"އިސްލާމް ދީނުގެ ދިފާއުގައި ދިވެހީން" މިނަމުގައި މި މަހުގެ 1 ވަނަ ދުވަހު އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމެއްގައި އައްޝައިޚް އިލްޔާސް ހުސައިން ދައްކަވާފައިވާ ވާހަކައިގެ ސީޑީގެ އިޝްތިހާރު ދެއްކުމަށް މަހަލްދީބް ފައުންޑޭޝަންއިން ހުށަހެޅުމުން ފައިސާ ބަލައިގަތުމަށް ފަހު އެ އިޝްތިހާރު ދެއްކޭން ނެތް ކަމަށް ރާއްޖެ ޓީވީން އެ ޖަމްޢިއްޔާ އަށް އަންގައިފި އެވެ.
މިކަމާ ގުޅިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މަހަލްދީބް ފައުންޑޭޝަންގެ ސެކްރެޓަރީ އަބްދުﷲ ޔަޒީދު ވިދާޅުވެފައިވަނީ ޝައިޚް އިލްޔާސް ދައްކާފައިވާ ވާހަކަތަކުގެ ސިޑީގެ 30 ސިކުންތުގެ އިޝްތިހާރެއް ދެއްކުމަށް ރާއްޖެ ޓީވީ އަށް ފައިސާ ދެއްކުމުން ފައިސާ ވެސް ބަލައިގަތް ކަމަށާ އެ އިޝްތިހާރު ނުދައްކައިގެން ޝަކުވާ ކުރުމުން ދެން އަންނަ ރެއެއްގައި އެ އިޝްތިހާރު ދައްކާނެ ކަމަށް އެތަނުން ބުނި ކަމަށެވެ. އެހެންނަމަވެސް އެ އިޝްތިހާރު ނުދެއްކުމުން އެތަނަށް ގޮސް އެކަމާ ސުވާލުކުރުމުން އެ އިޝްތިހާރު ދައްކަން ވަގުތު ނެތް ކަމަށް ބުނެފައި ވާކަމަށް ވެސް ޔަޒީދު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ އެ ޖަމްއިއްޔާގެ އަތުން ޕޭމަންޓް ނެގި އިރު އިޝްތިހާރު ލިބިފައި ނުވާ ކަމަށާއި އެގޮތަށް ޢަމަލު ކުރީ އެކަންތައް އަވަސް ކުރުމަށް އެ ޖަމްއިއްޔާ އިން ބޭނުންވާތީ ކަމަށެވެ. އަދި އެ އިޝްތިހާރު ނުދެއްކޭނެ ކަމަށް އެންގުމަށް ފަހު އެޖަމްއިއްޔާ އިން ދެއްކި ފައިސާ ވެސް ރީފަންޑު ކޮށްދީފައިވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެހެން ނަމަވެސް މަހަލްދީބު ފައުންޑޭޝަނުގެ ސެކްރެޓަރީ ޢަބްދުﷲ ޔަޒީދު ވަނީ މިކަން ދޮގު ކޮށްފައެވެ. ޔަޒިދު ވިދާޅުވީ އިޝްތިހާރު ނުދައްކާނެ ކަމަށް އެންގުމަށް ފަހު އަދި ފައިސާގެ ރިފަންޑް ރާއްޖެ ޓީވީން ނުދޭ ކަމަށެވެ.
އިޝްތިހާރު ދެއްކުމަށް ރާއްޖެ ޓީވީން ދެކޮޅު ހެދި ނަމަވެސް ޓީވީއެމް އަދި ދި ޓީވީ އިން ވެސް އެ އިސްތިހާރު ދައްކާފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...