ޖުމްހޫރީ ޕާޓީއަށް ޢަދާލަތުން ތާއިދުކުރީ ވަކި ޢަދަދަކަށް ޕާޓީއަށް ފައިސާލިބުމަށް އެދިގެނެއްނޫން ކަމަށާއި އަދާލަތު ޕާޓީއަކީ މުއްސަނދިކަން ހޯދަން އުޅޭ ޕާޓީއެއް ނޫން ކަމަށް އެޕާޓީގެ އިސްތަރުޖަމާނު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް ޢަބްދުއްރަޙީމް މިއަދު ހާމަކުރި ވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ނެރުނު ބަޔާނުގައެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ޢަބްދުއްރަޙީމް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށާއި އެވާހަކަތަކުގެ ސަބަބުން ދެޕާޓީގެ ދެމެދުގައި އުފެދިފައިވާ އެކުވެރި ސިޔާސީ ގުޅުމަށް ބުރޫނާރައި ނުދާނެއެވެ.
ޤައުމާއިގެން ކުރިއަށް ކޯލިޝަނުން ޢަދާލަތު ވަކިވުމަށް ފަހު ދެން ގުޅޭނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޢަދާލަތުޕާޓީން މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާއިން ތާއިދު އޮތީ ޖުމްހޫރީޕާޓީއަށް ކަމަށާއި މެންބަރުން ނޭދޭ ގޮތަކަށް ޢަދާލަތުޕާޓީން ޢަމަލެއްނުކުރާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
" ޖުމްހޫރީޕާޓީއާއެކީ ދެކެވިފައިވާ މަޝްވަރާއަކީ ރިޔާސީ އިންތިޚާބުގައި ކެންޕޭންކުރުމަށް ޚަރަދުކުރާނީ ކެންޑިޑޭޓްކަމުގައެވެ. ރިޔާސީ އިންތިޚާބަށް ޚަރަދުކުރާނެ ފައިސާގެ ޒިންމާ ޢަދާލަތުން ނޫފުލާނެކަމުގައެވެ. މިކަމަކީ ޢަދާލަތުގެ މެންބަރުންނަށް އެނގެންޖެހޭ ކަމަށްވާތީ ދަންނަވާލީއެވެ. ޢަދާލަތުޕާޓީއަށް އަބްދުއްރަހީމް ކިތައްމެ ބޮޑު ޢަދަދެއް ހުށައެޅިޔަސް މެންބަރުންގެ ރޫޙާއި ޚިލާފަށް ޢަދާލަތުޕާޓީއިން ޢަމަލެއް ނުކުރާނެއެވެ." ޝަހީމްގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ޢަދާލަތުޕާޓީން ތާއިދުކުރާނެ ފަރާތެއް ކަނޑައެޅުމަށް ބޭއްވި މަޝްވަރާ މަޖްލީހަށް ހާޒިރުވި 34 މެންބަރުންގެ ތެރެއިން 27 މެންބަރުން ވޯޓްދެއްވީ ޖުމްހޫރީޕާޓީ އަށް ތާއިދުކުރުމަށް ކަމަށާއި ޢަދާލަތުޕާޓީގެ މެންބަރުންނާއި ޝޫރާގެ ނިންމުމަށް ޕާޓީގެ ލީޑަރޝިޕުން ޢަމަލުކުރުމަކީ ދުސްތޫރީ ގޮތުން ލާޒިމުކަމެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

















advertisment
ޚިޔާލު