ނޫސްވެރިން ލިޔާ ލިޔުންތަކުގެ މަސްދަރު ހޯދުމަށް މަސައްކަތް ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ކްރިމިނަލް ކޯޓުގައި އެދެފިއެވެ.
މިކަމާ ގުޅޭގޮތުން މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ގޮތަށް އެދިފައިވަނީ ސަން އޮންލައިންގައި ޝާއިއު ކުރި ލިޔުމެއްގައި ކްރިމިނަލް ކޯޓުގެ އޮފިޝަލަކާ ހަވާލާދީފައިވާތީ އެ މައުލޫމާތު ލިބުނު ގޮތެއް ހޯދުމަށް އެ ކޯޓުން އެ އޮންލައިނަށް ފޮނުވި ސިޓީއަކާ ގުޅިގެންކަމަށެވެ
މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ސިޓީގައި އެދިފައިވާ ބައެއް ކަންތައްތަކަކީ ގާނޫނު އަސާސީން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭ 27 އަދި 28 ވަނަ އަށް ހުރަސްއެޅޭ ވާހަކަތަކެއް ކަމަށާ ސަން އޮންލައިނުން ރިޕޯޓު ކުރި ވާހަކަތައް އެހެން ހުރިހާ މީޑިއާތަކަކުން ވެސް ގެނެސްދީފައިވާތީ މައުލޫމާތު ލިބުނު ގޮތެއް ހޯދުމަށް ހަމައެކަނި ސަން އޮންލައިންނަށް ސިޓީ ފޮނުވުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.
މީގެ އިތުރުން މި އަމަލަކީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދީފައިވާ ހިމާޔަތާއި ރައްކާތެރިކަމަށް ހުރަސް އެޅިގެން ދިޔުމުގެ އިތުރުން މިނިވަންކަމާ އެކީގައި މަސައްކަތް ކުރާ ނޫސްވެރިންނަށް އެމީހުންގެ ވާޖިބު އަދާކުރުމަށް އޮތް ހުރަހެއް ކަމަށް ވެސް މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...