މިމަހުގެ 04 ވަނަ ދުވަހު ދެ މީހުންނާއިއެކު މ.މުލަކުން ލ.މާވަށަށް ދަތުރުކުރި "އަޒުމް" ދޯނި ޚަބަރެއް ނުވުމާއި ގުޅިގެން އެދޯންޏާއި އެދޯނިން ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތް އިންޑިއާގެ ނޭވީ މަތިންދާ ބޯޓެއްގެ އެހީގައި ކުރަމުން ދާކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ހާމަކުރި ގޮތުގައި ކޯސްޓްގާޑް ޝިޕް ހުރަވީ އާއި އިންޑިއާގެ ނޭވީ މަތިންދާ ބޯޓެއް ބޭނުންކޮށްގެން މިއަދު ހެނދުނުން ފެށިގެން މ.އަތޮޅާއި ތ.އަތޮޅުގެ އިރުމަތީ ފަރާތް ބަލާފައިވާ ކަމަށެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މ. މުލަކުން ފުރައިގެން ލ. މާވަށަށް ދަތުރުކުރި "އަޒުމް" ދޯނީގައި ދަތުރު ކުރި ދެ މީހުންނަކީ އދ. މާމިގިލީ ހަނދުވަރުދޭގޭ ޙަސަން ރަޝީދު،39، އަދި ލ. މާވަށް ހިޔަލީގޭ އުމުރުން 32 އަހަރުގެ އަބްދުﷲ ވަހީދު އެވެ.
އަޒުމް ދޯންޏާއި އެ ދޯނިން ދަތުރުކުރި މީހުންގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެންނިފައި ނުވާއިރު އެ ދޯންޏާއި އެ ދޯނިން ދަތުރުކުރި މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި އެމައުލޫމާތެއް ހިއްސާކުރުމަށް ވެސް އެމްއެންދީއެފް އިން ވަނީ އެދިވަޑައިގަނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...