ސިޔާސީ ހަލަބޮލިކަމާއި ދީނީ ހައްދު ފަހަނައަޅާ ދިއުމުގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ފެނިދާނެ ކަމުގެ ބިރު އެބައޮތް ކަމަަށާއި މި ފަދަ ކަންކަމަށް ހިތްވަރު ލިބޭ ފަދަ މެސެޖްތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު މިކަން ބޮޑަށް އަމާޒުކޮށްފައި ހުންނަނީ ވަކި ބަޔަކާ ދެކޮޅު ވެރިކަން އުފެއްދުމަށް ނުވަތަ ޖިހާދު ކުރުމަށް ޒުވާނުންނަށް ހިއްވަރު ލިބޭގޮތަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ ކައުންޓަ ޓެރަރިޒަމްގެ ހާލަތު ދެނެގަތުމަށް އެމެރިކާ ސަރުކާރާ ގުޅިގެން ކުރިއަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ސެމިނާއެއްގައި ވާހަކަ ދައްކަމުންނެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މީގެ ކުރީގައި ރާއްޖޭގައި ޓެރަރިޒަމްގެ މާބޮޑު އަމަލެއް ހިންގާފައި ނުވި ނަމަވެސް ކުރިއަށް އޮތްތަނުގައި އެ ފަދަ އަމަލެއް ހިންގަފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
މީގެ އިތުރުން ޓެރަރިޒަމްގެ ހަރަކާތްތައް އެކި ގައުމުތަކުގައި ކުރިއަށް ގެންދަނީ އެކި ނަންނަމުގައި ކަމަށާ ބަޔަކު ސިޔާސީ ހަރަކާތެއްގެ ގޮތުގައި މި ފަދަ އަމަލުތައް ހިންގާއިރު ދީން ހިމާޔަތް ކުރުމުގެ ނަމުގަ އާއި ހައްދުފަހަނަ އެޅުމުގެ ތެރެއިން ވެސް ޓެރަރިޒަމްގެ އަމަލުތައް ހިންގާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
އެމެރިކާ ސަރުކާރާ ގުޅިގެން ކުރިއަށް ގެންދާ މި ސެމިނާގައި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވާނެ ގޮތްތަކެއް ކަނޑައެޅުމާއި މި ފަދަ މައްސަލަތަކާ މެދު ދެ ގައުމުގެ މެދުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމުގެ އިތުރުން ޓެރަރިޒަމްގެ މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރަށް ވީހާ ވެސް އަސަރު ކުޑަވާނެ ގޮތްތަކާ ބެހޭގޮތުން ވެސް މި ސެމިނާގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...