މާތް ﷲގެ ވަޙީގެ ބަސްފުޅުތަކާ ދޭތެރޭ ވިސްނާ ފިކުރުކޮށް، އަޅުގަނޑުމެންގެ ޙަޔާތުގައި ޢަމަލީގޮތުން އެއަށް ތަބާވާންޖެހޭ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ 28 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "ކީރިތި ޤުރްއާނަކީ އަޅުގަނޑުމެންގެ ދުސްތޫރު، އިލާހީ ޤާނޫނު އަދި މާތްﷲގެ ކަލާމްފުޅު" ކަމަށާއި "އަޅުގަނޑުމެން އެންމެންވެސް އެފޮތް (ކީރިތި ޤުރްއާން) ދަސްކޮށް، މާތް ﷲގެ ވަޙީގެ ބަސްފުޅުތަކާ ދޭތެރޭ ވިސްނާ ފިކުރުކޮށް، އަޅުގަނޑުމެންގެ ޙަޔާތުގައި ޢަމަލީގޮތުން ތަބާވާންޖެހޭ" ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ވަރަށް މަތިވެރި މަޤްޞަދެއްގައި ބާއްވަމުން ގެންދާ މުބާރާތެއްކަމަށާއި މި މުބާރާތުގެ އެންމެބޮޑު އެއް ބޭނުމަކީ، އަޅުގަނޑުމެންގެ ޅަދަރިންނާއި، ސްކޫލްތަކުގެ ދަރިވަރުންނާއި، ޒުވާނުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮތް ލޯބި އިތުރުކޮށް، ޤުރްއާނަށް އޮތް ޝައުޤުވެރިކަން ދެމެހެއްޓުން ކަމަށެވެ.
މިރޭގެ ހަފްލާގައި ރައީސް ވަހީދު ވިދާޅުވެފައިވަނީ ޅަދަރިންނަށް ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމަށާއި ހިތުދަސްކޮށްދެއްވުމަށް މައިންބަފައިންނާއި ބެލެނިވެރިން އެކުރައްވަމުން ގެންދަވާ މަސައްކަތްތައް މި ފުރްޞަތުގައި ހަނދާންކުރާކަމަށެވެ. "ހަމައެހެންމެ، އެކި ޢުމުރުފުރައިގެ ކުދިންނާއި މީހުން ރީތިކޮށް ޤުރްއާން ކިޔެވުމަށާއި، ޤުރްއާން ހިތުދަސްކުރުމަށް ދެމުންގެންދާ އަހަންމިއްޔަތުގެ މަތިންވެސް އަޅުގަނޑު ހަނދާންކުރަން. އަޅުގަނޑު ދެކޭގޮތުގައި، އެއީ އަޅުގަނޑުމެންގެ ދީނީ ޢަޤީދާ ވަރުގަދަވެ، އިސްލާމްދީނަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަ ލޯބި އިތުރުވެ، ވަރުގަދަވެގެންދާނެ ކަމެއް" ކަމަށްވެސް ރައީސް ޑރ ވަހީދު ވިދާޅުވިއެވެ.

















ޚިޔާލު