ސަރުކާރުން ބާއްވާ ޖަލްސާތަކުގައި ޤުރްއާން ކިޔަވަނީ އެއް މޫނުތަކެއްކަން އެއީ މީގެ ކުރިން ގިނަ ބަޔަކު ފާހަގަ ކުރާކަމެކެވެ. އެހެން ކަންތައްވަނީ ޤުރުއާން ރީތިކޮށް ކިޔަވާ މީހުން ނެތިގެންނެއް ނޫނެވެ. ކޮންމެވެސް އެހެން ސަބަބެއް އޮވެގެންނެވެ.
ޤުރްއާން ކިޔެވުމުގެ 28 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަމުން ރައީސް ޑރ ވަހީދު ވިދާޅުވެފައިވަނީ ޤުރްއާން މުބާރާތްތަކުން މަތީ ވަނަ ހޯދާ ކުދިންނާއި މީހުންގެ ޤުރްއާން ކިޔެވުމުގެ އަޑު، އަޅުގަނޑުމެންނަށް އިވޭލެއް ވަރަށްމަދު ކަމަށެވެ. "ރާއްޖޭގައި ރީތިކޮށް ޤުރްއާން ކިޔަވާ ކުދިންނާއި މީހުންނާއި އަދި ޤުރްއާން ހިތުދަސްކުރާ ކުދިންނާއި މީހުންގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު، ޤައުމީ ފެންވަރުގައި ބޭއްވޭ ޤުރްއާން މުބާރާތްތަކުން މަތީ ވަނަ ހޯދާ ކުދިންނާއި މީހުންގެ ޤުރްއާން ކިޔެވުމުގެ އަޑު، އަޅުގަނޑުމެންނަށް އިވޭލެއް ވަރަށްމަދު." ރައީސް ޑރ ވަހީދު ވިދާޅުވެފައިވެއެވެ.
އަދި މީގެ އިތުރުން ރައީސް އޮފީހުގެ ވެބްސައިޓްގައި ރައީސް ޑރ ވަހީދު އާއި ހަވާލާދީ ބުނެފައިވަނީ “ޤައުމީ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް، އެކި ރަސްމިއްޔާތުތަކުގަޔާއި، ޖަލްސާތަކުގަޔާއި، ބައްދަލުވުންތަކުގައި ޤުރްއާން ކިޔެވުމުގެ ފުރްޞަތު ދެއްވަން އެދިވަޑައިގަންނަވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި”ކަމަށެވެ.
ސަރުކާރުން ބާއްވާ ޖަލްސާތަކުގައި ޤުރްއާން ކިޔަވަން އާ އަޑުތަކަށް ފުރުސަތު ދިނުމަށް ދައުލަތުގެ އެންމެ އިސް ފަރާތުން ގޮވާލާފައިވާއިރު މިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. މީގެ ކުރިން މިއީ އަޅާނުލެވި ދޫކޮށްލެވިފައިވާ މުހިންމުކަމެކެވެ. އެހެންކަމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން އަބަޖެހެއެވެ.
މާލޭގެ މިސްކިތްތަކުން ވަރަށް ރީތިކޮށް ކިޔަވާ ޤާރީންގެ އަޑު އިވެމުންދެއެވެ. ހާއްސަކޮށް ޒުވާނުން ބޭފުޅުން އެރޮގުން ކުރި ހޯދަމުން އަންނައިރު އެފަރާތްތަކަށް ފުރުސަތު ނުލިބޭކަމީ ހިތާމަ ހުރިކަމެކެވެ.
ހަމަ މިއާއި އެކު ރާއްޖޭގެ ޢިލްމުވެރިންގެ ތެރެއިންވެސް ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ބޭފުޅުން މަދެއް ނޫނެވެ. އެބޭފުޅުން ކިޔަވާ އަޑު އިވިފައިވަނީ މަދު ބަޔަކަށް ކަމުގައި ބުނުމަކީ ކުށަކަށް ނުވާނެއެވެ. ރާއްޖޭން ބޭރަށް ނަޒަރު ހިންގާލާއިރުވެސް ދީނީ ޢިލްމުވެރިންގެ ދައުރަކީ ހަމައެކަނި ދީނީ ދަރުސްތަކުގައި ދަރުސް ދިނުމެއް ނޫނެވެ.
އެހެންކަމުން ސަރުކާރުން ބާއްވާ ޖަލްސާތަކުގައާއި އާންމު ޖަލްސާތަކުގައި އާ މޫނުތަކެއް ޤުރުއާން ކިޔެވުމުގައި ތައާރަފް ކުރަން އެބަޖެހެއެވެ. އެހެން ނޫންނަމަ ޤުރުއާން ރީތިކޮށް ކިޔަވާ މީހުން ރާއްޖޭގައި އިތުރުވާ 'އަޑެއް' ނީވޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...