ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ދާޢީއެއްކަމުގައިވާ ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ޢަބްދުއްރަޙްމާނު އަލްޢަރީފީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސަޢޫދީ ސަރުކާރުގެ ފަރާތުން ހައްޔަރުކޮށްފައިވާކަމުގެ ރިޕޯރޓްތަކެއް އިޖްތިމާޢީ ވިއުގަތަކުގައި ފެތުރެމުން އެބަދެއެވެ.
ބައިނަލް އަޤްވާމީ މަސްރަޙްގައި ބޮޑު މަޤްބޫލްކަމެއް ލިބިލައްވާފައިވާ ޝެއިޚް ޢަރީފީ ހައްޔަރުކޮށްފައިމިވަނީ މިޞްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރްސީއަށް ތާއީދުކޮށް ވާހަކަދައްކަމުން ދާތީކަމަށް ބައެއް ނޫސްތަކުން ޚަބަރުލިބެއެވެ. މިޑްލް އީސްޓް އޮންލައިންގައި ބުނެފައިވާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ޝެއިޚްގެ ޓްވިޓަރ އެކައުންޓުން ހާމަކޮށްފައިވާ ގޮތުގައި ޝެއިޚް ދަނީ ޤަތަރުގެ ވެރިރަށް ދޯހާއަށް ޒިޔާރަތެއް ކުރުމަށް ވިސްނަމުން ކަމަށާއި ނަމަވެސް ސަރުކާރުން އެކަމަށް ހުރަސްއަޅަމުންދެއެވެ. މިހާރު ޝެއިޚްއަށް ޤައުމުން ބޭރަށް ދިޔުން މަނާކޮށްފައިވާކަމަށް މީޑިޔާ ރިޕޯރޓްތައް ބުނެއެވެ.
އިޚްވާނުލް މުސްލިމީން އާއި ޑރ. މުޙައްމަދު މުރްސީއަށް ތާއީދުކޮށް ޝެއިޚް ޢަރީފީ ވާހަކަފުޅު ދައްކަވާފައިވާތީ ސަޢުދީ ސަރުކާރުން ޝެއިޚަށް ދަތިކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. ސަޢުދީ ޢަރަބިއްޔާއަކީ މިޞްރުގައި މިމަހު ކުރީކޮޅު ގެނައި އަސްކަރީ ބަޣާވާތް އެންމެ ފުރަތަމަ ބަލައިގަތް ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.
ޝެއިޚް ޢަރީފީ މިދިޔަ މަހު އިނގިރޭސި ވިލާތަށް ކުރެއްވި ޒިޔާރަތެއްގައި، ޝެއިޚް ސޫރިޔާގެ ޖިހާދަށް ގޮވާލައްވާތީކަމަށްބުނެ ޝީޢީންގެ 2 މީހަކު ވަނީ ޝެއިޚްއަށް ހަމަލާދީ މާރާމާރީ ހިންގާ ޒަޚަމްކޮށްލާފައެވެ. ސަމާޙަތުއްޝައިޚް ޢަބްދުﷲ ބިން ބާޒް (ރަޙިމަހުﷲ)ގެ ދަރިވަރެއްކަމުގައިވާ ޝެއިޚް ޢަރީފީއަކީ، މުސްލިމް އުއްމަތުގެ ޙާލަތާ ބެހޭގޮތުން ހޭލުންތެރިކަން ފަތުރުއްވަވަމުން ވަޑައިގަންނަވާ މަޝްހޫރު ބޭފުޅެކެވެ. އޮފިޝަލް ޓްވިޓަރ އެކައުންޓްގައި 6 މިލިޔަނާ ގާތްކުރާ އަދަދަކަށް ފޮލޯވާރސް އުޅޭއިރު، ރޯޔަލް އިސްލާމިކް ސްޓްރެޓެޖިކް ސްޓަޑީޒް ސެންޓަރގެ ފަރާތުން ނެރެމުން އަންނަ ދުނިޔޭގެ އެންމެ ނުފޫޒްގަދަ 500 މުސްލިމުންގެ ލިސްޓްގައި ކޮންމެ އަހަރަކު ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޝެއިޚް ލިޔުއްވާފައިވާ "އެންޖޯއި ޔުއަރ ލައިފް" ފޮތަކީ އިސްލާމީ ދުނިޔޭގައި ރެކޯރޑް ޢަދަދަކަށް ވިކެމުންދާ މަޤްބޫލް ފޮތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...