސްރިއްޔޫން.ކޮމް، ބައްވާބާ އަލް ޙުއްރިއްޔާ ވަލް ޢަދާލާ، އަލްމަސްރީ އަލްޔައުމް.
ކޮމެންޓް (0)
ލޯޑް ކުރަމުން...